އޯޝަން 6/50 އިވެންޓްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ:ދިރާގު
06 ފެބުރުއަރީ 2022 - 17:55
ރާއްޖޭގެ ޓޫރިޒަމްގެ ރަންޔޫބީލް ފާހަގަކުރުމަށް ބާއްވާ "އޯޝަން 6/50" ހަރަކާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.
ޔުނިކްސް ސްޕޯޓިން އާއި މަޝްހޫރު ޑައިވަރު ޝަފްރާޒް ނައީމް ގުޅިގެން ބާއްވާ "އެކްސްޓްރީމް ޑައިވިން" ހަރަކާތުގައި، ޕްލާސްޓިކް ކުނިން ކަނޑު ތަޣައްޔަރު ވުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ނެތިދިޔުމުގެ ބިރު ހީވެފައިވާ ކަނޑުގެ ދިރުންތައް އަދި މުޅި ކަނޑުފަޅުގެ ދިރުންތަކާ މެދު ހޭލުންތެރިކަން އިތުރުކުރާނެ އެވެ. އެ ކަންކަމަށް ހޭލުންތެރި ކުރުވުމުގެ ބައި ކުރިއަށް ގެންދާނީ މެރިން ރީސާޗަރުންނާއި ތިމާވެށީގެ ދާއިރާގެ އެކްޓިވިސްޓުންްނާއި އިންޓަނޭޝަނަލް ޑައިވިން ކޮމިއުނިޓީ މެދުވެރިކޮށެވެ.
މި މަހުގެ 25-27 އަށް 50 ގަޑިއިރަށް ދެމިގެންދާ ޑައިވް ހަރަކާތަކީ ރާއްޖޭގެ އިތުރުން އޭޝިއާ ސަރަހައްދުގައި ވެސް ހިންގާ މިފަދަ ފުރަތަމަ ހަރަކާތެވެ.
މި ހަރަކާތުގެ ޑިޖިޓަލް ޕާޓްނަރު، ދިރާގުން އަންނަނީ ތިމާވެއްޓަށް އާންމު ހޭލުންތެރިކުރުމަށް ހިންގާ މިފަދަ މުހިއްމު ގިނަ ކަންކަމުގައި ބައިވެރިވަމުންނެވެ. އޭގެ ތެރެއިން އެއް ކަމަކީ އެއް ފަހަރު ބޭނުންކޮށް އުކައިލާ ޕްލާސްޓިކް މަދު ކުރުމަށް 2016 ވަނަ އަހަރުން ފެށިގެން ކޮށްފައިވާ މަސައްކަތްތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy