26 ނޮވެމްބަރ 2021 - 06:16
ބަތަލާ ސޮނާކްޝީ ސިންހާގެ ނެޓްފްލިކްސްގެ ފިލްމު "ބުލްބުލް ތަރަންގް" ނަހަދަން ނިންމައިފި އެވެ.
މީޑިއާތަކުން ބުނީ އެ ފިލްމް ނަހަދަން ނިންމީ ކުރިން ރޭވި ގޮތަށް ފިލްމުގެ ޝޫޓިން ކުރިއަށް ނުގެންދެވި ދިގުލައިގެން ދިއުމާ ގުޅިގެން ސޮނާކްޝީ ސޮއިކޮށްފައި ހުރި އެހެން ޕްރޮޖެކްޓްތަކުގެ މަސައްކަތްތަކަށް ބުރޫއަރާނެތީ އޭނާ އެއިން ވަކިވުމާ ގުޅިގެން ކަމަށެވެ. ކުރިން އެޕްރީލް މަހުގެ ތެރޭގައި ޝޫޓިން ފަށަން އޮތް "ބުލްބުލް ތަރަން" ގެ މަސައްކަތް ރޭވި ގޮތަށް ކުރިއަށް ނުގެންދެވުނީ އިންޑިއާގެ ކޮވިޑްގެ ތިން ވަނަ ރާޅާ ހެދި، ފިލްމީ މަސައްކަތްތަކަށް އައި ހުއްޓުންތަކާ ހެދި އެވެ.
މި ފިލްމަކީ އަކްޝޭ ކުމާރުގެ 2017 ގެ "ޓޮއިލެޓް: އޭކް ޕްރޭމް ކާތާ" ގެނެސްދިން ޝްރީ ނާޔަރަން ސިންގް ޑައިރެކްޓްކުރާ ގޮތަށް އޮތް ކޮމެޑީ ޑްރާމާއެކެވެ. "ބުލްބުލް ތަރަންގް" ގެ ބަތަލަކަށް ނެގީ އާންމުކޮށް ފިލްމުތަކުގެ ސަޕޯޓިން ރޯލްތަކުން ފެންނަ ތާހިރު ރާޖް ބާސީން އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި މި ފިލްމު ނަހަދަން ނިންމުމާ ގުޅިގެން ޝްރީ މިހާރު ޒީ5 އަށް ހަދާ "ސުތުލިޔާ" ކިޔާ ޕްރޮޖެކްޓެއްގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ޝާހިދު ކަޕޫރާއި ޝްރަދާ ކަޕޫރްގެ 2018 ގެ "ބައްތީ މީޓަރު ގުލް ޗާލޫ" އަކީ ޝްރީ އެންމެ ފަހުން ގެނެސްދިން ފިލްމެވެ. މީ ދެ ހަފުތާއެއްހާ ދުވަސްކުރިން އޭނާ ބައޮގްރަފިކަލް ޑްރާމާއެއް ހަދަން އިއުލާންކޮށްފައިވެ އެވެ.
"ބުލްބުލް ތަރަންގް" ނަހަދަން ނިންމުމާ ބެހޭ ގޮތުން ނެޓްފްލިކްސްގެ އިންޑިއާ ތަރުޖަމާނު ބޮލީވުޑް ހަންގާމާ އަށް ބުނީ އެ ނަހަދަން ނިންމީ އޭގައި ހިއްސާވާ ހުރިހާ އެންމެން އެއްބަސްވެގެން ކަމަށެވެ. ނަމަވެސް ކައިރި މުސްތަގުބަލެއްގައި އާ ޕްރޮޖެކްޓެއްގެ މަސައްކަތް ފެށޭނެކަމުގެ އުންމީދު ބޮޑު ކަމަށް ބުންޏެވެ.
"ބުލްބުކް ތަރަންގް" އަކީ މި އަހަރު ގެނެސްދޭން ނެޓްފްލިކްސް އިއުލާންކުރި އިންޑިއާގެ 41 ޕްރޮޖެކްޓްތަކުގެ ތެރެއިން އެކައްޗެވެ.
އެ ނަހަދަން ނިންމި އިރު، ސޮނާކްޝީގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ޝޫޓިން ނިންމާފައި އޮތް އެމެޒޯން ޕްރައިމް ވީޑިއޯގެ ވެބް ސީރީޒް "ފޯލެން" އާއި ހޮރޯ-ކޮމެޑީ "ކަކްޑާ" ހިމެނެ އެވެ. އޭނާ މިހާރު އަންނަނީ "ޑަބަލް އެކްސް" ކިޔާ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އޮގަސްޓްގައި ރިލީޒްކުރި އަޖޭ ދޭވްގަންގެ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" ގެ ރޯލެއް ކުޅުނު ސޮނާކްޝީ އަކީ ސަންޖޭ ލީލާ ބަންސާލީ ހަދަން ނިންމާފައިވާ ވެބް ސީރީޒް "ހީރާމަންޑީ" ގެ ބަތަލާއެއް ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy