ޚަބަރު / ސުޕްރީމް ކޯޓް

އެޗްއާރުސީއެމްގެ މައްސަލަ ބަލަން ނިންމި ނިންމުމުގެ މައްސަލަ ހައި ކޯޓުން ބަލައިނުގަތީ ރަނގަޅަށް: ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓު: އެޗްއާރުސީއެމްއިން ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވި މައްސަލައެއް ބަލަން ކޯޓަކުން ނިންމި މައްސަލަ ހައި ކޯޓުން ބަލައިނުގަތީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު

ރާއްޖެ އެތެރެކުރި 98 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ކޯޓުގެ އަމުރަށް ނުކިޔަމަންތެރިިވި ކަމަށް ބުނެ އެ ކޮމިޝަންގެ މައްސަލަ ބަލަން ސ. ހިތަދޫ ކޯޓުން ނިންމި މައްސަލަ ހައި ކޯޓުން ބަލައިނުގަތީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ވެސް ނިންމައިފި އެވެ.

އައްޑޫގައި ކަނޑުމަގުން ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް 98 ކިލޯގެ ޑްރަގްގެ މައްސަލާގައި ދައުވާލިބޭ މީހަކަށް ޑޮކްޓަރުގެ ލަފައާ އެކު ބޭސްފަރުވާ ދެމުންދާކަން ކަށަވަރު ކުރުމަށް އެޗްއާރުސީއެމްގެ މައްޗަށް ހިތަދޫ ކޯޓުން ކުރިން އަމުރެއް ނެރުނެވެ. އަދި އެ މައްސަލާގައި ދައުވާލިބޭ އެހެން މީހަކު ކޮވިޑް-19 އާ ގުޅިގެން ކޯޓަށް ހާޒިރުކުރެވެން ނެތް ކަމަށް ކަރެކްޝަނަލް ސާވިސް އިން ކޯޓަށް އެންގުމުން އެކަން ބެލުމަށް ވެސް އެޗްއާރުސީއެމްގެ މައްޗަށް ކޯޓުން އޭރު އަމުރެއް ނެރުނެވެ.

އެ އަމުރަށް އެޗްއާރުސީއެމްއިން ތަބާނުވި ކަމަށް ނިންމައި، އެ ކޮމިޝަނުން ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލަ ބެލުމަށް ހިތަދޫ ކޯޓުން މިދިޔަ އަހަރުގެ އޮގަސްޓް މަހު ނިންމި އެވެ. އަދި އެ މައްސަލާގައި ދައުވާލިބޭ ދެ މީހުންނަށް ބޭސްފަރުވާ ލިބޭކަން ކަށަވަރު ނުވާތީ އެ މީހުން ބަންދުން ދޫކޮށްލަން ވެސް ހިތަދޫ ކޯޓުން އޭރު އެންގި އެވެ. އެޗްއާރުސީއެމްގެ މައްސަލަ ބަލަން ނިންމި މައްސަލަ އެ ކޮމިޝަނުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އޭރު ނިންމީ އެ މައްސަލަ ބަލައިނުގަތުމަށެވެ.

ހައި ކޯޓުގެ އެ ނިންމުން އެ ކޮމިޝަންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިދިޔަ ބުރާސްފަތި ދުވަހު ނިންމި ނިންމުމުގައިވަނީ ދަށު ކޯޓެއްގެ ނިންމުމެއް އިސްތިއުނާފް ކުރެވޭނީ އިސްތިއުނާފް ކުރުމުގެ ހުއްދަ ދޭންޖެހޭ ފަދަ ގާނޫނީ ބަހުސެއް އޮންނަ ހާލަތުގައި ކަމަށް އެ ކޯޓުން ކުރިން ނިންމާފައިވާ ކަމަށެވެ. އެކަމަކު އެޗްއާރުސީއެމްއިން ހައި ކޯޓަށް ހުށަހެޅި މައްސަލާގައި އެފަދަ ގާނޫނީ ބަހުސެއް އޮތްކަން އެ ކޮމިޝަނަށް ބުނެދެވިނުވާ ކަމަށް އެ ނިންމުމުގައިވެ އެވެ.

އެކަންކަން ފާހަގަކޮށް، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި ނިންމެވުމުގައިވަނީ ހައި ކޯޓުން އެ މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުން ރަނގަޅު ކަމަށެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ފަނޑިޔާރު އަޒްމިރަލްދާ ޒާހިރެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ އުއްތަމަ ފަނޑިޔާރެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ނިންމިއިރު، އެ މައްސަލާގައި ދައުވާލިބުނު ދެ މީހުން ބަންދުން ދޫކޮށްލަން ހިތަދޫ ކޯޓުން ނެރުނު އަމުރު ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ކުރިން ވަނީ އެ ދެ މީހުން އަލުން ބަންދުކުރަން އަމުރުކޮށްފަ އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 25%
icon angry icon angry 0%
icon wow icon wow 25%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454