ޝާހުގެ ގެ ގޮއްވައިލާނެ ކަމަށް ބުނެ އިންޒާރު ދިން މީހާ ވަނީ މުމްބާއީގެ އެހެން ބައެއް ތަންތަނަށް ވެސް ޓެރަރިސްޓް ހަމަލާތަކެއް ދޭނެ ކަމަށް ބުނެފަ.
12 ޖެނުއަރީ 2022 - 05:43
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ޚާންގެ ގެ، މަންނަތު ގޮއްވާލާނެ ކަމަށް ބުނެ ދިން އިންޒާރަކާ ގުޅިގެން މިހާކު ހައްޔަރުކޮށް، އޭނާގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ ދައުވާކޮށްފި އެވެ.
މީޑިއާތަކުން ބުނެފައިވާ ގޮތުގައި މުމްބާއީގައި ހުންނަ ޝާހުގެ އަގުބޮޑު ގެ ގޮއްވައިލާނެ ކަމަށް ބުނެ އިންޒާރުދިން މީހާ ފުރަތަމަ ގުޅީ އިންޑިއާގެ މަހާރަޝްތުރާ ސްޓޭޓްގެ ޕޮލިސް ސްޓޭޝަނަކަށެވެ. އަދި އެ ކޯލު ކޮށްފައި ވަނީ މަދިއަ ޕްރަދޭޝްގެ ޖަބަލްޕޫރުންނެވެ.
މި ކޯލާ ގުޅިގެން މަހަރަޝްތުރާ ސްޓޭޓްގެ ފުލުހުން، އެ މައުލޫމާތު މަދިއަ ޕްރަދޭޝްގެ ފުލުހުންނާ ހިއްސާކޮށް، އެތަނުގެ ފުލުހުންގެ އެހީގައި އިންޒާރުގެ ކޯލު ދިން މީހާ ހައްޔަރުކުރި އެވެ. އަދި އޭނާ އަކީ ކުރިން ވެސް މިފަދަ އެތައް މައްސަލައެއްގެ ރިކޯޑް އޮތް ޖިތޭޝް ތާކޫރް ކިޔާ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
މަހާރަޝްތުރާ ސްޓޭޓްގެ ފުލުހުން ބުނި ގޮތުގައި ޝާހުގެ ގެ ގޮއްވައިލާނެ ކަމަށް ބުނެ އިންޒާރު ދިން މީހާ ވަނީ މުމްބާއީގެ އެހެން ބައެއް ތަންތަނަށް ވެސް ޓެރަރިސްޓް ހަމަލާތަކެއް ދޭނެ ކަމަށް ބުނެފަ އެވެ.
މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާ ފުލުހުން ބުނި ގޮތުގައި އިންޒާރު ދިން ޖިތޭޝް އަކީ ކުރިން ވެސް މަސްތުގެ ހާލަތުގައި ހުރެގެން މިފަދަ ކޯލްތަކެއްކޮށް، ބިރުވެރިކަން އުފައްދަން މަސައްކަތްކޮށްފައިވާ މީހެކެވެ. އެގޮތުން މަހާރަޝްތުރާ ސްޓޭޓްގެ ޗީފް މިނިސްޓަރުގެ ހެލްޕް ލައިނަށް ގުޅައިގެން ވެސް އޭނާ ކުރިން މިފަދަ އިންޒާރުތަކެއްދީ، ފޭކް ކޯލް ކޯލްތަކެއް ކޮށްފައިވާ ކަމަށެވެ.
"މިކަމަކީ އޭނާ މަސްތުގައި ހާލަތުގައި ހުރެ ތަރުރާކޮށް ކުރަމުންދާ ކަމެއް ކަން ފާހަގަކުރެވެނީ. އެކަމަކު އެފަދަ ހަމަލާތަކެއް ދޭނެ ކަމަށް ބުނެ އިންޒާރު ދެނީ ވަކި މަގުސަދެއް އޮވެގެން ކަމަކަށް މިހާތަނަށް ފާހަގައެއް ނުކުރެވޭ. މިހާތަނަށް އެނގުނު ގޮތުގައި ކައިވެނީގެ މައްސަލަތަކެއް ޖެހުނު ފަހުން ޖިތޭޝް އަކީ ރަލަށް ވަރަށް ބޮޑަށް ދެވިހިފާފައިވާ މީހެއް،" ފުލުހުން ބުންޏެވެ.
ޝާހުގެ ގެ ގޮއްވާލާނެކަމުގެ އިންޒާރު ދިން އިރު، މިފަދަ އިންޒާރުތައް އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިންނަށް ދޭތެރެ ދޭތެރެ އިން ލިބެ އެވެ. އަދި އެފަދަ އިންޒާރުތަކާ ގުޅިގެން ފުލުހުން ވަރުގަދަ ސެކިއުރިޓީ ވެސް ފޯރުކޮށްދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮތަރު
12 January 2022
އަހަރެމެންގެ ޤައުމުގެ ވެރިރަށް މާލޭގައި ހުރި ސްޓެލްކޯ ޢިމާރާތްވެސް ތިޔަ މަންނަތަށް ވުރެ މާ ރީތި