މުނިފޫހިފިލުވުން / ހޮލީވުޑް

"ހައުސް އޮފް ކާޑްސް" ހެދި ކުންފުންޏަށް ސްޕޭސީ 31 މިލިއަން ޑޮލަރު ދައްކަން ޖެހިއްޖެ

ސްޕޭސީ "ހައުސް އޮފް ކާޑްސް" އިން ވަކިކުރީ 2017 ގައި

25 ނޮވެމްބަރ 2021 - 06:42

މީގެ ހަތަރު އަހަރު ކުރިން ސީރީޒް "ހައުސް އޮފް ކާޑްސް" ގެ ބަތަލު ކެވިން ސްޕޭސީގެ މައްޗަށް ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން އޭނާ އެ ސީރީޒުން ވަކިކުރަން މަޖުބޫރުވުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އޭގެ ޕްރޮޑަކްޝަން ހައުސް އެމްއާރްސީ (މީޑިއާ ރައިޓްސް ކެޕިޓަލް) އިން ކުރި ދައުވާ އާބިޓްރޭޝަން މަރުހަލާގައި ކާމިޔާބުވެ، އެ ސްޓޫޑިއޯ އަށް 31 މިިލިއަން ޑޮލަރު ސްޕޭސީ ދައްކަން ޖެހިއްޖެ އެވެ.

އެމްއާރްސީ އަށް ސްޕޭސީ ބޮޑު ބަދަލެއް ދޭން ޖެހުނު އިރު، އޭނާގެ މައްޗަށް ކުރެވުނު ޖިންސީގެ ގޯނާގެ ތުހުމަތުތަކާ ގުޅިގެން ހޮލީވުޑުން އެކަހެރިކޮށް، މިހާރު އެއްވެސް މަސައްކަތެއް ވެސް ނުލިބެ އެވެ.

ސްޕޭސީގެ ސަބަބުން ލިބުނު ގެއްލުމުށް ބަދަލު ހޯދަން އެމްއާރްސީން ކުރި ދައުވާ އާބިޓްރޭޝަންގައި ކާމިޔާބުވުމުން އެކަން މިދިޔަ ހޯދަ ދުވަހު ވަނީ ލޮސް އެންޖެލިސްގެ ސުޕީރިއާ ކޯޓްގެ ސަމާލު ކަމަށް ވެސް ގެނެސްފަ އެވެ.

އެމްއާރްސީ އަށް ސްޕޭސީ އާއި އޭނާގެ ކުންފުނިތައް ކަމަށްވާ އެމް ޕްރޮފިޓް ޕްރޮޑަކްޝަންސް އާއި ޓްރިގާ ސްޓްރީޓް ޕްރޮޑަކްޝަންސް ދޭން ޖެހުނު ބަދަލަށް ބަލާ އިރު 31 މިލިއަން ޑޮލަރުގެ ތެރެއން 29.5 މިލިއަން ޑޮލަރަކީ އޭނާ "ހައުސް އޮފް ކާޑްސް" އިން ވަކިކުރުމުން އޭގެ މަސައްކަތްކަށް ގެންނަން ޖެހުނު ބަދަލާ ގުޅިގެން ލިބުނު ގެއްލުމަށް ދޭން ޖެހޭ ފައިސާ އެވެ. ބާކީ 1.2 މިލިއަން ޑޮލަރަކީ އެމްއާރްސީގެ ގާނޫނީ ޓީމުގެ ދިޔަ ފައިސާ އާއި އެކަމަށް އެ ކުންފުނިން ކުރި މަސައްކަަށް އިތުރަށް ހަރަދުކުރި 235،000 ޑޮލަރެވެ.

އެމެރިކާގެ ރައީސްކަމަށް އަންނަ ރަހުމުކުޑަ ސިޔާސީ މީހެއްގެ ރޯލު ސްޕޭސީ ކުޅެމުން އައި "ހައުސް އޮފް ކާޑްސް" އިން ވަކިކުރީ 2017 ގަ އެވެ. އޭނާ އެއިން ވަކިކުރަން ޖެހުމާ ގުޅިގެން ކުޅެމުން އައި ކެރެކްޓާ ފްރާންސިސް ޖޭ (ފްރޭންކް) އަންޑަވުޑްގެ ކެރެކްޓާ މަރާލަން ޖެހުނެވެ. އަދި ކުރިން ނިންމާފައި އޮތް ގޮތާ ހިލާފަށް ވާހަކަ އާއި ކާސްޓަށް ބަދަލުތަކެއް ގެންނަން ޖެހުމުން އޭރު ސީރީޒްގެ ހަ ވަނަ ސީޒަންގެ އެޕިސޯޑްތަކުގެ އަދަދު 13 އިން 8 އަށް މަދުކުރަން ވެސް ޖެހުނެވެ.

ދެހާސް ތޭރައިގައި ނެޓްފްލިކްސް އިން ގެނެސްދޭން ފެށި "ހައުސް އޮފް ކާޑްސް" ނިންމާލީ 2018 ގަ އެވެ. އެއީ ޖުމްލަ 73 އެޕިސޯޑާ އެކީގަ އެވެ.

ސްޕޭސީގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކުރި މީހުންގެ ތެރޭގައި ސީރީޒްގެ މަސައްކަތްކުރި ބައެއް މީހުން ވެސް ހިމެނެ އެވެ. ނަމަވެސް އޭގެ ފަހުން އޭނާގެ މައްޗަށް އެފަދަ އެތައް ތުހުމަތެއް ކުރެވި، ދައުވާކުރި ނަމަވެސް އެއްވެސް މައްސަލައެއް ސާބިތެއް ނުވެ އެެވެ. ސްޕޭސީގެ މައްޗަށް ދައުވާކުރި މީހުންގެ ތެރެއިން އެއް ދައުވާ ކޯޓުން ބޭރުކޮށްލީ ދައުވާކުރި މީހާ މަރުވުމާ ގުޅިގެން އެ މައްސަލަ ދެން އިތުރަށް ކުރިއަށް ގެންދެވެން ނެތުމުންނެވެ.

ސްޕޭސީ ހޮލީވުޑުން އެކަހެރިކުރި ފަހުން މިދިޔަ އަހަރު އޭނާ އަށް އިޓަލީގެ ފިލްމަކުން ފުރުސަތު ލިބުނެވެ. އެއީ މިހާރު ޝޫޓިން ނިންމާފައި އޮތް ލުއޯމޯ ޗި ޑިޒެންގޯ ޑިއޯ (ދަ މޭން ހޫ ޑްރޯ ގޯޑް) އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 100%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454