ދިރާގު ދިވެހި ޕްރެމިއާ ލީގްގެ މެޗެއްގައި ގްރީން ސްޓްރީޓްސްގެ ކީޕަރު އަލީފް (ވ) ކައިރިން ބޯޅަ ހިފައިގެންދާން ދަގަނޑޭ މަސައްކަތްކުރަނީ.---ފައިލް ފޮޓޯ: މިހާރު
02 ފެބުރުއަރީ 2022 - 07:02
އަންނަ އާދީއްތަ ދުވަހު 33 ވަނަ ލީގް ސީޒަން ފަށަނީ ދިވެހި ޕްރެމިއާ ލީގްގެ "އާ ފޯމެޓް" އާއެކު އެވެ. އެ ފޯމެޓަކީ ރާއްޖެތެރެ ތިން ޒޯނަށް ބަހާލައި، ކޮންމެ ޒޯނެއްގައި ތިން ޑިވިޝަން ގާއިމުކޮށް، ގްރޭޓަ މާލެއަކީ ހަތަރު ވަނަ ޒޯން ކަމުގައި ހަމަޖެއްސުމެވެ.
ޒޯން-1 (އުތުރު) ހއ، ހދ، ށ. ނ، ރ (ފަސް އަތޮޅު)
ޒޯން-2 (މެދު ރާއްޖެތެރެ) ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ (ނުވަ އަތޮޅު)
ޒޯން-3 (ދެކުނު) ތ، ލ، ގއ، ގދ، ޏ، ސ (ހަ އަތޮޅު)
ޒޯން-4 (ގްރޭޓަ މާލެ) މާލެ، ވިލިމާލެ، ހުޅުމާލެ
ގްރޭޓަ މާލޭގައި މިހާރު ވެސް ތިން ޑިވިޝަން އެބައޮތެވެ. މި އާ ފޯމެޓަކީ، މިދިޔަ އަހަރުގެ މެދުތެރޭގައި އެފްއޭއެމުން މީޑިއާއާ ހިއްސާ ކޮށްފައިވާ އިންތިޒާމުތަކެކެވެ.
މި އާ ފޯމެޓްގެ ނަތީޖާއަކީ 2022-2023 ގެ ސީޒަނަށް 12 ކްލަބް އެކުލެވޭ، ހޯމްއެންޑް އަވޭ ޕްރެމިއާ ލީގަކަށް މަގުކޮށުމެވެ. ޕްރެމިއާ ލީގަށް 12 ކްލަބް ކޮލިފައިވާ އުސޫލު މި އާ ފޯމެޓުން ސާފުވެ އެވެ. އެއީ ލީގްގެ ނުވަ ސްލޮޓް، މާލޭގެ ކްލަބްތަކަށް ރިޒާވް ކުރުމާއި ރާއްޖެތެރެ އަށް ބާކީ އޮތް ތިން ސްލޮޓް ދިނުމެވެ. މިއީކީ އާ ފޯމެޓެއް ނޫނެވެ. މިއީ ކުރިން ވެސް ކަން ކުރަމުން އަންނަ ގޮތެވެ.
މަތިބަރު ސިޔާސަތެއްގެ ދަށުން އާބާދީގެ 33 ޕަސެންޓަށް ލީގްގެ 75 ޕަސެންޓް ދީ، އާބާދީގެ 66 ޕަސެންޓަށް ލީގްގެ އެންމެ 25 ޕަސެންޓް ދިނުމެވެ. ކުޑަ އާބާދީއަކަށް ބޮޑު ހިއްސާއެއް ދީ، ބޮޑު އާބާދީއަކަށް ކުޑަހިއްސާއެއް ދިނުމެވެ.
ކުޑަ އާބާދީ ތަމްސީލުކުރާ ނުވަ ކްލަބަށް ވޯޓުލުމުގެ ހައްގު ދީފައިވާއިރު، ބޮޑު އާބާދީ ތަމްސީލްކުރާ ތިން ކްލަބަށް ވޯޓްލުމުގެ ހައްގު ވެސް ނުދެނީ އެވެ. މިއީ ފަހެ މަލާމާތެއް ތޯ އެވެ؟ އާ ފޯމެޓަކީ "ޖަޒީރާ ލީގް"ގެ މަފްހޫމްގައި މާލެ ފިޔަވައި އެހެން ރަށްރަށުގެ ކްލަބްތަކަށް ހަމަހަމަ ރެފްރެޒެންޓޭޝަން ދިނުމަށް ވައުދުވެފައިވާތީވެ، އެ ކަމަށް ފުރަގަސްދީ، ކުރީގެ ނަހަމަ ސިޔާސަތު ދެމެހެއްޓުމަށްޓަކައި އެކުލަވާލާފައި ހީލަތްތެރި ރޭވުމެކެވެ. މިއީ އާ ފޯމެޓެއް ނޫނެވެ. އެހެން ރަށްރަށުގެ ކްލަބްތަކަށް ހަމަހަމަ ރެޕްރެޒެންޓޭޝަން ދިނުމާ ދެކޮޅަށް ދައްކާނެ ހުއްޖަތެއް މިއަދަކު ނެތެވެ.
ރާއްޖެ މި އޮތީ ލާމަރުކަޒު ވެފަ އެވެ. ޓްރާންސްޕޯޓް ނިޒާމެއް ދިރިއްޖެ އެވެ. ތައުލީމު ފުޅާވެއްޖެ އެވެ. އަތްމަތި ތަނަވަސްވެއްޖެ އެވެ. ތަޖުރިބާގެ ގޮތުން މާލެ ފިޔަވައި އެހެން ރަށްރަށުގެ ޓީމުތައް މިއަދު އޮތީ ފަހަތަކު ނޫނެވެ. ކޭބަލް ޓީވީ އާއި ސޯޝަލް މީޑިއާ މުޅި ރާއްޖެ އަށް ފެތުރިއްޖެ އެވެ. ލީގަށް 33 އަހަރު ވާއިރު ރަށްރަށުގެ ކްލަބްތައް ގަވާއިދުން ވާދަކުރަން ފެށިތާ 35 އަހަރު ވެއްޖެ އެވެ. އެކަން އެނގެނީ މިއަދު ރަށްރަށުން 70 އަށް ވުރެ ގިނަ ކްލަބް ބައިވެރިވާތީ އެވެ. އާ ފޯމެޓްގެ އިންތިޒާމްގެ ދަށުން މާލެ ފިޔަވައި އެހެން ރަށްރަށަށް އެކުލެވޭ ތިން ޒޯނުން، ޒޯނަކުން، ދެ ޑިވިޝަނަށް 18 ކްލަބްގެ ރޭޓުން 54 ޓީމް ނެރެން ހުދު އެފްއޭއެމުން ވެސް އަންދާޒާ ކުރެ އެވެ. ގްރޭޓަ މާލޭގެ ދެ ޑިވިޝަނުން ނެރެވެނީ އެންމެ 20 ޓީމެވެ. އެހެން ރަށްރަށުން ނެރޭ ޖުމުލައިގެ ދެބައިކުޅަ އެއްބައި ވެސް ހަމަނުކުރެވެ އެވެ. އެހެން ނަމަވެސް މާލެ ފިޔަވައި އެހެން ރަށްރަށުން ބައިވެރިވާ މި 54 ކްލަބަށް ވޯޓްލުމުގެ ހައްގެއް ނުލިބެ އެވެ.
އާ ފޯމެޓްގެ އަނެއް ނަތީޖާއަކީ ފުޓުބޯޅައިގެ މަސްލަހަތު ސަޕޯޓަރުންގެ ފޯރާފަށަށް ނުގެންދެވުމެވެ. މި އާ ފޯމެޓްގެ ސަބަބުން އަންނަ ސީޒަންގައި ހޯމްއެންޑް އަވޭ އުސޫލަށް ލީގް ކުޅެން ފެށުމުން، މާލެ ފިޔަވައި އެހެން ރަށްރަށުގެ ޓީމަކަށް އަވޭ 11 މެޗް ކުޅެން ޖެހޭއިރު، މާލޭގެ ކްލަބަށް އަވޭ ކުޅެންޖެހެނީ އެންމެ ތިން މެޗެވެ. ރަށްރަށުން ކޮލިފައިވާ ކޮންމެ ކްލަބަކުން މާލެ އަށް ނުވަ ދަތުރު އަދި އަނެއް ދެ ރަށަށް ދެ ދަތުރު ކުރަންޖެހެ އެވެ. ވޯޓުލުމުގެ ހައްގެއް ވެސް ނެތި، މާލޭގެ ޓީމަކަށް ވުރެ ހަތަރު ގުނަ ދަތުރު ކުރަންޖެހޭ ގޮތަށް ހޯމްއެންޑް އަވޭ ކުޅެން އެއްބަސްވާނެ ބާވަ އެވެ؟
