ހިޔާގެ ވަޒީފާއިން ވަކިކުރި ބައެއް މުވައްޒަފުންނާ އިދިކޮޅުގެ ލީޑަޝިޕްގެ ފަރާތުން ބައްދަލުކުރުން--- ފޮޓޯ/ޕީޕީއެމް
06 ޑިސެމްބަރ 2021 - 19:20
ވަޒީފާއިން ވަކިކުރާނެ ކަމުގެ ނޯޓިސް ދިން، ވިލިމާލެ ކުޑަކުދިންގެ ހިޔާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ނިންމައިފި އެވެ.
ވިލިމާލެ ކުޑަކުދިންގެ ހިޔާގައި ވަޒީފާ އަދާކުރަމުން އައި 21 މީހަކު ވަޒީފާއިން ވަކިކުރަން ޖެންޑާ މިނިސްޓްރީން ނޯޓިސް ދިނީ މި މަހުގެ އެއްވަނަ ދުވަހު އެވެ. އެކަން ކުރީ އެހެން ވަޒީފާތަކަށް ބަދަލުވުމުގެ ފުރުސަތު ދިނުމަށްފަހު ކަމަށް މިނިސްޓްރީން ބުނި ނަމަވެސް ބައެއް މުވައްޒަފުން އެކަން ދޮގުކުރެ އެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ ޖެންޑާ މިނިސްޓްރީން ވަޒީފާއިން ވަކިކުރި ބައެއް މުވައްޒަފުންނާ އިދިކޮޅުގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންނާއި ލީގަލް ޓީމުގެ ފަރާތުން މިއަދު ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކަށް ބޭނުންވާ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.
މުވައްޒަފުން ވަކިކުރަން ނޯޓިސް ދިން ސަބަބެއް ކަމުގައި ޖެންޑާ މިނިސްޓްރީން ބުނެފައި ވަނީ ހިޔާގައި އުޅޭ ކުދިން އަތޮޅުތަކުގެ އަމާން ވެށިތަކަށް ބަދަލުކުރުމުން ހިޔާގައި ކުރާނެ މާބޮޑު ކަމެއް ނޯންނާތީ އެވެ.
އެހެންވެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އެ މުވައްޒަފުންނާ ބައްދަލުކުރައްވައި މިނިސްޓްރީގައި ދެން ހުރި އެކި ތަންތަނަށް ވަޒީފާ ބަދަލުކުރުމުގެ ފުރުސަތު އޮތްކަން އެންގި ކަމަށް މިނިސްޓްރީން ބުނެފައި ވެ އެވެ.
އެކަމަކު 21 މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނޯޓިސް ދިނީ އެއްވެސް އެންގުމަކާ ނުލައި ކަމަށް ބުނެ އޭގެ ތެރެއިން ބައެއް މުވައްޒަފުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޝިޔާމްބެ
07 December 2021
ދެން ހަމަ އެއްވެސް މީހެއްގެ ވަޒީފާ ދުވަހަކުވެސް އެއްވެސް ސަބަބަލާހެދި ނުގެއްލޭނެދޯ؟