ށ. ކޮމަންޑޫ އާއި އެ ރަށާ އެއް ފަޅެއްގެ ތެރޭގައި އޮންނަ މަތި ކޮމަންޑޫ ގުޅުވާލުމަށް ކައުންސިލުން ޕްލޭންކޮށްފައިވާ ގޮތް.-- މިހާރު ގްރެފިކްސް: އަލީ ނަހުޒާން
03 ފެބުރުއަރީ 2022 - 20:37
ކޮމަންޑު އާއި އެ ރަށް ކައިރީގައި އޮންނަ މަތި ކޮމަންޑޫ ގުޅައިލުމުގެ މަޝްރޫއުގެ އެންވަޔަރްމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގައި މައްސަލަ އެބަހުރި ކަމަށާއި އެ އީއައިއޭ އަށް އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހުއްދަ ދިނީ އާއްމުކޮށް އެފަދަ ރިފޯޓުތަކަށް ހުއްދަ ދޭން ގެންގުޅޭ އުސޫލާ ހިލާފަށް ކަމަށް ޑްރެޖިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.
އެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ، މަތިކޮމަންޑޫގެ މަޝްރޫއަށް އެންމެ ފުރަތަމަ ހުއްދަ ދިން އީއައިއޭގައި އެކަށީގެންވާ ވަރަށް ޕްރޮޖެކްޓް ޖަސްޓިފިކޭޝަނާއި ފީލްޑް ސާވޭ ހަދާފައި ނެތް ކަމަށެވެ. އަދި އެ ރަށުގެ ވޭވް ޑައިނަމިކްސް ސާވޭ ހަދާފައިނުވާއިރު، އޭގެ ސަބަބުން ހިއްކާ ބިމާއި ކޮމަންޑޫގެ ގޮނޑުދޮށަށް ބޮޑެތި ބަދަލުތައް އައުން އެކަށީގެންވާ ކަމަށް ބަޔާނުގައި ބުންޏެވެ.
ދެ ކޮމަންޑޫ ގުޅައިލުމުގެ މަޝްރޫއުގެ ދަށުން 16.7 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވާއިރު، އެމްޓީސީސީއާ ހަވާލުކޮށްގެން ގެންދާ 249 މިލިއަން ރުފިޔާގެ އެ މަޝްރޫއު މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވަނީ ފަށައިފަ އެވެ.
ޑްރެޖިން އެސޯސިއޭޝަން އޮފް މޯލްޑިވްސް ބަޔާނުގައި ބުނީ މަތިކޮމަންޑޫ މަޝްރޫއަށް ވެލި ނަގަނީ ރ. އުނގޫފާރު ބިން ހިއްކުމަށް މިދިޔަ އަހަރުގެ އޭޕްރީލާއި މެއި މަހު ސާވޭ ކުރި ސަރަހައްދުން ކަމަށާއި އެ ކަމަށް ހުއްދަ ދިން އެޑެންޑަމް ރިޕޯޓަކީ ވެސް އީޕީއޭއިން އާއްމުކޮށް އެފަދަ ރިޕޯޓުތަކަށް ހުއްދަ ދިނުމަށް ގެންގުޅޭ ސްޓެންޑާޑަށް ނުފެތޭ ރިޕޯޓެއް ކަމަށެވެ.
"މިފަދަ އެޑެންޑަމް ރިޕޯޓަކީ އިތުރު ފީލްޑް ސާވޭއެއް ނުކޮށް ހުއްދަ ދެވިގެންވާނެ އެއްޗެއް ނޫނެވެ. އޭގެ އިތުރުން ޓާމްސް އޮފް ރިފަރެންސްގައި ބުނެފައިވާ ފަދައިން އެ ރިޕޯޓުގައި ސްޓޭކްހޯލްޑް ކޮންސަލްޓޭޝަން ނެތްކަން ފާހަގަކުރަމެވެ،" ބަޔާނުގައި ވެ އެވެ.
ޕްރޮޖެކްޓަކުން ތިމާވެއްޓަށް ކުރާނެ އަސަރު ދެނެގަތުމަށް ހަދާ އީއައިއޭ ރިޕޯޓްތަކަށް ހުއްދަ ދެވޭނީ ނުވަތަ ހުއްދަ ނުދީ ހިފެހެއްޓޭނީ ތިމާވެއްޓަށް އަސަރު ފޯރާނެ ވަރު ބަޔާންކުރާ ރިޕޯޓް ހެދުމާ ބެހޭ ގަވާއިދާއި އެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުތަކާ އެއްގޮތްވާ ގޮތަށެވެ.
އެ ގަވާއިދުގައި ބުނާ ޝަރުތުތައް ހަމަ ނުވާ އީއައިއޭ ރިޕޯޓްތަކަށް ހުއްދަ ދިނުމުގެ ބާރު އީޕީއޭ އަށް ލިބިގެން ނުވެ އެވެ.
ނަމަވެސް ޑްރެޖިން އެސޯސިއޭޝަނުން ބުނިގޮތުގައި، މަތިކޮމަންޑޫ ހިއްކަން ހުއްދަ ދިން ފުރަތަމަ އީއައިއޭގެ އިތުރުން އެޑެންޑަމް ރިޕޯޓުގައި ވެސް ޓާމްސް އޮފް ރިފަރެންސްގައި ބުނާ ޝަރުތުތައް ހަމަ ނުވާކަން ވަރަށް ސާފުކޮށް އެނގެން އޮވެ އެވެ. އެހެންކަމުން އެ ރިޕޯޓްތަކަށް އީޕީއޭ އިން ހުއްދަ ދިނީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާއި ބެހޭ ގަވައިދާއި ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނާ ހިލާފަށް ކަމަށް ޑްރެޖިން އެސޯސިއޭޝަނުން ބުނެ އެވެ.
The following press statement was issued regarding the approval of Sh. Mathikomandoo reclamation EIA. pic.twitter.com/BJdMpYOCip
— Dredging Association of Maldives (@dredgingmv) February 3, 2022
ޑްރެޖިން އެސޯސިއޭޝަންގެ ބަޔާން
ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާ ބެހޭ ގަވާއިދުގެ ތިން ވަނަ މާއްދާ އާއި ހަތަރު ވަނަ މާއްދާ އަދި އެ ގަވާއިދަށް ގެނައި ފަސް ވަނަ އިސްލާހުގެ ދަށުން، އީއައިއޭ ޓާމްސް އޮފް ރިފަރެންސަށް ނުފެތޭ އީއައިއޭ ރިޕޯޓްތަކަށް ބޭނުންވާ އިތުރު މައުލޫމާތު ފޯރުކޮށް އެ ރިޕޯޓެއް ފުރިހަމަ ކުރަން ރިޕޯޓް ހުށަހަޅާ ފަރާތަށް އެންގުމުގެ ބާރު ނުވަތަ ރިޕޯޓް ބަލައި ނުގަތުމުގެ ބާރު އެ އެޖެންސީއަށް އަށް ލިބިދެ އެވެ.
"އެކަމަކު އެއްވެސް ހާލަތެއްގައި، ހާއްސަ ހުއްދައެއްގެ ދަށުން ވެސް ޓާމްސް އޮފް ރިފަރެންސަށް ނުފެތޭ އީއައިއޭ ރިޕޯޓަކަށް ހުއްދަ ދިނުމުގެ ބާރު އީޕީއޭ އަށް ލިބިގެން ނުވެ އެވެ. އަދި އެއީ ސީދާ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާއި ބެހޭ ގަވާއިދާއި ހިލާފު ކަމެކެވެ،" ޑްރެޖިން އެސޯސިއޭޝަނުން ބުނެ އެވެ.
ދެ ކޮމަންޑޫ ގުޅައިލުމުގެ މަޝްރޫއުގެ އީއައިއޭ ހެދީ، އެ މަޝްރޫއު ރަސްމީކޮށް އިއުލާނު ކުރުމުގެ ކުރިންނެވެ. ނަމަވެސް އީއައިއޭ ހެދީ ކޮން ކުންފުންޏަކުން ކަމެއް އަދި އެ ހުށަހެޅި ސީދާ ތާރީހެއް ނައީމް ނުބުނެ އެވެ. އެ ރިޕޯޓް އަދި އީޕީއޭގެ ވެބްސައިޓުގައި ވެސް އާންމެއް ނުކުރެ އެވެ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިޔާން
06 February 2022
ފާޑު ފާޑުގެ ރިޕޯޓްތަށް ނެރެ މަސައްކަތް ހުއްޓައިގެން ނުވާނެ. ސަރުކާރުން ވިވައުދުތަށް ފުއްދައިދީ
މައްކަންތަނިލް ޕިރަންދީ
05 February 2022
ހުޅުމާލެ ބުރިޖް އެޅިއިރު އީއައިއޭގެ މައްސަލައެއް ނެތެވެ. ހުޅުމާލޭގެ ދެ ފިޔަވަހި ހިއްކައި ނިމުނު އިރު އީއައިއޭގެ މައްސަލައެއް ނެތެވެ. ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކައި ރިސޯޓެއް އެފިޔަވަހީގެ ތެރެއަށް ވަދެގެން ދިޔައިރު، ތިމާވެއްޓަށްވީ ހަމަ އެންމެ ގެއްލުމެއްވެސް ނެތެވެ. އެކަމަމު ރާއްޖެތެރޭގެ އެންމެ ރަށެއް ގުޅާލަން ކުރެވެމުންދާ މަސައްކަތުގައި އީއައިއޭ ރޮއި ހޭރެނީއެވެ. ތިމާވެށީގައި ހަލާކުނުވާ އެންމެ ބަދިގަނޑެއްވެސް ނެތެވެ.
ހަސަނު
05 February 2022
އީ.އައި.އޭ ހެދީ ކޮންބަޔެއްކަން ނޭނގިގެން އުޅޭކަށް ނުޖެހޭ. ރިޕޯޓުގަ ވަރަށް ސާފުކޮށް އެބައޮތް. އީ.އައި.އޭ ހަދާފަ އޮތީ އެމް.ޓީ.ސީ.ސީ ގެ މުވައްޒަފުން
ވަހީދު
04 February 2022
249 މިލިޔަން ރުފިޔާ ދައުލަތުގެ ބަޖެޓުން ބޭކާރުވެ، ދެކޮމަންޑޫގެ ތިމާވެށި ހަލާކުވާނެތަން ފެންނާނެ.
ށަވިޔަނި
04 February 2022
ޝަރުޢީ ކޯޓަކުން ހުކުމެއްކުރީމަ އެއަށް ކޮންމެ ބަޔަކު ފާޑުކިއަސް އެހުކުމަށް އަސަރެއް ނުކުރާނެ. މިފަދައިން އީޕީއޭ އިން ހުއްދަ ދިނީމަ މީހަކު ޖަމާއަތެއް އަދި ބަޔަކު ބުނާބުނުމަކުން އެ ހުއްދައަށް އަސަރެއް ނުކުރާނެ.
ސަދަން
04 February 2022
މިއީ ކާކު ކޮންތާކު ހިންގާ އެސޯސިއޭޝަނެއް ކަން ވެސް އެގެން ނެތް. މި ނަން ކިޔާ އެސޯސިއޭޝަނެއް ރަޖިސްޓްރީ ކޮށްފައި ނެތް މި ރާއްޖެއަކު
ދޮގު!
04 February 2022
ތިހާ ބޮޑެތި ދޮގު ހަދަން ހެޔޮ ވެސް ނުވާނެ.
ޑްރެޖާރު
04 February 2022
ޑްރެޖިންގް އެސޯސިއޭޝަނޭ ކިޔާފަ ފާދެއްގެ ބަޔަކު އަދި އެމީހުން ހިތުހުރި ވާހަކައެއް ދެއްކީމަ އެގޮތަށް ވާ ކަމެއް ނޫން އީއައިއޭ އަކީ. ފުރަތަމަ ކަމަކަށް ތި އީއައިއޭ ތި ބަޔަކު އަތަށް އެރީ ކިހިނެއްތޯ ވެސް ބަލަން ޖެހޭ
ވާނުވާ!
04 February 2022
އީއައިއޭ ރިޕޯޓުތަކަކީ ގާނޫނުގެ ދަށުން އެންމެންނަށް ފެންނަ ގޮތަށް އީޕީއޭ ވެބްސައިޓުގަ ހުންނަ އެއްޗެއް. ނެތިއްޔާ ރިކުއެސްޓް ކުރީމަ ކޮންމެ މީހަކަށް ވެސް އެ ރިޕޯޓް ލިބޭވެ. މާ މޮޅުވެގެން ވާނުވާ ނޭގި ވާހަކަ ނުދައްކަބަލަ.
ބޮޑުމީހާ
04 February 2022
ސިޔާސީ މީހުން ކުރަން ނިންމައިފިކަމެއް އީއައިއީ އަކަށް ނުބަލާނެ! އެހެންނޫނަސް އީއައިއީ ހެދިޔަސް ނުހެދިޔަސް ޕްރޮޖެކްޓް ބަރާބަރަށް ހިގާނެ. މިރާއްޖޭގަ ހިންގަން އުޅުނު އެއްވެސް ޕްރޮޖެކްޓެއް އީއައިއީ ރިޕޯޓާއި ގުޅިގެން ހުއްޓާފައެއް ނެތް
ގަރުބަޗޯފު
04 February 2022
ދުވަހަކު އަޑުވެސް ނާހާކަހަލަ ކަރާޓީ ނަމެއްގަ ޖަމުއްޔާއެއް ހަދައިގެން މިއީ އަނެއްކާ ކޮންކުޅިވަރެއް ކުޅޭ އެސޯސިއޭޝަނެއްބާ.
ނަނަނަ
04 February 2022
މީގެ 2 އަހަރު ފަހުން ހެޑްލައިން… މަތިކޮމަންޑޫ ބިންހިއްކި މައްސަލާގައި ކުރީގެ ރައީސުލްޖުމްރިއްޔާގެ މައްޗަށް…