ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް އެމްޓީސީސީއާ ހަވާލުކުރުން-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
25 ނޮވެމްބަރ 2021 - 15:27
ބ. ދަރަވަންދޫ އާއި އެ އަތޮޅު ކެންދޫ އަދި ސ. ހިތަދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް 72 މިލިއަން ރުފިޔާގެ މަޝްރޫއުއެއް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީ އާއި އެމްޓީސީސީއާ ދެމެދުވި އެއްބަސްވުމުގެ ދަށުން ކެންދޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް 803 މީޓަރުގެ ބްރޭކްވޯޓާ އާއި، 90 މީޓަރުގެ ދެ ގްރޮއިން ހަދާނެ އެވެ. އަދި 80 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓެއް ޖެހުމާ އެކު 20 މީޓަރު ފުޅާ، 40 މީޓަރު ދިގު ސަރަހައްދެއް ފުންކޮށް މޫދަށް އެރޭ ސަރަހައްދެއް ތަރައްގީކުރާނެ އެވެ. ޖުމްލަ 39.9 މިލިއަން ރުފިޔާގެ މި މަޝްރޫއު ނިންމުމަށް ދީފައި ވަނީ އެއް އަހަރެވެ.
ދަރަވަންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުއަކީ 22 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ. ގާތްގަނޑަކަށް ހަ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި އެ މަޝްރޫއުގެ ދަށުން، އެ ރަށުގެ ގިރާ ސަރަހައްދުގައި 490 މީޓަރުގެ 7 ބްރޭކްވޯޓާ ހަދައި، 96 މީޓަރުގެ ރިވެޓްމަންޓް ޖަހާނެ އެވެ. އަދި އެރަށުގެ އުތުރު ފަރާތު ގޮނޑު ދޮށް ވެލިން މުއްސަނދި ކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ހިތަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުއަކީ 165 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 11.6 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ. މި މަޝްރޫއުގައި ހިތަދޫގެ ހުޅަނގުފަރާތުން 570 މީޓަރުގެ ސަރަހައްދެއްގައި ޖިއޯޓިއުބް ރިވެޓްމެންޓް ޖެހުމާއި 15 މީޓަރު ފުޅާ، 50 މީޓަރު ދިގު ސަރަހައްދެއް ފުންކޮށް މޫދަށް އެރޭ ސަރަހައްދެއް ވެސް ހަދާނެ އެވެ. އެ ރަށުގައި ވެސް 100 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްވޯޓާއެއް ހަދާނެ އެވެ.
މިއީ މި ތިން ރަށަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޝްމީ
27 November 2021
ދަރަވަންދޫ ގިރާ ސަރަހައްދު ހިމާޔަތްކޮށް، ބީޗް ވެލިން މުއްސަދިކޮއްދޭ ވާހަކަ އޮތީމަ ވަރަށް އުފާވެއްޖެ. އެއީ އަހަރެން މިހާރު ޗުއްޓީ ހޭދަކޮއްލަން ދާ ރަށް.
މަށަންދަތިކުމާރު
25 November 2021
ބ އަތޮޅުގެ ފަޅުރަށްތައް ވިއްކާފަ މަހުޖަނުންއަތުން މިލިއަނުން ޑޮލަރު އަތުލައިގެން ފައިސާގަނޑު މާލެގެންގޮއްސަ ބ އަތޮޅަށް މިއޮތީ ގޮނޑުދޮށް ހަލާކުކުރުމުގެ މަޝްރޫއުތެރެއިން 20 މީޓަރު ފުޅާ، 40 މީޓަރު ދިގު މޫދަށް އެރޭ ސަރަހައްދެއް ހެދުން. ކުރީގަ މާވަހަރު ހިފައިގެން ދިޔައިމަ މުންޑެއް ދީއުޅުނީ.
ޑައިޜީ
25 November 2021
ލާރި ގިނަވީ، ޕުރިންޓް ކޮއްލާފަ ދީދެން.