03 ޖެނުއަރީ 2022 - 12:38
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާ ދެކޮޅު ހެދުމުގެ ގޮތުން، ނެދަލޭންޑްސްގެ ވެރިރަށް އެމްސްޓެޑަމްގައި އިއްޔެ އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާކޮށްފި އެވެ.
ކޮވިޑް ވަބާ ފެތުރުން ހުއްޓުވުމުގެ ގޮތުން، އާންމު ތަންތަނަށް ގިނަ މީހުން އެއްވެ އުޅުން މަނާކޮށްފައި އޮއްވައި، މަގުތަކަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެ މުޒާހަރާކުރަން ފެށުމާއެކު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް މުޒާހަރާ ރޫޅާލައިފަ އެވެ. އިއްޔެ މުޒާހަރާ ކުރި ގިނަ މީހުން އެއްވީ، އެމްސްޓެޑަމްގެ މެދުތެރޭގައި އޮންނަ މިޔުޒިއަމް ސްކެޔާއަށެވެ.
މުޒާހަރާ އަށް މީހުން މަގުތަކަށް ނުކުތުމާ ގުޅިގެން، އެމްސްޓެޑަމްގެ މޭޔަރު ފެމްކޭ ހަލްސޭމާ ވަނީ، ބާރުގެ ބޭނުންކުރުމުގެ ކުއްލި އަމުރެއް ފުލުހުންގެ މައްޗަށް ނެރުއްވައިފަ އެވެ. އެ އަމުރު ނެރުއްވުމާ ގުޅިގެން، ފުލުހުން މަގުތަކަށް ނުކުމެ މުގުރާއި އައްޑަނަ ބޭނުންކޮށްގެން، މުޒާހަރާ ރޫޅައިލާން މަސައްކަތް ކުރި އެވެ.
ފުލުހުން ބާރުގެ ބޭނުންކޮށް މުޒަހަރާ ރޫޅާލަން ފެށުމާއެކު، މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންނާ ކުރިމަތިލައި ހަމަނުޖެހުން ހިންގައިފަ އެވެ. މުޒާހަރާގެ ގިނަ ބައިވެރިން ތިބީ މާސްކް ނޭޅުމުގެ އިތުރުން، ގައިދުރުކަމަށް ވެސް ބެލުމެއް ނެތި އެވެ.
ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން، ނެދަލޭންޑްސްގައި ފުރަބަންދުގެ ހާލަތު އިއުލާންކުރީ، މިދިޔަ ޑިސެމްބަރު 19ގަ އެވެ. މިމަހުގެ 14 ނިޔަލަށް އިއުލާންކޮށްފައިފާ ފުރަބަންދުގެ ހާލަތުގައި އަސާސީ ޒަރޫރީ ސާމާނު ވިއްކާ ފިހާރަތައް ފިޔަވައި އެހެން އެއްވެސް ވިޔަފާރިއެއް ހުޅުވައިގެން ހިންގުން މަނާވާނެ އެވެ. އެ ގޮތުން ރެސްޓޮރަންޓްތަކާއި ޖިމްތަކާއި ދާރުލްއާސާރުތަކާއި، އާންމުން އެއްވެ އުޅޭ އެހެން ތަންތަން ވެސް ބަންދުވާނެ އެވެ.
ފުރަބަންދުގެ ހާލަތުގައި، ޒަރޫރީ ބޭނުމެއްގައި ގެއިން ބޭރަށް ނުކުތަސް، ދެ މީހުންނަށް ވުރެ ގިނަ މީހުން އެއްތަންވެ އުޅުން މަނާވާނެ އެވެ. ވިލާތުގެ އެހެން ގައުމުތަކެކޭ ވެސް އެއްގޮތަށް ނެދަލޭންޑްސްގައި ވެސް ފުރަބަންދުގެ ހާލަތު މި އިއުލާންކުރީ، ކޮވިޑް ޖައްސާ ވައިރަހުގެ ބާވަތްތަކުގެ ތެރެއިން އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަސް އާދަޔާ ހިލާފު ހަލުވިމިނެއްގައި ފެތުރި، ގިނަ ބަޔަކަށް ބަލިޖެހެމުން ދާތީ އެވެ.
ކޮވިޑުން ރައްކާތެރިވުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅިޔަސް، ވިލާތުގެ ގިނަ ގައުމުތަކުގައި އާންމު ރައްޔިތުންގެ ތެރެއިން ބައެއް މީހުން އަންނަނީ އެ ފިޔަވަޅުތަކާ ދެކޮޅު ހަދަމުންނެވެ. ކޮވިޑުން ރައްކާތެރިވުމަށްޓަކައި ވެކްސިން ޖެހުމަށް ވެސް ވިލާތުގެ ބައެއް ގައުމުތަކުގައި ލިބެނީ ވަރަށް ފިނި ތަރުހީބެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށސ111
04 January 2022
ރެސިސްޓް ދަ ގްރޭޓް ރީސެޓް
ބިލް ކުލިންޓަން
03 January 2022
ސާބަހޭ. ރައްޔިތުން ހިފާއްޓާ. ސަރުކާރުންޖެހޭނީ ދޫކުރާން.