ރިޕޯޓް / ޖިނާއީ އިޖުރާއަތުގެ ގާނޫނު

ހެކިބަސް ބަދަލު ކުރުވުން: މިފަހަރު ލުއި އަދަބެއް ހޯދަން؟

ހެކިވެރިންނަށް ނުފޫޒު ފޯރުވުމުގައި ކުރިން ފެނިގެން ދިޔައީ ހެކިބަސް ނުދިނުމަށްޓަކައި އެކި ނުފޫޒުތައް ފޯރުވުމުގެ މައްސަލަތައް. އެކަން ބަދަލުވެ، މިހާރު ފެނިގެން ދަނީ ހެކިބަސް ދިނަސް، އެ ހެކިބަސް ބަދަލު ކުރުވައިގެން އަދުލު އިންސާފުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފާ މަންޒަރު.

ބޮޑެތި ކުށްތައް ކުރުމަށް ފަހު އެކަމުން ސަލާމަތްވުމަށްޓަކައި އެކި ގޮތްގޮތުން މަސައްކަތް ކުރުމަކީ އާ ކަމެއް ނޫނެވެ. ރާވައިގެން ބޮޑެތި ކުށްތައް ކުރާއިރު، ހެކި ނުލިބޭނެ ފަދަ ގޮތަކަށް ތައްޔާރުވުމާއި ހެކިވެރިންނަށް ބިރު ދައްކައި، ނުފޫޒު ފޯރުވުން ފަދަ އެތައް ކަމެކެވެ. ބޮޑެތި ކުށްތައް ކުރާ މީހުންގެ މައްޗަށް ޝަރުއީ މަރުހަލާގެ ތެރެއިން ކުށް ސާބިތުނުވެ، ސަލާމަތްވެގެންދާ މައިގަނޑު އެއް ސަބަބަކީ ވެސް އެއީ އެވެ. އެކަމަކު މިހާރަކަށް އައިސް ފެންނަނީ މިކަމުގައި އާ ގޮތެކެވެ. ޚާއްސަކޮށް، މަރުގެ މައްސަލަތަކުގަ އެވެ.

މަރުގެ މައްސަލަތަކުގައި ކުށް ސާބިތުވިޔަސް، މަރުގެ އަދަބުން ސަލާމަތްވުމަށްޓަކައި ހެކިބަސް ބަދަލު ކުރުވަ އެވެ. އެއީ ކުށްވެރިިޔާއާ ދެކޮޅަށް ހެކިވެރިން ކޯޓުތަކުގައި ހެކިބަސް ދީފައި އޮތަސް، މައްސަލަ ނިމުމުގެ ކުރިން ހެކިބަސް ބަދަލުކުރަން ހެކިވެރިން ލައްވައި ކޯޓުތަކުގައި އެދިގެންނެވެ. މިގޮތަށް މިކަން ކުރާ އެއް ސަބަބަކީ މީހުން މަރުގެ މައްސަލަތަކުގައި ކުށް ސާބިތު ވިޔަސް، މަރުގެ އަދަބުން ސަލާމަތްވެ، ޖަލު އަދަބެއް ހޯދުމުގެ ގޮތުންނެވެ. އެހެން ގޮތަކަށް ބުނާ ނަމަ، އަދަބު ލުއި ކުރުމުގެ ގޮތުންނެވެ.

ދާދިފަހުން ކްރިމިނަލް ކޯޓުން ނިންމި މަރުގެ މައްސަލައެއްގައި ވެސް ދައުލަތުގެ ސިއްރު ހެކިވެރިއަކު މިގޮތަށް އަމަލުކުރި އެވެ. މަރުވި މީހާ އަށް ދައުވާލިބޭ މީހުން ހަމަލާދިން މަންޒަރު ފެނުނު ކަމަށް ބުނެ ހެކިބަސް ދިނުމަށްފަހު މައްސަލާގެ ހުކުމް އިއްވުމުގެ ކުރިން ހެކިވެރިޔާ ކޯޓަށް ސިޓީ ފޮނުވީ އޭނާ ކުރިން ދީފައިވާ ހެކިބަސް ދޮގުކޮށްފަ އެވެ. އޭރު އެގޮތަށް ހެކިބަސް ދިނީ ހަސަދަވެރިކަން އޮތުމުން ކަމަށާއި އަދި ހަމަލާދިން ތަނުގައި އޭނާ އެވަގުތު ނެތް ކަމަށް ބުނެ އޭނާ އެދުނީ އަލުން ހެކިބަސް ދިނުމުގެ ފުރުސަތަކަށެވެ.

