ރާއްޖެއިން ބޭރުން އަންނަ ކާގޯ ބޯޓްފަހަރު 24 ގަޑިއިރު ބަނދަރުތަކުގެ ޕޯޓް ލިމިޓް އޭރިއާ ވަދެވޭ ގޮތަށް 38 އަހަރުފަހުން ސަރުކާރުން ހަމަޖައްސައިފި އެވެ.
މެންދަމު 12:00 އާއި ހެނދުނު 6:00 އާ ދެމެދު ރާއްޖެއިން ބޭރުން އަންނަ ކަނޑު ބޯޓުތައް ރާއްޖޭގެ ކަނޑުގެ ބަނދަރުތަކަށް ނުވައްދައި، ހެނދުނު 6 އާ ހަމައަށް މަޑުކުރަންޖެހޭ ގޮތަށް ހަމަޖެއްސީ ނޮވެމްބަރު، 1988 ގައި ޓެރަރިސްޓުންގެ ބަޔަކު ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެންނެވެ.
ދިވެހިންގެ ބަޔަކާއި ސްރީލަންކާގެ ތަމަޅަ ޓެރަރިސްޓް ޖަމާއަތެއްގެ ބަޔަކު ގުޅިގެން ދިން އެ ހަމަލާއަށްފަހު ސަލާމަތީ ސަބަބުތަކަށްޓަކައި މިހާތަނަށް އަމަލުކުރަމުން އައީ އެ އުސޫލަށެވެ. އެއީ އެ ހަމަލާގައި ޓެރަރިސްޓުން ރާއްޖެ އައީ ވެސް މެންދަމުގެ ވަގުތެއްގައި ކަނޑުމަގުން ކަމަށްވާތީ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ 38 އަހަރުފަހުން އެ އުސޫލު ބަދަލުކޮށް، މާދަމާއިން ފެށިގެން 24 ގަޑިއިރު ބޯޓުތަކަށް ބަނދަރަށް ވަދެވޭ ގޮތަށް ބަދަލުކުރަނީ ރާއްޖެއަށް އަންނަ ކަނޑު އުޅަނދުތައް ގިނަވަމުންދާތީ ކަމަށެވެ.
"...ރާއްޖެއަށް އަންނަ އުޅަނދުތައް ގިނަވަމުންދާތީ، ގައުމުގެ އިގްތިސާދަށް ފައިދާވާނެހެން ކޮންމެ ވަގުތެއްގައިވެސް ބަނދަރަށް ވަދެވޭނެ އިންތިޒާމުތައް ގާއިމުކުރުމަށް ސަރުކާރުން މިހާރު ވަނީ ކަނޑައަޅުއްވާފައެވެ،" އެ ބަޔާނުގައިވެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އާ ބަދަލާއެކު އުޅަނދުފަހަރުގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ ކޯޑުގެ މިންގަނޑުތަކާ އެއްގޮތަށް ދޭންޖެހޭ ހުއްދަތަކާއި ޕައިލޮޓޭޖްގެ ހިދުމަތްތައް މެދުނުކެނޑި ލިބޭނެ ކަމަށެވެ.
ކުރިން ހެނދުނު 6 އާ ހަމައަށް ބޭރުގައި މަޑުކުރަންޖެހުމުން ކުރިން ހިނގާ އިތުރު ހަރަދުތައް ސަލާމަތްވެ، ވަގުތު ސަލާމަތްކުރަން އެކަމުގެ ސަބަބުން ބޮޑު ލުޔެއް ލިބޭނެ ކަމަށް ވެސް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.
"މި ނިންމުމަކީ މާލޭ ކޮމާޝަލް ޕޯޓަކީ ބައިނަލްއަގުވާމީ ފެންވަރުގެ އިތުބާރު ހުރި ތަނަކަށް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އަދި މިއީ ރާއްޖޭގެ ކަނޑުގެ ދަތުރުފަތުރުގެ ދާއިރާ ތަރައްގީވެ، ރާއްޖެ އަންނަ އުޅަނދުފަހަރުގެ އަދަދު އިތުރުވުމަށް މަގުފަހިވެގެންދާނެ ކަމެކެވެ،" އެ ބަޔާނުގައިވެ އެވެ.
އެ ބަދަލާ ބެހޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖެއަށް އަންނަ އާގު ބޯޓުފަހަރަށް މާދަމާއިން ފެށިގެން 24 ގަޑިއިރު ޕޯޓް އޭރިޔާއަށް ވަދެވޭގޮތަށް ހުޅުވާލަން ނިންމުމަކީ އިގުތިސާދީ ގޮތުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
އެ ނިންމުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ދަށުން ގެނައި ހެޔޮ ބަދަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާލޭ ވިޔަފާރި ބަނދަރުން އާގުބޯޓު ފަހަރަށް 24 ގަޑިއިރު ހިދުމަތް ނުދޭތީ ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމަށް ވިޔަފާވެރިންނާ އެކު ރައީސް މުއިއްޒު ބޭއްވެވި ބައްދަލުވުމުގައި ބައެއް ވިޔަފާރިން ބުނެފައިވެ އެވެ.