ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕެއިން ޖަލްސާއެއްގައި މަހްލޫފު މިދިޔަ އަންގާރަ ދުވަހުގެ ރޭ ފޯކައިދޫގައި ވާހަކަ ދައްކަވަނީ.
27 ޖެނުއަރީ 2022 - 10:50
އާންމުން ޝަކުވާ ކުރަނީ މި ކަހަލަ ކަންތައްތަކާ ހެދި އެވެ! ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ ސަބަބުން ސަރުކާރަށް އިންތިހާ އަށް ފާޑުކިޔާއިރު، އޭނާ އެ މަގާމުގައި އެ ބަހައްޓަނީ ސަރުކާރަށް އޭނާ ކިހާ މުހިންމު ވެގެން ހެއްޔެވެ؟ މި މައްސަލައިގައި ސަރުކާރު މަތިމައްޗަށް ގޯސް ހަދާފައިވާ އިރު، މަހުލޫފާ ދޭތެރޭ ފިޔަވަޅު ނޭޅުމަކީ އާންމުން ގަބޫލުކުރާ ގޮތުގައި ސަރުކާރުގެ ވަރަށް ބޮޑު ބަލިފަޔެކެވެ. ވަރަށް ބޮޑު ތަފާތުކުރުމެކެވެ. ހަމަ އެހެންމެ، އެއީ ކަޅު ލައްގަނޑެއް ވެސް މެ އެވެ.
މަހުލޫފު ކުރިން ވިދާޅުވެފައިވާ ގޮތަށް، މިއީ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވަންވީ ވަގުތެވެ. ނުވަތަ ސަރުކާރުން ކުރިން އެޅި ފިޔަވަޅު އަޅަންވީ ވަގުތަކީ މިއީ އެވެ.
ވަޒީރެއްގެ މައްޗަށް ޖިނާއީ ތުހުމަތުތައް ކޮށް، ދައުވާ އުފުލުމުން ވެސް ވަޒީރުކަމުގައި އެ ބޭފުޅަކު ބެހެއްޓުމުން ދެން މި ޑިމޮކްރެސީގައި ދައްކާނެ އިތުރު ވާހަކައެއް ނެތެވެ. ކޮރަޕްޝަނާއި ދެފުށް ފެންނަ ގޮތަށް އަމަލުކުރާނެ ކަމަށް ބުނެ ވެރިކަމަށް އައި ސަރުކާރުން މި މައްސަލައިގައި މި ދައްކަނީ ރީތި ނަމޫނާއެއް ނޫނެވެ.
އިދިކޮޅުގައި ތިބި އިރު، މި ބޭފުޅުން ވެސް ދެއްކެވީ މަގާމެއް ލިބިއްޖެ ނަމަ ކިތަންމެ ބޮޑު ތުހުމަތެއް ކުރެވުނަސް ނުވަތަ އެ ބޭފުޅެއްގެ ޒިންމާ އަދާނުކުރެވިގެން އެތައް ބަޔަކު ފާޑުކިޔަސް މަގާމުގައި "ބަގުޑިބައްދައިގެން" ތިބުމަކީ ޑިމޮކްރެސީއާ ބީރައްޓެހި ކަމެއް ކަމަށެވެ. އެހެން ގައުމެއްގައި ނަމަ އެ ބޭފުޅަކު އިސްތިއުފާ ދޭނެ ކަމަށް ބުނެ އޭރު ވަރަށް ބެވި އެވެ. ނަމަވެސް އެ ބޭފުޅުންނަށް މިއަދު އާރާއިބާރު ލިބި، އަމަލީ ގޮތުން އެކަން ދައްކަންވީ ދުވަހު މި ތިބީ ހަދާނެ އެއްޗެއް ނޭނގިފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މިނިސްޓަރު މަހުލޫފް ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ.
ސަރުކާރުގެ ހާލަތަކީ މިއެވެ؛ މަހުލޫފު ސަސްޕެންޑް ކޮށްފާނެ އެވެ. ސަސްޕެންޝަން އުވާލާފައި އަނެއްކާ އޭނާ ސަސްޕެންޑް ކޮށްފާނެ އެވެ. ދުވަސްގަނޑެއް ފަހުން އަނެއްކާ ސަސްޕެންޝަން އުވައިލަފާނެ އެވެ. މިފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލު ވެސް ދެއިރު ދެ ދަޅައަށް ބަދަލުކޮށްފި އެވެ. ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ވަކި އުސޫލެކެވެ. ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލަށް އެހެން އުސޫލެކެވެ. ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފަށް މަޖުބޫރީ ހާލަތެވެ. ޝިދާތާ ޝަރީފުގެ ބަދަލުގައި އެހެން ވަޒީރަކު ވަޑައިގަތުމުން ދެން ހިނގާ އެއްވެސް ކަމެއް ފެންނަ ބަޔަކު ނެތެވެ.
ހަމަ ޔަގީނުން ވެސް އެކި ކަންކަމާ ގުޅިގެން މި ސަރުކާރުގައި ވަޒީރުކަމުން އިސްތިއުފާ ދެއްވި ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގައި ނެގި އިތުބާރު ނެތްކަމުގެ ވޯޓުތަކުން މަގާމުން ބޭރުކޮށްލި ވަޒީރުންނާ، މަހްލޫފުގެ މައްސަލަ ހާސްބައި ތަފާތެވެ. ކުރަނީ ރިޝްވަތު ހިފުމުގެ ތުހުމަތެވެ. އޭނާ އަށް ދައުވާ އުފުލައިފި އެވެ. މިއީ އަދި މަދަނީ މައްސަލައެއް ވެސް ނޫނެވެ. އެހެންވެ، މައްސަލަ މާ ބޮޑުވެ އެވެ. މި ސަރުކާރުގެ ބޭފުޅުން އިދިކޮޅުގައި ތިއްބެވިއިރު، ވިދާޅުވަމުން ގެންދެވި ގޮތަށް އެހެން ގައުމެއްގައި ނަމަ މިފަދަ މައްސަލައެއްގައި ދައުވާ ކުރުމުން އެ ވަޒީރަކު މަގާމުން އިސްތިއުފާ ދެއްވާނެ އެވެ. ނުވަތަ އެ ގައުމެއްގެ ސަރުކާރުގެ އިސްވެރިޔާ އަމިއްލަ އަށް އިސްވެ، ފިޔަވަޅު އަޅުއްވާނެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިވީ ގޮތަކީ މި މައްސަލައިގައި ފިޔަވަޅު އެޅުއްވުނީ މާ އަވަހަށެވެ. މާ ބޮޑަށް ރަނގަޅު ވާން ބޭނުންފުޅު ވެގެން، ނަމަވެސް އެހާ ކުރިން ފިޔަވަޅު އަޅުއްވާފައި، ޕީޖީ އޮފީހުގައި އެ މައްސަލަ މާ ބޮޑަށް ދިގުލައިގެން ދިއުމުން ސަސްޕެންޝަންތައް އުވާލައްވައި އަލުން މަސައްކަތަށް ނެރުއްވީ އެވެ. ތެދެކެވެ. އެއީ ވެސް މައްސަލައެކެވެ. ޕީޖީ ވެސް މާ ބޮޑަށް ހަލުވި ވާން ޖެހޭނެ އެވެ. މަހުލޫފް ދައްކަވާ ވާހަކަ ވެސް މުޅިއަކުން ދޮގެއް ނޫނެވެ. ޕީޖީގެ ފަރާތުން ޒާތީ އެއްވެސް ކަމެއް އެއްވެސް މައްސަލައަކާ ގުޅިގެން ފެނިގެން ނުވާނެ އެވެ. ނަމަވެސް ލީކްވި ޗެޓްލޮގްތަކުން އެ ގޮތަށް އެކަން ދެކެން މަހްލޫފަށާއި އާންމުންނަށް ވެސް ފަސޭހަވީ އެވެ.
މަހުލޫފުގެ މައްސަލަ ނިއުޅެމުން ގޮސް ކޯޓާ ހިސާބުން އަނެއްކާ ސުވާލު އުފެދޭ ގޮތަށް ކަންތައް ކުރަން ފެށުމުން އިތުބާރުގެ މައްސަލަ މި އޮތީ މާ ބޮޑުވެފަ އެވެ. ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މިދިޔަ ހަފުތާގެ ބުދަ ދުވަހަށް ތާވަލު ކުރުމަށް ފަހު، ކުއްލި ގޮތަކަށް ކެންސަލްކޮށް ދެން އިއްޔެ އަޑު އިވުނީ އެ ޝަރީއަތް ދެން ފަށާނީ ކޮވިޑްގެ ހާލަތު ރަނގަޅުވުމުން ކަމަށެވެ. ސަބަބެއް ކަމަށް ބުނަނީ އެ މައްސަލައިގައި ހިމެނޭ އެންމެން ޝަރީއަތަށް ހާޒިރު ކުރަން ބޭނުންވާތީ އެވެ.
ވަޒީރެއްގެ މަގާމުގައި ހުންނެވި ބޭފުޅަކަށް ކުރާ ދައުވާގެ ޝަރީއަތް ފެށުން ލަސްވާ ސަބަބަކީ އެއީ ކަމަށް ގަބޫލުކުރަން އެތައް ބަޔަކަށް ދަތިވަނީ އެއީ މިހާރު ވެސް މަގާމުގައި ހުންނެވި ބޭފުޅަކަށް ވުމުންނެވެ. "ނާޖާއިޒް" ނުފޫޒެއް މަގާމުގެ ހައިސިއްޔަތުން ފޯރާފައިވާކަން ގަބޫލުކުރަން ވަރަށް ފަސޭހަވާނެ އެވެ. ހަމަ އެ ކޯޓުގައި އެހެން ޝަރީއަތްތައް ކުރިއަށް ގެންދާތީ ވެސް މެ އެވެ. ދުރުގައި ބަލަން ތިބި އެންމެން ބުނަން އޮތީ ވަޒީރެއް ވީމާ ކޮވިޑާ ގުޅުވައިގެން އޭނާގެ ޝަރީއަތް ލަސްކުރީ ކަމަށެވެ. އުފައްދަން އޮތީ ހަމަހަމަކަމާ އެކު އަދުލު އިންސާފުގެ ނިޒާމު ނުހިނގާ ވާހަކަ އެވެ. މިއީ ވެސް ވަޒީރުގެ މަގާމުގައި ހުންނެވި ބޭފުޅެއްގެ ޝަރީއަތް ކުރިއަށް ގެންދަން ޖެހުމުން، އުފެދޭ އިތުބާރުގެ މައްސަލަތަކެވެ.
މި ސަރުކާރު ވެރިކަމަށް އައީ ކޮރަޕްޝަންގެ ޒީރޯ ޓޮލެރެންސް ވިއްކަމުންނެވެ. އެކަމަކު، ވެރިކަމުގައި ހުރިހާ ކަމެއް ހަމަޖެހި، ހިންދެމިލެވުނުއިރު ދުނިޔޭގެ ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ މިދިޔަ އަހަރު ދިޔައީ 10 ގުނަ ފަހަތަށެވެ.
މަހުލޫފުގެ މައްސަލައިގެ ވަށައިގެން މި ފެންނަނީ ގައުމުގެ ކުރިމަގަށް ރަނގަޅު މިސާލެއް ނޫނެވެ. ބަޔަކު އަޑީގައި ތިބެގެން، ސީދާ އޭނާ އަށް އަމާޒުކޮށްގެން ހިންގާ "ޖަރީމާ"އެއް ކަމަށް މަހުލޫފު ވިދާޅުވިޔަސް، އެ ފިޔަވަޅު އެ އަޅަނީ ގާނޫނުތަކުގެ ދަށުން ދައުލަތުގެ މުއައްސަސާތަކުންނެވެ. ކޯޓާ ހިސާބަށް އެ މައްސަލަ ގޮސްފައި އެ ވަނީ ދައުލަތުގެ މުއައްސަސާތަކުންނެވެ. އެ އަށް ސަރުކާރުން އިހުތިރާމް ކުރަން ޖެހެ އެވެ.
މަހްލޫފު ދާދި ފަހުން ށ. ނަރުދު އަށް ވަޑައިގަތުމުން އެ ރަށުން މަރުހަބާ ކިޔަނީ.
އަނެއްކޮޅުން ޖިނާއީ/ ހިޔާނާތުގެ މައްސަލައެއް ކޯޓުގައި ހިނގަމުންދާ އިރު، މިނިސްޓަރުގެ ފަށް އަޅުއްވައިގެން މިނިސްޓަރު ރާއްޖޭގެ އެކި ރަށްރަށަށް ދަތުރު ކުރައްވަނީ އެވެ. ރަތްދޫލައިން ރަށްރަށަށް ފައިބައި ވަޑައިގަންނަވަނީ އެވެ. އެކިއެކި ވައުދުތައް ވެ ވަޑައިގަންނަވަނީ އެވެ. ތަންތަން ހުޅުވަނީ އެވެ. ރައީސާއި ނައިބު ރައީސާ އެކު އިވެންޓްތަކުގައި ބައިވެރިވެ ވަޑައިގަންނަވަނީ އެވެ. ކޮރަޕްޝަންގެ ބޮޑު ތުހުމަތެއް އޮތް ބޭފުޅެއްގެ ޒައްރެއްގެ މިންވަރު ވެސް މަންޒަރަކުން ނުދައްކަ އެވެ.
ސިޔާސީ ވާން ޖެހޭނީ ސިޔާސީ ކަންތައްތަކެކެވެ. މަހުލޫފުގެ މައްސަލައަކީ، ސިޔާސީ މައްސަލައެއް ކަމަށް ބެލިޔަސް، އޭގައި ސީރިއަސް ތުހުމަތުތަކެއް އެބައޮތެވެ. އެވަރުގެ ތުހުމަތުތަކެއް ކުރެވި، މައްސަލަ ޝަރީއަތާ ހަމައަށް ގޮސްފައި އޮތްއިރު، ވަޒީރުގެ މަގާމުގައި އޭނާ ހުންނެވުމަކީ، ރީތި ކަމެއް ހެއްޔެވެ؟ ނޫނެވެ؛ އެއީ ހުދުމުހުތާރު ސިފަ އެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުލޭ
29 January 2022
ރައްޔިތުންނަށް ދައްކަން ރީތި މިސާލެއް މި ރާއްޖެއަކު ނެތް. އެެންމެން ވެސް އެއްވަރު. އެހެންވީމަ މަޙްލޫފު ވެސް އޯކޭ. އެހެން މީހުުން ވެސް އެފަދަ. މަޙްލޫފަށްވުރެ ވެސް ގޯސް މިސާލުތައް މަހްލޫފަށްވޔރެ ވެސް ކުރިއަށް ނެރެގެން އުޅޭތަން ފެންނަނީ.
ނަޒޫއޭމީ
28 January 2022
އަޅެ މަހޭ މަވެސް ކިޑްވެސް ޕޮޒިޓިވް އިރު ކީއްކުރަންތަ އަލިފުއްޓަށް ދިޔައީ. މިހާރު އެެެރަށުގަ ހުސް އޮމިކުރޯނު އެއޮތީ
އައްޑޫ މީހާ
28 January 2022
މަހުލޫފް މަޤާމުން ދުރުކޮށް ފިޔަވަޅު އަޅާއިފީއްޔާ 2023ގަ އައްޑޫ އަށް ނައަންނާތި ވޯޓު ހޯދަން. މަހުލޫފް އަކީ ހަމަ ބެސްޓް. މަހުލޫފް އެކަންޏެއް ނޫން ތިބުނާ ރިޝްވަތުގަ ހިފީ
ފޭދޫ މީހާ
28 January 2022
ވަކި މީހަކަށް ވީމާ ދޯ؟ މަހޭ ވިއްޔާ ކޮރަޕްޝަން ވެސް އޯކޭވަނީ ބާ؟ އެހެން މީހުނަށް ފިޔަވަޅު ނޭޅި ލަސްވުމަކީ މަހޭއަށް ފިޔަވަޅު ނާޅަން ޖެހޭ ސަބަބެއް ބާ؟
ޖާބެ
28 January 2022
ޢިންސާފަކި ވަކިބަޔަކައް ވިއްކާއެއްޗެއް.. ވައްކަން ކުރަންވީ ޙާޒާނާ ހުސްކުރަންވީ މިލިއަން ޑޮލަރުން މީހުންގަނެވޭވަރައް އެއިރުން ސަލާމަތްވާނެ ގިނަމީހުންނައް ބައިއެޅިވަރަކައް އެއީ ގަދަރުވެރިން އަދި ރައްޔިތުން ސަނާކިޔާމީހުން މޮޅުމީހުން މީހުން ސެލިއުޓްވެސް ކުރާނެ މިއީ ދިވެހިންގެ އުފެއްދުން އެއްމެން މިކަމުގަ ބައިވެރިވެގެންް ކުރާކަމެއް
ޝެލަރީ
27 January 2022
ވަގުންގެ ލިސްޓްގަވާ ބޭފުޅަކައް ތާއީދެއްނެތޯ
އަ#ކޮ
27 January 2022
މީ މިޤައުމަށް ބޭނުންވާ ނޫސްވެރިކަމަކީ. ވަކި ފަރާތަކަށް ނުޖެހި ހައްޤު ބަސް ބުނުން. ވަރަށް ފުރިހަމަ ލިޔުމެއް. ޝުކުރިއްޔާ ހަމްދޫން. ހެޔޮ ދުޢާ.
ފަލަސްތީން
27 January 2022
އިންޑިޔާއިން ސިޔާސީ މީހުން އެމްޑިޕީޔާ ގަނެދެނީ.
ޣަސް
27 January 2022
މާހޭ ބެސްޓް!
ލޭމް
27 January 2022
އެންޑީޕީ ޗެއާޕާރސަންގެ މަގާމަށް ކުރިމަތި ލައްވާނޭ އަޑު ފެތުރުނު ހިސާބުން އެންގޭ މީގެ އާރޓިކަލް ފެންނާނެކަން...
ޙުތުތު
27 January 2022
ތީ ދެން މިހާރު އެމްޑީޕީއަށްވެސް ހުރި ބޮޑު ހުތުރަކަށް ވެއްޖެ. ސިޔާސީ ކުނިބުނި.