އެމްޕީއެލް
09 ޑިސެމްބަރ 2021 - 14:51
އެމްޕީއެލް އިން ބޯޓުތަކުން ނަގާ ޕައިލަޓޭޖް ފީ ކުޑަކޮށްފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މި ބަދަލުތަކާ އެކު، އާންމުކޮށް މާލެ ވިޔަފާރި ބަނދަރަށް އަންނަ ބޯޓު ފަހަރާއި ޕެސެންޖާ ލައިންތަކުގެ ޕައިލަޓޭޖް ފީތައް 50 ޕަސެންޓަށް ކުޑަވާނެ ކަމަށެވެ. އަދި ބޮޑެތި ބޯޓު ފަހަރުން ނަގާ ޕައިލަޓޭޖްތަކުގެ ފީ 20 ޕަސެންޓަށް ކުޑަކޮށްފައިވާ ކަމަށެވެ.
ޝާހިދު ވިދާޅުވީ، މިހާރު މިގެންނަ ބަދަލުތަކަކީ ލަންކާއަށް ވުރެ އަގު ހެޔޮކޮށް، މޮރިޝަސް ފަދަ ގައުމުތަކުން ނަގާ ވަރާ ގާތްގަނޑަކަށް އެއް އަގުތަކެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ދާއިރާގެ ބޭފުޅުންނާ މަޝްވަރާކޮށްގެން އެ ބޭފުޅުންގެ އެދުމުގެ މަތިން ގެނައި ބަދަލެކެވެ.
މި ބަދަލުތަކަށް އަމަލުކުރަން ފަށާނީ މިމަހުގެ 15 އިން ފެށިގެންނެވެ. ޕައިލަޓޭޖް ފީ އަށް އެންމެ ފަހުން ބަދަލު ގެނައީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އޭގެ ކުރިން ދިޔަ 13 އަހަރުގައި ވެސް މި ފީއަށް ބަދަލެއް ނުގެނެ އެވެ.
"ކުރިން އެމްޕީއެލްއިން ޕައިލަޓޭޖް ހިދުމަތް ފޯރުކޮށްދެމުން ދިޔައީ މާލެ އާއި ހުޅުމާލެއާ ދޭތެރޭ އޮންނަ ކަނޑުއޮޅިން. އެހެން ނަމަވެސް ބްރިޖް އެޅުމާ ގުޅިގެން އެތަން ބަންދު ކުރުމާ ގުޅިގެން މިހާރު ޕައިލަޓޭޖް ހިދުމަތް ފޯރުކޮށްދެމުން ދާ ޕޮއިންޓަކީ ބޮޑު ކަޅި،" އޭނާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ، މިއީ ވަރަށް ދުރު ކަމަށް ވާތީ ޕައިލަޓޭޖް ހިދުމަތް ދިނުމުގައި ވެސް ހަރަދުތައް އިތުރުވި ކަމަށެވެ. އަގުތަކަށް ބަދަލު ގެނެސްފައިވަނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޕީއެލް އިން ޕައިލަޓޭޖް ފީތަކަށް ބަދަލު ގެނެސްފައިވަނީ ސަރަހައްދުގެ އެހެން ގައުމުތަކުގެ ޕައިލަޓޭޖް ފީތަކަށް ބަލައިގެން، އެ އަގުތަކާ އަޅާބަލާއިރު މާ ބޮޑު ބަދަލުތަކެއް ނާންނަ ގޮތަށް ކަމަށް ބުންޏެވެ.
ޕައިލަޓޭޖް ފީތަކުގެ އިތުރަށް އެމްޕީއެލް އިން ޓަގު ކުއްޔަށް ދޭ އަގު ވެސް ވަނީ ކުޑަކޮށްފަ އެވެ. ޓަގުގެ އަގުތަކަށް 30 ޕަސެންޓާއި 50 ޕަސެންޓާ ދެމެދުގެ ބަދަލެއް ގެނެސްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަކުންޖު
10 December 2021
ޕައިލަޓޭޖް ފީ އޭ ބުނީމަ ހުރިހާ އެންމެންނަކަށް ނޭގޭނެ އެއީ ކޯޗެއްކަން އެހެންވީމަ ބްރެކެޓެއްގައި އެތަފުސީލު ލިޔާނަމަވެސް ނޫހުގެ ޓާގެޓް އޯޑިއަންސްގެ އެންމެ އާދައިގެ މީހާއަށްވެސް ވާނުވާއެގޭނެ.
އޮނަރަބްލް އަފީފު ދީދީ
10 December 2021
މާލޭމީހާ ގެންނަ މުދާ ކޮންޓޭނާ އިތުރު ޗާރޖަކާއި ނުލާ އެމްޕީއެލްގެ އުޅަނދު ތަކުގައި ހުޅުމާލޭ ޕޯޓުން ކްލިއަރ ކުރެވޭގޮތަށް އެރަށަށް އުފުލާދޭ. # އެކަމަކު އައްޑޫމީހާ ގެންނަ ކޮންޓެއިނާ އަގުނަގައިގެންވެސް އައްޑޫ ޕޯޓަށް އުފުލާދޭނެ އިންތިޒާމް ތަކެއް ޕޯޓް ލިމިޓެޑުން ހަމަޖައްސާދީފައި ނެތް. އަދި އެފަދަ ހިދުމަތްދޭ އައްޑޫގެ ކާރގޯ ލޮޖިސްޓިކް ޕާޓީތަކަށް އެހީތެރިވުމުގެ ބަދަލުގައި އެތައް އުދަގޫތަކެއް ކުރިމަތި ކުރުވާ.
އޮނަރަބްލް އަފީފު ދީދީ
09 December 2021
ދައުލަތުގެ މުޅި ޙަޒާނާ ހޭދަކޮށް ހަދާ ހިދުމަތް ފުރިހަމަކޮށްފައިވާ ކ.އަތޮޅު މާލޭ ބަނދަރުން ނަގާ އަގު އައްޑޫސިޓީ އާއި ކުޅުދުއްފުށި ބަނދަރުން ނެގުމަކީ އިންސާފެއްނޫން. # ބޭރުން އައްޑުއަށް ގެންނަ މުދާ ކޮންޓެއިނާރ މާލޭ ހާބަރަށް ބާލާ ކޮންޓެއިނަރ ބޮޑު އަގުދީފައި ލެންޑިންގ ކްރާފްޓެއް ނުވަތަ ދޯންޏެއްގައި އައްޑުއަށް ގެނެސް ކްލިއަރ ކުރާއިރު ކ.އަތޮޅު މާލެ އާއި އައްޑޫ ޕޯޓަށް (ޑަބަލް ކޮށް) ހެންޑްލިނގް ޗާރޖެސް އެމްޕީއެލް އަށް ދައްކާންވެސް ޖެހޭ.