ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ (ކ) އާއި ހެރިޓެޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު (ވ) އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިލައިގެން-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު
09 ޑިސެމްބަރ 2021 - 12:53
ބީއެމްއެލްގެ އެހީތެރިކަމާއެކު، ނޭޝަނަލް ލައިބްރަރީ ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ނިންމައި ދެ ފަރާތުން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ނޭޝަނަލް ލައިބްރަރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ބޭންކުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ އެވެ. ލައިބްރަރީގެ ފަރާތުން ސޮއިކުރެއްވީ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ޗެއާޕާސަން ޔޫޝައު ސައީދާއި ބޭންކުގެ ބޯޑު މެމްބަރުން އަދި ލައިބްރަރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
ލައިބްރަރީން ހިދުމަތް ހޯދާ މީހުން ބޭނުންކުރާ ކޮމްޕިއުޓަ ސިސްޓަމްތައް އަޕްގްރޭޑްކޮށް، އެ ލައިބްރަރީ ޑިޖިޓަލް ކުރުމަށް ބޭނުންވާ ވީކްރެޑަލް ބުކް ސްކޭނާއެއް މި އެއްބަސްވުމުގެ ދަށުން ބީއެމްއެލުން ހަދިޔާ ކުރާނެ އެވެ. އަދި ޒަމާނީ ވަސީލަތްތަކާއެކު، އޯޑިއޯ ރެކޯޑް ކުރެވޭނެ ބޫތެއް ހަދައި އެ ލައިބްރަރީގެ ފޮތްތައް ރައްކާތެރިކުރުމަށް ޒަމާނީ ފެންވަރުގެ ސެކިއުރިޓީ ގޭޓެއް ވެސް ގާއިމު ކުރާނެ އެވެ.
މީގެ އިތުރުން ލައިބްރަރީގެ މެއިން ރީޑިން އޭރިއާ އާއި ޑިސްކަޝަން ރޫމާއި ސައިލެންޓް ރީޑިން އެންޑް ރިސާޗު ރޫމާއި މޭލާސް ސްޕޭސް ރޫމާި ނޭޝަނަލް ކަލެކްޝަން ރޫމު ވެސް އިތުރަށް ތަރައްގީ ކުރާނެ ކަމަށް ބީއެމްއެލުން ބުނެ އެވެ.
ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ މީޑިއާއާ ވާހަކަ ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ/މިހާރު
އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ، ބީއެމްއެލުން ޕްރޮޖެކްޓުތައް ހިންގާއިރު އެންމެ ބޮޑަށް ބަލަނީ ގިނަ ބަޔަކަށް އޭގެ ސަބަބުން މަންފާ ކުރާނެ ކަންކަމަށް ކަމަށެވެ. އެގޮތުން، ނޭޝަނަލް ލައިބްރަރީ ތަރައްގީ ކުރުމަކީ ގައުމުގެ ތާރީހު ފަހަށް ރައްކާކުރުމަށް މުހިންމު ކަމެއް ކަމަށާއި މީގެ ސަބަބުން ކުރިމަގުގެ ޖީލުތަކަށް ވެސް ފައިދާވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ލައިބްރަރީތަކަކީ އަޅުގަނޑުމެންގެ މުޖުތަމައުގެ މުހިންމު ބައެއް. އެހެންވެ، ގައުމީ ބޭންކުގެ ހައިސިއްޔަތުން މި ލައިބްރަރީ އަށް ބަދަލު ގެނެސް މިފަދަ ބޮޑު ތަރަައްގީގެ މަސައްކަތެއް ކޮށްދެވޭ ކަމީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް،" ޓިމް ވިދާޅުވި އެވެ.
ނޭޝަނަލް ލައިބްރަރީ ތަރައްގީ ކުރަނީ ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގާ ކަންކަމުގެ ތެރެއިންނެވެ. އެގޮތުން ފުރަތަމަ ޕްރޮޖެކްޓުގެ ގޮތުގައި ބޭންކުން ވަނީ ސްކޮލާޝިޕް ފަންޑެއް މިދިޔަ މަހު ތައާރަފު ކޮށްފަ އެވެ. މި ފަންޑުގެ ދަށުން ބޭންކިން އަދި ފައިނޭންސްގެ ދާއިރާ އިން ތިން ދަރިވަރަކަށް ސްކޮލާޝިޕް ދޭނެ އެވެ.
ބީއެމްއެލުން ބުނިގޮތުގައި، އަންނަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް އެ ބޭންކުން 12 ޕްރޮޖެކްޓެއް ހިންގަން ވަނީ ނިންމައިފަ އެވެ. އެއީ މުޅިން މުޖުތަމައަށް ފައިދާކުރާނެ ޕްރޮޖެކްޓްތައް ކަމަށް ބީއެމްއެލުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހިސާން2
09 December 2021
ތީ ވަރަށް ރަގަޅުކަމެއް. އަވަހަށް ޒަމާންކޮށް ތިތަން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ތިބެގެންވެސް ތި ތަނުގެ ބޭނުންކުރެވޭނެގޮތް ހަދާތީ ބޭންކް އޮފް މޯލްޑިވްސް އަށް ޝުކުރު އަދި ތާރިގްއަށްވެސް
ބައްޝާރުލް އަސަދު
09 December 2021
އިންސާނާ ތަރައްގީވަނީ ސިކުނޑިއަށް އަންނަ ކުރިއެރުމަކުން. އެކަމަކު ކޮވިޑުގާ ތަންތަންހުޅުވަމުންދިޔައިރުވެސް އެންމެފަހުން ހުޅުވިތަނަކީ ލައިބުރަރީ. އެކަމަކު ބޮޑުވަޒީރުވެސް ބުނާނެ ތަރައްގީކުރާންވީ ވިސްނުމޭ. ލައިބުރަރީ ބަންދުކޮށް ކޮން ތަރައްގީއަށް އަންނަނީ.