އެމެރިކާގެ ސްޓޭޓަތަކަށް އެރި ބާރުގަދަ ނަގޫރޯޅިން ހަލާކުވެފައިވާ ގެއެއް
12 ޑިސެމްބަރ 2021 - 12:06
އެމެރިކާގެ މެދުތެރެ އާއި ދެކުނުގެ ބައެއް ސްޓޭޓްތަކަށް ބާރުގަދަ ނަގޫރޯޅިތަކެއް އަރައި، މަދުވެގެން 100 މީހަކު މަރުވެ، އިތުރު އެތައް ބަޔަކު ޒަހަމްވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
ކެންޓަކީގެ ގަވަރުނަރު ވިދާޅުވި ގޮތުގައި އެ ސްޓޭޓަށް ނަގޫރޯޅި އެރުމުގެ ސަބަބުން، މަދުވެގެން 70 މީހަކު މަރުވި އެވެ. މިއީ އެ ސްޓޭޓްގެ ތާރީޚުގައި ވެސް އެރި އެންމެ ބާރުގަދަ ނަގޫރޯޅި ކަމަށް އޭނާ ވިދާޅުވި އެވެ.
ކެންޓަކީ އަށް ނަގޫރޯޅި އެރުމުގެ ތެރޭގައި، އެ ސްޓޭޓްގައި ހުރި އުށްބައްތި ހަދާ ކާރުހާނާއެއް އެކުގައި ހަލާކުވި އެވެ. ނަގޫރޯޅި އެރި ވަގުތު އެ ކާރުހާނާގައި ގިނަ އަދަދެއްގެ ބަޔަކު ތިބީ މަސައްކަތް ކުރާށެވެ. ކާރުހާނާ އެކުގައި ބިމާ ހަމަވެ، ކާރުހާނާގެ ބައިތައް ވަޔާއެކު ޖައްވުގެ ތެރެއަށް އަރައިގެން ދިޔައިރު، ގިނަ ބަޔަކަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ.
އޭގެ އިތުރުން ހުޅަނގު އިލިނޮއިސްގައި ހުރި އެމޭޒަން ކުންފުނީގެ ބޮޑު ގުދަނެއްގެ އިތުރުން އާކެންސަސްގައި ހުރި މުސްކުޅިން ބަލަހައްޓާ ގެއެއްވެސް ބިމާ ހަމަވި އެވެ. މިއިން ކޮންމެ ތަނަކުން ވެސް އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކަށް ބޮޑެތި ޒަހަމްތަކެއް ލިބުނެވެ.
މިދިޔަ ހުކުރު ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރި ވިއްސާރައިގައި ހަ ސްޓޭޓަކަށް 30 އަށް ވުރެ ގިނަ ނަގޫރޯޅި އެރިކަމަށް ނޫސްތަކުން ބުނެ އެވެ. އޭގެ ތެރޭގައި މިސޫރީ އާއި ޓެނެސީ އާއި މިސިސިއްޕީ ހިމެނެ އެވެ. އޭގެ ތެރެއިން ވަރަށް ބާރުގަދަ ނަގޫރޯޅިއެއް، އާކަންސަސް ސްޓޭޓުން ފެށިގެން ކެންޓަކީއާ ހަމައަށް، 250 ކިލޯމީޓަރުގެ ބޮޑު ސަރަހައްދަކަށް ގެއްލުން ދީފައިވެ އެވެ.
އުށްބައްތި އުފައްދާ ކާރުހާނާ ބިމާ ހަމަވި ސަރަހައްދުގައި މިހާރު ފެންނަން އޮތީ، ދަގަނޑުބުރިތަކާއި އެއްގަމު އުޅަނދުތަކާއި، ކާރުހާނާގައި ބޭނުންކުރާ ކެމިކަލް ފީފާތަކުން އުފެދިފައި އޮތް 15 ފޫޓު އުސްމިނުގެ ކުނިފުންޏެއް ކަމަށް ނޫސްތަކުން ބުނެ އެވެ. ނަގޫރޯޅި އެރި ވަގުތު އެ ކާރުހާނާގައި 110 މީހަކު މަސައްކަތުގައި އުޅުނު އިރު، ފުރާނަ ސަލާމަތްވީ އެންމެ 40 މީހުންގެ އެވެ.
