މާލޭ ވިޔަފާރިބަނދަރު ތިލަފުށްޓަށް ބަދަލުކުރަން ހިންގާ މަޝްރޫއުގައި އެ ބަނދަރުގެ ބައެއް ހިދުމަތްތައް ތިލަފުށްޓަށް ބަދަލުކުރަން މިއަދު ފަށައިފި އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މާލޭ ވިޔަފާރިބަނދަރުގެ އޮޕަރޭޝަންތައް ތިލަފުށްޓަށް ބަދަލުކުރަން ފެށުމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި، ނުކަނޑާ ހުންނަ ކޮންޓެއިނާތައް ތިލަފުށީ ކާގޯ ޓާމިނަލް (ޓީސީޓީ) އިން މިއަދު ދޫކުރަން ފަށާފައިވާ ކަމަށެވެ. އެ ޓާމިނަލުން ދޭ ހިދުމަތްތައް ފުޅާކޮށް، ކޮންޓެއިނާތައް ކަނޑައިގެން މުދާ ނެރުމުގެ މަސައްކަތް ކައިރި މުސްތަގުބަލެއްގައި ފަށާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މާލޭ ވިޔަފާރި ބަނދަރުގެ ހުރިހާ ހިދުމަތެއް ތިލަފުށްޓަށް ބަދަލުކުރުން އަންނަ އަހަރުގެ ނޮވެންބަރު 11 އަށް ނިންމަން ވަނީ އަމާޒު ހިފައިފަ އެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ޗައިނާގެ، ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އާ ހަވާލުކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ.
އެ މަސައްކަތް ސީއެޗްއީސީއާ ހަވާލުކުރަން އެމްޕީއެލްގައި އޭރު ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީނިއާ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރު މުހައްމަދު އައިމަން ހުށަހެޅުއްވި ޕްޒެންޓޭޝަނެއްގައިވާ ގޮތުން "ލޯކަލް ހާބާ ރިލީފް ޕްރޮޖެކްޓް"ގެ ނަމުގައި އެމްޕީއެލް އިން ކުރިއަށް ގެންދާ އެ ޕްރޮޖެކްޓްގެ މައިގަނޑު މަގުސަދަކީ މާލޭގެ ވިޔަފާރި ބަނދަރުގައި އޮތް ތޮއްޖެހުން ކުޑަކުރުމެވެ. އެއާ އެކު، ވިޔަފާރިތަކަށް މިހާރަށް ވުރެ ލުއި ގޮތްތައް ހޯދައިދީ، ބަނދަރުން ދޭ ހިދުމަތްތައް އަވަސްކުރުމަކީ ވެސް އެ ޕްރޮޖެކްޓުގެ މަގްސަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އައިމަން ވިދާޅުވި ގޮތުގައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ޕްރޮޖެކްޓް ހިންގާނީ އެމްޕީއެލްއަށް ތިލަފުށިން ހޯދާފައިވާ 20 ހެކްޓަރުގެ ބިމެއްގަ އެވެ.
ސީއެޗްއީސީއާ ހަވާލުކުރީ 125 މީޓަރުގެ މަގަތުފާލަމަކާއި އަތޮޅުތަކަށް މުދާ އުފުލާ ބޯޓްފަހަރު ގާތްކުރާނެ ސަރަހައްދަކާއި ކޮންޓެއިނަރުތައް ބަހައްޓާނެ ޖާގައާ އެކު ތަަރައްގީކުރާ ސަރަހައްދެއްގެ މަސައްކަތެވެ. ބަނދަރުގައި ހަރުކުރާ ކްރޭން ބެހެއްޓުުން ވެސް އެ ޕްރޮޖެކްޓްގައި ހިމެނޭނެ އެވެ.
އޭނާ ވިދާޅުވީ ޗައިނާގެ ކުންފުންޏާ މިއަދު ހަވާލުކުރީ އެ މަސައްކަތަށް ބޭނުންވާ ސާވޭ އާއި ޑިޒައިން ކުރުމުގެ މަސައްކަތް ކަމަށެވެ.
"ލޯކަލް ހާބާ ރިލީފް ޕްރޮޖެކްޓޭ މި ދަންނަވަނީ، މި އިންޓަނޭަޝަނަލް ކީގެ އިތުރަށް މިހާރު މާލޭގެ ނޯތު ހާބަރު، ސައުތު ވެސްޓް ޖެޓީގައި ބަނދަރުކޮށް މުދާ އަރުވާ ބާލަން ބޭނުންކުރާ ހުރިހާ ބޯޓުފަހަރުތައް މުދާ ނެގުމަށް ޓަކައި އަޅުގަނޑުމެން މި ޑޮމެސްޓިކް ހާބާ، 650 މީޓަރުގެ ކީގެ ސަރަހައްދެއް މިތާނގައި އެބަ ޑިވެލޮޕްކުރަން،" ތިލަފުށީގައި ތަރައްގީކުރާ ބަނދަރުގެ ތަފްސީލު ދެއްވަމުން އައިމަން ވިދާޅުވި އެވެ.
ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމުގެ މަސައްކަތް މުޅިން ނިމޭއިރު އެ ތަނުގައި ބޮންޑެޑް ވެއާހައުސްއެެއް ވެސް ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އައިމަން ވިދާޅުވި ގޮތުގައި ތިލަފުށީގައި ތަރައްގީކުރާ ބަނދަރުގެ ފުރަތަމަ ފޭސް ނިމުމުން، އާގުބޯޓެއް ހުސްކުރަން ހޭދަވާނީ 48 ގަޑި އިރެވެ. ބޯޓެއް ހުސްކުރަން މިހާރު ފަސް ދުވަސް ނުވަތަ ހަ ދުވަސް ހޭދަވެ އެވެ.