ވިޔަފާރި / ފަޔާ އެންޑް ރެސްކިއު

އަލިފާން ނިއްވާ ޒަމާނީ ވަސީލަތެއް ރާއްޖެ އަށް ތައާރަފްކޮށްފި

"ޑީއެސްޕީއޭ 5" (ރަތް ކުލައިގައި) ބޭނުންކޮށްގެން އަލިފާން ނިއްވާ ގޮތް އެމްއެންޑީއެފްގެ ފަޔަ ފައިޓަރުން މިއަދު ދައްކާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

11 ޑިސެމްބަރ 2016 - 14:49

އިމާރާތްތަކުގެ ތެރޭގައި ރޯވާ އަލިފާން ނިއްވުމަށް ބޭނުންކުރާ ޒަމާނީ ވަސީލަތެއް، ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ސޭވިއާސް މޯލްޑިވްސް އިން މިއަދު ރާއްޖެ އަށް ތައާރަފްކޮށްފި އެވެ.

ވިލިމާލޭގައި ހުންނަ ސިފައިންގެ ފަޔަ އެންޑް ރެސްކިއު ޓްރޭނިން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި، ނެދަލެންޑްސްގެ ޑީއެސްޕީއޭ ކުންފުނިން އުފައްދާ "ޑީއެސްޕީއޭ 5" ތައާރަފްކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމް އެވެ. ސޭވިއާސް އިން އެމްއެންޑީއެފް އަށް ހަދިޔާކުރި "ޑީއެސްޕީއޭ 5"އާ ވެސް އޭނާ ހަވާލުވެވަޑައިގަތެވެ.

ސޭވިއާސް އިން އެމްއެންޑީއެފް އަށް ހަދިޔާކުރި "ޑީއެސްޕީއޭ 5"އާ ޝިޔާމް މިއަދު ހަވާލުވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ރަސްމިއްޔާތުގައި ޝިޔާމް ފާހަގަކުރެއްވި ގޮތުގައި މާލެ ކަހަލަ ކުޑަ އަދި ތޮއްޖެހިފައިވާ ތަނެއްގައި ފަޔަ ލޮރީ ފަދަ ބޮޑެތި އުޅަނދުތައް ގެންގުޅުމަކީ ފަސޭހަކަމެއް ނޫނެވެ. އެހެންވެ، އެހެން ކަންތައްތަކުގައި ވެސް ޒަަމާނީ ޓެކްނޮލޮޖީ ބޭނުން ކުރާ ފަދައިން، އަލިފާން ނިއްވުމުގައި ވެސް ޓެކްނޮލޮޖީ އާއި ހާލަތާ ގުޅޭ އާ ގޮތްތައް ބޭނުން ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ އެކަން ކުރެވެން އެބަ އޮތްކަން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންގެ ފަޔަ ފައިޓަރުންގެ އެކްސްޕީރިއަންސާ އެކީގައި ހާއްސަކޮށް މި ޕްރޮޑަކްޓަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަދި ހާއްސަކޮށް މިކަހަލަ ދަތި ތަންތަނުގައި މި ދިމާވާ އަލިފާނާ ފައިޓްކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް،" ޝިޔާމް ވިދާޅުވި އެވެ.

"ޑީއެސްޕީއޭ 5" ރާއްޖެ އަށް ތައާރަފް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މޭޖަ ޖެނެރަލް ޝިޔާމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ފާހަގަކުރެއްވި ގޮތުގައި މާލެ ފަދަ ތަނެއްގައި އަލިފާނުގެ ހާދިސާތަކުގައި އެންމެ އިސްކަމެއް ދޭންޖެހެނީ ރޯވާ ތަނުގެ ވަށައިގެން ހުންނަ އިމާރާތްތަކަށް ހުޅުގަނޑު ނުފެތުރޭނެ ގޮތް ހެދުމެވެ. އެކަމަކު، މާލޭގެ ޓްރެފިކާއި އެ ނޫން ވެސް ކަންކަމުގެ ސަބަބުން ބޭނުންވާހާ އަވަހަށް އަލިފާން ނިއްވާ ފަރާތްތަކަށް އެ ސަރަހައްދަށް ނުދެވޭ ކަމަށާއި މިއަދު ތައާރަފްކުރި ވަސީލަތުގެ ސަބަބުން އެ ކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު، ގެއްލުން ނުލިބި ސަލާމަތް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުން އެއީ ކަންނޭނގެ އެންމެ ބުއްދިވެރި ގޮތަކީ. އެހެން ނަމަވެސް، އަޅުގަނޑު ހިތުން މި ޕްރޮޑަކްޓުގެ ސަބަބުން، ރޯވެފައި ހުންނަ ތަންތަނަށް ވެސް ގެއްލުން ކުޑަކުރެވޭނެ،" ޝިޔާމް ވިދާޅުވި އެވެ.

"ޑީއެސްޕީއޭ 5"އާ ގުޅޭ ގޮތުން ނެދަލެންޑްސްގެ ކުންފުނީގެ ފަރާތުން ފްރާންސް ވިދާޅުވީ ބެދިފައި ހުންނަ ތަންތަނުގައި ރޯވެފައި ހުންނަ އަލިފާންގަނޑު ނިއްވާލަން މި ވަސީލަތުގެ ބޭނުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިފަމުން އަންނަ ކަމަށެވެ. އެ ގޮތުން، އާއްމުކޮށް ބޭނުންކުރާ އަލިފާން ނިވި ފަދަ ތަކެއްޗާ ހިލާފަށް "ޑީއެސްޕީއޭ 5" އަކީ އެތެރޭގައި ޕްރެޝަރު ނުއުފެދޭ ފަދަ ފުޅިއެއް ކަމަށާއި އޭގައި ބޭނުންކޮށްފައި ވަނީ ވެސް އެއްވެސް ވިހަ މާއްދާއެއް އެކުލެވިގެން ނުވާ ކެމިކަލެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

ފްރާންސް ވިދާޅުވި ގޮތުގައި "ޑީއެސްޕީއޭ 5"ގެ އެންމެ ހާއްސަ ކަމަކީ އެތެރެ އަށް ނުވަދެވޭ ވަރަށް ބޮޑަށް ހުޅުގަނޑު ހިފާފައި ހުންނަ ތަންތަނުން، ފަސޭހަކަމާއި ރައްކާތެރިކަމާ އެކު އަލިފާންގަނޑު ކޮންޓްރޯޯލް ކުރެވުމެވެ.

"އަލިފާނުގެ ސަބަބުން އިމާރާތްތަކަށް ލިބޭ ގެއްލުން ކުޑަކުރުމުގެ އިތުރަށް، އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ފުރާނަ އަށް ގެއްލުމެއް ނުލިބޭނެކަން ކަށަވަރު ކުރުމަށް ވެސް މި ވަސީލަތް އެހީތެރިވެދޭނެ،" އޭނާ ވިދާޅުވި އެވެ.

"ޑީއެސްޕީއޭ 5" ބޭނުންކޮށްގެން އަލިފާން ނިއްވާ ގޮތް އެމްއެންޑީއެފްގެ ފަޔަ ފައިޓަރުން މިއަދު ދައްކާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ޑީއެސްޕީއޭ 5" ބޭނުންކުރާ ގޮތް ވެސް މިއަދު ވަނީ ދައްކާލައިފަ އެވެ. އެ ގޮތުން، އެމްއެންޑީއެފްގެ ޓްރޭނިން ސެންޓަރުގައި ހުރި ކޮންޓޭނަރެއް ފާޑުގެ އެއްޗެއްގެ ތެރޭގައި ރޯކޮށްލުމަށް ފަހު، މި ވަސީލަތް އެކަނި ބޭނުންކޮށްގެން އެ އަލިފާންގަނޑު ވަނީ ނިއްވާލައިފަ އެވެ. އަތުބޮމެއް ކަހަލަ ގޮތަކަށް ހަދަންޖެހޭ މި ވަސީލަތުގެ ކޮޅުގައި އިންނަ ޕިނެއް ނައްޓާލުމަށް ފަހު، އަލިފާން ރޯވެފައިވާ ތަނުގެ ތެރެ އަށް ހޫރާލައި އެ ތަނުގެ ދޮރު ލެއްޕުމުން، އޭގެ ތެރޭގައި ހުންނަ ކެމިކަލް ބޭރުވާން ފަށަ އެވެ. ގާތްގަނޑަކަށް ފަސް މިނިޓް ކުރުމަށް ފަހު ދޮރު ހުޅުވާލި އިރު، އެ ތަނުގައި ކުރިން ހުރި ހުޅުގަނޑު އެއްކޮށްހެން ވަނީ ނިވިފަ އެެވެ.

"ޕްރޮޑަކްޓް އެކްޓިވޭޓް ވާ އިރުން ފެށިގެން އަލިފާން ނިއްވާލުމާ ދޭތެރޭ ހޭދަވާނީ ގާތްގަނޑަކަށް އެއް މިިނިޓް،" މި ވަސީލަތް ބޭނުންކުރާ ގޮތް ދައްކަމުން ދިޔަ އިރު ފްރާންސް ވިދާޅުވި އެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި "ޑީއެސްޕީއޭ 5" ޓެސްޓްކުރުމުގެ އިތުރަށް، މާލޭގައި މި ފަހުން ހިނގި އަލިފާނުގެ ހާދިސާއެއްގައި ސިފައިން ވަނީ އެ ވަސީލަތް އަމަލީ ގޮތުން ބޭނުންކޮށްފަ އެވެ. މި ވަސީލަތުގެ ސަބަބުން ހުޅުގަނޑު ކޮންޓްރޯލްކޮށް، އަލިފާންގަނޑު ނިއްވާލުމަށް އިތުރު ފަސޭހައަކަށް ވެގެން ދިޔަ ކަމަށް އެ ތަނުން ބުންޏެވެ.

0 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 82%
icon sad icon sad 14%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454