ކަނޑޫފާތައް މަރުވާ ސަބަބު ހޯދަން ރާއްޖެ އައި އިންޑިއާގެ ޓީމުން މިނިސްޓަރު ޝައުނާ އާއި މިނިސްޓަރު ހުސެއިން ރަޝީދާ ބައްދަލުކުރައްވަނީ -- ފޮޓޯ: އިންޑިއާ ހައި ކޮމިޝަން
06 ޑިސެމްބަރ 2021 - 13:23
ރާއްޖޭގެ ކަނޑޫފާތައް މަރުވާތީ އެކަމާ ގުޅޭގޮތުން ދިރާސާކޮށް، ހައްލެއް ހޯދަން އިންޑިއާގެ ހާއްސަ ޓީމެއް އިއްޔެ ރާއްޖެ އަތުވެއްޖެ އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުންނަ ގިނަ އަދަދެއްގެ ކަނޑޫފާތަކެއް މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން އެއްފަހަރާ މަރުވާން ފަށާފައިވާއިރު، މިހާތަނަށް އެކަން ދިމާވާ ސީދާ ސަބަބެއް ހޯދިފައެއް އެވެ. މަރުވަމުންދާ ކަނޑޫފާތަކުގެ ތެރޭގައި ހިމާޔަތް ކޮށްފައިވާ ހދ. ނޭކުރެންދޫގެ ކަނޑޫފަލާއި ހއ. ކެލާގެ ކަނޑޫފަލާއި ރާއްޖޭގެ ހަމައެކަނި "ފޮރެސްޓް" ކަމަށްވާ ކޭލަކުނުގެ ކަނޑޫފާ ވެސް ހިމެނެ އެވެ.
މިކަން އިތުރަށް ބަލަން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އައި އިންޑިއާގެ ކޮޗިން ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮޮލޮޖީގެ (ސީޔޫއެސްއޭޓީ) ގެ ހަތަރު މެމްބަރުންގެ ޓީމުގައި އިސްކޮށް ހުންނެވީ އެ ޔުނިވާސިޓީގެ މެރިން ބަޔޮލޮޖީ، މައިކްރޯ ބަޔޮލޮޖީ އެންޑް ބަޔޯކެމިސްޓްރީ ޑިޕާޓްމަންޓްގެ އިސްވެރިޔާ ޑރ. ބިޖޯއީ ނަންދާން އެވެ. މި ޓީމު މަސައްކަތް ކުރާނީ އެންވަޔަރުމެންޓް މިނިސްޓްރީ އާއި އީޕީއޭއާ ގުޅިގެންނެވެ.
އެ ޓީމުން އިއްޔެ ވަނީ އެންވަޔަރުމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ އާއި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނާއި ސަރުކާރުގެ ބައެއް އެހެން އިސްވެރިންނާ ބައްދަލުކޮށްފަ އެވެ.
ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، މި ޓީމުން ކަނޑޫފާތަކަށް ޒިޔާރަތްކޮށް، ސާވޭތައް ހަދައި ސާމްޕަލް އެއްކުރުމުގެ މަސައްކަތް ފަށާނީ މިއަދު ކަމަށެވެ. އެގޮތުން ކެލާ، ކުޅުދުއްފުށި، ކޭލަކުނު، ވައިކަރަދޫ، ނޭކުރެންދޫ، ގޮއިދޫ، ފޭދޫ އަދި ކެނދިކުޅުދޫގެ ކަނޑޫފާތަކަށް ދާ ގޮތޮށް ވަނީ ހަމަޖެހިފަ އެވެ. އެ ތަންތަނުން ގަސްތަކާއި ސޫފިތަކާއި އަދި ސެޑިމެންޓް ސާމްޕަލްތައް ނަގާނެ އެވެ.
ރާއްޖޭގެ ކަނޑޫފަލެއްގެ ސަރަހައްދެއް މަރުވެފައި: މިކަން އެންމެ ބޮޑަށް ދިމާވެފައި ވަނީ އުތުރުގެ ބޮޑެތި ކަނޑޫފާތަކަށް. އެހެންނަމަވެސް، ދެކުނުގެ ބައެއް ކަނޑޫފާތަކުން ވެސް މިކަން ވަނީ ފާހަގަކުރެވިފައި --
ސާވޭގެ މަސައްކަތް ނިންމާލުމަށް ފަހު މި މަހުގެ 10 ވަނަ ދުވަހު، ކަނޑޫފާތަކާއި އެހެނިހެން ޗަސްބިންތައް ހިމާޔަތް ކުރުމުގެ މުހިންމު ކަމާއި ރާއްޖޭގައި ކަނޑޫފާތައް މަރުވުމާ ގުޅޭގޮތުން ގައުމީ ޔުނިވާސިޓީގައި ޑރ. ނަންދާން އާންމު ތަގުރީރެއް ދެއްވާ ގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށް ހައި ކޮމިޝަނުން ބުނެ އެވެ.
ސީޔޫއެސްއޭޓީގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން، އީޕީއޭއާ ގުޅިގެން މޯލްޑިވްސް ފުޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ގައުމީ ލެބޯރެޓަރީގައި މި މަހުގެ 11 އިން 18 އަށް ސާމްޕަލްތަކުގެ އަސާސީ ތަހުލީލުތައް ކުރާނެ އެވެ. އަދި އިތުރު މަސައްކަތްތަކަށް އިންޑިއާގެ ޓީމާއެކު އީޕީއޭގެ ޓީމެއް ވެސް އެ ގައުމަށް މި މަހުގެ 18 ގައި ފުރާނެ އެވެ.
ސީޔޫއެސްއޭޓީގެ ސައިންސްވެރިންގެ ޓީމުން ތަހުލީލުތައް ނިންމައި، 3-4 މަސް ދުވަހުގެ ތެރޭގައި އެކަމާ ބެހޭ ރިޕޯޓެއް ނެރޭނެ ކަމަށް ހައި ކޮމިޝަނުން ބުނެ އެވެ. މި ރިޕޯޓްގައި ކަނޑޫފާތައް މަރުވާ ސަބަބުގެ އިތުރުން އެ ތަންތަން ބަލަހައްޓައި އެ ސަރަހައްދުތައް ކުރިން ހުރި ވަރަށް އިއާދަ ކުރުމަށް ކުރެވޭނެ ކަންތައްތައް ވެސް ހިމެނޭނެ ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.
ކަނޑޫފާތައް މަރުވާތީ މިދިޔަ އަހަރުގެ ފަހުކޮޅު ވެސް އީޕީއޭއިން ސީޔޫއެސްއޭޓީގެ އެހީ ހޯދައި ސާމްޕަލްތައް ފޮނުވި އެވެ. އެ ސާމްޕަލްތަކަށް ބަލައި ސީޔޫއެސްއޭޓީ އަށް ވަނީ ގަސްތައް ބަލިކަށި ކޮށްލާ ފަންގަސްއެއް ބައެއް ކަނޑޫފާތަކުގައި އުޅޭކަން ހޯދިފަ އެވެ. ނަމަވެސް، މިއީ ސީދާ ސަބަބުކަން ޔަގީންކުރަން ކަނޑޫފާތަކަށް ގޮސްގެން ބަލަން ޖެހޭ ކަމަށް އެ ޔުނިވާސިޓީން އެންގި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުކި
07 December 2021
ޢިންޑިއާ ރޭޕްގިނަވާ މައްސަލަބަލަން ޓީމުހަދަެިގެން އުޅުބަލަ
ހުވާ
06 December 2021
މިގައުމުގެ ގަސްގަހާގެހި ފިޔަވައި އިންސާުނުން ވިހާމަރުވާ ބަލަންވެސް ޓީމެއް ގެންނަންވާނެ ދައުރު ނިމުމުގެކުރިން.
