ޑިޝާ.
04 ޑިސެމްބަރ 2021 - 06:49
ބޮލީވުޑްގެ ޒުވާން ބަތަލާ ޑިޝާ ޕަޓާނީ ވަރަށް އަވަހަށް ހޮލީވުޑްގެ ފިލްމަކަށް ސޮއިކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޒީ ނިއުސް އިން ބުނެފައިވާ ގޮތުގައި 29 އަހަރުގެ ބަތަލާ އަށް ފިލްމެއް ހުށަހެޅީ ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރެކެވެ. އަދި މިއީ ބޮޑު ބަޖެޓަކުން ހަދާ ވަރުގަދަ އެކްޝަން ފިލްމެކެވެ. އެކަމަކު ޑައިރެކްޓަރުގެ ނަމާއި ފިލްމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. ފާހަގަކޮށްލެވޭ ކަމަކީ އިންޓަނޭޝަނަލް ފިލްމަކުން ޑިޝާ ފެނުމުގެ ފުރުސަތު ބޮޑުވެފައިވާ އިރު، ކުރިން ވެސް އޭނާ އެފަދަ އެއްޗެއްގައި މަސައްކަތްކޮށްފައިވާ ކަމެވެ. އެއީ ޖެކީ ޗަންގެ 2017 ގެ "ކުންގް ފޫ ޔޯގާ" އެވެ. އޭގެ ކާސްޓްގައި އިންޑިއާގެ ތަރިން ކަމަށްވާ ސޯނޫ ސޫދާއި އަމީރާ ދާސްތޫރް ވެސް ހިމެނެ އެވެ.
މީޑިއާތަކުން ބުނީ ޑިޝާ އަށް ހޮލީވުޑްގެ ފިލްމަކުން ފުރުސަތު ލިބުނީ މިދިޔަ އަހަރު ރިލީޒްކުރި ކާމިޔާބު އެކްޝަން ތުރިލާ "މަލަންގް" ގައި ކުޅުނު ރޯލު ހޮލީވުޑްގެ ޑައިރެކްޓަރަށް ވަރަށް ކަމުގޮސްގެން ކަމަށެވެ.
އޭގެ ފަހުން އޭނާ ވަރަށް ބޮޑަށް ޑިޝާގެ މަސައްކަތްތައް ބަލަމުން އަންނަ ކަމަށާއި ކުރިއަރަމުން އަންނަ ބަތަލާ އިންސްޓަގްރާމްގައި ޕޯސްޓްކުރާ ކަސްރަތީ ވީޑިއޯތައް ފެނިފައި ވެސް ވަރަށް ހިތްހަމަޖެހިފައިވާ ކަމަށް ބުންޏެވެ.
ޑިޝާގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ މެއިގައި ރިލީޒްކުރި ސަލްމާން ޚާންގެ "ރާދޭ: ޔޯ މޯސްޓް ވޯންޓެޑް ބާއީ" އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "އޭކް ވިލަން ރިޓާންސް" އާއި "ކޭޓީނާ" ހިމެނެ އެވެ.
ޑިޝާގެ ހޮލީވުޑް ދަތުރުގެ ވާހަކަ ދެކެވެން ފަށާފައި މި ވަނީ އޭނާގެ ލޯބިވެރިޔާ އެކްޓަރު ޓައިގާ ޝްރޮފަށް ވެސް ހޮލީވުޑްގެ ޕްރޮޖެކްޓެއް ލިބި، އެކަމާ ގުޅޭ މަޝްވަރާތައް މީގެ ދެ އަހަރު ކުރިން ކުރެވިފައި ވަނިކޮށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy