މެދުސަފުހާ

ސަލާމަތީ ބާރުތައް ފްލެޓް މަޝްރޫއުން ސަލާމަތް ނުވެވިފައި!

ކޮންމެ އަހަރެއް ވެސް ނިމިގެން ދަނީ ސިފައިންނާއި ފުލުހުންގެ ފްލެޓްތައް މާދަމާ ނިމިދާނެ ކަމުގެ އިންޒާރުގައި ތިއްބާ. އެކަމަކު އެ ދުވަހެއް ދުވަހަކުވެސް ނައި.

ސިފައިންގެ "ސިފްކޯ ހިޔާ" ފްލެޓް މަޝްރޫއުގެ ގުރުއަތުން ފްލެޓް ލިބުނުކަން ކަށަވަރު ވުމާ އެކު ސިފައިންގެ މީހަކު، "ދަރިންނާއި އަންހެނުން ގާތު ފްލެޓް ލިބެނީ" އޭ "ދެން މި ހާލުގައި އުޅޭކަށް ނުޖެހޭނެއޭ" ބުނެ އުފާވެރި ކަމުގެ ހަބަރު ދިނެވެ.

"ހަމައެކަނި އެވަރުން ވީއެއް ނޫން. އުޅޭ ތަނުގެ އެގްރިމެންޓް އޮތީ ފަސް އަހަރަށް ހަދާފައި. އެހެންވެ އެ ގޭގެ ވެރިފަރާތަށް ވެސް ގުޅައި ދެ އަހަރުގެ ތެރޭގައި ނުކުންނަން ޖެހޭނެ ކަމަށް ބުނިން. މިހާރު ދަރި މީހަކާ ވެސް އިނދެގެން ހިނގައްޖެ. އަޅުގަނޑު މި އުޅެނީ އަދިވެސް މިހެން،" އޭނާ ބުންޏެވެ.

ސިފައިންގެ ފްލެޓްތަކުގެ ބިންގާ އެޅީ ފުލުހުންގެ ފްލެޓްތަކަށް ވުރެ މާ ފަހުންނެވެ. މި ދިގު އިންތިޒާރު ސިފައިންގޭގެ 330 ސިފައިންނަށް ވުރެ ބޮޑަށް 361 ފުލުހަކު ކުރާތާ ނުވަ އަހަރުވީ އެވެ.

ސިފައިންގެ ފްލެޓްތަކުގެ ބިންގާ އެޅި ތާރީހު: ނޮވެމްބަރު، 2014 (މަސައްކަތް ފެށިތާ ހަތް އަހަރު)

ފުލުހުންގެ ފްލެޓްތައް ބިންގާ އެޅީ: 2013 ގައި (މަސައްކަތް ފެށިތާ އަށް އަހަރު)

ސިފައިންނާއި ފުލުހުންގެ 691 ފްލެޓް ނުނިމި އެތައް އަހަރެއް ހޭދަވަނީ އެވެ. މިއީ ރާއްޖޭގައި މިވަރުގެ ފްލެޓް މަޝްރޫއަކަށް ހޭދަވި އެންމެ ދިގު މުއްދަތެވެ. އަދި މިއީ، އެ މަޝްރޫއާ ހެދި އެންމެ ބޮޑު ޕްރެޝަރެއް އުފެދިފައިވާ، އެންމެ ގިނަ މައްސަލަތަކާ ވެސް ކުރިމަތިވި ދެ މަޝްރޫއެވެ. ފްލެޓްތައް އިމާރާތް ކުރަނިކޮށް، ތިން ރައީސުން ވެރިކަން ކުރެއްވިއިރު ވެސް ވައުދު ފުއްދައި ނުދެވުނު މަޝްރޫއަކީ މި އެވެ.

"ސިފައިންނާއި ފުލުހުންގެ ކެތްތެރިކަން އޮތީ ކޮޅުންލައިފައި. ހަގީގަތުގައި އެތަންތަން ނުނިމި ދިގުލައިފައި މިއޮތީ އެހެން މީހުންނެކޭ އެއްގޮތަށް މަގުމައްޗަށް ނުކުމެ މުޒާހަރާ ނުކުރާތީ. ކެތްތެރިވެގެން ތިބޭތީ،"

"ސިފައިންނާއި ފުލުހުންގެ ކެތްތެރިކަން އޮތީ ކޮޅުންލައިފައި. ހަގީގަތުގައި އެތަންތަން ނުނިމި ދިގުލައިފައި މިއޮތީ އެހެން މީހުންނެކޭ އެއްގޮތަށް މަގުމައްޗަށް ނުކުމެ މުޒާހަރާ ނުކުރާތީ. ކެތްތެރިވެގެން ތިބޭތީ،" ފްލެޓް ކަށަވަރު ވެފައިވާ ފުލުހަކު މި ރިޕޯޓަށް، ނަން ނުޖަހަން އެދި ބުންޏެވެ.

ހަ ޓަވަރުގައި އިމާރާތް ކުރާ ފްލެޓްތައް ނުނިމި ދިގުލަނީ ކީއްވެ ހެއްޔެވެ؟ -- މިއީ ވަރަށް ދިގު ވާހަކައެކެވެ.

ފައިސާ ލިބޭނެ ގޮތް ނެތި މި ވަރުގެ މަޝްރޫއު ފަށައިގެން ނުވާނެ

ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވި ގޮތުގައި، ސިފައިންގެ ފްލެޓްތައް ސްޕީޑްގައި ކުރިއަށް ނުދިޔަ މައިގަނޑު ސަބަބަކީ ފައިސާ އެވެ. އެއީ އެހާ ދައްކަވަން ބޭނުން ވާހަކައަކަށް ނުވިޔަސް، އޭނާ ވިދާޅުވި އެއް ވާހަކައަކީ، "ކޮންމެ ބަޔަކު ކުރިއަސް އެއީ ވަރަށް ދެރަކޮށް ފަށާފައިވާ މަޝްރޫއެއް" ކަމަށެވެ.

"ވަރަށް ފޮނި އުންމީދެއްގައި ސިފައިން ތިބީ. އެކަމަކު އެކަމަށް ބޭނުންވާ ފައިސާ ހުރީ ހަމަނުޖެހި،" އާދަމް ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭނާ ޑިފެންސް މިނިސްޓަރު ކަމާ ހަވާލުވެ ވަޑައިގެން ފްލެޓްތަކުގެ ސައިޓަށް ވަޑައިގަތް އިރު އެތާނގައި އޮތީ "ހުސް ވަޅުގަނޑެއް" ކަމަށެވެ.

"އަޅުގަނޑު ސިފްކޯއާ ވާހަކަ ދައްކައިގެން އެކަން އަވަސްކުރަން މަސައްކަތް ކުރިން. ސިފައިންގެ ފަރާތުން އޭރު ވެސް ޝަކުވާ އައި. އެހެންވެ ސަރުކާރުގެ ފަރާތްތަކާ، ސީދާ ރައީސާ ވެސް ވާހަކަ ދައްކައިގެން އެކަން އަވަސްކުރަން މަސައްކަތް ކުރިން."

ސިފްކޯ އާއި ޕޮލްކޯ އަކީ މިނިސްޓަރު ސީދާ ބެހޭ ދެ ކުންފުންޏެއް ނޫނެވެ. ދެ ކުންފުނި ވެސް ހިންގަނީ ބޯޑެއް އޮވެގެންނެވެ.

"އެކަމަކު އަޅުގަނޑު ލަފާދެން. ވާނުވާ ބެލިން. އަޅުގަނޑުގެ މިނިސްޓަރު ކަމުގައި ކަން ނޭނގެ އެތާނގައި ކުރެވުނު ކަމެއް ވެސް ކުރެވިފައި ހުރީ،" އާދަމް ޝަރީފު ވިދާޅުވި އެވެ.

ސިފައިންގެ ފްލެޓްތައް ފްލެޓްތައް ފެށީ ފުލުހުންގެ ފްލެޓްތަކަށް ވުރެ އެއް އަހަރު ފަހުންނެވެ. އެހެންވެ، ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް އަބަދު ވެސް އޮންނަނީ އެއް ގިޔަރު ކުރީގަ އެވެ. ނޫމަޑިއާ ހަވާލުކޮށްގެން ފުރަތަމަ ދެ އަހަރުގެ ތެރޭގައި ނަތީޖާއެއް ނުނުކުމެ، ދެން ކުރިމަތިވި ހާސްކަން ޕޮލްކޯ އަށާއި ސިފްކޯ އަށް ވެސް ވަރަށް ބޮޑުވި އެވެ.

"މީގައި މައްސަލައަކަށްވީ ސަރުކާރު ބަދަލުވެ މީގައި ޕޮލިޓިކްސް ކުޅުނީ. ތި ބޭފުޅުން ބައްލަވާ ފަހުން އެގްރީމެންޓަށް އައި ބަދަަލުތަކާ ކަންކަން،" ފުލުހުންގެ ފްލެޓްތައް ފެށިއިރު ކޮމިޝަނަރަކަށް ހުންނެވި، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޝްހޫރު ފެށި އިރު، ނޫމަޑި އަށް ފައިސާ ހުރީ ހަމަޖެހިފަ އެވެ. އެކަމަކު ސިޔާސީ ގޮތުން އައި ބަދަލުތަކާ އެކު ނޫމަޑި އަށް ވެސް ގޮތް ހުސްވީ އެވެ. އާދަމް ޝަރީފު ވިދާޅުވި ގޮތުގައި، އޭނާ އަށް ލިބިވަޑައިގެންފައިވާ މައުލޫމާތަށް ބަލާއިރު، އެއީ ވަރަށް ބޮޑު ކުޅިގަނޑެކެވެ.

"ކޮންމެ ގޮތެއް ވިޔަސް އޭރު ހުއްޓުން މިއެރީ ފައިސާ ނެތިގެން. އޭގެ ޒިންމާ މި ނަގަންޖެހުނީ ދައުލަތުން،" އޭނާ ވިދާޅުވި އެވެ.

"ފައިސާ ލިބޭނެ ގޮތެއް ނެތި ފަށާ ކަހަލަ ކަންކަމެއް ނޫން މިއީ. އަޅުގަނޑު އޭރު ވެސް އަދި މިހާރު ވެސް ދަންނަވާ ވާހަކައަކީ މިއީ."

މަޝްރޫއަށް ގިނަ ބަދަލުތަކެއް އައި

ޕޮލްކޯ ހިންގެވުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅަކު ވިދާޅުވި ގޮތުގައި ސަރުކާރުގެ ސިޔާސަތާއި ބިން ބޭނުންކުރުމުގެ އުސޫލުތަކަށް އައި ބަދަލުތަކަކީ ވެސް މި މަޝްރޫއު ލަސްވި އެއް ސަބަބެވެ. އޭނާ ވިދާޅުވި ގޮތުގައި، ކުރިން 10 ބުރިއަށް އިމާރާތްކުރަން ޕްލޭންކޮށްފައި އޮއްވައި، ހުޅުމާލޭގައި 15 ބުރިއަށް ނަގަން ހުއްދަ ދިނުމާ އެކު ޕްލޭން ބަދަލުވެ، އެޕާޓްމެންޓްތަކުގެ އަދަދު އިތުރުވި އެވެ. އަދި ދެ ފަހަރެއްގެ މަތިން ޑިޒައިނަށް އެކިއެކި ބަދަލުތައް އައި ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ދެ ކޮޓަރީގެ އެޕާޓްމެންޓްގެ ބަދަލުގައި ތިން ކޮޓަރި އަށް ބަދަލުވެ، ޕެންޓްހައުސްތައް އިތުރުވުން ހިމެނެ އެވެ.

"އަނެއް ކަމަކީ، އަޅުގަނޑުމެން ފުލުހުންނަށް ވައުދުވެފައި އޮންނާނީ ރިކްރިއޭޝަން ވެސް ހިމެނޭނެއޭ. ކުރިމަތީގައި އޮތް ބިމުގައި ޖިމް އާއި ރިކްރިއޭޝަން ހަދަން އޭރު އޮތީ ޕްލޭންކޮށްފައި. އެކަމަކު ފަހުން އެ ބިމެއް ނުލިބުނު،" އޭނާ ވިދާޅުވި އެވެ.

"ބަޔަކަށް ތަނެއް ވިއްކި އިރު އޭގައި ހިމެނޭ ބައިތައް އުނިވީމަ އެއީ މައްސަލައެއް. ސުވާލު ކުރާނެ ދެއްތޯ ފުލުހުން އެބައި ކޮބައިތޯ،" އޭނާ ވިދާޅުވި އެވެ.

"އެކަމާ ދޭތެރޭ އަދިވެސް ގޮތެއް ނުނިމޭ. ރިކްރިއޭޝަން ހަދާނީ ކޮންތާކުތޯ އަދި އެއީ ނޭނގޭ ކަމެއް،" މިހާރު އެޕޯލޯގެ ޓަވަރުތައް އަޅާ ބިން ނުލިބުނު ކަމަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވި އެވެ.

"ދެންއޮތް ގޮތަކީ ފުލުހުންނާއި ސިފައިންގެ ޓަވަރުތަކުގެ މެދުގައި އޮތް މަގުގައި އެކަން ކުރުން."

ފުލުހުންނާއި ސިފައިންގެ ފްލެޓްތަކުގެ މަސައްކަތް ކިރިޔާ ވެސް ހަލުއި ސްޕީޑެއްގައި ކުރީ ވޭތުވެދިޔަ ހަތަރު ވަރަކަށް އަހަރުގެ ތެރޭގަ އެވެ. އައިލެންޑް އެކްސްޕާޓާ މުޅި މަޝްރޫއު ހަވާލުކޮށްގެން، އެ ތަނުން ހަ ޓަވަރުގެ މަސައްކަތް އެއްކޮށްހެން ކުރިއަށް ގެންދިޔަ އިރު ގާތްގަނޑަކަށް 700 ވަރަށް މުވައްޒަފުން ކޮންމެ ދުވަހަކު ހެން މަސައްކަތް ކުރި އެވެ. އެކަމަކު އެ މީހުންނަށް ވެސް އެންމެ ފަހު ވަގުތު ދިމާވީ ފައިސާގެ މައްސަލަ އެވެ.

"ހަގީގަތަކީ ފައިސާ ނެތުން. ފައިސާ ނެތީމަ މިހާ ލަސްވެގެން ދިޔައީ. މަސައްކަތް ހަވާލު ކުރި ކުންފުނިތަކަށް މައްސަލަ ދިމާވާއިރު ސިފްކޯ ވެސް އަދި ޕޮލްކޯގައި ވެސް ނެތް ފައިސާއެއް އެކަން މެނޭޖްކުރެވޭވަރަކަށް،" ޕޮލްކޯގެ އިސް މަގާމެއްގައި ކުރިން ހުންނެވި ބޭފުޅާ ވިދާޅުވި އެވެ.

"އެހެން ނޫނީ މަޝްރޫއު މިހާރު އޮތީހީ ނިމިފައި. ފުލުހުން ތިބީހީ އެތަނަށް ވަދެ."

ސިފްކޯ އިން ބުނި ގޮތުގައި މަޝްރޫއު ލަސްވާތީ އެ ކުންފުންޏަށް ވެސް ދަނީ ގެއްލުންތަކެއް ވަމުންނެވެ. އެއް ގެއްލުމަކީލޯނުގެ އިންޓަރެސްޓް ހިނގުމެވެ.

މިއީ އެންމެ ފަހު ފަހަރު؛ ޔަގީން ފަހަރެއް!

ސަލާމަތީ ބާރުތަކަށް ފްލެޓްތަކުން ސަލާމަތް ވާން އޮތް ހަމައެކަނި މަގަކީ ފައިސާގެ ކަންކަން ހަމަޖެހުމެވެ. މިހާރު ބެލެވޭ ގޮތުގައި ހަ ޓަވަރު ނިންމަން އިތުރު 700 މިލިއަން ރުފިޔާވަރު ހޭދަވާނެ އެވެ. އެ ފައިސާ ލޯނެއްގެ ގޮތުގައި ހަމަޖައްސަން ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ. އަދި، އޭގެ ތެރެއިން ސިފްކޯ އަށް އެއް ޕޭމަންޓް ދާދިފަހުން ވަނީ ދޫކޮށްފަ އެވެ. ފްލެޓްތަކުގެ މަސައްކަތް ދެން ކުރާނީ، ކުރިއާ ހިލާފަށް ކޮންޓްރެކްޓަރަށް އެޑްވާންސްކޮށް ފައިސާ ދައްކައިގެންނެވެ.

ސިފައިންގެ ފްލެޓްތައް ނިންމަން ޗައިނާގެ ކުންފުންޏަކާ ދާދި ފަހުން ވަނީ ހަވާލުކޮށްފަ އެވެ. ސިފްކޯ އިން ބުނި ގޮތުގައި އެއް އަހަރުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް، އެ ކުންފުނިން އަމަލީ މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ފުލުހުންގެ ފްލެޓްތައް ނިންމުމުގެ އެންމެ ފަހު ތައްޔާރީތައް އަންނަނީ ވަމުންނެވެ. ފުލުހުންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ބާރަށް މަސައްކަތް ގެންގޮސްގެން އަހަރެއްހާ ދުވަހުގެ ތެރޭގައި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ނިންމާލެވޭނެ އެވެ.

ސިފައިންގެ ފްލެޓް އިމާރާތުގެ ވެސް ސިމެންތީގެ ގާތްގަނޑަކަށް ހުރިހާ މަސައްކަތެއް ހުރީ ނިމިފަ އެވެ. އެއް ޓަވަރުގެ ގާތްގަނޑަކަށް ހުރިހާ އެޕާޓްމެންޓެެއްގައި ޓައިލްސް ޖަހައި ފާހާނާގެ ވަރަށް ގިނަ މަސައްކަތްތައް ވެސް ހުރީ ނިންމައިފަ އެވެ. އެކަމަކު އަނެއް ދެ ތަވަރުގައި ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް އަދި އެބަހުއްޓެވެ. އެއީ ގާތްގަނޑަކަށް އެއް އަހަރު ދުވަހުގެ މަސައްކަތެވެ.

"ބޭނުންވާ ހުރިހާ ސާމާނެއް މިހާރު އެހުރީ ސައިޓަށް ވެސް ގެނެވިފައި،" އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުންގެ ފްލެޓްތައް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގެ ދެން އޮތީ އެންމެ ފަހު މަރުހަލާގަ އެވެ. ޕޮލްކޯ އިން ވަނީ އެކި ފަރާތްތަކުގެ އަގުތައް ހޯދައި ޝޯޓްލިސްޓް ކޮށްފަ އެވެ.

"ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބަޔަކު ފައިނަލްވާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ނިމުމުގެ ފުރުސަތު މިފަހަރު ބޮޑެވެ. ކުރިއާ ހިލާފަށް މިފަހަރު ދެ ސަބަބެއް އެބައޮތެވެ. އެއް ކަމަކީ، ރައީސް މިކަމަށް ދެއްވާ އިސްކަން ކަމަށް، މީގެ ތެރޭގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ބައެއް ބޭފުޅުން ވިދާޅުވެ އެވެ. އަނެއް ކަމަކީ، ފައިސާގެ ކަންކަން ހަމަޖެހިފައި ހުރުމެވެ. ކުރިއަށް އޮތްތާނގައި ފަންޑު ދޭނީ ސަރުކާރުން ލޯނު އުސޫލުންނެވެ.

5 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 67%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފޫޅު އަލިބޭބެ

31 December 2021

ސަލާމަތީ ބާރުތަކޭ؟ އެއީ ކޮންތާކު އޮތް ވާހަކައެއް؟ ގާނޫނުގަވެސް އޮންނަނީ ސަލާމަތީ ޚިދުމަތްތަކެއްގެ ވާހަަކަ. ސަލާމަތީ ބާރެއްގެ ވާހަކައެއް ނޯވޭ. ޕޮލިސް ސްޓޭޓެއް ގާއިމުކޮށް ޖުމްހޫރީ ފިކުރާ ދިމާ އިދިކޮޅަށް އެޔަށް މީހުން އަހުލުވެރި ކުރުވުން މިކަހަލަ ޓާމްސްތައް ނޯމަލައިޒް ތި ކުރަނީ. ނޫސް ޚަބަރު ލިޔާއިރު ހަރުދަނާކަމާ ޕްރޮފެޝަނަލިޒަމް ހުންނަންވާނެ.

The name is already taken The name is available. Register?

އެކްސިް

30 December 2021

ސިފްކޯ ޕްލްކޯ އޮޑިޓު ކުރާ ކުންފުނިތަށް ބާ. ބިތު ފަންގި ނަގާބަލަ

The name is already taken The name is available. Register?

ޓިނުބެ

30 December 2021

ދެން ތިވާހަކަ ދައްކާނެ ކަމެއްނެތް. ތީ ބަގާވާތް ކޮށްދިނީމަ ވަހީދު ސިފައިންނާ ފުލުހުންނަށް ދިން ހަދިޔާ.

The name is already taken The name is available. Register?

ދޮހޮއްކޮބެ

30 December 2021

ފުޅެޓު ނޭޅެންޏާ އުފަން ރަށުން ގޯތި ދީބަލަ. ހ

The name is already taken The name is available. Register?

ސަސި

30 December 2021

އެހެންވީމަ 2023 ސެޕްޓެމްބަރަށް ނިމޭނެތާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454