15 ޖެނުއަރީ 2022 - 07:23
ދަރިޔަކު ހޯދުމުގެ ވިސްނުންތަކެއް މިހާރު ގެންގުޅޭ ކަމަށާއި އެކަމަކު އެއީ ކޮން އިރަކު ކަމެއް ބުނާކަށް އަދިވެސް ނޭނގޭ ކަމަށް ބަތަލާ ޕްރިޔަންކާ ޗޯޕްރާ ބުނެފި އެވެ.
ވެނިޓީ ފެއާ ދިން އިންޓަވިއުއެއްގައި 39 އަހަރުގެ ބަތަލާ ބުނީ ކައިރި މުސްތަގުބަލެއްގައި އެކަން ވެދާނެކަމުގެ އުންމީދު އެބައޮތް ކަމަށެވެ.
"ހަމަ ޔަގީނުން ވެސް ކުއްޖަކު ނުވަތަ ކުދިންތަކެއް ހޯދުމަކީ ހަމަ ވަރަށް ބޮޑު ޕްލޭނެއް. އެކަމަކު ނޭނގޭ ކަމަކީ އަދި އެކަން ވާނެ އިރެއް. ޔަގީނުން ވެސް ކަމެއް ވާން އޮތިއްޔާ ކަމެއް ވާނެ،" މީގެ ހަތަރު ވަރަކަށް އަހަރު ކުރިން އެމެރިކާގެ މިއުޒިޝަން/އެކްޓަރު ނިކް ޖޯނަސްއާ ކައިވެނިކުރި ޕްރިޔަންޔާ ބުންޏެވެ.
ދަރިޔަކު ހޯދުމާ މެދު މިހާރު އެހާ ސީރިއަސްކޮށް ނުވިސްނަނީ މަސައްކަތްތަކުގައި ބިޒީކަމުންތޯ އެހުމުން އޭނާ ބުނީ ދަރިޔަކު ހޯދުމުގެ ޕްލޭނަށް މަސައްކަތްކުރާ ވަރަށް ބިޒީ ވެސް ނޫން ކަމަށެވެ. ޕްރިޔަންކާ ބުނި ގޮތުގައި ކޮންމެ ކަމެއް ވެސް ވާނީ އެކަމެއް ވާން އޮތް ދަނޑިވަޅެއްގަ އެވެ.
"އެހެންވީމަ އެފަދަ ވަގުތެއް އަންނަންދެން ކަންނޭނގޭ މަޑުކުރަން ޖެހެނީ،" އޭނާ ބުންޏެވެ.
ޕްރިޔަންކާ އާއި ނިކް 2018 ގައި ކައިވެނިކުރި ފަހުން ދަރިޔަކު ހޯދުމާ ބެހޭ ގޮތުން ކުރިމަތިވާ ސުވާލުތައް ވަރަށް ގިނަ އެވެ. އަދި ދަރިން ހޯދުމުގެ ވާހަކަ އެންމެ ބޮޑަށް މިހާތަނަށް ދައްކާފައި ވަނީ ނިކް އެވެ. އޭނާ ކުރިން ބުނެފައިވާ ގޮތުގައި ގިނަ ދަރިންތަކެއް ހޯދަން ބޭނުންވެ އެވެ.
ކައިވެނިކުރި ފަހުން ޕްރިޔަންކާ ބަލިވެއިން ކަމަށް ބުނެ އެކި ފަހަރުމަތިން ނޫސްތަކުގެ ފަލަ ސުރުހީތަކަށް ވެސް އެ ވާހަކަ އެރި އެވެ.
މިދިޔަ މަހު ރިލީޒްކުރި "މެޓްރިކްސް ރިސަރެކްޝަންސް" ގެ ރޯލެއް ކުޅުނު ބަތަލާ މިހާރު އަންނަނީ ތިން އަހަރެއްހާ ދުވަސް ފަހުން ބޮލީވުޑްގެ ފިލްމެއް ވެސް ކުޅެން ތައްޔާރުވަމުންނެވެ. އެއީ ފަރުހާން އަޚްތަރު ޑައިރެކްޓްކުރާ ތިން އަންހެން އެކުވެރިއެއްގެ ވާހަކަ ކިޔައިދޭ ރޯޑް-ޓްރިޕް ފިލްމު "ޖީ ލޭ ޒަރާ" އެވެ. އޭގެ އަނެއް ދެ ބަތަލާއިންނަކީ ކެޓްރީނާ ކައިފާއި އާލިއާ ބަޓެވެ.
އޭބީސީގެ ސިލްސިލާ "ކުއަންޓިކޯ" އަށް ފަހު ޕްރިޔަންކާ ކުޅުނު ފުރަތަމަ ސީރީޒް އެމެޒޯން ޕްރައިމް ވީޑިއޯގެ "ސިޓަޑެލް" އަންނަ މަހު ގެނެސްދޭން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy