21 ޖެނުއަރީ 2022 - 12:41
ޖެނީވާ (ޖެނުއަރީ 21) - އެފްރިކާ އިން ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ ކަމަށާއި އޮމިކްރޮންއާ އެކު ކޮވިޑުގެ ހަތަރު ވަނަ ރާޅެއް ފެށުނު ފަހުން އެފްރިކާ އިން ވަނީ އެ ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް ފުރަތަމަ ފަހަރަށް ދަށަށް ދާން ފަށާާފައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.
އެފްރިކާގައި ކޮވިޑް ކޭސްތައް ކުއްލިއަކަށް ވަރަށް ބޮޑަށް މައްޗަށް ޖެހުމަށް ފަހު މިދިޔަ ހަފުތާގައި ވަނީ އަލަށް ބަލިޖެހޭ މީހުންގެ އަދަދު 20 ޕަސެންޓް ދަށްވެފައި ކަމަށް ޑަބްލިއުއެޗްއޯގެ އެފްރިކާ ސަރަހައްދުގެ އޮފީހުން ބުންޏެވެ. އެ މުއްދަތުގައި ވަނީ ބަލީގައި މަރުވާ މީހުންގެ އަދަދު އަށް ޕަސެންޓަށް ދަށްވެފަ އެވެ.
ސަރަހައްދީ އޮފީހުން ބުނީ އޮމިކްރޮން ވޭރިއަންޓް އެންމެ ފުރަތަމަ ފެނުނު ސައުތު އެފްރިކާ އިން ވޭތުވެދިޔަ ހަތަރު ހަފުތާތެރޭ ކޭސްތައް ވަރަށް ބޮޑަށް ދަށަށްދާން ފަށާފައިވާ ކަމަށެވެ. މިދިޔަ ހަފުތާގައި ކޭސްތައް އިތުރުވެފައި ވަނީ ހަމައެކަނި ނޯތު އެފްރިކާ އިން އެކަނި ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ.
ޑަބްލިއުއެޗްއޯގެ އެފްރިކާ ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރު މަޓްޝިޑިސޯ މޮއެޓި ވިދާޅުވީ ކޭސްތައް ދަށަށް ދިޔަ ނަމަވެސް އެފްރިކާ ސަރަހައްދުގައި ކޮވިޑުގެ އިތުރު ރާޅެއްގެ ބިރު އެބައޮތް ކަމަށެވެ. އޭނާ ވިދާޅުވީ ދުނިޔޭގެ އެންމެ ފަގީރު ކޮންޓިނެންޓަށް ހަމައެކަނި ބޭނުން ވަނީ ވެކްސިން ޖެހުން ފުޅާކުރުން ނޫން ކަމަށާއި ކޮވިޑުގެ ބަލި މީހުންނަށް ފަރުވާ ދެވޭނެ އިންތިޒާމް ވެސް ހަމަޖެހެން ޖެހޭނެ ކަމަށެވެ.
ޑަބްލިއުއެޗްއޯ އިން ބުނި ގޮތުގައި އެފްރިކާގެ އާބާދީގެ ތެރޭން ވެކްސިން ފުރިހަމަކޮށްފައި ވަނީ އެންމެ 10 ޕަސެންޓް މީހުންނެވެ. އެފްރިކާގެ 1.2 ބިލިއަން އާބާދީގެ ތެރޭން 10.6 މިލިއަން މީހުންނަށް ކޮވިޑް ޖެހި 235,530 މީހުން ވަނީ މަރުވެފަ އެވެ.
އެފްރިކާ އިން އެންމެ ގިނައިން ކޮވިޑް ޖެހުނު ސައުތު އެފްރިކާ އިން ވަނީ 3.5 މިލިއަން މީހުން އެ ބައްޔަށް ޕޮޒިޓިވްވެ 93،707 މީހުން މަރުވެފަ އެވެ.
އެފްރިކާގެ 58 ގައުމުގެ ތެރޭން ކޮވިޑަށް އިއްޔެ އަލަށް ޕޮޒިޓިވްވެފައި ވަނީ 40،392 މީހުންނެވެ. މަރުވެފައި ވަނީ 379 މީހުންނެވެ.
މިދިޔަ ހަފުތާގައި އެފްރިކާ އިން ޕޮޒިޓިވްވެފައި ވަނީ 272,984 މީހުންނެވެ. މިއީ 12 ޕަސެންޓުގެ ދަށްވުމެކެވެ. އެކަމަކު މިދިޔަ ހަފުތާގައި އޭޝިޔާ އިން 3.9 މިލިއަން (49 ޕަސެންޓުގެ އިތުރުވުމެއް) އަދި ސައުތު އެމެރިކާ އިން ވަނީ 2.2 މިލިއަން މީހުން (40 ޕަސެންޓުގެ އިތުރުވުމެއް) ޕޮޒިޓިވްވެފަ އެވެ. މިދިޔަ ހަފުތާގައި މުޅި ދުނިޔޭން ވަނީ 21.5 މިލިއަން މީހުން ޕޮޒިޓިވްވެފަ އެވެ. މިއީ 12 ޕަސެންޓުގެ އިތުރުވުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބީރުބޮލު ވަޒީރު.
23 January 2022
އެމީހުން ފަގީރުވީމާ ވެކްސިން ވެސް ނުލިބޭ. މިކަމުން ވެސް އެނގެނީ ﷲގެ ރަހުމަތް އެބަޔަކަށް ލިބިއްޖެނަމަ ވެކުސިނާ ޕީ ސީ އާރާ ނުލާވެސް ބަލިން ސަލާމަތް ވެވޭނެކަން. ﷲ ވޮޑިގެންވަނީ ކެތްތެރިންނާ އެކު.
ޕީޓަރ
21 January 2022
ޓެސްޓު ނުކުރަންޔާ ނޭންގޭނެ ދޯ
ބީޓަރ
22 January 2022
ކުރިން މައްޗަށް ދިޔައިރުވެސް ޓެސްޓް ނުކުރޭތަ؟