މީހުން / އުމަރު ޒާހިރު

އުމަރު ޒާހިރު: ކުޑަ ބަޖެޓަކުން ބިޔަ މަޝްރޫތައް ހިންގެވި ވިޝަނަރީ ލީޑަރު

އުމަރު ޒާހިރުގެ ހަޔާތުގެ ސޮފުހާތަކުން ފެންނަނީ ވަރަށް ޝައުގުވެރި ވާހަކަތަކެއް. އެމަނިކުފާނުގެ ތައުލީމީ ހަޔާތުން ފެށިގެން އަވަހާރަވުމާ ހަމައަށް ވަރަށް ގިނަ ވާހަކަތައް އެބަހުރި.

ހުޅުލޭ އުތުރުން އޮތް ބޮޑު ފަޅު ހިއްކަން ފެއްޓެވުމުގެ ހިޔާލު ގެންގުޅުވައި، އެ މަސައްކަތް އަމަލީގޮތުން ފެއްޓެވުމުގެ ފަހަތުގައި އެމަނިކުފާނު ހުންނެވި އެވެ. އެއީ މިއަދުގެ ޒުވާނުން މިދެކޭ ހުޅުމާލޭގެ މަޝްރޫއެވެ. އަދި ވިލިމާލެ ދެކުނުގައި އޮތް ތިލަފަޅަށް މާލެއިން އުކާލާ ކުނި ޖަމާކޮށް، ރާއްޖޭގެ އެންމެ ބޮޑު ސިނާއީ ރަށް ހިތްކައި ތިލަފުށި ބިނާކުރުމުގެ މަޝްރޫއުގެ ފަހަތުގައި އަމަލީ ގޮތުން ހުންނެވީ ވެސް އިއްޔެ އަވަހާރަވި ކުރީގެ ވަޒީރު، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރެވެ.

މަދަރަސަތުއް ސަނިއްޔާގެ ކިޔަވާވިދާޅުވާން އުޅުއްވިއިރު، މީގެ 74 އަހަރު ކުރިން އުމަރު ޒާހިރު ލިޔުއްވާފައިވާ މަޒުމޫނެއްގެ އިބާރާތުގައިވާ ފަދައިން؛ "ހަނދު ނާރާ ނަމަ ރޭގަނޑުގެ އުފާ އަޅުގަނޑުމެންނާ އަލްވަދާއު ކީކަން ކަށަވަރެ"ވެ.

"އަޅުގަނޑުގެ ހިޔާލުގެ ނަރުފަށް އެހެން މިސްރާބަކަށް ބަހައްޓައިގެން ދަތުރުކުރާން ފެއްޓެވިއްޔާ މައުލޫއިން ބޭރުވެދާނެ ދޯ އެވެ. އެހެންނަމަވެސް އަޅުގަނޑުގެ ހިޔާލުގެ އަސް ދުއްވައިލާނީ ފިސާރި ކެރިހުރެގެން ހަނދުވަރީ ރެޔަކާ ދިމާލަށެވެ. ހަނދުވަރުގެ އުފަލާއި ދިމާއަށެވެ. ހަނދުވަރީ ގުލުޝަނަކާ ދިމާ އަށެވެ." އެ މަޒުމޫނުގައި ލިޔުއްވާފައި ވެއެވެ.

ކޮވިޑްގެ އާލާސްކަންފުޅުގައި އޮންނަވަނިކޮށް އުމުރުފުޅުން 85 އަހަރުފުޅުގައި އަވަހާރަވި އުމަރު ޒާހިރަކީ މާލެ މި ދެކޭ ޒަމާނީ ތަރައްގީގެ "ހަނދުވަރީ ގުލަޝަނެވެ."

މަދަރުސީ ހަޔާތްޕުޅު އަދި މަދަރުސާއިން ކަނޑައިލަން ދާހިލީ ވުޒާރާއިން އެންގެވުން

މަދަރުސީ ހަޔާތްޕުޅުން ފެށިގެން، އުމަރު ޒާހިރަކީ ވިސްނުންފުޅު ތޫނު ބޭފުޅެކެވެ. ކިޔަވާ ވިދާޅުވުމަށް އިންތިހާ އަށް ލޯބިފުޅު ކުރެއްވި އެވެ. މަދަރުސަތުއް ސަނިއްޔާގައި ކިޔަވާވިދާޅުވި އިރު ހިސާބާއި ފިގުހް، އަރަބި ބަސް، އުރުދޫ ބަހާއި ސިއްހަތު، ތާރިހު އަދި އާންމު މައުލޫމާތުގެ މާއްދާތައް ކިޔަވާވިދާޅުވި އެވެ. އިތުރު ހަރަކާތްތަކުގެ ގޮތުގައި އުމަރު ޒާހިރު ހަރަކާތްތެރިވެވަޑައިގަތީ ހެލެނބެނލި ބައިގަ އެވެ. އިތުރު ހަރަކާތްތަކެއްގެ ގޮތުގައި ކުޅިވަރު ކުޅުއްވި އެވެ. އެންމެ ޝައުގުވެރިކަން ދެއްވި ކުޅިވަރަކީ ފުޓްބޯޅަ އެވެ. ދެން ކްރިކެޓާއި އެތުލެޓިކްސް އެވެ.

އެކަމަކު މަދަރުސާގައި ކިޔަވާވިދާޅުވަމުން ގެންދަވަނިކޮށް މަދަރުސާއިން އުމަރު ޒާހިރު ވަކި ކުރެއްވި ދުވަހަކީ ވަރަށް ބޮޑަށް ހިތާމަފުޅު ކުރެއްވި ދުވަހެއް ކަމަށް، އުމަރު ޒާހިރުގެ ހަތާޕުޅާ ބެހޭގޮތުން ފޮތެއް ލިޔުއްވި، މަޝްހޫރު ކަށިމާ އަހްމަދު ޝާކިރު ލިޔުއްވާފައި ވެއެވެ.

އުމަރު ޒާހިރު ޒުވާން އުމުރުގައި ސްކޫލްގެހަރަކާތެއްގެ ތެރެއިން ނަންގަވާފައިވާ ފޮޓޯއެއް

މަދަރަސަތުއް ސަނިއްޔާގެ އޭރުގެ ނާޒިރު އައްނަބީލް އިބްރާހިމް ފަރީދު ދީދީ، އުމަރު ޒާހިރު އާއި އެމަނިކުފާނުގެ އަނެއް ދެ އެކުވެރިން ކަމަށްވާ، ހައްތި އަހްމަދު މަނިކާއި ހޯގުޅާ މުހައްމަދު މަނިކު ނާޒިރުގެ އޮފީހަށް ގެންދަވައި އެ ތިން ބޭފުޅުން އަރިހުގައި ވިދާޅުވީ "ތިޔަ ކުދިން މަދަރުސާއިން ކަނޑައިލުމަށް ވުޒާރަތުއް ދާހިލިއްޔާއިން އަންގަވައިފި" ކަމަށެވެ.

އުމަރު ޒާހިރާއި މަދަރުސާގައި އެމަނިކުފާނާ އެންމެ އެކުވެރިކޮށް އުޅުއްވި ދެ ބޭފުޅުންނާ އެކުއެކީގައި މަދަރުސާއިން ވަކިކުރެއްވީ އުމުރުން ދޮށިވުމުން ކަމަށާއި އަދި ވަރަށް އަވަހަށް ސަރުކާރުގެ ހިދުމަތަށް ގެންދަވާނެ ކަމަށް ސަރުކާރުން ވިދާޅުވެފައިވާ ކަމަށް، އެ ތިން ބޭފުޅުން އަރިހުގައި އިބްރާހިމް ފަރީދު ދީދީ ވިދާޅުވި އެވެ. މަދަރުސާއިން ވަކިވެ ވަޑައިގަންނަވަން ޖެހުނު ދުވަހަކީ އުމަރު ޒާހިރު ކީރިތިކުރެއްވި ދުވަހެކެވެ.

"ނާޒިރުގެ މި ވާހަކަކޮޅު އަޑުއިވުމާ އެކު ޗިސްލާފައި އަޅުގަނޑުގެ ދެލޮލުން ފޭބީ ކަރުނަ އެވެ. ދިހަ އަހަރު ދުވަސް ވަންދެން ހޭދަކުރެއްވި ލޯބިވާ މަދަރުސާއާ އަލްވަދާއު ކިޔަން ޖެހޭ ކަމަށްޓަކަ އެވެ. ނުފިލާ ފަދަ ލޯތްބެއް އެ މަދަރުސާ އަށް ދެވިފައިވާ، އަހަރެން އެންމެ ފުރަތަމަ ވަން މަދަރުސާއާ ވަކިވާން ޖެހޭ ކަމަށްޓަކަ އެވެ.،" އުމަރު ޒާހިރުގެ ޑައިރީގައި ލިޔުއްވާފައިވާ އިބާރާތްތައް ނަކަލް ކުރައްވައި، ކަށިމާ ޝާކިރު ލިޔުއްވާފައިވާ، "ހިދުމަތްތެރިންގެ ޒިކުރާގެ ތެރެއިން އުމަރު ޒާހިރުގެ ހިދުމަތުގެ ހަނދާންތައް" މިފޮތުގައި ވެއެވެ.

ސްކޫލުން ވަކިކުރި ފަހުން ވެސް ސްކޫލަށް އަލުން ވައްދަވާތޯ ސިޓީއެއް ވެސް ފޮނުއްވި އެވެ.

ރާއްޖޭގެ އޭރުގެ ގަދަރުވެރި އާއިލާއެއް ކަމަށްވާ، ފާމުދޭރި އާއިލާގެ ފާމުދޭރި ތަކުރުފާނުގެ ދަރިކަލުން އާދަމް ނަސީރާއި ފާތިމާ މަނިކެ އަށް ލިބިވަޑައިގެންނެވި ފަސް ބޭފުޅުންނަކީ ވެސް ހިދުމަތްތެރި ބޭފުޅުން ކޮޅެކެވެ. އޭގެ ތެރޭގައި ވަކިން ހާއްސަކޮށް ދިވެހި ކުޅިވަރުގެ ބައްޕަ، މަރްހޫމް މުހައްމަދު ޒާހިރު ނަސީރާއި އުމަރު ޒާހިރު ފާހަގަކޮށްލެވެ އެވެ. ދެން ލިބިވަޑައިގެންނެވީ ހައްވާ ޒާހިރާއި އާމިނަތު ޒާހިރުގެ އިތުރުން އަހްމަދު ޒާހިރެވެ. އަހްމަދު ޒާހިރު އަވަހަރާވީ، އޭނާ އަށް ޖެހިވަޑައިގެންނެވި އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެއްވުމަށް އައްޑޫގައި އުމަރު ޒާހިރުއާ އެކު ވަޑައިގެން ހުންނަވަނިކޮށެވެ.

އުމަރު ޒާހިރުގެ އުމުރުފުޅުން 19 އަހަރުފުޅުގައި ކައިވެނި ކުރެއްވި ދުވަސްވަރަކީ ވެސް ރާއްޖޭގެ މުޖުތަމައުގައި ވަރި ގިނަ ދުވަސްވަރެކެވެ. އެކަމަކު އުމަރު ޒާހިރު ކުރެއްވި ހަމައެކަނި ކައިވެނިފުޅު މަތީގައި، އަނބިކަނބަލުން، ތުޅާދޫގެ މުއުމިނާ އާއެކު 2018 ގައި އެކަމަނާ އަވަހާރަވަންދެން ދެމިހުންނެވި އެވެ. ލިބިވަޑައިގެންނެވީ އެންމެ ބޭފުޅެކެވެ. ދަރިކަނބަލުން ސާމިހާ ޒާހިރަށް ލިބިވަޑައިގަތް ދެ ދަރިކަލުންނާ އެކު ކާފާފުޅު ދެ ބޭފުޅުން ކަމަށްވާ ޔާސިން ހަމީދާއި ޔާމީން ހަމީދު ތިއްބަވަ އެވެ.

ކަށިމާ ޝާކިރު ލިޔުއްވާ ގޮތުގައި، މަދަރުސާއިން ވަކިވެ ވަޑައިގެން ގޭގައި މާކަ ގިނަ ދުވަހު މަޑުކުރައްވާކަށް ނުޖެހުނެވެ. ވުޒާރަތުއް ދާހިލިއްޔާ އަށް އުމަރު ޒާހިރު ހާޒިރުވާން އަންގައިފި އެވެ. ބައްދަލު ކުރެއްވީ އިބްރާހިމް ޝިހާބެވެ.

"އުމަރު ޒާހިރަކީ އިހަކަށް ދުވަހު މަދަރުސާއިން ކެނޑުނު ކުއްޖެކެވެ. މަދަރުސާގަޔާއި ކުލާހްގައި ވެސް އުޅުނު ގޮތަށް އޮފީހުގައި ވެސް އުޅޭނެ ކަމަށް ހީކުރަމެވެ.،" އެ ދުވަހު ޝިހާބު ވިދާޅުވި ކަމަށް، އުމަރު ޒާހިރު އާ ހަވާލާ ދެއްވައި ކަށިމާ ޝާކިރު ލިޔުއްވާފައި ވެއެވެ. އުމަރު ޒާހިރު ފުރަތަމަ އަދާ ކުރެއްވި މަގާމަކީ ވުޒާރަތުއް މާލިޔާގެ ކާތިބު ކަމެވެ.

ފުޓްބޯޅައިގެ މޮޅު ފޯވާޑެއް

އުމަރު ޒާހިރަކީ އޭރުގެ މަޝްހޫރު ކްލަބް މާފަންނު ފިޔާތޮށި ކްލަބުގެ ފޯވާޑެކެވެ. މުޅި މާފަންނު، އެމަނިކުފާނުގެ ކުޅުއްވުމަށް ތަރުހީބު ދެއްވި، ހުށިޔާރު ފޯވާޑަކީ "މުޅި މާފަންނުގެ ރޫހް ކަމަށް" ޝާކިރު ލިޔުއްވި ބައިގްރޮފީގައި ވެއެވެ. މާލޭގެ ހަތަރު އަވަށުގެ ހަތަރު ޓީމާއި ސިފައިންގެ ކްލަބް ވާދަކުރި 1955 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ފިޔާތޮށި ކްލަބަށް އުމަރު ޒާހިރު ވަނީ ކުޅުއްވައިފަ އެވެ.

މަޖީދިއްޔާ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުޅުނު ފުޓްބޯޅަ މެޗުގައި އުމަރު ޒާހިރު (ވ) އެމަނިކުފާނަކީ ބޯޅަ ޖައްސަވަނީ: ކުރިން މޮޅަށް ކުލުއްވި ފޯވާޑެއް

އެ އަހަރުގެ ފައިނަލް މެޗު ފިޔާތޮށި ކްލަބް ބަލިވީ ގަލޮޅު ކްލަބު އަތުންނެވެ. އޭގެކުރިން ފުޓްބޯޅައިގެ އާންމު ގަވާއިދާއި ރެފްރީ ކޯސް ދަސްކޮށް ދިނުމަށް މުހައްމަދު އަމީންގެ ބެއްލެވުމުގެ ދަށުން ލަންކާއިން ގެންނެވި ތަޖުރިބާކާރު މައިކަލް ޑިސިލްވާ ހިންގެވި ފުޓްބޯޅައިގެ ތަމްރީން ޕްރޮގްރާމްތަކުގައި އުމަރު ޒާހިރު ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެނބޫދޫ ފިނޮޅުގެ ތަސައްވަރު އުމަރު ޒާހިރު މާކުރިން ގެންގުޅުއްވި

މިއަދު ކްރޮސް ރޯޑްގެ ނަމުގައި ފަތުރުވެރިކަމަށް ރަށެއް ހިއްކާފައި އޮތް އެނބޫދޫ ފިނޮޅަކީ މީގެ އަހަރުތަކެއް ކުރިން އުމަރު ޒާހިރު ގެންގުޅުއްވި ވިސްނުންފުޅެކެވެ. މާލޭގައި އުފެދޭ ކުނި އެހެން ގޮތަކަށް ބޭނުން ކުރުމުގެ ވިސްނުންފުޅުގައި ކުނި އަޅައިގެން އެނބޫދޫ ފިނޮޅު ތަރައްގީ ކުރުމަށް އުމަރު ޒާހިރު ކެބިނެޓަށް ހުށަހެޅުއްވި އެވެ. އެހެން ބޭބޭފުޅުންގެ ވެސް ލަފަޔާ އެކު އެނބޫދޫ ފަޅުން ތަންކޮޅެއް ހިއްކައި ވަޅުގަނޑެއް ހަދައިގެން ކުނިވަޅުލައިގެން ވާގޮތެއް ބެލުމުގެ މަސައްކަތް އުމަރު ޒާހިރުގެ ބެއްލެވުމުގެ ދަށުން ފެއްޓެވި އެވެ. ނަމަވެސް ކާމިޔާބުވާ ގޮތެއް ނުވި އެވެ. ހިއްކި ތަންކޮޅު ވެސް އަދި ވަޅުގަނޑު ވެސް އަނެއް ދުވަހު ދާއިރު ހުންނަނީ ގިރައިލައިފަ އެވެ.

"މިވާގޮތަކީ ވާދޫ ކަނޑަކީ އާންމު ގޮތެއްގައި ވެސް ގަދަ ކަނޑަކަށް ވެފައި އެފަޅަކީ ވަށައިގެން ތިރިތިރިކޮށް އޮންނަ ގުދުރަތީ ތޮށި ފިޔަވައި އެހެން އެއްވެސް ނިވައި ކަމެއް ނެތް ތަނަކަށް ވާތީ ރާޅާއި އޮއިގެ ސަބަބުން ތަންކޮޅު ގިރައިލައިގެން ދަނީ އެވެ." އުމަރު ޒާހިރުގެ ޑައިރީ ތަކުގައި ލިޔުއްވާފައިވާ ޕެރަގްރާފްތައް ކަށިމާ ޝާކިރުގެ ފޮތުގައި ނަކަލް ކުރައްވާފައި ވެއެވެ.

އުމަރު ޒާހިރުގެ ޒުވާން އުމުރުގެ ފޮޓޯފުޅެއް

އެނބޫދޫފިނޮޅު ހިއްކުމުގެ މަސައްކަތް އޭރު ކާމިޔާބު ނުވި ނަމަވެސް އުމަރު ޒާހިރު ލިޔުއްވާފައިވާ ގޮތުން އޭރު ވެސް އެމަނިކުފާނު ގަބޫލުފުޅު ކުރެއްވީ ފަހުން ވެސް ރާއްޖޭގެ އިގްތިސޯދަށް ބޮޑު ފައިދާއެއް އެ ފަޅު ހިއްކައިގެން ކުރެވޭނެ ކަމަށެވެ.

"އަދިވެސް ދަންނަވަން އޮތީ، މި ޒަމާނުގެ ވަސީލަތްތަކުގެ އެހީއާއެކު އެނބޫދޫގެ އެ ބޮޑު ފަޅަކީ ވެސް ރާއްޖޭގެ އިގްތިސޯދަށް ބޮޑު ފައިދާތަކެއް ކޮށްދޭނެ ފަޅަކަށް ހަދައިލެވިދާނެ ކަމެވެ." ޑައިރީގައި އުމަރު ޒާހިރު ލިޔުއްވާފައި ވެއެވެ.

ކުނިއަޅައިގެން ރަށެއް ހިއްކުމުގެ ވިސްނުންފުޅު އުމަރު ޒާހިރު ދޫކޮށްނުލައްވަ އެވެ. އެމަނިކުފާނަށް ހީފުޅުވާ ބައެއް ދިމަދިމާ ބައްލަވައި ލެއްވުމުގެ ދަތުރެއް ކުރެއްވުމަށް ގަސްތު ކުރެއްވި އެވެ. އެ ދަތުރުގައި އެމެނިކުފާނާ އެކު ވަޑައިގެންނެވީ ކުރީގެ ވަޒީރުން ކަމަށްވާ، އަބްދުރަޝީދު ހުސައިން އާއި އަބްދުﷲ ކަމާލުއްދީން އަދި އަބްދުﷲ ޖަމީލްގެ އިތުރުން ތިލަފުށީ މުހައްމަދު ލަތީފާއި ބާރަނާ ވަހީދާއި ހަނީ ސަކްލް އަބްދުލް ހަމީދު އަލީ އެވެ.

އެމްޓީސީސީގެ ލޯންޗެއްގައި ކުރެއްވި ދަތުރުފުޅުގައި؛ "ވިލިނގިއްޔާ ހިސާބަށް ދިޔަތަނާ ވިލިގިއްޔާ މާދުރު ނޫން ހިސާބަކުން ލޯންޗުގެ ދިރުނބާކޮޅުން ދިގު ފަޅެއް ދައްކައިލައިފި އެވެ. ގުޅީފަޅު ވެސް އެތާންގެ ކައިރީގައި އޮތެވެ. ކުރިއަށް ތަންކޮޅަކަށް ދިޔަތަނާ އެ ފެނުނީ މެދުގައި ފުން ވިލެއް އޮތް އުތުރު ތިލަފަޅެވެ.،" ކުނިން ހިއްކައިގެން ތިލަފުށި ބިނާ ކުރުމުގެ މަސައްކަތް ފެއްޓެވުމުގެ ކުރިން ފަޅެއް ހޯއްދަވަން ކުރެއްވި ދަތުރުފުޅު ސިފަކޮށް ދެއްވަމުން އުމަރު ޒާހިރު ލިޔުއްވާފައި ވެއެވެ.

ހުޅުމާލެ ހިއްކުމުގެ މަޝްރޫއު

ގޯތި ހޯދަން އެދޭ މީހުންގެ އަދަދު ގިނަވާން ފެށުމުން މާލޭގެ ބިން ހިއްކައިގެން ކޮންމެ ވެސް ވަރެއްގެ ލުޔެއް ލިބުނަސް އެކަށީގެންވާ ހައްލެއް ނުހޯދުނެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރަށް ވެސް ހައްލުކުރަން އެންމެ އުނދަގޫ މައްސަލައަކަށް އެކަން ވެއްޖެ އެވެ. އިތުރު ބިމެއް އުފެއްދޭނެ ޖާގައެއް މާލެއަކު ނެތެވެ.

އޭރު ވެސް ރައީސް މައުމޫން، ކެބިނެޓްގައި ހުޅުލޭ އުތުރުފަރާތުގައި އޮތް ފަޅުން ބައެއް ހިއްކުމުގެ ވާހަކަ ދައްކަވަ އެވެ. އެކަމަކު އޭރު އެއީ ރާއްޖޭގެ ބަޖެޓުން ކުރެއްވޭނެ ކަމެއް ކަމަށް ނުފެނުނެވެ. ހިނގާނެ ހަރަދުތަކާއި މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ރިޕޯޓް ވެސް ކެބިނެޓަށް ހުށަހައްޅުވައިގެން އެތައް ފަހަރަކު މަޝްވަރާ ކުރެއްވި އިރު ވެސް އެއީ ކުރެވޭނެ ކަމެއްގެ ގޮތުގައި ފެނިވަޑައެއްނުގަތެވެ. އެންމެ ބޮޑު މައްސަލަ އަކީ އެކަމަށް ހިނާގެ ބޮޑު ހަރަދެވެ.

އޭރު އުމަރު ޒާހިރު ހުންނެވީ ޕަބްލިކް ވޯކްސް އެންޑް ލޭބާގެ މިނިސްޓަރު ކަމުގެ މަގާމުގަ އެވެ. ހުޅުލޭ އުތުރު ފަރާތުގައި އޮތް ފަޅު ހިއްކުމާ ބެހޭގޮތުން އުމަރު ޒާހިރު ފުރަތަމަ ފަހަރަށް ވާހަކަފުޅު ދެއްކެވި އެވެ.

ހުޅުމާލެ ޕްރޮޖެކްޓް ރަސްމީކޮށް ފެއްޓެވުމަށް 1997 ގައި އޭރުގެ ރައީސް މައުމޫން އާއެކު އުމަރު ޒާހިރު --- ފައިލް ފޮޓޯ

"ހުޅުލޭ ފަޅުން ބިން ހިއްކުމުގެ ވާހަކަ ދެކެވޭތާ ވަރަށް ގިނަ ދުވަސް ވެއްޖެ. ނަތީޖާއެއް ނުނިކުމެ އެތައް ޖަލްސާއެއް ބޭއްވިއްޖެ. އަޅުގަނޑަށް ފެންނަނީ ހަރަދުގެ ވާހަކަ ނުދައްކަވައި އަވަހަށް މަސައްކަތް ފަށަން. ހަރަދުގެ ވާހަކަ ކިތަންމެ ވަރަކަށް ދެއްކިޔަސް މިނޫން ނަތީޖާއެއް ނުނިކުންނާނެ،" ހުޅުލޭ އުތުރުފަރާތު ފަޅު ހިއްކުމާ ބެހޭގޮތުން ކެބިނެޓްގައި ފުރަތަމަ ފަހަރަށް އުމަރު ޒާހިރު ވާހަކަ ދެއްކެވި ދުވަހު ވިދާޅުވި އެވެ.

އުމަރު ޒާހިރު އެހެން ވިދާޅުވުމާއެކު ކެބިނެޓްގައި ތިއްބެވި އެހެން ބައެއް ވަޒީރުން ހައިރާންވެ ވަޑައިގެން އެމަނިކުފާނާ ދިމާލަށް ބައްލަވަން ފެއްޓެވި އެވެ. އޭގެ ކުރިން ބޭއްވި ބައްދަލުވުންތަކުގައި އެއީ ކުރެވިދާނެ ކަމެއް ކަމަށް އެހެން ވަޒީރުންނަށް ގަބޫލުފުޅު ނުކުރެވި އޮތް ކަމެއްގެ މައްޗަށް އުމަރު ޒާހިރު ވާހަކަ ދެއްކެވުމުން ހައިރާންވެ ވަޑައިގަތުމަކީ ވެދާނެ ކަމެކެވެ.

"ޕަބްލިކް ވޯކްސްގެ މިނިސޓްރީގެ ބަޖެޓަށް 10 މިލިއަން ރުފިޔާގެ ބަޖެޓެއް ދެއްވަވާ. އަޅުގަނޑު މަސައްކަތް ފައްޓައި އަދި މަސައްކަތް ކުރިއަށް ގެންދަނާން،" މިއަދު މިދެކޭ ހުޅުމާލެ ހިއްކެވުމުމާ ބެހޭގޮތުން އުމަރު ޒާހިރު ފުރަތަމަ ފަހަރަށް ކެބިނެޓްގައި ވިދާޅުވި އެވެ.

އުމަރު ޒާހިރުގެ މި ވާހަކަފުޅު ދެއްކެވިއަސް އެއީ ކުރަން ފީޒިބަލް ކަމެއްގެ ގޮތުގައި ބައެއް ވަޒީރުންނަށް ފެނިވަޑައެއް ނުގަތެވެ. ވަރަށް މަދު ވަޒީރެއް ނޫނީ އެމަނިކުފާނު ދެއްކެވި ވާހަކަފުޅަށް ތާއީދެއް ނުކުރައްވަ އެވެ. އެކަމަކު ކެބިނެޓުން ފާސްކޮށް ޕަބްލިކް ވޯކްސް މިނިސްޓްރީގެ ބަޖެޓަށް 10 މިލިއަން ރުފިޔާގެ ބަޖެޓެއް ދެއްވި އެވެ. އެ ބަޖެޓާ އެކު ހުޅުމާލެ ހިއްކަވަން ފެއްޓެވީ އޮކްޓޯބަރު 16، 1997 ގަ އެވެ. އޭގެ ހަ އަހަރު ކުރިން ތިލަފުށި ހިއްކަން ފެށުމުގެ ތަޖުރިބާ އުމަރު ޒާހިރު އަމަލީގޮތުން ކުރެއްވި އެވެ. މާލޭގައި މިއޮތް ހެދިގޮނޑުދޮށަކީ ވެސް ހުދު އެމަނިކުފާނުގެ ތަސައްވުރެކެވެ.

އުމަރު ޒާހިރަކީ މާލޭގެ ތަރައްގީގެ އެއް ބާނީ އެވެ. މިހާރު މާލެ މިއޮތް ގޮތަށް ބަދަލުކޮށްލެވި މޭސްތިރިޔާ އަކީ އެމަނިކުފާނެވެ. އެއީ، ފަހަރެއްގައި އެމަނިކުފާނު ނޫން، އެހެން އެއްވެސް މީހަކަށް ނުކުރެވިދާނެ ކަމެކެވެ.

6 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 80%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކައްޕި ބުރޯ

21 December 2021

އުމަރު ޒާހިރު ފަދަ ބޭފުޅެއް މިހާރު މި ގައުމުގަ ނެތޭ ބުނުމަކުންވެސް ދޮގަކަށް ނުވާނެ. އެމަނިކުފާނު ވޭތުވެދިޔަ 50 އަކަށް އަހަރު ދެއްކެވި ނަމޫނާ މި ޖީލުގެ އިސްވެރިންނަކަށް ނުދެއްކޭ

The name is already taken The name is available. Register?

ވޯލް

21 December 2021

ދެރައީ މާލެގެ މީހުންނަށް ގޯތިދޭން ބޭނުން ނުވި ތަންކޮޅު.

The name is already taken The name is available. Register?

ސަމޭދާން ބުނި ގަތޫރާ

21 December 2021

ޢުމަރު ޒާހިރަކީ ނަޒާހާތްތެރި ހެޔޮލަފާ ބޭކަލެއް. ތީ އަނެއްހެން މާބޮޑު ސިއްރެއްނޫން. މިހާރު ހިންގާ މަޝްރޫޢުތަކުން ޖީބަށްލާނެބަޔަކާއެކު އަގުހަމަޖެހިފާ މިއޮންނަނީ.

The name is already taken The name is available. Register?

ރަންނަބަނޑޭރި

21 December 2021

ކުޑަ ބަޖެޓަކުން ބިޔަ މަޝްރޫއުތައް ހިންގެވުނީ އަމިއްލަ ޖީބަށް އެއްޗެއް ވައްދަން ނޫޅުއްވީމަ. ޑިމޮކްރެސީއާ އެކުވެސް ދިވެހިރާއްޖެ ފަހަތަށް ފިޔަވަޅުއަޅަމުން މިދަނީ މިފަދަ ބޭފުޅުން ގައުމުގެ މަސްއޫލު މަގާމުތަކުގަ ނެތީމަ.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

21 December 2021

ގައުމަށް ކޮންފަދަ ހިދުމަތެއް ތޯ ދިވެހި ދަރިޔަކު މިކުރީ.މިފަދަ ކުޅަދާނަ ގާބީލް 150 ވަރަކަށް އުމަރު ޒާހިރު ލިބޭނެނަމަ މާލެ އަދި މުޅި ރާއްޖެވެސް ތަރައްގީގެ އިތުރު ހަރުފަތްތަކަކަށް ގެންދެވޭނެކަން ކަށަވަރުވެ ޔަގީންވޭ.އުމަރު ޒާހިރު ދުވަހަކުވެސް ސިޔާސީ ވާހަކަފުޅެއް ދެއްކެވި އަޑެއް އަހަރެން ނާހަން.މިކަމުން ވެސް އެނގޭ އެމަނިކްފާނުގެ ވިސްނުން އެއީ އެހެން މީހުންނާ ތަފާތު ވިސްނުމެއްކަން.މަައްޔިތާއަށް ހެޔޮ ރަހްމަތް ލައްވާށި.އާމީން.ވ.ވެދުން

The name is already taken The name is available. Register?

ޖސުަހ

21 December 2021

މި ޒަމާނުގަ ޖެހޭ އެތައް ބަޔަކަށް ކަޓުތައް އަޅަން. އެހެންވީމަ ބަޖެޓް ބޮޑުވާނެ ތާ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454