ބީއެމްއެލްއިން މާޗަންޓް ފީ ކުޑަކުރުމުގެ އިތުރުން މިއަދު ވަނީ އެ ހިދުމަތް ބޭނުންކުރާ ދިވެހި ވިޔަފާރިތަކަށް އާ ފައިނޭންސް ފެސިލިޓީއެއް ވެސް ތައާރަފްކޮށްފައި
ބީއެމްއެލްގެ ކާޑު މެޝިނަކުން އެ ބޭންކުގެ އެޕްގެ ސްކޭން-ޓު-ޕޭ ހިދުމަތުން ފައިސާ ދައްކަނީ: ބީއެމްއެލް އިން ވަނީ އެ ބޭންކުންގެ ޑެބިޓް ކާޑުން އެ ބޭންކުގެ ކާޑު މެޝިން ބޭނުންކޮށްގެން ހަދާ ޓްރާންސެކްޝަންތަކުގެ ފީ 2.5 ޕަސެންޓުން އެއް ޕަސެންޓަށް ކުޑަކޮށްފައި.
10 ނޮވެމްބަރ 2025 - 11:18
ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑުން އެ ބޭންކުގެ ކާޑު މެޝިން ބޭނުންކޮށްގެން ކުރާ ވިޔަފާރިތަކަށް މީގެ ފަހުން މާޗަންޓް ފީގެ ގޮތުގައި ނަގާނީ 1 ޕަސެންޓް ކަމަށް އެ ބޭންކުން ބުނެފި އެވެ.
ބީއެމްއެލް އިން ބުނީ މާޗަންޓް ޑިސްކައުންޓް ރޭޓް (އެމްޑީއާރް)، އެ ބޭންކުން 2000 ވަނަ އަހަރު ޑެބިޓް ކާޑު ތައާރަފްކުރީންސުރެ 2.5 ޕަސެންޓުގައި ދެމެހެއްޓުމަށް ފަހު 1 ޕަސެންޓަށް ހެދީ ބޭންކުގެ 43 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކަމަށެވެ.
އެމްޑީއާރު ނުވަތަ މާޗަންޓް ޑިސްކައުންޓް ރޭޓަކީ، ބީއެމްއެލްގެ ކާޑު މެޝިންތަކުގައި ކާޑު މެދުވެރިކޮށް ފައިސާ ބަލައިގަތުމަށްޓަކައި ބޭންކުން ވިޔަފާރިވެރިންގެ އަތުން ނަގާ ކޮމިޝަނެވެ. ކާޑުން ފައިސާ ބަލައިގަތުމަށް ބައެއް ވިޔަފާރިތަކުން ބޭނުން ނުވާ އެއް ސަބަބަކަށް ވެފައި އޮންނަނީ މި ފީ ބޮޑުވުމެވެ.
މި ފީ ކުޑަކުރުމުން، "ބީއެމްއެލްގެ ޕޭމަންޓް ހިދުމަތްތައް ބޭނުންކުރާ 7,000 އަށް ވުރެ ގިނަ ވިޔަފާރިވެރިންނަށް މިކަމުގެ ސީދާ ފައިދާކުރާނެ" ކަމަށް އެ ބޭންކުން ބުންޏެވެ.
"ބޭންކުގެ ކާމިޔާބީ އާއި ބޭންކުގެ ވިޔަފާރި ކަސްޓަމަރުންގެ ކާމިޔާބީއާ ބޮޑު ގުޅުމެއް އޮވޭ. އެހެންކަމުން އަހަރީ ދުވަހާ ދިމާކޮށް މުޅި ރާއްޖޭގެ ވިޔަފާރިތަކަށް ހަރަދުތައް ކުޑަކޮށް، ފައިނޭންސަށް ފަސޭހައިން ވާސިލުވުމަށް މަގުފަހިކޮށްދިނުމަށް މި އެޅުނު ފިޔަވަޅާ މެދު އަޅުގަނޑުމެން ވަރަށް ބޮޑަށް ފަހުރުވެރިވަން. މާޗަންޓް ފީ 1 ޕަސެންޓަށް ކުޑަކުރުމަކީ ބޮޑު ބަދަލެއް. މި ބަދަލުގެ ސަބަބުން އެތައް ހާސް ވިޔަފާރިއަކަށް ބޮޑު ފައިދާއެއް ކުރާނެކަމަށް އަޅުގަނޑުމެން ގަބޫލުކުރަން،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާ ހަވާލާދީ އެ ބޭންކުން ބަޔާނެއްގައި ބުންޏެވެ.
އެމްޑީއާރު ކުޑަކުރުމުގެ އިތުރުން، ބީއެމްއެލް އިން ވަނީ ބޭންކުގެ ވިޔަފާރި ކަސްޓަމަރުންނަށް މާލީ ގޮތުން އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމަށް އާ އެޑްވާންސް މާޗަންޓް ސެޓްލްމަންޓް ފެސިލިޓީއެއް ވެސް މިއަދު ތައާރަފްކޮށްފަ އެވެ.
ރަހުނަކާ ނުލައި ދޫކުރާ މި އެޑްވާންސް ސެޓްލްމަންޓް ފެސިލިޓީގެ ދަށުން، ވިޔަފާރިތަކަށް އެ ވިޔަފާރިއަކުން ފާއިތުވި ހަ މަސް ދުވަހު ބީއެމްއެލް ކާޑު މެޝިނުން ވިޔަފާރިކޮށްފައިވާ މިންވަރަށް ބަލައި، ދެ މިލިއަން ރުފިޔާއާ ހަމައަށް އަވަސް ގޮތެއްގައި ފައިސާ ހަމަޖެހޭނެ އެވެ. މި ފައިސާ އަނބުރާ ދައްކަން ޖެހޭ މުއްދަތު ކަނޑައަޅާނީ އެ ވިޔަފާރިއަކަށް ކޮންމެ ދުވަހެއްގެ މައްޗަށް ލިބޭ އާމްދަނީއަށް ބަލައި ފަސޭހަ އުސޫލަކުން ކަނޑާލެވޭ ގޮތަށް ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބޭންކުން ވަނީ ޑެބިޓް ކާޑުން ރާއްޖޭން ބޭރުގައި ފައިސާދެއްކުމަށް ކަނޑައަޅާފައިވާ ލިމިޓް ވެސް އިތުރުކޮށްފަ އެވެ. ކާޑު މެޝިނުން ކުރާ މުއާމަލާތްތަކަށް މަހަކު 1,000 ޑޮލަރަށް ލިމިޓް އިތުކުރަން ނިންމާފައި ވާއިރު މި ބަދަލަށް މި މަހުގެ 11 އިން ފެށިގެން އަމަލުކުރަން ފަށާނެ އެވެ. އަދި ބޭސްފަރުވާގެ ބޭނުމަށާއި ދަތުރުފަތުރުގެ ބޭނުމަށް ބޭރުގައި ހަރަދުކުރެވޭ މިންވަރު ވެސް ވަނީ މަހަކު 3,000 ޑޮލަރަށް އިތުރުކޮށްފަ އެވެ.
"ކަސްޓަމަރުންނަށް އިތުރު އެއްވެސް އެޕްލިކޭޝަނަކާ ނުލައި މި އާ ލިމިޓްތައް ވަގުތުން ބޭނުންކުރަން ފެށޭނެ" ކަމަށް ބޭންކުން ބުންޏެވެ.
އެ ބޭންކުން ބުނި ގޮތުގައި ބޭންކުގެ ހިދުމަތް ހޯދާ ފަރުދުންނާއި ވިޔަފާރިތަކަށް ވެސް އަމާޒުކޮށްފައިވާ މި ފިޔަވަޅުތަކުން ދައްކުވައިދެނީ، ގައުމީ ހިދުމަތުގައި 43 އަހަރު ހޭދަކޮށްފައިވާ ބީއެމްއެލް އަކީ ހުރިހާ ދާއިރާއެއްގެ ދިވެހިންނަށް ވެސް އެހީތެރިވެ، ރާއްޖޭގެ ވިޔަފާރިތައް ހަރުދަނާކުރުމަށް ބޮޑު އިސްކަމެއް ދޭ ތަނެއް ކަމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޭންކް އޮފް %30
12 November 2025
ދެން އޮންލައިން ޕޭމަންޓްސް އަށް ނަގާ %30 "ކުރިން ބުނި އެތި ކެންސަލް" އޭ ކިޔާފަ އެއްކޮށް ކަނޑާލަ ދީބަ. ކިހާދެރަކަމެއްތަ ބޭންކް އޮފް 30 ޕަސަންޓް.
ކާޑޫ
10 November 2025
ކްރެޑިޓް ކާޑުން ނަގާ ބައިވެސް ދައްކުރާނަމަ.
ކޭސްލެސް
10 November 2025
މިހާރު ކުރިއަރަމުން މިއަންނަ އީ ކޮމާރސް އާއި އޮންލައިން ވިޔާފާރި އާއި ކޭސްލެސް ޓްރާންސެކްޝަން ތަކަށް ލިބިގެން ދިޔަ ކުރިއެރުމެއް ކަމަށް ގަބޫލްކުރެވޭ، އެއީ ފައިސާ ބަންޑެލި ޖަހައިގެން ވިޔަފާރި ކުރާ މީހުން އަދިވެސް އުޅޭ، މިހެން ވަނީ ވިޔަފާރިތަކުން ކާޑު ގަބޫލު ނުކުރާތީ.... %1 ށް ދައްކުރުމަކީ އެކަށޭނަ ކުރިއެރުމެއް ކަމަށް ދެކެން..
ށޭޓު
10 November 2025
ހަމައެކަނި ބީ.އެމް.އެލް ޑެބިޓު ކާޑުތައް މިނޫން ކާޑުތަކައް ހަމަ ކުރިންވެސް އޮތް ގޮތްދޯ
ސާފު ފައިދާ
10 November 2025
މި ނިންމުމުގެ ސަބަބުން ވިޔަފާރިތަކަށް %1.5 ގެ ކުރިއެރުމެއް ލިބޭނެ، ދިވެހި ވިޔަފާރިން ކުރިއެރުވުމަށް ޓަކައި އަދި ކިރިޔާ ބޭންކުން ދިވެހިންނަށް މާލީގޮތުން ފައިދާ ކުރާނެ ކަންތައްތަކެއް މި ކުރަނީ. ބޭންކުން ނިންމި ނިންމުމަށް ޝުކުރު
ހެޔޮވިސްނުުން
10 November 2025
މި ބަދަލުގެ ސަބަބުން ތަކެތީގެ އަގުގެ %1.5 ކުޑަވެގެން ދާނޭ ކަމަށް އުންމީދުކުރަން، އެއީ ވިޔަފާރިވެރިން އަގު ޖަހާފައި ހުންނާނީ ހުރިހާ ކޯސްޓެއް ކަސްޓަމަރުން ބެއާ ކުރާގޮތަށް ކަމަށް ގަބޫލު ކުރަނީ..
އުއްޗު
10 November 2025
ފާއިތުވި 40 އަހަރު %2.5 ޗާރޖުކުރަމުންދިޔަ ދިއުން %1 އަށް ކުޑަކުރުމަކީ ބޭންކުން ނިންމި ފުރިހަމަ ނިންމުމެއް، ދިވެއްސަކަށް ބީއެމްއެލްގެ ސީއީއޯ ކަން ލިބިގެން މި ހުރިހާ ބަދަލެއް މިއަންނަނީ.. މިކަމުގައި ޝާމިލްވާ އެންމެހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ
ހިމާން
10 November 2025
މިހާރު ވެސް ވިޔަފާރި ވެރިން އަގު ހަދާފައި ހުންނަނީ މާޝަންޓް ފީ އަށް އަރާވަރު ވެސް އަގުގެ ތެރެއަށް ވައްދައިގެން. ތިޔަ ބަދަލުން އެއްޗެހި ގަންނަ ފަރާތްތަކަށް ވާނެ އެއްވެސް ފައިދާއެއް ނެތް. ވިޔަފާރި ވެރިންނަށް އިތުރު ފައިދާއެއް ވާނެ.
ޫއުއްޗު
10 November 2025
ނިހުންނަނީ ސަޅި ކަން ކަން، ކުރިން ގިނަ މީހުން ކާޑުން ފައިސާ ބަލައިގަތުމަށް އިންކާރު ކުރަނީ ބޭންކަށް ބޮޑު %. އެއް ޗާޖު ކުރާތީ. ފުރިހަމަ ނިންމުމެއް
އަލިބެ...
10 November 2025
އެއްވެސް ކަމަކާނުލާ ބޭންކަށްލާރި ޖަމާކުރުމުން އެއްޕަސަންޓްވިޔަސް ފީ ނަގާކަށް ނުޖެހޭ. ފައިސާ ޖަމާކުރުމުން ފައިދާ ވާނީ ބޭންކަށް. އެއީ ހިލޭ ދޭންޖެހޭ ޚިދުމަތެއް. ނުވަތަ ކަމިޝަނެއް ބޭންކުން ވިޔަފާރިތަކަށް ދޭންޖެހޭކަމެއް.
މުރީދުބެ
10 November 2025
ކޮއްކޮއަށް ބޭންކްތައް މަސައްކަތް ކުރާގޮތާއި އަދި އޮޕްރޭޓްކުރާ ގޮތް އެއްގޮތަކަށްވެސް ނޭނގޭކަމަށް ލަފާކުރެވޭ.