ޗެލްސީގެ ކީޕަރު ކެޕާ، ޕްލިމޮތުން ފަހު ވަގުތު ޖެހި ޕެނަލްޓީ މަތަކުރުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ
06 ފެބުރުއަރީ 2022 - 12:28
ލަންޑަން (ޖެނުއަރީ 6) - އިނގިރޭސި އެފްއޭ ކަޕުގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް ޗެލްސީ އާއި ޓޮޓެންހަމް އަދި މެންޗެސްޓާ ސިޓީ ވެސް މުބާރާޓުގެ ފަސްވަނަ ބުރަށް ދަތުރު ކޮށްފި އެވެ.
މިދިޔަ ސީޒަންގެ ރަނަރަޕް ޗެލްސީ ހަތަރު ވަނަ ބުރުގައި ރޭ ބައްދަލުކުރީ ތިންވަނަ ޑިވިޝަނުގެ ޕްލިމޮތު އާގައިލްއާ ދެކޮޅަށެވެ. ޕްލިމޮތުން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި ޗެލްސީ މެޗު ކާމިޔާބުކުރީ 2-1 އިންނެވެ.
ޗެލްސީގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޕްލިމޮތުން ވަނީ ފުރަތަމަ ހާފުގެ އަށްވަނަ މިނިޓުގައި ލީޑު ނަގައިފަ އެވެ. ޗެލްސީގެ އެކަޑަމީން ތަމްރީނު ވެގެން ކުޅެމުން އަންނަ މިޑްފީލްޑަރު ޖީޑަން ހޯޓަން ނަގައިދިން ހިލޭ ޖެހުމަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މަކައުލީ ގިލެސްޕީ އެވެ. މި ލަނޑު ޖެހުމުގެ ކުރިން ޗެލްސީގެ މަޓެއޯ ކޮވަސިޗް ފޮނުވާލި ހަމަލާއެއް ވަނީ ގޯލު ދަނޑިއަށް އަމާޒުވެފަ އެވެ.
ކޯޗު ތޯމަސް ޓުޗެލް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެސިސްޓެންޓް ކޯޗު އާނޯ މިޗެލްސްގެ އިރުޝާދުގެ ދަށުން ކުޅުނު ޗެލްސީ އަށް ނަތީޖާ އެއްވަރު ކޮށްދިނީ ފުރަތަމަ ހާފުގެ 41 ވަނަ މިނިޓުގައި މޭސަން މައުންޓުގެ އެހީތެރި ކަމާ އެކު ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ އެވެ.
މާކޮސް އޮލޮންސޯ ޗެލްސީ މޮޅުކޮށްދިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
މި ލަނޑާ އެކު ފުރިހަމަ ވަގުތު ހަމަވި އިރު ވެސް ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ އިތުރު ވަގުތުގެ ދެ ހާފު ކުޅެގެންނެވެ. އަދި ޗެލްސީން ވަނީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ލަނޑު ޖަހައި މެޗުގައި ލީޑު ނަގައިފަ އެވެ. ޓިމޯ ވާނާ އާއި ކައި ހަވާޓްޒް އުފެއްދި އެޓޭކެއްގައި ޗެލްސީ އަށް މި ލަނޑު ޖަހައިދިނީ މާކޮސް އޮލޮންސޯ އެވެ.
އިތުރު ވަގުތުގެ ކުޅުން ހަމަވާން ދެ މިނިޓަށްވެފައި ވަނިކޮށް ޕްލިމޮތަށް ވަނީ ނަތީޖާ އެއްވަރުކުރަން ރަނުގެ ފުރުސަތެއް ލިބިފަ އެވެ. ޗެލްސީގެ މަލަންގް ސާ ކުރި ފައުލަކަށް އެޓީމަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، ފޯވާޑް ރަޔާން ހާޑީ ފޮނުވާލި ޕެނަލްޓީ މަތަކުރީ ކީޕަރު ކެޕާ އަރިޒަބަލާގާ އެވެ.
މި މެޗަށް ފަހު ޗެލްސީ އަށް ދެން އޮތީ ގަތަރުގައި މިހާރު ކުރިޔަށްދާ ފީފާ ކްލަބް ވޯލްޑް ކަޕެވެ. ޔޫރަޕުގެ ޗެމްޕިއަންގެ ހައިސިއްޔަތުން ކްލަބް ވޯލްޑް ކަޕް ސެމީ ފައިނަލުގައި ބުދަ ދުވަހުގެ ރޭ ޗެލްސީ ނުކުންނާނީ އޭޝިއާގެ ޗެމްޕިއަން ސައުދީ އަރަބިއްޔާގެ އަލް ހިލާލް އާއި ޔޫއޭއީގެ ޗެމްޕިއަން އަލް ޖަޒީރާއާ މިރޭ ކުޅެ، މޮޅުވާ ޓީމަކާ އެވެ.
ސިޓީގެ ހަތަރުވަނަ ލަނޑު ޖެހުމަށް ފަހު މަހްރޭޒް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
މެންޗެސްޓާ ސިޓީން ރޭ ޗެމްޕިއަންޝިޕުގެ ފުލަމްއާ ދެކޮޅަށް ކުޅުނު މެޗް ކާމިޔާބުކުރީ ވެސް ފަހަތުން އަރައި 4-1 އިންނެވެ. މެޗުގެ ހަތަރު ވަނަ މިނިޓުގައި ފުލަމް އަށް ލީޑު ނަގައިދިނީ މި ސީޒަން ނިމުމުން ލިވަޕޫލަށް ބަދަލުވާން އުޅޭކަމަށް އަޑުތައް ފެތިރިފައިވާ ޕޯޗުގަލްގެ ޒުވާން ވިންގާ ފަބިއީ ކާވާލިއޯ، 19، އެވެ. ނަމަވެސް ފުލަމް އަށް ލީޑު ހިފަހައްޓާލެވުނީ އެންމެ 90 ސިކުންތަށެވެ. ރިޔާދް މަހްރޭޒްގެ އެހީތެރިކަމާ އެކު ހަވަނަ މިނިޓުގައި އިލްކޭ ގުންޑޮގާން ސިޓީ އަށް އެއްވަރު ކޮށްދިން އިރު، 13 ވަނަ މިނިޓުގައި ކެވިން ޑިބްރޭނާ ނެގި ކޯނަރަކުން ނެގި ބޯޅައެއް ބޮލުން ގޯލުތެރަށް ފޮނުވާލައިގެން ޑިފެންޑަރު ޖޯން ސްޓޯންސް ވަނީ ސިޓީއަށް ލީޑު ނަގައިދީފަ އެވެ.
ސިޓީގެ އަނެއް ދެ ލަނޑު ދެވަނަ ހާފުގައި ޖަހައިދިނީ މަހްރޭޒް އެވެ. ޖެކް ގްރީލިޝް އަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުން މަހްރޭޒްގެ ފުރަތަމަ ލަނޑު ޖެހިއިރު ދެވަނަ ލަނޑު ޖެހީ ޑިބްރޭނާގެ އެހީތެރިކަމާ އެކު އެވެ.
އެންޓޯނިއޯ ކޮންޓޭއާ އެކު އިނގިރޭސި ލީގު ކަޕުން ކެޓި ނަމަވެސް އެފްއޭ ކަޕުގައި ޓޮޓެންހަމް އިން ރޭ ވަނީ އަމިއްލަ ދަނޑުގައި 3-1 އިން ބްރައިޓަން ބަލިކޮށް، ފަސްވަނަ ބުރަށް ދަތުރު ކޮށްފަ އެވެ. ޓޮޓެންހަމަށް ހެރީ ކޭން ރޭ ދެ ލަނޑު ޖަހައިދިން އިރު، އެ ޓީމުގެ އެއް ލަނޑަކީ ބްރައިޓަންގެ ސޮލީ މާޗް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ބްރައިޓަންގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގައި ޖަހައިދިނީ ޔްވެސް ބިސޫމާ އެވެ.
ޕްރިމިއާ ލީގުގެ ކްރިސްޓަލް ޕެލަސް އާއި ސައުތެމްޓަން ވެސް ވަނީ ރޭގެ މެޗު ކާމިޔާބުކޮށް އަނެއް ބުރަށް ދަތުރު ކޮށްފަ އެވެ. ހަތަރުވަނަ ޑިވިޝަނުގެ ހާޓްލްޕޫލާ ވާދަކޮށް ޕެލަސް އިން 2-0 އިން މެޗު ކާމިޔާބު ކުރިއިރު، ސަޗެމްޕިއަންޝިޕުގައި ކުޅޭ ކޮވެންޓްރީ ސިޓީ، އުތެމްޓަން އިން ބަލިކުރީ އިތުރު ވަގުތު ކުޅެ، 2-1 ގެ ނަތީޖާއަކުންނެވެ.
އެވަޓަން ވެސް ވަނީ އެ ޓީމުގެ އާ ކޯޗު ފްރޭންކް ލަމްޕާޑާ އެކު ރޭ ކުޅުނު މެޗުގައި 4-1 އިން ބްރެންޓްފޯޑް މައްޗަށް ކުރި ހޯދައިފަ އެވެ. މިއީ ލަމްޕާޑުގެ އިރުޝާދުގެ ދަށުން އެޓީމު ކުޅުނު ފުރަތަމަ މެޗެވެ. އެވަޓަންގެ ލަނޑުތައް ޖަހައިދިނީ ޔެރީ މިނާ އާއި ރިޗާލިސަން އަދި މޭސަން ހޯލްގޭޓާއި އެންޑްރޯސް ޓައުންސެންޑެވެ. ބްރެންޓްފޯޑުގެ ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ އިވާން ޓޮނޭ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy