ވިޔަފާރި / މަސްވެރިކަން

މަސްވެރިންގެ އާމްދަނީ ތިން ގުނަ ވާނެ ބަދަލެއްގެ ހުވަފެން!

މިފްކޯ އިން ބުނަނީ ކެޕޭސިޓީ 14،000 ޓަނަށް އިތުރުކުރާނެ ކަމަށް. އެކަމަކު މަސްވެރިން ބުނަނީ މިހެން ކިޔާތާ ސާޅީހަކަށް އަހަރުވެއްޖެ ކަމަށާއި އުންމީދެއް ނެތް ކަމަށް.

މަސްވެރިން މަސް ބާނަނީ: އެ މީހުންގެ އެންމެ ބޮޑު ޝަކުވާ އަކީ ބާނާ މަސް ކިރުވޭނެ ގޮތެއް ނެތުން.

މަސްވެރިކަން ކިރިޔާ ވެސް ތިޔާގިވެ ރަނގަޅުވާ ކޮންމެ ވަގުތަކު މަސްވެރިންގެ ހުއްޓުމެއް ނެތް ޝަކުވާ އަކީ މަސް ކިރޭނެ ކެޕޭސިޓީ މިފްކޯގައި ނެތި މަސްތައް އުކާލަން ޖެހުމެވެ. މަސްވެރިން ޒަމާނީވެ ދޯނިތައް އެތައް ގުނައަކަށް ބޮޑުކުރި އިރު ވެސް މިފްކޯ އަދިވެސް އޮތީ މީގެ 50 އަހަރު ކުރިން ވެސް އޮތް ހާލަތުގަ އެވެ. މި ވާހަކަތައް މަސްވެރިން ދައްކާތާ ވީ ދުވަހެއް ނޭނގެ އެވެ. މިހާރު ތިބީ މިކަން އޮންނާނީ މިހެން ކަމަށް ނިންމައި އުންމީދު ކަނޑާލައިގެންނެވެ.

މަސް ކިރުން ކޮންޓްރޯލްކުރަން ޖެހޭތީ، މަސްދޯނިތައް ދިގު ކިޔުތަކުގައި ޖެހިގެން އެތައް ދުވަހަކު ތިބެންޖެހޭ މައްސަލައަށް އޮތް ހައްލަކީ ރާއްޖޭގައި މަސް ރައްކާކުރާނެ ސްޓޯރޭޖްތައް އިތުރުކޮށް، މިހާރު ހުރި ތަންތަނުގެ ކެޕޭސިޓީ ބޮޑު ކުރުމެވެ. މި ވަގުތު މުޅި ރާއްޖޭގައި ވެސް މަސް ރައްކާކުރެވެނީ ގާތްގަނޑަކަށް 4،000 ޓަނެވެ. އެވްރެޖްކޮށް މަސްވެރިން ދުވާލެއްގެ މައްޗަށް 500 ޓަނު މަސް ބާނަ އެވެ. އެ ނިސްބަތުން މިއީ ދެތިން ދުވަހުގެ ތެރޭގައި ފުރާލެވޭނެ ކެޕޭސިޓީ އެވެ.

މަސްވެރިންގެ ދޯނިތަކަށް އައިސް ނަގަނީ--ފޮޓޯ:މިހާރު

ރާއްޖޭގައި މަސް ރައްކާކޮށް ބެހެއްޓޭނެ ޖާގަ އިތުރުކުރުމުގެ މަސައްކަތް މިފްކޯއިން މިހާރު ވަނީ ފަށައިފަ އެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑު އިސްކަމެއް ދެނީ މަސް ކިރުވޭނެ ޖާގަ އިތުރުކޮށް މަސްވެރިންނަށް އެންމެ ބޮޑު ފައިދާއެއް ނެރެވޭނެ ގޮތްތަކެއް ފަހިކުރުމަށެވެ.

މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި، އެ ކުންފުނީގެ ސްޓޯރޭޖް ބޮޑުކުރުމުގެ ބޮޑު ހަތަރު ޕްރޮޖެކްޓެއް ފަށަން އަންނަނީ ތައްޔާރުވަމުންނެވެ. އެ ހުރިހާ ޕްރޮޖެކްޓެއް ވެސް މި ވަގުތު އޮތީ އިވެލުއޭޝަން ޕްރޮސެސްގަ އެެވެ. މި ޕްރޮޖެކްޓްތަކުގެ ތެރެއިން ކޫއްޑޫގެ މަސް ރައްކާކުރާ ކެޕޭސިޓީ 4،000 ޓަނަށް އިތުރުކުރާނެ އެވެ. އަދި ފެލިވަރުގައި ވެސް 4،000 ޓަނަށް ކެޕޭސިތީ އިތުރުކުރާނެ އެވެ. މީގެ އިތުރުން ގދ. ތިނަދޫގައި 1،000 ޓަނުގެ ސްޓޯރޭޖެއް، މ. މުލަކުގައި 500 ޓަނުގެ ސްޓޯރޭޖެއް ހަދާނެ އެވެ

މަސްވެރިން ވިއްކާ މަސް ފެލިވަރުގެ ފެކްޓްރީ އަށް ގެންދަނީ-- ފައިލް ފޮޓޯ: މިހާރު

ފައުޒީ ވިދާޅުވީ، އަމާޒަކީ ކުރިއަށް އޮތް ދެ އަހަރެއްގެ ތެރޭގައި ކޯލްޑް ސްޓޯރޭޖްތައް ބޭނުންކުރަން ފެށުން ކަމަށެވެ.

"ހުރިހާ ޕްރޮޖެކްޓަކަށް ވެސް އިސްކަން ދެން. މި ތަންތަނުގައި އެންމެ އަވަހަށް ގާއިމް ކުރެވޭނެ ހިދުމަތަކަށް ކޯލްޑް ސްޓޯރޭޖްތައް ވާނެ،" އޭނާ ވިދާޅުވި އެވެ.

މި ޕްރޮޖެކްޓްތަކުގެ ތެރެއިން ފެލިވަރުގައި ހިންގާ ޕްރޮޖެކްޓް ފައިނޭންސް ހޯދަނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީންނެެވެ. ބާކީ ހުރި ޕްރޮޖެކްޓްތަކަށް ފައިސާ ހޯދަނީ ސައުދީ ފަންޑުންނެވެ.

މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ "މިހާރު" އަށް އިންޓަވިއު ދެއްވަނީ. --- ފޮޓޯ: މިހާރު

މި ވަގުތު މިފްކޯގެ ކެޕޭސިޓީ

- ގއ. ކޫއްޑޫ: 2،000 ޓަނު

- ޅ. ފެލިވަރު: 750 ޓަނު

- އައްޑޫ: 1،500 ޓަނު

ކެޕޭސިޓީ 14،000 ޓަނަށް އިތުރުވާނެ

އަލަށް ހަދަން ރާވާފައިވާ ކޯލްޑް ސްޓޯރޭޖްތަކާ އެކު މިފްކޯގެ ކެޕޭސިޓީ ގާތްގަނޑަކަށް 14،000 ޓަނަށް އިތުރުވީ އެވެ. މިއީ މިހާރު މިފްކޯގެ ކެޕޭސިޓީ އަށް ވުރެ ގާތްގަނޑަކަށް ތިން ގުނަ އިތުރު އަދަދެކެވެ. ފައުޒީ ވިދާޅުވީ، ކޯލްޑް ސްޓޯރޭޭޖްތައް ބޭނުންކުރަން ފެށުން ވަރަށް މުހިންމު ކަމަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

"އޭރުން އަޅުގަނޑުމެންނަށް މަސް ގަނެފައި ރައްކާކުރެވޭނެ. ތިން ހަތަރު މަސް ދުވަހަށް މިގޮތަށް ކޯލްޑް ސްޓޯރޭޖްތަކުގައި ކޮލިޓީ އަށް ބަދަލެއް ނައިސް ބެހެއްޓޭނެ. މަސް ސީޒަންގައި ލިބޭ މަސް ބަހައްޓައިގެން ޕްރޮސެސްކުރުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

މިފްކޯގެ ކެޕޭސިޓީ ބޮޑުކުރަން މަސައްކަތް ފެށި އިރު މަސްވެރިން ވެސް ބުނަނީ މިވަރުގެ ކެޕޭސިޓީއަކުން ރާއްޖޭގައި މިހާރު މަސްވެރިން ބާނާ މަސް ފަސޭހަ ކަމާ އެކު ކިރޭނެ ކަމަށެވެ. ނަމަވެސް މިކަން މިފްކޯއިން ބުނާ ސްޕީޑުގައި ކުރިއަށްދާނެ ކަމާ މެދު މަސްވެރިން ސުވާލު އުފައްދަ އެވެ.

ގއ. ގެމަނަފުށި އުދަރެސް ދޯނިން ވާހަކަ ދެއްކި މަސްވެރިއެއް ކަމަށްވާ މުހައްމަދު ޝިނާން ބުނީ، މިދިޔަ ސާޅީހަކަށް އަހަރު ހައްލެއް ނުލިބި އޮތް ކަމަކަށް އެހާ އަވަހަށް ހައްލު ލިބޭނެ ކަމަށް އެއްވެސް އުންމީދެއް ނުކުރާ ކަމަށެވެ. ސަބަބަކީ މަސްވެރިންގެ ކަންކަން ރަނގަޅު ކުރުމުގައި މާބޮޑު ކާމިޔާބީއެއް ލިބިފައި ނުވާތީ ކަމަށް އޭނާ ބުންޏެވެ.

"މިހާރު ވެސް ކޫއްޑޫގެ ބަނދަރަށް ވަންނަ ހަތަރު ދޯންޏަށް އެއްފަހަރާ ހިދުމަތް ނުދެވިގެން އެ އުޅެނީ، އެންމެ ކްރޭނަކުން މަސް އުފުލެނީ. މިކަންކަން ކުރަން އެހާ ލަސް،" އޭނާ ބުންޏެވެ.

އޭނާ ބުނީ މި ނޫން ދުވަހެއް މަސްވެރިންނަށް ފެންނާނެ ކަމަށް އުންމީދުކުރި ނަމަވެސް އަދި މަސްވެރިން ބޭނުންވާ ފަދަ ޒަމާނީ ހިދުމަތްތަކެއް މިފްކޯއަކަށް ނުދެވޭ ކަމަށެވެ. މަސް ބާނަން މަސްވެރިން މިހާރު ގެންގުޅެނީ އެންމެ ޒަމާނީ ހިދުމަތްތައް ހުންނަ 130 ފޫޓުގެ ބޮޑެތި އޮޑިދޯނި ފަހަރެވެ. މި ދޯނިފަހަރަށް އެއްފަހަރާ 60 ޓަނުގެ މަސް ބަރުކުރެވެ އެވެ.

ކެޕޭސިޓީއާ އެކު މަސްވެރިންގެ އާމްދަނީ ތިން ގުނައަށް

މަސްވެރިކަން އާންމުކޮށް ރަނގަޅުވަނީ ދެ ހަފްތާއެއްހާ ދުވަހަށެވެ. އަހަރުގެ އެކި ދުވަސްތަކުގައި މިގޮތަށް މަސްވެރިކަން ތިޔާގިވެގެންދެ އެވެ. މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު މަސްވެރިން އާންމުކޮށް 30 ޓަނާއި 40 ޓަނާ ދެމެދުގެ އަދަދަކަށް މަސް ބާނަ އެވެ. އަދި ކިޔުގައި ތިން ހަތަދު ދުވަސް މަޑުކޮށްގެން ވެސް މަސްވެރިކަން ތިޔާގި ދުވަސްތަކުގައި މަސްވެރިންނަށް 50،000ރ. ވަރު އާމްދަނީގެ ގޮތުގައި ލިބެ އެވެ.

ސ. މަރަދޫގެ މަސްވެރިއެއް ކަމަށްވާ މުހައްމަދު ހިސާން އަބްދުﷲ ބުނީ، 14،000 ޓަނަށް މިފްކޯގެ ކެޕޭސިޓީ އިތުރު ކުރެވިއްޖެ ނަމަ މަސްވެރިންނަށް މިހާރު ލިބޭ އާމްދަނީ ތިން ގުނައަށް އިތުރު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

"ބާނާ މަސްކޮޅު ކޮންމެ ދުވަހަކު ކިރޭ ނަމަ، މިހާރު މަސްވެރިންނަށް ލިބޭ އާމްދަނީ ދެ ގުނަ ވެސް ކުރެވޭނެ. ތިން ގުނަ ވެސް ކުރެވޭ. އެއީ އަޅުގަނޑުމެން މި ބޭނުންވާ ދުވަހަކީ ދެކެން،" އޭނާ ބުންޏެވެ

ހިސާން ބުނީ، ކޯލްޑް ސްޓޯރޭޖް ބޮޑުކުރުމުގެ އިތުރަށް މަސް ގަނެވޭނެ ޖާގަ ހުރި ބޯޓު ފަހަރުތައް އިތުރުކޮށްގެން ވެސް، މަސްވެރިން ބާނާ މަސް ފަސޭހައިން ކިރޭނެ ކަމަށެވެ. އޭނާ ބުނީ ކެޕޭސިޓީ އިތުރު ކުރާއިރު ރާއްޖޭގެ ހުރިހާ ހިސާބަކުން އެއް ހަމައެއްގައި މަސް ކިރުވޭނެ ގޮތް ހަމަޖެހުން ވަރަށް މުހިއްމު ކަމަށެވެ. އޭރުން އެކި ސަރަހައްދުތަކުގައި މަސް ބާނާ ދޯނިތަަކަށް ފަސޭހައިން މަސް ކިރޭނެ އެވެ.

މިފްކޯގެ ސްޓޮރޭޖް ގާތްގަނޑަކަށް ތިން ގުނައަށް ބޮޑު ކުރެވިއްޖެ ނަމަ، ރާއްޖޭގެ މަސްވެރިކަމަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް މަސްވެރިން ވެސް ގަބޫލު ކުރެ އެވެ. ނަމަވެސް މަސްވެރިން ސުވާލު އުފައްދަނީ މިކަން ވެސް ހުސް ވާހަކައަށް ވެދާނެތީ އެވެ. މިދިޔަ ސާޅީހަކަށް އަހަރު، މަސްވެރިންނަށް ބޭނުންވާ ކެޕޭސިޓީ ބޮޑު ނުވީ މަސްވެރިކަން ސިޔާސީ ކުރާތީ ކަމަށް މަސްވެރިން ބުނެ އެވެ. ނަމަވެސް މިފްކޯއިން ބުނަނީ މަސްވެރިން މިފްކޯއާ މެދު ދެކޭ ގޮތް މިފަހަރު ބަދަލުކޮށް، މަސްވެރިން އެ ބޭނުންވާ ހައްލު ހޯދައިދޭނެ ކަމަށެވެ.

8 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 0%
icon angry icon angry 60%
icon wow icon wow 0%
icon inlove icon inlove 20%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލުތުފީ

30 January 2022

މަސްވެރިންގެ ޝަކުވާތަށް އަޑުއަހައި، މަސްވެރިންނަށް މަންފާހޯދަދޭން މިސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން. މޮފްކޯ އަކީ ޒަމާނުއްސުރެ، ބޮޑުދަރަނީގަ ހިންގަމުން އައިސްފައިވާ ކުންފުންޏަކަށްވުމުން، ކަންކަންކުރުމުގަ ގޮންޖެހުން ހުންނާނެ. މިފްކޯގެ މިހާރުގެ އަމާޒު ރަގަޅުކަމަށް ފެންނަނީ.

The name is already taken The name is available. Register?

ހުވަފެން.

25 January 2022

މަސްވެރިންގެ ޖީބަށް ސީދާ ޑޮލަރު މިހާރު ލިބޭނެ. ރަށްވެހި ފަތިހަކަށް އަލި ވިލުނު އިރު ކަންނެލި ޖަގަހަ ތަކާއި ، އޮފްޝޯ ޕްލެޓްފޯމް އެއޮތީ މުޅި ހުވަދޫގަ އަޅާ ފުރާލާފަ.

The name is already taken The name is available. Register?

މުހައްމަދު..

24 January 2022

މިފްކޯގެ ކޮންސަލްޓެންޓެއ

The name is already taken The name is available. Register?

އިސްމާލި

24 January 2022

މަ ހީކުރީ މަސްވެރިން އައިނުގައި މަސް ބާނަން ތިއްބާ މަސްގަންނަ ބޯޓު ސީދާ ތައިލޭންޑުން އައިސް ގާތްކޮށްލާފައި ތެޅިތެޅި ހުރި މަސްކޮޅު ކިރާލައިގެން ޑޮލަރުން އަގު ދީފައި އިތުރަށް ތެލާއި ފެން ވިއްކާފައި ދާ ކަމަށް. ރާއްޖޭގެ އުތުރުން ވަރަށް ގިނައިން މިފަދަ ބޯޓުތައް ފެނިގެން މަސްވެރިން އެކަމާ އުފަލުން މީސްމީޑިއާގައި ކިޔާ. މަސްވެރިން މިހާރު އެތެރެވަރިއަށް ވަންނަނީ ކޮއްތު ނަގާށާ އެން ދަމަން އެކަނި. އެ ދެކަންތައްވެސް އޯފްޝޯ ޕްލެޓްފޯމް ނިމުނީމައި ހަމަޖެހޭނެ.

The name is already taken The name is available. Register?

ރަޝީދު

24 January 2022

ވޯޓް ދުވަސް ކައިރިވާހެން ހީވާން ފަށައިފި

The name is already taken The name is available. Register?

ވަހުތާން

24 January 2022

ތީ ބިލާހެއް! އިބިލީހުގެ ކައިވެންޏެއް!

The name is already taken The name is available. Register?

ކަޅުބުޅާ

24 January 2022

މިއީ ހަމައަސްލުގައިވެސް އަރަތެއް! "ރާއްޖޭގައި މަސް ރައްކާކޮށް ބެހެއްޓޭނެ ޖާގަ އިތުރުކުރުމުގެ މަސައްކަތް މިފްކޯއިން މިހާރު ވަނީ ފަށައިފަ އެވެ" ދެން ފައުޒީ އެބުނަނީ "މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި، އެ ކުންފުނީގެ ސްޓޯރޭޖް ބޮޑުކުރުމުގެ ބޮޑު ހަތަރު ޕްރޮޖެކްޓެއް ފަށަން އަންނަނީ ތައްޔާރުވަމުންނެވެ" - މިދައްކަނީ ކޮންވާހަކައެއް!

The name is already taken The name is available. Register?

ރާއްޖެ

25 January 2022

އެއީ ހެޑިން ގަ އެބުނާ “ހުވަފެން”

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454