09 ޖެނުއަރީ 2022 - 06:18
ކަންޔޭ ވެސްޓް ގާތުން ވަރިވާން ކިމް ކަޑޭޝިއަން ކޯޓަށް ހުށަހަޅާފައި އޮތަސް، ކަންޔޭ ސުލްހަވާން އެދޭ ކަމުގެ އިޝާރާތްތަކެއް ދެމުން އަންނަނިކޮށް އޭނާއާ މިހާރު ރައްޓެހިވެގެން އުޅޭކަން ބަތަލާ ޖޫލިއާ ފޮކްސް ކަށަވަރުކޮށް ދީފި އެވެ.
މި އަހަރު ފެށުނީ، އޭނާ އާއި ކަންޔޭގެ ގުޅުމުގެ ވާހަކަތައް ވަރަށް ގިނަ މީޑިއާތަކުގެ ސުރުހީތަކަށް ވެސް އެރުމާ އެކީގަ އެވެ. އެގޮތުން އަހަރުގެ ފުރަތަމަ ރޭ ވަރަށް ހާއްސަ ޑިނާ ޑޭޓަކަށް ދެ މީހުން ދިޔަ ކަމަށާއި އެކީގައި ނަގާފައިވާ ފޮޓޯތަކެއް ވެސް ބައެއް މީޑިއާތަކުން ގެނެސްދިނެވެ.
މި ގުޅުން ކަށަވަރުކޮށް ދެމުން ޖޫލިއާ، 31، "އިންޓަވިއު" މެގަޒިންގައި ބުނެފައި ވަނީ ކަންޔޭއާ އެކު ދިޔަ ފުރަތަމަ ޑޭޓް ވަރަށް ވެސް ހިތްގައިމު ކަމަށެވެ. އަދި ކަންޔޭއާ އެކު ހޭދަކުރެވުނު ވަގުތަކީ ހަނދާން ނައްތާނުލެވޭ ފަދަ އުފާވެރި ހާއްސަ ވަގުތެއްކަން ފާހަގަކޮށް އެ ވަގުތުކޮޅު ޖޫލިއާ ސިފަކުރީ "ސިންޑްރެއްލާ މޮމެންޓް" ގެ ގޮތުގަ އެވެ.
"އަހަރެމެންގެ ޑޭޓް ނައިޓްގައި އެކަމަކު އަހަރެމެންނަށް ޕްރައިވެސީ ދީގެން ރައްޓެހިންތަކެއް ވެސް ބައިވެރިވި. މީގައި ވަރަށް ފާހަގަކޮށްލެވުނު އެއް ކަމަކީ ކަންޔޭއާ އެކު ހޭދަކުރެވުނު ކޮންމެ ހިނދުކޮޅަކީ ހަނދާން ނައްތައިނުލެވޭ ފަދަ މަޖާ ވަގުތުކޮޅެއްކަން،" އިޓަލީ އަށް އުފަން ޖޫލިއާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ފުރަތަމަ ޑޭޓަށް ދިޔަ ރެސްޓޯރެންޓުގައި ކަންޔޭ އޭނާ އަށް ވަރަށް ހާއްސަ ސަޕްރައިޒެއް ވެސް ދިނެވެ. އެއީ އެތަނުގައި ހާއްސަ ސުއިޓެއްގައި ހެދުންތަކުން ފުރާލުމެވެ.
"އެއީ ވަރަށް ބޮޑު ސަޕްރައިޒެއް. ނޭނގޭ އެކަން އޭނާ ކުރީ ކިހިނެއް ކަމެއް ވެސް. އެއީ ހަމަ ކޮންމެ އަންހެން ކުއްޖަކު ވެސް ދެކޭނެ ކަހަލަ ހުވަފެނީ ވަގުތުކޮޅެއް. އެހެންވެ ކަންޔޭގެ ދިން ފުރަތަމަ ޑޭޓް ނައިޓަކީ ހަމަ އަހަންނަށް ސިންޑްރެއްލާ މޮމެންޓެއް،" އަންކަޓް ޖެމްސް އާއި ނޯ ސަޑެން މޫވްގައި މަސައްކަތްކޮށްފައިވާ ބަތަލާ ބުންޏެވެ.
ކަންޔޭ އާއި ޖޫލިއާގެ ވާހަކަ މިހާރު ވަރަށް ހޫނުކޮށް ދެކެވެމުން އަންނަ އިރު ކިމްއާ، އޭނާ މައްސަލަ ޖެހުނު ފަހުން ރަޝިއާގެ މޮޑެލް އައިރީނާ ޝައިކްއާ ވެސް ކަންޔޭ ރައްޓެހިވިކަމުގެ އަޑުތަކެއް އެރި އެވެ. އޭނާ އަކީ ހޮލީވުޑްގެ މަޝްހޫރު ތަރި ބްރެޑްލީ ކޫޕާގެ ދަރިފުޅުގެ މަންމަ އެވެ.
ކަންޔޭ ގާތުން ކިމް ވަރިވާން ނިންމާފައިވާ އިރު، އޭނާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ 13 އަހަރު ހަގު ޕީޓް ޑޭވިޑްސަނާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާބެ
09 January 2022
ދޮންކަލޯ ކަންޔޭ އަތުގަ ބޯކޮށް ރުފިޔާ އެބަހުއްޓޭ
ގުލްޒާރު
09 January 2022
ކާންޔޭ މީ ހާދަ ގަދަގޮލައެކޭ. މުޅިން ދޮންކުދިން އަތުއަޅުވާއެލަނީ.