ކުވައިތުގައި ފެން ބޮޑުވެފައި
03 ޖެނުއަރީ 2022 - 13:00
އަހަރުގެ މި ދުވަސްވަރު އާންމު ގޮތެއްގައި މޫސުން އޮންނަ ގޮތާ ހިލާފަށް، އަރަބި ދުނިޔޭގެ ބައެއް ގައުމުތަކަށް މޫސުން ގޯސްވެއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހުން ފެށިގެން މޫސުން ގޮސްވަމުން އަންނަ ގައުމުތަކަކީ، ކުވައިތާއި ސައޫދީ އަރަބިއްޔާ އާއި މިސްރާއި އެމިރޭޓްސް އާއި ބަހްރައިނާއި ގަތަރުގެ އިތުރުން އޮމާނެވެ. މި ގައުމުތަކަށް އާދަޔާ ހިލާފަށް ފިނި ގަދަވެ އެންމެ ބޮޑަށް މޫސުން ގޯސްވީ އިއްޔެ އެވެ.
ސައޫދީ އަރަބިއްޔާ އާއި ކުވައިތަށް އިއްޔެ ވަރަށް ބޯކޮށް ވާރޭ ވެހި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވި އެވެ. މިސްރުގައި ވެސް ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެފައިވާ އިރު، ބައެއް ސަރަހައްދުތަކަށް ސްނޯ ވެސް ފައިބައިފައިވެ އެވެ. އޭގެ އިތުރުން ބަހްރައިނާއި ގަތަރާއި އުންމާނަށް ވެސް ބާރަށް ވައި ޖެހި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވި އެވެ.
ކުވައިތުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން، ރައްކާތެރި ތަންތަނަށް ބައެއް މީހުން ގެންދަން ޖެހުނެވެ. ބައެއް ގެތަކަށް ފެންވަދެ މަގުތަކުގައި ވެސް ކާރު ފަދަ އެއްގަމު އުޅަނދު ނުދުއްވޭ ވަރަށް ވަނީ ފެންބޮޑުވެފަ އެވެ.
އޮމާންގައި އިއްޔެ މޫސުން ގޯސްވެ ހަ މީހަކު މަރުވި އެވެ. އުންމާންގެ ފުލުހުން ބުނި ގޮތުގައި، މަރުވި ހަ މީހުންގެ ތެރެއިން ފަސް މީހަކު މަރުވެފައި ތިއްބާ ފެނުނީ، ބޮޑުވި ފެންގަނޑުގެ ތެރެއިން އޮޔާ ގޮސް ވާދީއެއްގެ ތެރެއަށް ވެއްޓިފައި އޮތް ކާރެއްގެ ތެރެއިންނެވެ. ހަ ވަނަ މީހާގެ ހަށިގަނޑު ފެނުނީ ވެސް ވާދީގެ ތެރެއަށް ވެއްޓިފައި އޮތް އެހެން ކާރެއްގެ ތެރެއިންނެވެ.
އޮމާންގެ މޫސުން މި ހަފުތާގެ ބުދަ ދުވަހާ ހަމައަށް ގޯސްވާނެ ކަމަށް އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެ އެވެ.
މިސްރުގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވާން ފެށީ މިދިޔަ ހަފުތާގެ ބުދަ ދުވަހު އެވެ. މިސްރުގެ އިރުމަތީ ރިސޯޓް ރަށެއް ކަމަށްވާ ޣަރްދަގާ އަށް އާދަޔާ ހިލާފަށް ގިނައިން ސްނޯ ފޭބި އެވެ. މޫސުން ގޯސްވުމާ ގުޅިގެން ޣަރްދަގާ އާއި ޝަރްމުއް ޝައިޚް އާއި އަސްޔޫތުގައި މި ހަފުތާގައި ސްކޫލްތައް ވަނީ ބަންދުކޮށްފަ އެވެ.
ސައޫދީ އަރަބިއްޔާގެ ތަބޫކް ސަރަހައްދަށް ވެސް އިއްޔެ، އާދަޔާ ހިލާފަށް ސްނޯ ފޭބި އެވެ. އެ މަންޒަރު ބަލަން ގިނަ އަދަދެއްގެ މީހުން އެއްވި އިރު، ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުން ލަފާކޮށް، ބައެއް ސަރަހައްދުތަކަށް މިހާރުވަނީ އިންޒާރުގެ ނޯޓިސް ނެރެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy