މިސްކިތެއްގައި ކުދިންނަށް ދީނީ މައުލޫމާތު ދެނީ-- ފޮޓޯ: އޭދަފުށި ޓައިމްސް
01 ފެބުރުއަރީ 2022 - 13:35
މެދުނުކެނޑި 40 ދުވަސް ވަންދެން ޖަމާއަތުގައި ފަތިސް ނަމާދުކުރާ ކުދިންނަށް ފައިސާގެ އިނާމެއްދޭ ޕްރޮގްރާމެއް ހިންގަން ބ. އޭދަފުށީ އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފުންގެ ރިކްރިއޭޝަން ކްލަބުން ނިންމައިފި އެވެ.
އެ ކްލަބުގެ ރައީސް އަލީ އަޝްރަފް "މިހާރު" އަށް ވިދާޅުވީ "40 ރޭ ފަތިސް ނަމާދު ޖަމާއަތުގައި" ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ކުދިންގެ ހިތްތަކުގައި ދީނަށް ލޯބި ޖެއްސުމާއި ނަމާދަށް އަހުލުވެރި ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
އަޝްރަފް ވިދާޅުވީ ރަށުގައި ފަތިސް ނަމާދަށް މިސްކިތަށް ދާ ކުދިންގެ އަދަދު ވަރަށް މަދު ކަމަށެވެ. އެހެންވެ، އިނާމެއް ދީގެން އެ ކުދިން ނަމާދަށް ފަރިތަކުރުވަން މި މަހުގެ 21 ވަނަ ދުވަހު ޕްރޮގްރާމް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ 10-15 އަހަރާ ދެމެދުގެ ކުދިންނަށް އެކަންޏެވެ.
"މިމަހުގެ 21 ގައި ފަށައިގެން 40 ދުވަސް ހަމަވާނީ ރޯދަ މަހުގެ ފުރަތަމަ ދުވަހަށް. އެ ދުވަހު އަޅުގަނޑުމެން ބަލާނީ ކޮން ކުދިންނެއްތޯ ފަތިސް ނަމާދަށް މިސްކިތަށް އެންމެ ގިނައިން ދިޔައީ،" އަޝްރަފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެންމެ ގިނައިން ފަތިސް ނަމާދަށް މިސްކިތަށް ދިޔައީ ކޮން ކުދިންނެއްތޯ ބަލާނީ އެ ކުދިންގެ މައިންބަފައިން މެދުވެރިކޮށް ކަމަށެވެ.
"އަހަރީ ދުވަސް އަންނާތީ ދީނީ ޕްރޮގްރާމެއް ފެށުމުގެ ގޮތުން އަޅުގަނޑުމެން މި ހަރަކާތް ކުރިއަށް ގެންދަނީ."
މީގެ ތިން އަހަރު ކުރިން އުފެއްދި އެ ކްލަބުން ފުރަތަމަ ފަހަރަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި އެއް ވަނައަށްދާ ކުއްޖަކަށް ދޭނީ 3،000ރ. އެވެ. އަދި ދެވަނައަށް ހޮވޭ ކުއްޖަކަށް 1،500ރ. ދޭން ނިންމާފައިވާއިރު ތިން ވަނައަށް 1،000ރ. ދޭނެ އެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުން ނަމަ، 7738033 އަށް ގުޅައިގެން މި މަހުގެ 17 ވަނަ ދުވަހު 12:00 ގެ ކުރިން ނަން ނޯޓްކުރަން ޖެހޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޯސް
02 February 2022
ރަނގަޅު ކަމެއް ނޫން. ނަމާދަކީ އެހެން އިންސާނެއްގެ ފަރާތުން އެއްޗެއް ހޯދުމަށްޓަކައި ކުރެވޭނެ ކަމެއް ނޫން. އިނާމު ހުށައެޅުންވެސް ގޯސް. އެންމެ ކުއްޖަކު މިސްކިތައް ނުދިޔަ ނަމަވެސް ކުރެވޭނެ ކަމެއް ނޫން. ދީން އޮޅޭ ގޮތަށް ހަރަކާތްތައް ހިންގުމަށްވުރެ "ހުތުރު ނަމެއް" ލިބުންވެސް ރަނގަޅުވާނެ. ދީނީ ކަންތައްތަކަކީ އެއްގޮތުން ނުވިއްޔާ އަނެއް ގޮތުން ކުރެވޭ ކަންތައްތަކެއް ނޫން. އެކަމެއް ކުރަން ދީނުގައި އޮންނަ އުސޫލަކުން ކުރެވޭނީ. އެގޮތައް ނުވެ އޮތްކަމެއް ނުވެ އޮތަދީ.
ހުސެން
02 February 2022
ފެށުމުގެ ކުރިން ތިޔަޕުރޮގުރާމު ތިވަނީ ފެއިލްވެފަ، ސަބަބަކީ އެންމެގިނައިން މިސްކިތައް ދިޔަކުދިން ބަލަނީ މައިންބަފައިން ބުނާއެއްޗެއްގެ މައްޗަށްކަމަށްވާތީ، އެއްވެސް އިންތިޒާމެއްނެތްކަން ހާމަވެއްޖެ، މައިންބަފައިންނަށް ދަރި ދޮންފުތުވާނެ، ގޭގަނިދާފައޮތަސް ނުވަތަ ޖަމާއަތައްވުރެން ފަހުންދިޔަޔަސް އެމީހުންނަށް ފެންނާނީ ޖަމާއަތުގައި ނަމާދުކުރިތަން، ނަމާދުކުރުން ކަހަލަ ކަމަކަށް ފައިސާގެ އިނާމުދިނުން އެހާނުގުޅޭ ނަމާދުގެމުހިންމުކަން ތިކަމުން ގެއްލޭ!!
އަބްޑޫޅް
02 February 2022
ދެން ފަހެ، ތަންކޮޅެއް ހިތްވަރު ލިބޭނެ އަސުރު ވަގުތު ކަހަލަ ތަހުޒީބު ވަގުތެއްގަ ކުރާ ނަމާދަކަށް އިނާމު ދިނިއްޔާ. ފަތިސް ނަމާދަށް ތެދުނުވެއްޖެ ނަމަ، ސައިތާނާ މި ކުދިންގެ ކަންފަތް ތަކަށް ފަހަރުވާ ލާނެ ވާހަކަ ބުނީމަ ތެދުވާނެ. މިއީ ސޮޙީޙު އަލް ބުޚާރީގެ 1144 ވަނަ ޙަދީހުންނާއި، ސުނާނު އިބުނު މާޖާ ގެ 1330 ވަނަ (ސޮއްޙަ) ޙަދީހުން ސާބިތު ވާން އޮތް ކަމެއް. އިނާމެއް ދޭކަށް ނުޖެހޭނެ. މާތުރަ.
ރާއްޖެ
02 February 2022
ފައިސާގެ އިނާމު އޮތީމަ މިކަމާ ހިތްޕުޅާ ނުވާ މީހުންނަށް ބުނެލަން އޮތީ ފައިސާ ނުދޭނަމަ މި ރާއްޖޭ މިސްކިތެއްގަ ބަންގި ގޮވާނޭ މީހުން ނެތިގެން އުޅެން ޖެހޭނީ. ކުޑަކުދިން ހިތްވަރު ޖެއްޖުމަށް ފައިސާގެ އިނާމް ދިނުން މައްސަލައެއް ނޫން. ފަހަރުގަ އޭގެ ތެރެއިން ގިނަ ކުދިން ފަހުންވެސް ނަމާދު ކުރުން އާދަކޮއްފާނެ.
ފޮރިއަލް
01 February 2022
މައިންބަފައިން ތަޅައި މަރައިންވެސް ފޮނުވާނެ އެއްހާސް ގަނޑުވެސް ލިބޭތޯ.
ޒިކުރު
01 February 2022
1960ގެ އަހަރުތަކުގައި ނާސިރުގެެ ވެރިކަމުގައި މަޖީދިއްޔާ ސްކޫލްގައި މިކަހަލަ ކަމެއް އޭރުގެ ހެޑްމާސްޓަރ އުމަރު ޒާހިރުގެ ބެއްލެވުމުގެ ދަށުން ހިންގުނެވެ. ހަފްތާއަކު 35 ނަމާދުގެ ތެރެއިން މަދުވެގެން 30 ނަމާދު ޖަމާއަތުގައި ކުރަންޖެހެއެވެ. ކޮންމެ ހުކުރުދުވަހަކު ހުކުރަށް ދިއުމުގެ ކުރިން ހުރިހާކުދިން ސްކޫލްހޯލްއަށް ހާޒިރުވުމުން ނަތީޖާތައް ގޮވާނެއެވެ. 30 ނަމާދު ހަމަނުވާ ކުދިންނަށް އެހަފްތާގެ އޮލިމްޕަހުގައި އޮންނަ ފިލްމް ބަލަންދާން ފާހެއް ނުލިބޭނެއެވެ.
އަބްޑޫޅް
02 February 2022
އޮލިމްޕަސް ފާސް ނުލިބުމުގެ އިތުރުން، 10 ގަޑި ސުންސުމަށް ހާޒިރުވެ، ހުކުރު ވަގުތު ޖެހެންދެން، ކަހަފު ސޫރަތް ކިޔަވަން ޖެހުނު. ނިކަމެތި އަޅާ މިގޮތުން ކަހަފު ސޫރަތް ކިޔެވި އަދަދެއްވެސް ނޭގެ. ހިތުން ދަސް ވެސް ވި. ވަރަށް ފަހާ ޖެހެންދެން ވެސް، "ވަލްޔަތަލައްތޮފް" ވީ ހިސާބަށް ހަނދާން ހުރި. މިހާރު ހަދާން ހުރީ، ހަމަ އެކަނި "ވަލްޔަތަލައްތޮފް". [އުމަރު ޒާހިރަށް ސުވަރުގެ ދެއްވާށި]
ވަރަށް ރަގަޅު ކަމެއް
01 February 2022
ދީނީ ކަންކަމަށް ލޯބި ޖެއްސުމުގެ މަގުސަދުގައި ފައިސާ އިނާމު ހުށައެޅުމުގެ ބަދަލުގައި އެހެން ކޮންމެވެސް ގޮތަކަށް އިނާމު ހަމަ ޖެއްސުން. ހޮސްޕިޓަލުން ހިންގާ ކަމެއް ވީމަ މިސާލަކަށް ފުލް ބޮޑީ ބޮޑީ ޗެކަޕެއް ހަދައިދިނުން، ވަކި އަދަދަކަށް ރަގަޅު ކާނާގެ ޕެކޭޖު ، ދަރަވަންދޫ މާލެ ދެކޮޅު ޓިކެޓް ކަހަލަ ގޮތަކަށް. ޙެދިދާނެ. ކުދިންގެ ބެލެނެވެރިން މެދުވެރިކޮށް ބެލުމުގެ ބަދަލުގައި ވަގުތީ ފިންގަރ ޕްރިންޓް ސިސްޓަމެއް މިސްކިތުގައި ބެހެއްޓައިގެން ބެލިދާނެ.
ނިޔަތް
01 February 2022
ބަރާބަރަށް ގަޑިންގަޑިއަށް ނަމާދު ކޮށް އުޅެންފެށުމުން އުޅުމަށް ބަދަލު އަންނަކަން އަޅުގަނޑަށް އޭރު ފާހަގަވިއެވެ. މިކަމުންވެސް ނިޔަތް ރަނގަޅުވެއްޖެއްޔާ، އެނަތީޖާ އިރާދަކުރެއްވިއްޔާ ނުކުންނާއެވެ. ބެލެނިވެރިން ކުދިންނަށް މިވެނި ކަމެއްކުރުމުން އިނާމް ދޭނަމޭ ބުންޔަސް، އަޅުކަމުގެ ކަންތަކުގަ ފައިސާ އިނާމް ދިނުން އަޅުގަނޑަށްވެސް ކުޑަކޮށް އުނދަގުލެވެ. ޓީޗަރަށް ހެޔޮރަޙްމަތް ލައްވާ، ދެދުނިޔޭގެ ބާއްޖަވެރިކަން ލައްވަވާ، ފާފަތަށް ފުއްސަވާށިއެވެ.4-4
ނިޔަތް
01 February 2022
ޓީޗަރު ވިދާޅުވެ މިކަހަލަ ކަމެއް ހުރިހާ ދަރިވަރުން ކުރިޔަށް ގެންދަން ނިންމުމުން ޖަމާޢަތުގައި ނަމާދުކުރަން އިތުރު ބާރަކަށްވިއެވެ. އެކަމަކު އެއްވެސް އިނާމެއް އެއިރަކު ނުދެއެވެ. އެދަރިވަރަކު އަމިއްލަ އަށް 40 ދުވަސް ފަހުން ޓީޗަރަށް، ޓީޗަރު ދެއްވި ޓޭބަލް އެއް ފުރާލާފަ ގެންދަންވީއެވެ. ނަމާދަށް ދޭތޯ ބަލާނެ ބަޔަކުވެސް ނުހުރެއެވެ. ހުރިހާ ވެސް އެއްޗަކީ ނިޔަތެވެ. 3-4؟
ނިޔަތް
01 February 2022
ލާރި ލިބިއްޖިއްޔާ ސަދަޤާތްވެސް ކުރެވިދާނެއެވެ. އަޅުގަނޑުމީ އުމުރުން 9 ވަރަކަށް އަހަރުގައި ސްކޫލްގައި ހިންގި މިފަދަ ކަމެއްގައި ބައިވެރިވި ދަރިވަރެކެވެ. ހުރިހާ ކުދިން ޖަމާޢަތުގައި ނަމާދުގެ ކަންތައްތައް 40 ދުވަސް ވަންދެން ގެންދިޔަ ގޮތް ޓީޗަރު ބެއްލެވިއެވެ.ކުޑަކުދިންނަށް ކަންތައް ދަސްކޮށްދެނީ ބެލެނިވެރިން ނުވަތަ ޓީޗަރުން ނެއްނުންތޯއެވެ؟ ޕްރޮގްރާމް ކުރިންވެސް އަޅުގަނޑު ކުޑައިރު ޖަމާޢަތުގައި ނަމާދުކޮށް އުޅުނީމެވެ. 2-3