25 ނޮވެމްބަރ 2021 - 06:40
މިހާތަނަށް އެމެރިކާގެ ޓެކްސަސްގައި ބިދޭސީ ކުންފުންޏަކުން ކުރާ އެންމެ ބޮޑު އިންވެސްޓްމަންޓްގެ ފުރުސަތު ދެކުނު ކޮރެއާގެ މަޝްހޫރު ކުންފުނި ސެމްސަންގަށް ލިބިއްޖެ އެވެ.
އެ ކުންފުނީގެ 17 ބިލިއަން ޑޮލަރުގެ މި މަޝްރޫއަކީ މިދިޔަ އަހަރުން ފެށިގެން ޓެކް އިންޑަސްޓްރީ އަށް ދިމާވެފައިވާ ޗިޕް (ސެމީކޮންޑަކްޓާސް) ގެ ދަތިކަން ހައްލު ކުރަން ޓެކްސެސްގައި ގާއިމުކުރާ ޗިޕް ޕްލާންޓެއްގެ މަސައްކަތެވެ.
އަންނަ އަހަރު އަމަލީ މަސައްކަތް ފަށަން ހަމަޖެހިފައިވާ މި ޕްރޮޖެކްޓްގެ ސަބަބުން ޓެކްސެސްގައި އިތުރު 2،000 ވަޒީފާގެ ފުރުސަތު ހުޅުވިގެން ދާނެ އެވެ.
ސެމްސަންގްގެ ޓެކްސެސް ޗިޕް ޕްލާންޓް އޮޕަރޭޝަނަށް އެއްކޮށް ގެންނާނީ 2024 ގަ އެވެ. ޓެކްސެސްގައި ހިންގާ މި ބޮޑު މަޝްރޫއަށް އެހީވުމުގެ ގޮތުން އެ ސްޓޭޓްގެ ސަރުކާރުން ގްރާންޓްގެ ގޮތުގައި 27 މިލިއަން ޑޮލަރު ދޭން ނިންމާފައިވާ ކަމަށް ޓެކްސެސްގެ ގަވަރުނަރު ގްރެގް އެބޮޓް ވިދާޅުވި އެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވެސް ސެމްސަންގުން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއަށް މަރުހަބާ ވިދާޅުވެ، މި މަޝްރޫއަކީ ޓެކްސެސްގައި ހިންގާ އެންމެ ބޮޑު ފޮރިން އިންވެސްޓްމަންޓް ކަމަށް ވިދާޅުވި އެވެ.
Welcome to Texas, Samsung!
— Greg Abbott (@GregAbbott_TX) November 24, 2021
Samsung will build a new semiconductor manufacturing facility in Taylor, Texas.
➡️ $17B capital investment
➡️ Thousands of NEW jobs
The largest foreign direct investment in the state of Texas EVER. pic.twitter.com/a7VhbK3B9Q
މި މަޝްރޫއާ ބެހޭ ގޮތުން ސެމްސަންގް އިލެކްޓްރޯނިކްސްގެ ޗީފް އެގްޒެކެޓިވް ކިނަމް ކިމް ވިދާޅުވީ އެ ކުންފުންޏަކީ މިހާރު ވެސް ޗިޕް އުފެއްދުމުގައި އެންމެ ނަގާކިޔާ އެއް ކުންފުންޏަށްވާތީ ޓެކްސެސްގެ މަޝްރޫއަކީ ދުނިޔޭގެ ޓެކް އިންޑަސްޓްރީ އަށް ދިމާވެފައި ޗިޕްގެ ދަތިކަން ހައްލު ކުރަން ވަރަށް ބޮޑު ބާރަކަށް ވާނެ ކަމަށެވެ.
Samsung Electronics Announces New Advanced Semiconductor Fab Site in Taylor, Texashttps://t.co/zAhC2JIPZ0
— Samsung Electronics (@Samsung) November 23, 2021
"އަހަރެމެންގެ ސަޕްލައި ޗެއިން މި ޕްރޮޖެކްޓްގެ ސަބަބުން ވަރަށް ބޮޑުތަނުން ފުޅާވެގެން ދާނެ." އޭނާ ވިދާޅުވި އެވެ.
ޓެކްސެސްގެ ޗިޕް ޕްލާންޓްގައި މޮބައިލް ފޯނާއި 5ޖީ އާއި މަތީ ފެންވަރުގެ ކޮމްޕިއުޓަރުތަކުގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ވަސީލަތްތަކަށް ބޭނުންވާ ޗިޕް އުފައްދާނެ އެވެ.
ސެމްސަންގުން އެމެރިކާގެ ޓެކްސެސްގައި މިފަދަ ބިޔަ މަޝްރޫއެއް ކުރިއަށް ގެންދަން ނިންމި އިރު، މިދިޔަ އަހަރު ޓައިވާން ސެމީކޮންޑަކްޓަ މެނުފެކްޗަރިން ކޮމްޕެނީ (ޓީއެމްސީން) އިން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 100 ބިލިއަން ޑޮލަރު އެމެރިކާގެ އަރިޒޯނާ ސްޓޭޓްގައި އިންވެސްޓްކުރަން ނިންމާފައި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy