މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއު ފަށަން ތައްޔާރުވަމުންދާތީ، ތިލަފުށީ ފަޅުގައި އަޅާފައިވާ އުޅަނދުތައް ނަގަން އެޗްޑީސީން މިއަދު އަންގައިފި އެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ވަނީ ތިލަފުށީގެ މެދަށްވާ ގޮތަށް އޮންނަ ފަޅުގެ ބޮޑު ބައެއް ފާހަގަކޮށް، އެ ތަނުގައި އަޅާފައިވާ އަދި ދޫކޮށްލާފައިވާ އުޅަނދުތަކާއި އެ ސަރަހައްދަށް އަޑިޔަށް ގޮސްފައިވާ އުޅަނދުތައް ހަތް ދުވަސް ތެރޭގައި ނަގަން އަންގައިފަ އެވެ.
އެ މުއްދަތުގައި ނުނަގާ އުޅަނދުތަކާ މެދު އެފަދަ ހާލަތްތަކުގައި އަމަލުކުރަން ޖެހޭ ގޮތް ބަޔާންކޮށްފައިވާ އުސޫލުގެ ދަށުން އެޗްޑީސީން އަމަލުކުރާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.
މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށްގެންދާ މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ކަނޑުދަތުރުފަތުރާއި ލޮޖިސްޓިކްސް ދާއިރާގެ ކުރިއެރުމާ އެއްވަރަށް ބަނދަރުގެ ވަސީލަތްތައް ފުޅާކޮށް، މުދާ އުފުލައި ބޭލުމުގެ ނިޒާމު އަވަސްކުރުން ކަމަށް އެމްޕީއެލް އިން ބުނެފައިވެ އެވެ.
މި މަޝްރޫއު ނޮވެމްބަރު 11، 2027 ގެ ނިޔަލަށް ނިންމުމަށް ވަނީ އަމާޒު ހިފައިފަ އެވެ.
މި މަޝްރޫއުގެ ބައެއް މަސައްކަތްތައް މިދިޔަ މަހުގެ 1 ގައި އެމްޓީސީސީއާ ވެސް ވަނީ ހަވާލުކޮށްފަ އެވެ. އެއީ 100 މީޓަރުގެ ޑޮމެސްޓިކް ކީ-ވޯލްއަކާއި، ތިން ހެކްޓަރުގެ ސަރަހައްދެއް ޕޭވްކުރުމުގެ މަސައްކަތެވެ.
މުޅި މަޝްރޫއު އެއްކޮށް ނިމޭއިރު ތިލަފުށީ ބަނދަރުގައި 1,000 މީޓަރަށްވުރެ ދިގު ބައިނަލްއަގުވާމީ ކީ-ވޯލްއެއްގެ އިތުރުން، މާލޭގެ ނޯތު ހާބަރާއި ސައުތު ވެސްޓް ހާބަރު ބޭނުންކުރާ އުޅަނދުތަކަށް ހާއްސަކޮށް 2,000 މީޓަރަށްވުރެ ދިގު ކީ-ވޯލް ހިމެނޭ ޑޮމެސްޓިކް ޓާމިނަލެއް އޮންނާނެ އެވެ.
އެ ތަނުގައި އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ކީ-ވޯލް ތަރައްގީކުރުމުގެ މަސައްކަތް ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ވަނީ ހަވާލުކޮށްފަ އެވެ.
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު، ތިލަފުއްޓަށް ބަދަލު ކުރާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ފެބްރުއަރީ މަހު ރައްޔިތުންގެ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުގައި އިއުލާން ކުރައްވައިފަ އެވެ.
ވިޔަފާރި ބަނދަރު، ތިލަފުއްޓަށް ބަދަލު ކުރުމުގެ މަޝްވަރާތައް މީގެ ހަތް އަހަރު ކުރިން ވެސް ކުރި އެވެ. އެގޮތުން ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލު ކުރުމަށް ހުރިހާ ސަރުކާރަކުން ވެސް ވިސްނުން ގެންގުޅުނު ނަމަވެސް މިހާތަނަށް އެކަން ކާމިޔާބުވެފައެއް ނުވެ އެވެ.