އެފްއޭއެމަކީ ޒަމާނާ އެކަށީގެންވާ ސިޔާސަތުތަކެއްގެ މައްޗަށް ހިންގާ ޖަމިއްޔާއެއް ނޫނެވެ. ނަތީޖާއަކީ ދަނޑު ފުރައިނުލެވުމެވެ. އަދި މާލޭގައި ދަނޑު ފުރައިލުމަކީ އެ ވެރިންނަށް ވާނެވަރުގެ ކަމެއް ނޫން ކަމަށް، އެސޯސިއޭޝަންގެ އެންމެ ބޮޑު ސްޕޮންސަރު ކުޅިވަރާ ބެހޭ ވަޒީރު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ވަޒީރު، ދަނޑު ފުރައިލުމަށް ގެންގުޅުއްވާ ސިޔާސަތަކީ ބިޑަކާ ނުލައި، ސިޔާސީ ދާއިރާތަކަށް މެޗު "ވިއްކުން" އެވެ. ސިޔާސީ ބޭނުންތަކަށް ފުޓުބޯޅަ ވިއްކުމަކީ އެ ޖަމިއްޔާގެ އަސާސްތަކާ ހިލާފު ކަމަކަށް ވީ ނަމަވެސް، ސަރުކާރުގެ ސިޔާސަތެއް ހާސިލް ކުރަން ވަޒީރު ފައިސާ ދެއްވާތީވެ، ވަރަށް ގަޔާވެގެން އެ ކަން ވެސް ކުރައްވަނީ އެވެ. ހަކުރު ދެންޏާ، ބޮޑުބޭބެ އެވެ!
އެފްއޭއެމްގެ ސިޔާސަތަކީ، އެ ޖަމިއްޔާގެ ހިންގާ ކޮމިޓީން ނިންމާ ނިންމުންތަކެވެ. ހިންގާ ކޮމިޓީގައި ތިއްބަވަނީ އިންތިހާބު ކަށަވަރު ނުކުރެވޭ ކަމަށް ބުނާ، މާލޭގެ ކްލަބްތަކެކެވެ. މި ފަސްމަންޒަރުގެ އަލީގައި، އާ ފޯމެޓަށް ލީގް ބައްޓަން ކުރުމުގައި އެފްއޭއެމްގެ ހިންގާ ކޮމިޓީން ގެންގުޅޭ ސިޔާސަތުތަކަށް ނަޒަރު ހިންގައިލުމުން އާ ފޯމެޓަކީ އެއްގޮތަކަށް ވެސް އައު ފޯމެޓެއް ނޫންކަން އިތުރަށް ސާފުވާނެ އެވެ.
އަލިފުށީގައި މިދިޔަ މަހު ކުޅުނު ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗުގެ ކުރިން، އެ މުބާރާތުގެ ތައްޓާއެކު، އަލިފުށީ ކައުންސިލްގެ ރައީސް އިމްރާން (ކ) އައި އެފްއޭއެމްގެ ރައީސް ބައްސާމް އަދި ސްޕޯޓްސް މިނިސްޓަރު މަހުލޫފް ފޮޓޯއެއް ނަންގަވަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު
ސިޔާސަތު1. މޮޅު ކްލަބްތައް ބޭރުކޮށްލައި، މާލެ ފިޔަވައި އެހެން ރަށްރަށުގެ ކްލަބްތަކަށް ދަތިކުރުން ސީޒަން ފަށަނީ ވެސް ރާއްޖޭގެ އެންމެ މޮޅު ދެ ކްލަބް، ނިއުރޭޑިއަންޓާއި ވިކްޓްރީ ލީގުން ބޭރުކޮށްލައި އޮވެ އެވެ. މި ދެ ކްލަބަކީ 29 އަހަރުގެ ލީގް ތަޖުރިބާ ހިއްސާކުރާ ދެ ކްލަބެވެ. ގައުމީ ތަރިކަ އެކެވެ. ފުޓުބޯޅަ އެސެޓެކެވެ. ދަނޑުފޯރީގެ ބާނީންނެވެ! އެކަމަކު މި ސީޒަން ވެސް ފަށަނީ މާލޭގެ އެންމެ އަށް ކްލަބްގެ މައްޗަށް ބުރަވެ އެވެ. ގިނައީ ލީގް ތަޖްތިބާ މަދު ކްލަބްތަކެވެ.
ތިރީސް އަހަރުގެ ލީގް ތަޖުރިބާގެ ލީޑަރުގެ ގޮތުގައި އޮތް ވެލެންސިއާގެ ފަހަތުގައި އޮތީ އެ ކްލަބްގެ ތަޖުރިބާގެ ދެބައިކުޅަ އެއްބައި ހިއްސާކުރާ 15 އަހަރުގެ ލީގް ތަޖުތިބާއާ އެކު މާޒިއާ އެވެ. އެ އަށް ފަހު 12 އަހަރުގެ ލީގް ތަޖުރިބާއާއާ އެކު އީގަލްސް އެވެ. ދެން ތިބި ފަސް ކްލަބަކީ ލީގަށް އާ، އަދި ތަޖުރިބާ މަދު ފަސް ޓީމެވެ. އެއީ ޓީސީ -5، ގްރީން ސްޓްރީޓް -4، ޔުނައިޓެޑް ވިކްޓަރީ -3، ދަގަރާންޑޭ -2، އަދި ސުޕަސްޕޯޓްސް -1، އަހަރުގެ ލީގް ތަޖުރިބާ އެވެ.
ދިވެހި ޕްރެމިއަ ލީގަށް 12 ކްލަބް ހަމަ ކުރާ ގޮތަކީ މާލެ އަށް ނުވަ ޖާގަ، މާލެ ފިޔަވައި އެހެން ރަށްރަށަށް ތިން ޖާގަ އެވެ. ރާއްޖޭގެ އާބާދީ ބެހިފައި އޮތް ގޮތަށް ބަލައި، މާލޭގެ ކްލަބްތަކަށް ނިސްބަތުން ބޮޑު ހިއްސާއެއް ދީ، މާލެ ފިޔަވައި އެހެން ރަށްރަށުގެ ކްލްބްތަކަށް ކުޑަ ހިއްސާއެއް ދިނުމަކީ ހަމަހަމަ ގޮތެއް ކަމުގައެއް ނުވާނެ އެވެ. މިއީ ޚިލާފު އުފެދޭނެ މައްސަލަ އެކެވެ!
ސިޔާސަތު2. ބަޖެޓް ސިއްރުކުރުން. ސީޒަން ފަށަނީ 100 މިލިއަން ރުފިޔާގެ ބަޖެޓަކާ އެކު އެވެ. އެއީ، ސަރުކާރުގެ 80 ޕަސެންޓާއި ފީފާގެ 20 ޕަސެންޓް ގްރާންޓް ފައިސާއާ އެކު އެވެ. އެފްއޭއެމްގެ ހިސާބުތަކެއް ހާމައެއް ނުކުރެ އެވެ. ދައުލަތުގެ ބަޖެޓް އެ އޮތީ ފައިނޭންސް މިނިސްޓްރީން އިންޓަނެޓަށް ފުރާ އަޅައިފަ އެވެ. ނަމަވެސް އެފްއޭއެމްގެ ބަޖްޓްގެ ހިލަމެއް ވެސް ނުވެ އެވެ. އެފްއޭއެމްގެ ބަޖެޓަކީ ދައުލަތުގެ "ޑިފެންސް އެގްރީމަންޓް"ތައް ފެންވަރުގެ ސިއްރެކެވެ. މި ވަރުން ފުދުނީކީއެއް ނޫނެވެ. އެސޯސިއޭޝަން އޮންނަނީ ވެސް އަބަދު ދަރައިފަ އެވެ. ކުޅުންތެރިންނަށާއި އޮފިޝަލުންނަށާއި ކްލަބްތަކަށާއި އެހެނިހެން ވިޔަފާރި ކުންފުނިތަކަށެވެ. ކޯޓަށް ވެސް ދަމަ އެވެ!
އެސޯސިއޭޝަންގެ އަހަރީ ބަޖެޓްް ހާމަނުކުރާއިރު، މެމްބަރު ކްލަބްތައް ވެސް ހިސާބު ބަލަހައްޓަން ޖެހޭ ސަބަބެއް ނެތެވެ. އަދި މެމްބަރު ކްލަބްތައް ވެސް އަބަދު ދަރާފައި ތިބުން ހަމަ އެންމެ ރަނގަޅު ނޫންތޯ އެވެ! މި ސިޔާސަތުގެ ނަތީޖާއަކަށް ވަނީ ފުޓުބޯޅަ ކުރިއެރުވުމަށް ކަމަށް ބުނެ ހަރަދުކުރާ ފައިސާގެ ތަފްސީލު ސިއްރު ކުރުމެވެ. އަނެއް ނަތީޖާއަކީ އިތުބާރެއް ނެތް އެސޯސިއޭޝަނަކާ ގުޅިގެން ފުޓުބޯޅަ ކްލަބް ހިންގަން ނުކުންނާނެ އިތުރު ބައެއް ނުވުމެވެ. ފުޓުބޯޅަ "އިރެލެވަންޓް" ވުމެވެ!
ސިޔާސަތު3. މެޗް ވިއްކުން. ކުޅިވަރު މިނިސްޓަރު މި ވަގުތު ވެސް އުޅުއްވަނީ ރިޝްވަތުގެ ތުހުމަތުތަކުންް އަރައި ނުގަނެވި، ކޯޓުގަ އެވެ. މިނިސްޓަރު ވިދާޅުވަނީ، ރަށްރަށަށް މެޗްތައް ބަދަލުކުރީމާ ބެލުންތެރިން ލިބޭނެ ކަމަށެވެ. ވީމާ، ބިޑަކާ ނުލައި، މިލިއަން ރުފިޔާގެ ފޮނި ހެދިކާއާ އެކު އަލިފުއްޓަށް ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް ހިބައިން ދިނީމާ ހާހެއްހާ ބެލުންތެރިން ލިބުނެވެ. އެސޯސިއޭޝަނުން ބުނަނީ "ރޯޑް ޓު އަލިފުށި" އަކީ އެފްއޭއެމް ރާއްޖެތެރެއާ އަޅާލާ މިންވަރު ރަމްޒު ކޮށްދޭ ފަލްސަފާ ކަމަށެވެ.
ރ. އަލިފުށީގައި މިދިޔަ މަހު ބޭއްވި ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗުގައި އެއްކޮޅުން ކުޅުނު މާޒިއާގެ ސަަޕޯޓަރުން ތަރުހީބު ދެނީ.---ފޮޓޯ: ނިޝާން އަލީ/ މިހާރު
އެގޮތުން، ރާއްޖޭގެ ފަސް ވަނަ އަށް އެންމެ ގިނައިން ޓީމު ބައިވެރިވާ އަތޮޅު ކަމުގައިވާ އަލިފުށި އެކުލެވޭ ސިޔާސީ ދާއިރާ އަށް، ބިޑަކާ ނުލައި، އަތޮޅުގެ ޒުވާނުންނަށް ޕްރެޒިޑެންޓް ސްކަޕްގެ ފައިނަލް ހަދިޔާ ކުރީ ކަމަށް ސިފަކުރެއްވި އެވެ. އަދި މިއީ ދިވެހި ލީގްގެ އައު ފޯމެޓަށް ވާސިލްވާއިރު، އަތޮޅުތަކުގެ ކްލަބްތަކާ ދޭތެރޭ ހަމަހަމަ ގޮތެއްގައި ވިސްނާ ކަމުގެ ދަލީލެއް ކަމުގައި ވެސް އެސޯސިޝަންގެ ސެކްރެޓަރީ ޖެނެރަލް ހުސައިން ޖަވާޒް ވިދާޅުވި އެވެ. މި ސިޔާސަތުގެ ނަތީޖާއަކީ، މެޗު ވިއްކުމުގެ މޫނުމަތި ރީތި ކުރަން އުޅުން ނަމަވެސް ދެކޮޅު ދިމާނުކުރެވުމެވެ.
އާ ފޯމެޓަކުން، އަންނަ އެއްވެސް ބަދަލެއް ނެތެވެ. ވިއްޔާ ވަނީ ގޯހެވެ! މި ފޯމެޓަކީ ބުރަހެލި ފޯމެޓެކެވެ. ޒޯންތައް ބޮޑުކަމުން، ކައިރި ރަށްތަކަށް ގްރޫޕް ކުރި ނަމަވެސް، ދެވަނަ ޑިވިޝަންގެ ނުވަ ޓީމްގެ ގްރޫޕަކީ ވެސް 36 މެޗެވެ. މަސް ދެ މަހަށް އައްޑު އަތޮޅުގެ ކްލަބެއް ތިނަދޫ ނުވަތަ ފުވައްމުލަކުގައި ކުޅެން ތިބެވޭނެ ބާވައެވެ؟ އެކަމުގެ ޝައުގުވެރި ކަމެއް އެބަހުރި ބާވައެވެ؟
އަދި އެންމެ ފަހުން ޕްރެމިއާ ލީގަށް ހޮވޭ ތިން ޒޯން ޗެމްޕިއަނުންނަށް ޖެހެނީ ވޯޓަކާ ވެސް ނުލައި 11 ދަތުރު ކުރާށެވެ. މާލޭގެ ޓީމަކަށް ކުރަން ޖެހެނީ އެންމެ ތިން ދަތުރެވެ. މިއީ އިންސާފަކަށް ނުވާއިރު ރާއްޖެތެރޭގެ ޓީމަކަށް ކެރި ކުޅަދާނަ ވެގެންވާ ކަމެއްތޯ ވެސް ސުވާލު ކޮށްލަން ޖެހެ އެވެ. އާ ފޯމެޓަކީ އާ ފޯމެޓެއް ނޫނެވެ. މިއީ ބޮޑު އޮޅުވައިލުމެކެވެ!
ހާމިދު އަބްދުލް ޣަފޫރު
@HamidhAG
ހާމިދު އަބްދުލްޣަފޫރަކީ ސްޕޯޓްސްގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި، އެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި ކުޅިވަރުގެ އެކި ދާއިރާތަކުގައި އަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގެންފަ އެވެ. ހާމިދަކީ ސްޕޯޓްސް މިނިސްޓްރީގެ ސްޕޯޓްސް ޑައިރެކްޓަރު ކަމާއި އެފްއޭއެމްގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ކައުންސިލްގައި މިހާރު ވެސް ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އޭނާ ގެންދަވަނީ ތަމްސީލު ކުރައްވަމުންނެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޓްނަސް ކްލަބެއް ހިންގަވަން ފެއްޓެވި ބޭފުޅަކީ ވެސް އެއީ އެވެ. މާލޭ ފިޓްނަސް ކްލަބްގެ ނަމުގައި ހާމިދު ޖިމެއް ހިންގަވާތާ މިހާރު 30 ވަރަކަށް އަހަރު ވެއްޖެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެހެހެ
05 February 2022
މިކިޔާފައި މާޒިޔާ މީހުންދާނީ ރަތަށްދޯ!
ޢެފެށީ
04 February 2022
މިހާރު އެކުޅިގަޑު އެފެށީ. ސީޒަން ފެށުން އެލަސްވީ. އެއީ ކޮވިޑް އޮތީމައެއްނޫން. އެއީ ދައްކާނެ ވާހަކައެއްނެތިގެން ދައްކާ ބަހަނާ. ކޮވިޑްގެ ކުރީގައިވެސް އުޅުނީ އެހާލެއްގައި. ސީޒަން ކީއްކުރަން ކޮންމެ މެޗެއްވެސް ކުޅެޭނެތޯ ނުކުޅޭނެތޯ މިކަހަލަ ޝައްކެއްގައި އަބަދުވެސް. މެޗު ފެށިއްޖެއްޔާ ދެވަނަ ހާފް ފަށާނެ ކަމުގެ ޔަގީން ކަމެއްނޯވޭ. ވީމާ ކިހިނެއް މިވަރު ބަޔަކަށް އެހާ ބޮޑު ބަޖެޓެއް ދޭން ހެޔޮވާނީ؟
އޮނަރަބްލް އަފީފު ދީދީ
02 February 2022
ދިވެހިލީގާއި އެފްއޭކަޕް ހޯމްއަވޭ އަށް ބަދަލުކުރަން ރާއްޖެ 3 ޒޯނަށް ނުވަތަ ރީޖަނަށް ބަހާލުމައްޓަކާ ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާން ރީޖަންކަމުގައިކަޑައަޅާ ރީޖަންތައް ތަމްސީލު ކުރާނެ އެސީސިއޭޝަން ހަދަން ފުރުސަތު ދޭންޖެހޭ. # އަދި މިދެންނެވި 3 އެސޯސިއޭޝަނާއި ރީޖަންތަކުގެ ސުޕަރ ލީޤް ޓީމް ތަކުން ވޯޓްދީގެން އިންތިޙާބު ކުރާ "ނެޝަނަލް ފުޓްބޯލް ފެޑަރޭޝަން" އެކުލަވާލެވިދާނެ.
އަލީ އުމަރު.
03 February 2022
ތިގޮތަށް 3 އެސޯސިއޭޝަން ހަދާފައި ރީޖަންތަކަށް ބާރު ދީގެން ހަދާ ނެޝަނަލް ފުޓުބޯޅަ ފެދަރޭޝަންގެ އިންތިހާބަށް ބައްސާމުމެންނަށް ފުރުސަތު ހިންގާން އުދަގޫވާނެތީ އެމީހުން ތިކަމެއް ނުކުރާނެ. ހާމިދު އެދައްކަނީ ތިވާހަކައެއްނު.
އޮނަރަބްލް އަފީފު ދީދީ
02 February 2022
މިކަމުގައި އިންސާފަށާއި ކަމުގެޙަޤީގަތް އޮތްގޮތަށް ޙާމިދު ލިއުއްވާފައިވާކަން ފާހަނގަކުރަން. # މިހާރުއޮތް "މާލޭ ފުޓުބޯޅައިގެ ބަދަލުގައި" މުޅިރާއްޖެބައިވެރިވާ ދިވެހިލީގެއް އުފައްދަންބޭނުންނަމަ އެފްއޭއެމް އަކީ "ނެޝަނަލް ފެޑަރޭޝަނަށް ބަދަލުކޮށް" ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާން ރީޖަންކަމުގައިކަޑައަޅާ ވޯޓިންގރައިޓްސް ލިބޭ 3 ރީޖަނަލް އެސޯސިއޭޝަން ހައްދަވަންވީ ނޫންތޯ.
އިސްފާން.
03 February 2022
މާލޭ ޓީމް ތަކުން ބޭނުމެއްނުވޭ އެމީހުން އެހެން ރަށްރަށަށް ގޮސްގެން މެޗް ކުޅޭކަށް. މާލޭ ޓީމް ތަކާއި އެސޯސިއޭޝަންގައިތިބި މާލޭ މީހުން ބޭނުން ވަނީ ފުޓުބޯޅައަކީ އެމީހުންގެ ރަށުގައި ކުޅޭ އެއްޗަކަށް ހަދަން. އެހެންވެ ހާިދު އެބުނާ ގޮތަށް އެމީހުން ތިކަން ކަން އޮޅުވާލަނީ. އެންމެން ގަމާރެއް ނުވާނެދޯ. ހާމިދަށް ހަމަ ސާބަސް.
ވިޒޫ
02 February 2022
މަހުލޫފު މެން ކަހަލަ ކުފޫ ހަމަ ނުވާ ، ވަޒީރުކަން ދިނީމަ ވާނީ ތިޔަހެން މޮޅުބަސް ބުނެފަ ދިޔައީމަ ނިމިނީ
ބާބާ
02 February 2022
ފުޓްބޯޅައިގެ ދުވަސްދިއައީ ބައްސާމުކަހަލަ ތަޖުރިބާއެއްނެތް މީހަކު މިކަމާ ހަވާލުވި ހިސާބުން. އޭނައަކަށް ނޭގުނު ފުޓްބޯޅައިގެ ގެއްލެމުން ދިޔަ ފޯރި ހަމައަކަށް އަޅުވަން ހަދާނެ ގޮތެއް. އެކިފަހަރު އެކިއެތި ކިޔަމުދިޔައީ، އެހެން އުޅެނިކޮށް ކުލަބް ފުޓްބޯޅަ ފޯރި އެއްކޮށް ގެއްލިއްޖެ. ގައުމީޓީމް ސަރަހައްދުގެ ފުލަށް ހިގައްޖެ. މުބާރާތަކަށް ކޯޗެއް ގެންނަނީ. އޭނައަށް ކުޅުންތެރިން އެގޭއިރު ކޮންމެވެސް ސަބަބަކާހެދި އޭނަ ފޮނުވާލާ. މިކަހަލަ ސަކަރާތެއްގައި މިއުޅެނީ.
އިއްޕަޓޭ
02 February 2022
ބޮޑެތި ވަރުގަދަ ލީގުތައް އޮންނަ ގައުމުތަކުގަވެސް ވެރިރަށަށް ނިސްބަތްވާ ޓިމްތައް ގިނަ. ޕްރިމިއާލީގުގަ އާސެނަލް، ޗެލްސީ، ކްރިސްޓަލްޕެލަސް، ޓޮޓެންހަމް، ބްރެންޓްފޯޑް، ވެސްޓްހޭމް އަކީ ލަންޑަން ޓީމުތައް. ލަލީގާގަ ރެއާލް، އެޓްލެތިކޯ، ގެޓާފޭ، ރާޔޯވަޔެކާނޯ އަކީ މެޑްރިޑް ޓީމުތައް. އާބާދީ ބޮޑެތި ހިސާބުތަކުގަ ޓީމުތައް ނިސްބަތުން ގިނަވާނެކަން ވިސްނެންޖެހޭ. ތިޔަދައްކަވަނީ ހޯމް-އަވޭ އުސޫލުން ނުކުޅުވަން މީހުން އަބަދުވެސް ދައްކާ ބަހަނާ.
ެެއެމިލީ ފޮރްމް ފުނަދޫ
02 February 2022
ދިސް އިޒް ޓްރޫ. ޢިސްޓަންބުލް ހޭޒް 5 ޓީމްސް އިން ޓަރކިޝް ސުޕަލީގް.
އެލަން ފުތާ.
02 February 2022
އިއްޕަޓޭ ތިޔަބުނާ ލީްު ތަކުގައި ޓީމްތައް ސުޕަރލީގަށް ކޮލިފައިވެ ރެލިގޭޓްވާގޮތް ވެސް ކިޔާލަބަލަ. ޕްރެމިއަރ ލީގުގައި ލަންޑަނުގެ ޓީމް ތައް ގިނަވަނީ ލަންޑަން ޓީމް ތަކަށް ދީފައިވާ ސްލޮޓް ގިނަވެގެންތަ ނުވަތަ އެޓީމްތައް އިގިރޭސިވިލާތުގެ އެހެން ސިޓީ ތަކުގެ ޓީމް ތަކަށްވުރެން މޮޅުވެ ކާމިޔާބު ހޯދައިގެންތަ ؟ ކަލޭމެންގެ އެސޯސިއޭޝަނުން ތިކިޔަމީ މާލެ އާއި ރައްޖެތެރޭ ޓީމް ތަކޭ. އިގިރޭސިވިލާތުގައި މިފަދަ ތަފާތު ކުރުން އެބައޮތްތަ؟
ބާބޫ
02 February 2022
އާ ފޮމެޓަށް އަތޮޅު ޓީމެއް ކުޅެންޏާމު 10000000 ރ ބޭނުންވާނެ..............މި ވަރު ޚަރަދެއް 50000 ރ އަށް ކުރާނީ ކާކުބާ؟
ޥާލުސޮރު
02 February 2022
ދިރާސާ ހަދާނިމުނު އިރު ތިޔައޮތީ އަތަށް ގޮވާފަ ނިއު އަދި ވިކްޓްރީ ލާއިގެން ލީގުކުޅެން ބަލާއިރު ކީވެބާ މަގޭ މުސާރާގެ ވާހަކަ ނުގެނައީ އިތުރުބައެއްގެ ޒިންދަގީގައި ހަކުރުލާންތޯ
ދަގޭ
02 February 2022
ބަލަ ނިއު،.ވިކްޓްރީ ގެ ވާހަކަ ދެއްކިއުރު ކީއްވެބާ މާއްޓޭ،އަނަދަރޭ،މޫސާމަނިކުމެން މިހާރު ޓީމް ލިސްޓްތަކުގަ ނެތީމަ މައްސަލަ އަކަށް ނުވީ؟ ބަލަ އިރެއްގަ މޮޅު ޓީމްތަކަކަސް އެޓީމްތައްވަނީ ކުޅުންތެރިންނަށް މުސާރާނުދޭތީ އިތުރު ކުޅުންތެރިން ނުނެގޭގޮތަށް ފީފާ އިން ނާއި އެފް އޭ އެމް އިން ވަނީ އެކުޅުންތެރިން ނަށް މުސާރަދީނިންމުމަށް އަންގާފަ،އެކަން ހަމަޖައްސާފަ އޮންނައުސޫލުން 3ވަނަ ޑިވިޝަނުގަ ބައިވެރިވެގެން ކޮލިފައިވެވޭނެ އެމީހުންށް އަދިވެސް.
ދަގޭ
02 February 2022
ވެލެންސިއާ އަށް އެކަންދިމާ ނުވޭ ބާ؟ ކިތަށް ފަހަރުބާ ފީފާއިން އިންޒާރު ދިނީ.
ސަސި
02 February 2022
ހާމިދުމެން ކަހަލަ ސަރުކާރަށް ބަސްކިޔޭ ލެވެލްގެ މީހުން ތިބެ މިހާ ދެރަވަރުކޮށް ކަންކަން ހިނގާ އިރުވެސް ނޫހުގަ އާޓިކަލް ލިޔެގެން ތ ފުއްދާލަނީ. ހާމިދު އިސްނަގައިގެން ކަންކަން ރަގަޅުކުރަން އުޅެބަލަ. ދެރައީ ތިމާއާ އެއްވެސް ގުޅުމެއްނެތް ދިމާލެއްގެ ބޯޑުގަ އިންނަކަން
ޟާނު
02 February 2022
ސަސި އަށްނޭންގޭތޯ ނޫސްވެރިކަމަކީ ގަލަމަކީ މަގާމަށްވުރެ ބާރުގަދައެއްޗެއްކަން ސްކޫލަށްދާން އަލުންފެންނަނީ