މިހާރު އެ ސަރަހައްދު އޮތް ގޮތަށް ބަލާއިރު، ވެއްޓިފައިވާ ކާރުހާނާގެ ދަށުން ދިރިހުރި މީހަކު ފެނުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް، މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރާ ޓީމުތަކުން ބުނެ އެވެ.
އެ ސަރަހައްދުގެ ގަވަރުނަރު އެންޑީ ބެޝެއާ ވިދާޅުވި ގޮތުގައި ސުންނާފަތިވެފައިވާ ޑޯސަން ސްޕްރިންގް އަވަށުން މިހާރު ފެންނަން ހުރީ ވެއްޓިފައިވާ އިމާރާތްތަކެވެ. އެ އަވަށުގައި 2700 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ އިރު، އެ ސަރަހައްދުން ދިރިހުރި މީހެއްގެ ލިސާނެއް ނުވާ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ. އަދި ހުރިހާ އިމާރާތެއް ބިމާ ހަމަވެފައިވުމުން، އެ އަވަށުގެ މީހުން ވީ ކޮންތަނެއްގައިތޯ ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މޫސުމާ ބެހޭ އިދާރާ އިން ބުނާ ގޮތުގައި އިއްޔެގެ ނަގޫރޯޅިތަކުގައި އެވްރެޖް ގޮތެއްގައި ވައިގެ ބާރުމިން ހުރީ ގަޑިއަކު 320 ކިލޯމީޓަރު ބާރުމިނުގަ އެވެ. މިހާ ބާރުމިނުގައި ވައި ޖެހުމުގެ ސަބަބުން، ސުންނާފަތިވި ބައެއް ސަރަހައްދުތަކުން މިހާރު ފެންނަން އޮތީ ހުސް ބިން އެކަންޏެވެ. ބިމާ ހަމަވި އިމާރާތްތަކުގެ ބައިތައް ވެސް ވަނީ، ގަދަ ވަޔާއެކު މާ ދުރަށް ވިއްސައިގެން ގޮސްފަ އެވެ.
ނަގޫރޯޅިތައް އަރައިގެން އައި ވަގުތު ވެހުނު ބޯ ވާރޭގެ ސަބަބުން، ބައެއް ކޯރުތަކުގެ ފެންގަނޑު ތިން މީޓަރަށް އުފުލިގެން ދިޔަ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ބުނެ އެވެ.
ނަގޯރޯޅިތަކެއް އެރުމުގެ ސަބަބުން ލިބުނު ގެއްލުންތައް ފޫބެއްދުމުގެ ގޮތުން، އެ ސަރަހައްދުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގަރާރެއްގައި ރައީސް ބައިޑެން އިއްޔެ ވަނީ ސޮއިކުރައްވައިފަ އެވެ. ބައިޑެން ވިދާޅުވި ގޮތުގައި ނަގޫރޯޅިތައް އެރުމުން ގެއްލުން ލިބުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކޮށްދެވެން އޮތް ކޮންމެ ކަމެއް ކޮށްދެއްވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާހަމަތެދު
13 December 2021
ޓެކްނޮލޮޖީގޮތުން ކުރިއަރާފައިވާ ޤައުމަށް އެވަރުގެ ނަގޫރޯޅިއެއް އެރިއިރު ޒަކަރިއްޔާ ބުނާހެން މޫސުމާބެހޭ އިދާރާތަކާއި ސައިންސްވެރިން ހިލަމެއް ނުވީ ކީއްވެތޯ؟
ކޮތަރު
12 December 2021
އަލްޙަމްދު ލިﷲ ވަރަށް ދެރަވެއްޖެ. އަޑި ނުބައި އެމެރިކާ ވީމާ ޙަމްދު ކުރީ، އެތައް ބަޔަކު މަރުވީމާ ދެން ދެރަވެސްވީ.