އިސްތަންބޫލްގެ ސްޓޭޑިއަމްގެ ބޭރުގައި ދިން ހަމަލާ އަމާޒުކޮށްފައި ވަނީ ފުލުހުންނަށް ކަމަށް ލަފާކޮށްފައިވޭ. --ފޮޓޯ:ރޮއިޓާސް
11 ޑިސެމްބަރ 2016 - 08:53
އިސްތަންބޫލް (ޑިސެމްބަރު 11) - ތުރުކީގެ އެންމެ ބޮޑު ސިޓީ އިސްތަންބޫލްގެ ފުޓުބޯޅަ ސްޓޭޑިއަމެއްގެ ބޭރުގައި ދިން ބޮމުގެ ހަމަލާތަކެއްގައި 29 މީހުން މަރުވެ 166 މީހުން ޒަޚަމްވެފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
އޮފިޝަލުން ބުނީ ކާރު ބޮމުގެ ހަމަލާތަކެއް ކަމަށް ބެލެވޭ ޖާނުންފިދާވުމުގެ ހަމަލާ އަމާޒުކޮށްފައި ވަނީ ފުލުހުންނަށް ކަމަށެވެ. ހަމަލާ ދިނީ ތުރުކީގެ މަޝްހޫރު ދެ ޓީމު ކަމަށްވާ ބެސިކްޓަސް އާއި ބުރްސަޕޫރު ކުޅުނު މެޗަށް ފަހު ސްޓޭޑިއަމުން މީހުން ނުކުތްތާ ގާތްގަނޑަކަށް ދެ ގަޑިއެއްހާ އިރު ފަހުންނެވެ. ބޮންތައް ގޮއްވާލިތާ އިރުކޮޅެއް ފަހުން ބަޑީގެ ހަމަލާތަކެއްގެ އަޑު އިވުނު ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެ އެވެ.
ތުރުކީގެ އިސްތަންބޫލްގައި ބޮމުގެ ހަމަލާ ދިނީ ފުޓުބޯޅަ މެޗަށް ފަހު ސްޓޭޑިއަމުން މީހުން ނުކުތްތާ ދެ ގަޑިއިރު ފަހުން. --ފޮޓޯ:ރޮއިޓާސް
އެއްވެސް ޖަމާއަތަކުން މި ހަމަލާގެ ޒިންމާ އަދި އުފުލައިފައެއް ނުވެ އެވެ. ނަމަވެސް ތުރުކީ ފުލުހުން މިހާތަނަށް ވަނީ 10 މީހަކު ހައްޔަރުކޮށްފަ އެވެ. ތުރުކީގައި މި އަހަރު ދިން ގިނަ ހަމަލާތަކުގެ ފަހަތުގައި ވަނީ ކުރުދީ ހަނގުރާމަވެރިންނާއި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިންނެވެ.
20 އޮގަސްޓް: ގަޒިއަންޓެޕްގެ ކައިވެނި ޕާޓީއަކަށް ދިން ބޮމުގެ ހަމަލާގައި 30 މީހުން މަރުވި.
30 ޖުލައި: އަސްކަރީ މަރުކަޒަކަށް ހަމަލާ ދޭން އުޅުނު ކުރުދީ 35 ހަނގުރާމަވެރިން މަރުވި.
29 ޖޫން: އިސްތަންބޫލްގެ އަތާތުރްކް އެއާޕޯޓަށް ދިން ހަމަލާގައި 41 މީހުން މަރުވި.
13 މާޗް: އަންކަރާގައި ދިން ކާރު ބޮމުގެ ހަމަލާގައި 37 މީހުން މަރުވި.
17 ފެބްރުއަރީ: އަންކަރާގައި އަސްކަރީ ފައުޖަކަށް ދިން ހަމާލަގައި 28 މީހުން މަރުވި.
ރައީސް ރަޖަބް ތޮއްޔިބު އުރުދުޣާން ވަނީ ޓެރަރިސްޓް ހަމަލާގެ އަމާޒަކީ ސަލާމަތީ ފަރާތްތަކާއި އާއްމުންގެ ވީހާ ވެސް ގިނަ މީހުން މަރާލުން ކަމަށް ވިދާޅުވެފަ އެވެ. ތުރުކީގެ ދާޚިލީ ވަޒީރު ސުލައިމާން ސޮއިލޫ ވިދާޅުވީ ބޮމުގެ ހަމަލާ އަމާޒުކޮށްފައި ވަނީ ފުލުހުންގެ ސްޕެޝަލް ފޯސަސް އަށް ކަަމށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
21212
11 December 2016
ތުރުކީއަށް އެމެރިކާ ސިފައިން ވަދެވޭނެ މަގެއް ހޯދަނީ.