ހަޒާނާ
06 December 2021
މިދާރޭޓުން ދަންޏާ ، ކުރިއަށް އޮތްތަނުގައި ވަރިކާވެނިވެސް ކުރެވޭނީ އެވެރިންގެ ރިސާޗަރުންގެ އެހީހޯދައިގެން./ އެޖެންޑާ-19 ފުރިހަމަ ވަނީ
ނައިން
06 December 2021
ތިޔަ ގައުމުގެ މީހުން ތިޔަ ސަރަހައްދުގެ ހައިޑްރޯގްރަފީ ސާރވޭކޮށް ނިންމާފަ ދިއަތާ މަހެއްހާ ދުވަސް ނުވޭ ތިޔަ ކަމެއް ދިމާވެގެން އުޅޭ ވާހަކަ ޚަބަރުތަކަށް އެރީ. އެ ދެކަމުގެ ގުޅުމެއް އޮތްތޯ ބަލާނެ ފަރާތެއް ނުވާނެ ދެކަމުގަވެސް އުޅެނީ އެއް ގައުމެއްގެ ބައެއްވީމަ. އެ ސާރވޭގައި ކްލައިމެޓް ޗޭންޖާ ގުޅޭ ކަންކަންވެސް ބަލާނެކަމަށް އެއިރު ބުނެފައިވޭ. އެ ސާރވޭ ކުރި ބަޔަކާ ގުޅޭ ބައެއް ނޫން މިހާރު އައިސްގެން މިއުޅެނީކީ.
ހަމަގަމާރީ
06 December 2021
ގަމާރީ ވަކި ކަމަކަށް ނޫނޭ. ހުސް ޖާސޫސުން އެ އަންނަނީ. ހެވެއް އެދިގެން ނޫން. ގެއެއްގެ އުނދުން ރޯނުވިޔަސް މިހާރު އެމީހުން އަންނަނަ ތައްޔާރުވާނެ.
ޔާނު
06 December 2021
މިހާރު ދެން އިންޑިއާ މީހުން ނޫނީ އެއްޗެއް އެނގޭ ބަޔަކު މި ދުނިޔޭގައި ނެތީތަ.
އިނބޫ
06 December 2021
ހަމަ ނެތީއޭ..
ޖަމަލު
06 December 2021
މާސްކް އަޅާކަށް ނުޖެހޭދޯ އިންޑިއާ ކުދިންނާވީމަ
ދޮން ހަސަނު
06 December 2021
ތިޔަ ދަތުރުން މާބޮޑު ނަތީޖާއެއް ނެރެވިދާނެހެން ހިއެއްނުވޭ. ޔޫ.އެން.ދީ.ޕީ ގެ އެހީގައި ރާއްޖޭގެ ޖަމިއްޔާތަކުންވެސް ކަޓޫފާތަކުގެ ރިސާރޗް ހަދާފަ މިހާރު ހުރީ. ދެން މިމީހުން އައިސް ގަހުގެ ފަތް ނަގައިގެން ކޮންކަމެއް ވަކިވާނީ. މުޅި ބޮޑުތިލަދުންމަތީ ދުއްވާ އެހެން ކަހަލަ ސާރވޭއެއް ކަންނޭގެ ކުރަން ތިއުޅެނީ.
ހަލާކް
06 December 2021
ކޮބާ ކުރިން އެތަންތަނުން ސާމްޕަލްނަގައިގެން ކުރި ޓެސްޓްތައް..އެތައް ދަތުރެއްކޮށްފި ކަނޑޫފާތަކުން ސާމްޕަލް ނަގަން..އެކިފަހަރު ނޫސްތަކުގެ ފަލަސުރުހީއަށް އެކަން ނެގި..
ބޮޑުމީހާ
06 December 2021
ތިޓީމާއިއެކު ކިތައް ސިފައިން އައިބާ؟ ކޮންމެ ކަނޑުފަލަކަށް ސިފައިންގެ މީހެއް ނެތިއްޔާ ރަގަޅު