ދައުލަތުގެ އެންމެ މުހިންމު ހެކިވެރިޔާ ދެ ފަހަރު ދެގޮތަށް ބުނާތީ ކޯޓުން ނިންމީ އޭނާގެ ހެކިބަސް ބަލައިނުގަތުމަށެވެ. ނަތީޖާއަކަށް ވީ މުޅި މައްސަލާގެ ނިންމުމަށް އޭގެ އަސަރު ކުރުމެވެ. އެންމެ ފަހުން އެ މައްސަލަ ނިމުނުއިރު، ދައުވާލިބުނު މީހުންގެ މައްޗަށް ކުށް ސާބިތުވިޔަސް، އެ މީހުންގެ އަދަބު ލުއިވީ އެވެ. މީހަކު މެރުމުގެ ކުށް ސާބިތު ވިޔަސް، މަރުގެ އަދަބު ކަނޑައެޅުމުގެ ފުރުސަތު އެ މައްސަލާގައި ގެއްލި، ދައުވާ ލިބުނު މީހުންނަށް ކޯޓުން އިއްވީ 25 އަހަރުގެ ޖަލު ހުކުމެކެވެ.

ސަބަބަކަށްވީ ހަމަލާދިން މަންޒަރު އެންމެ ގާތުން ފެނުނު ކަމަށް ބުނި ހެކިވެރިޔާ ފަހުން އޭނާގެ ވާހަކަ ބަދަލުކޮށް، ކޯޓަށް ފޮނުވި އެ ސިޓީ އެވެ. އެއް ހެކިވެރިއަކު ދެ ފަހަރު ދެގޮތަކަށް ބުނުމުން ހެކިބަހާ މެދު ސުވާލު އުފެދުމުން ދެން ނިކުންނަ ނަތީޖާއަކީ ކުށް ސާބިތުކުރާ މިންގަނޑަށް އޭގެ އަސަރު ކުރުމެވެ. ޚާއްސަކޮށް، މަރުގެ މައްސަލަތަކުގައި މިގޮތަށް އަމަލު ކުރުމުން ކުށް ސާބިތުވާ މިންގަނޑަށް ބަދަލު އާދެ އެވެ. އެހެންވުމުން މަރުގެ މައްސަލަތަކުގައި މަރުގެ އަދަބުން ސަލާމަތްވުމުގެ ފުރުސަތު ބޮޑުވެ އެވެ.

ރާއްޖޭގައި ޖިނާއީ ކުށްތައް ސާބިތު ކުރެވެނީ ގާނޫނުއަސާސީގައި ބުނާ ފަދައިން އެކަށީގެންވާ ޝައްކެއް ނެތް މިންގަނޑުން ކަމަށް ވިޔަސް، އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅޭ ކުށްތައް ސާބިތު ކުރަން ޖެހެނީ އެއްވެސް ޝައްކެއް ނެތް މިންގަނޑުންނެވެ. ހެއްކަކާ މެދު ޝައްކެއް އުފެދޭ ނަމަ، މި މިންގަނޑުން ކުށް ސާބިތެއް ނުކުރެވެ އެވެ. އެހެންވުމުން ދެން ޖެހެނީ އެކަށީގެންވާ ޝައްކެއް ނެތް މިންގަނޑުން ކުށް ސާބިތުވޭތޯ ބަލާށެވެ. އެކަމަކު އެ މިންގަނޑުން ކުށް ސާބިތުވިޔަސް، ދެވެނީ ގާނޫނީ އަދަބެކެވެ.

މާނައަކީ މިސާލަކަށް، ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާލިބޭ މީހެއްގެ މައްޗަށް އެކަށީގެންވާ ހެކިތަކެއް ހުއްޓަސް، އެއްވެސް ޝައްކެއް ނެތް މިންވަރަށް ހެކި ނުލިބޭ ނަމަ އިސްލާމީ ޝަރީއަތުގައި އޮންނަ މަރުގެ އަދަބެއް އެ މީހަކަށް ނުދެވޭނެ އެވެ. ސަބަބަކަށް ވަނީ ހެކިތަކާ މެދު ޝައްކެއް އުފެދޭ ނަމަ، ހައްދު ގާއިމް ނުކުރެވޭނެ ކަމަށް އިސްލާމީ ޝަރީއަތުގައި އޮންނާތީ އެވެ. އެހެންވުމުން އެ ހާލަތުގައި ގާނޫނު އޮތްގޮތުން ދޭން ޖެހެނީ ގާނޫނީ އަދަބެއްގެ ގޮތުން 25 އަހަރަށް ޖަލަށްލުމުގެ އަދަބެވެ.

ކްރިމިނަލް ކޯޓްގެ ބޭރު -- ފައިލް ފޮޓޯ: މިހާރު

މަރުގެ މައްސަލަތަކުގައި ހެކިބަސް ބަދަލުކުރަން މަސައްކަތްކުރާ އެއް ބޭނުމަކީ މި ދެންނެވި އުސޫލުގެ ނާޖާއިޒް ފައިދާ ނަގައިގެން އަދަބު ލުއިކުރުމެވެ. ބޭނުމަކަށް ވަނީ މީހަކު މެރުމުގެ ކުށް ސާބިތު ވިޔަސް، ކޮންމެވެސް ގޮތަކުން މަރުގެ އަދަބުން ސަލާމަތްވުމުގެ ފުރުސަތެއް ހޯދުމެވެ. އަދި ކިތަންމެ ބޮޑު ކުށެއް ސާބިތުވެފައި އޮތަސް، ޖަލުގައި ދުވަސްކޮޅެއް ހޭދަކުރުމަށް ފަހު ކޮންމެވެސް އެހެން ނިޒާމެއްގެ ތެރެއިން އަދަބަށް ލުޔެއް ހޯދައިގެން އަނެއްކާ ވެސް މުޖުތަމައުގެ ތެރެއަށް އެނބުރި އައުމުގެ ފުރުސަތު ވެސް ހޯދުމެވެ.

ކުރިން މިދެންނެވި މައްސަލާގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވާ ގޮތުން އާންމުކޮށް މަރުގެ މައްސަލަތަކުގައި ހެކިބަސް ދިނުމަށްފަހު ހެކިބަސް ބަދަލު ކުރަން އެދި ހެކިވެރިން ކޯޓަށް ސިޓީ ފޮނުވަމުންދާތީ އެ ހެކިބަސްތަކާ މެދު ސުވާލު އުފެދެ އެވެ. އަދި ހެކިވެރިންނަށް ބިރު ދައްކައިގެން ނުވަތަ ނުފޫޒު ފޯރުވައިގެން ހެކިބަސް ބަދަލުކުރަން ކުރާ މަސައްކަތް ހުއްޓުވަން ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ކަމަށް ވެސް އެ ހުކުމުގައި ބުނެފައިވެ އެވެ.

މަރުގެ މައްސަލަތަކުގައި އާންމުކޮށް މީހުން ކޯޓުތަކުގައި ހެކިބަސް ދެނީ ކާކުކަން ނޭނގޭ ގޮތަށް ސިއްރު ހެކިވެރިންގެ ގޮތުގަ އެވެ. އަދި މީހުންގެ މައުލޫމާތަކީ ވަރަށް މަދު މީހަކަށް ނޫނީ ނޭނގޭނެ ގޮތަށް ދައުލަތުގެ އިދާރާތަކުގައި ސިއްރުކޮށްފައިވާ މައުލޫމާތުތަކަކަށް ވިޔަސް، ކޮންމެވެސް ގޮތަކުން އެ މައުލޫމާތު ލީކުވެ، ދައުވާލިބޭ މީހުން ނުވަތަ އެ މީހުންނާ ގުޅުން އޮންނަ މީހުންނަށް ސިއްރު ހެކިވެރިންނަކީ ކޮން ބައެއްކަން އެނގެ އެވެ. އެހެންވެ، ހެކިބަސް ދޭ ފަހުން ވެސް އެ މީހުންނަށް ނުފޫޒު ފޯރުވުމުގެ މައްސަލަތައް ބޮޑެވެ.

އެހެންވުމުން ޖިނާއީ ބޮޑެތި މައްސަލަތަކުގައި ކޯޓުގައި ހެކިބަސް ދޭ ފަހުން ވެސް ހެކިވެރިންނަށް ނުފޫޒު ފޯރުވުމުގެ މައްސަލަ ފެންމަތިވެ އެވެ. އަދި ބައެއް ހެކިވެރިން އެކަން ދައުލަތުގެ ސަމާލު ކަމަށް ގެނައުމުން އެކަން ތަހުގީގު ކުރިޔަސް، މިހާތަނަށް އެކަން ކުރި ބަޔަކަށް ފިޔަވަޅެއް އެޅިކަން އެނގޭކަށް ނެތެވެ. އަދި ހެކިބަސް ދިނުމަށްފަހު ހެކިބަސް ބަދަލުކުރި މައްސަލައެއްގައި ވެސް ހެކިވެރިންނާ މެދު އެއްވެސް ފިޔަވަޅެއް މިހާތަނަށް އަޅާފައެއް ނުވެ އެވެ.

ހެކިވެރިންނަށް ނުފޫޒު ފޯރުވުމުގައި ކުރިން ފެނިގެން ދިޔައީ ހެކިބަސް ނުދިނުމަށްޓަކައި އެކި ނުފޫޒުތައް ފޯރުވުމުގެ މައްސަލަތަކެވެ. އެކަން ބަދަލުވެ، މިހާރު ފެނިގެން ދަނީ ހެކިބަސް ދިނަސް، އެ ހެކިބަސް ބަދަލު ކުރުވައިގެން އަދުލު އިންސާފުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފާ މަންޒަރެވެ. މީގެ ސަބަބުން އެތައް ބައެއްގެ ހައްގުތަކެއް ގެއްލި، އަނެއްކާވެސް ކުށްކުރުން އިތުރުވުން ނޫން ކަމެއް ނުވާނެ އެވެ. މިއީ ދައުލަތުން އަވަސް ފިިޔަވަޅުތަކެއް އަޅަންޖެހޭ ކަމެކެވެ.

5 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮންޑޮރިއާނޯ

15 December 2021

ބޭރުގެ ކުރިއަރާފައިވާ ޤައުމުތަކޭ އެއްފަދައިން ވިޓްނެސް ޕްރޮޓެކްޝަން ޕްރޮގްރާމެއް (ހެކިވެރިންނަށް ހިމާޔަތް ދިނުން) އޮންނަނަމަ މިހެނެއް ނުވާނެ.

The name is already taken The name is available. Register?

އާތިކާ )އަސްލު ނަމެއް ނޫން)

15 December 2021

އަހަރެންނަށް މައްސަލައެއްގައި ހެކިބަސް ދިނުމަށް ފުލުހުންވަނީ ބިރު ދައްކާފައި. އަދި ހެކިބަސް ނުދީފިނަމަ ދައުވާ ކުރާނެކަމަށް ބިރު ދެއްކި

The name is already taken The name is available. Register?

އަސްލު މައްސަލަ

15 December 2021

ހެކިވެރިންނާ މެދު ފިޔަވަޅު އަޅަންޏާ ހެކިބަސް ދޭނެ އެއްވެސް ފަރާތެއް ނުވާނެ... ދި މާވެގެން އުޅޭ މައްސަލައަކީ ހެކިވެރިޔާގެ މަޢުލޫމާތު ލީކުވުން އަދި ހެކި ވެރިޔާއަށް 24/7 ހިިމާޔަތް ނުދެވުން.

The name is already taken The name is available. Register?

ހަސްފް

15 December 2021

މަރުގެ އަދަބު ނުދޭއިރު މަރަން ހުކުމްކޮށްގެން ނެރެވޭނެ ނަތީޖާއެއް ނެތެއްނު.. ހެކިބަސްދިނީމަ މަރަން ހުކުމް ކުރީޔޯ ދެން ހުކުމް ތަންފީޒް ކުރޭތަ؟؟ބޭނުމެއްނެތް ހުކުމެއް ކުމުގެ ބޭނުން ބުނެބަލަ.

The name is already taken The name is available. Register?

ސަސި

15 December 2021

ޕީޖީއަކީ ކުޅޭކުޅޭ މީހަކަށްވީމަ ތި ހުރިހާ ކަމެއްވެސް ވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454