16 ޖެނުއަރީ 2022 - 12:49
މުސްލިމުން މަރައި ހުސްކުރަން ގޮވާލައި، މުސްލިމުންނާ މެދު އާންމުންގެ ހިތްތަކުގައި ނަފްރަތު އުފެދޭ ވާހަކަތައް ދެއްކެވި ހިންދީންގެ ހަރުކަށި ދީނީ ލީޑަރު ޔާޓީ ނަރްސިންގަނަންދު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށް އިންޑިއާ ފުލުހުން ބުނެފި އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އުއްތަރަކަންދު ސްޓޭޓްގެ ހަރިދުވާރު އަވަށުގައި ބޭއްވި ދީނީ އެއްވުމުގައި ވާހަކަ ދެއްކި ބައެއް މީހުން ވަނީ، އިންޑިއާގައި ދިރިއުޅޭ މުސްލިމުން މަރައި ހުސްކުރަން ނުކުތުމަށް ހިންދީންނަށް ގޮވާލައިފަ އެވެ. އެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކާ ގުޅިގެން، މިހާތަނަށް ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
މުސްލިމުންނާ މެދު ނަފްރަތު އުފެދޭ ވާހަކަތައް ދެއްކި މައްސަލައިގައި، ފުރަތަމަ ހައްޔަރުކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ހިންދީ ދީނަށް ބަދަލުވި، ކުރީގެ ޝީއީ މުސްލިމެއްގެ ގޮތުގައި ހުރި ވަސީމް ރިޒްވީ (މިހާރުގެ ނަން؛ ޖީތެންދުރަ ނަރަޔަން ސިންގް ޓިޔާގީ) އެވެ.
ހިންދީންގެ ހަރުކަށި ދީނީ ލީޑަރު ޔާޓީ އާއި ޖީތެންދުރަ ހައްޔަރުކުރީ، މުސްލިމުންނާ މެދު ނަފްރަތު އުފެދޭ ވާހަކަތައް ދެއްކި މައްސަލަ ބަލައި ތަހުގީގުކުރުމަށް، އިންޑިއާގެ ސުޕްރީމް ކޯޓުން، އުއްތަރަކަންދު ސްޓޭޓްގެ ސަރުކާރުގެ މައްޗަށް މި މަހުގެ 12 ވަނަ ދުވަހު އަމުރެއް ނެރުމާ ގުޅިގެންނެވެ.
މުސްލިމުންނާ ދެކޮޅަށް ގަތުލުއާންމު ހިންގުމަށާއި މުސްލިންނާ ދެކޮޅަށް ހަތިޔާރުގެ ބޭނުންކުރުމަށް ގޮވައިލި މައްސަލައާ ގުޅިގެން، 10 މީހަކާ ދެކޮޅަށް ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން މިހާތަނަށް ހައްޔަރުކުރީ ހަރުކަށި ދީނީ ލީޑަރު ޔާޓީ އާއި ޖީތެންދުރަ އެވެ. އޭގެ އިތުރުން ހިންދީންގެ ދީނީ ލީޑަރެއް ކަމަށްވާ ސާދުވީ އަންނަޕުރްނާ ވަނީ ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ސުވާލު ކޮށްފަ އެވެ.
ހަރިދުވާރު އަވަށުގައި މިދިޔަ ޑިސެމްބަރު 17-20 ބޭއްވި ހިންދީންގެ ދީނީ އެއްވުމުގައި، މުސްލިމުންނާ މެދު ނަފްރަތު އުފެދޭ ގޮތަށް، ހިންދީ ދީނުގެ ލީޑަރުން ވާހަކަތައް ދެއްކުމާ ގުޅިގެން، އެ ގައުމުގެ ގިނަ ބަޔަކު ދަނީ އެ މައްސަލަ ބަލައި ތަހުގީގުކޮށް، އެ ވާހަކަތައް ދެއްކި މީހުން ޝަރީއަތަށް ހުށަހެޅުމަށް ގޮވައިލަމުންނެވެ.
އެ މައްސަލަ ތަހުގީގުކުރުމަށް ގޮވައިލާ މީހުންގެ ތެރޭގައި، އިންޑިއާގެ އަސްކަރިއްޔާގެ ކުރީގެ ބައެއް އިސް އޮފިސަރުންނާއި، ރިޓަޔާކޮށްފައިވާ ފަނޑިޔާރުންނާއި ދީނީ މިނިވަންކަމަށާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާ ޖަމާއަތްތަކާއި، ބައެއް ގާނޫނީ ވަކީލުން ވެސް ހިމެނެ އެވެ.
އާންމުންގެ ފަރާތުން ފިއްތުންތައް ކުރިމަތިވެ ފާޑުކިޔުންތައް ކުރިމަތިވި ނަމަވެސް، އެ ވާހަކަތައް އާންމުވިތާ މަސްދުވަސް ވެގެން ދިޔައިރު ވެސް، ސުޕްރީމް ކޯޓުން އަމުރެއް ނެރުމާ ހަމައަށް އުއްތަރަކަންދު ސްޓޭޓްގެ ސަރުކާރުން އެ ކަމާ މެދު އެއްވެސް ފިޔަވަޅެއް ނާޅަ އެވެ.
އެ ވާހަކަތައް ދެއްކި ހިންދީ ލީޑަރުން ބުނަމުން ދަނީ އެ މީހުން ގޯސް ވާހަކައެއް ނުދައްކާ ކަމަށާއި، ފުލުހުން އައިސް ހައްޔަރުކޮށްފާނެތީ ވެސް ބިރު ނުގަންނަ ކަމަށެވެ. އަދި މުސްލިމުންނާ ދެކޮޅަށް ދެއްކި ވާހަކަތައް އަނބުރާ ނުގެންދާނެ ކަމަށް ވެސް އެ މީހުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕިޔާރޭ މޯހަން
17 January 2022
ހިންދީ އަކީ ބަހެއް... ރަނގަޅު ގޮތަކީ ހިންދޫ ދީން... އެ ދީނަށް އުޅޭ މީހުންނަށް ކިޔާނީ ހިންދޫން... ހިންދީންނަކީ ހިންދީ ބަހަށް ނިސްބަތްވާ މީހުން... ޓިޔާގީ ގެ ބަދަލުގައި ތިޔާގީ އިންނާނީ...
މިއީ
17 January 2022
ހިންދީ އަކީ ޖިއޮގުރަފިކަލް ނަމެއް...... އެއީ އިންޑިއާ މީހުންނަށް ނިސްބަތްކޮށް ކިޔާ ނަމެއް...... ރަނގަޅު ގޮތަކީ ސަނާތަރުދަރަމް ........ އެމީހުންގެ ދީނަށް ކިޔަނީ މިނަން......
ަބަބ
16 January 2022
ހިންދު ތަ ނޫނީ ހިންދޫ ދީނުތަ ކިޔަނީ؟؟
ގޯދީ ރާޖާ
16 January 2022
ގުޖުރާތުގައި ގަތުލު ޢާންމު ހިންގި މީހާ ތިހިރީ ވެރިކަމުގަ.
ރަދީފްއޮފިޝިއަލް
18 January 2022
އެއީ ވަގެކޭ ވެސް އިންޑިޔާގެ ރައްޔަތުން ބުނޭ.
ރަދީފު ބިން ރަފައިދާ
16 January 2022
ތީނާ މިކޮޅަށް ފޮނުވާ ޝަރީއަތްކުރާން.
ކޮކަޑި ތަކުރޭ
16 January 2022
ނަރޭމެނަށް އެނގޭ ނަރޭމެނަށް ގޮތެއް ނުހެދޭނެކަން..އެހެންވެ ބިރެއްވެސް ނުގަންނާނެ..މުސްލިމެއްނަމަ ގައުމީ ސަލާމަތަށްހުރި ނުރައްކާތެރި ޓެރަރިސްޓެކޭ ބުނެ އުލު ބައިންދާނީ..އޭނަގެ މުޅި ވަންހައަށްވެސް ދިރިއުޅުމަށް ދަތިކުރާނެ...21ވަނަ ގަރުނުގެ އިންސާފާ ހަމަހަމަ ކަމަކީ މިކަހަލަ އެއްޗެއް.