އާ ރަންވޭ. އެއާޕޯޓުގެ އާ ރަންވޭ ހުޅުވުން ލަސްވާތީ އެސްއޯއީ ކޮމިޓީން މައްސަލަ ބަދަލަނީ--ފޮޓޯ:އެމްއޭސީއެލް
08 ފެބުރުއަރީ 2022 - 15:31
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހަދާފައިވާ އާ ރަންވޭ ނުހުޅުވާ ލަސްވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ބަލަން ނިންމައިފި އެވެ.
އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި، ދިއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވީ، އާ ރަންވޭ ހުޅުވުން ލަސްވެ، އާންމުންގެ ޝަކުވާ އިތުރުވެފައި ވާތީ އެ މައްސަލަ ކޮމިޓީން ބެލުން މުހިއްމު ކަމަށެވެ. މިކަމާ ގުޅިގެން ކޮމިޓީން ނިންމީ ވީއައިއޭ ހިންގާ ކުންފުނި، އެމްއޭސީއެލަށް ސިޓީއެއް ފޮނުވައި، ރަންވޭ ހުޅުވުމުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހެދި އާ ރަންވޭ ހުޅުވުން ލަސްވެފައިވަނީ ކޮވިޑާ ގުޅިގެން ކުރިމަތިވި ޑިލޭ އާއި ސީ ޕްލޭން ޓާމިނަލް އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ ތެރޭގައި އޭރު ޖެހުނު މައްސަލަތަކާ ހެދި ކަމަށް އެމްއޭސީއެލުން ބުނެފައިވެ އެވެ.
އާ ރަންވޭގެ މަސައްކަތް ނިންމައިލީ ޔާމީންގެ ފަސް އަހަރުގެ ދައުރު ނިމެން ކައިރިވެފައި ވަނިކޮށް 2018 ގަ އެވެ. އޭގެ ފަހުން ތިން އަހަރު ވީއިރު ވެސް މި ސަރުކާރަކަށް އެ ރަންވޭ ބޭނުންކުރަން ފެށޭވަރެއް ނުވި އެވެ.
އާ ރަންވޭ ބޭނުންކުރަން ލަސްވެ، އެތައް ބައެއްގެ ފާޑުކިޔުން ސަރުކާރާއި އެމްއޭސީއެލަށް އަމާޒުވިޔަސް މިދިޔަ މަހު ވަނީ އެ ރަންވޭ ޓެކްސީވޭއަކަށް ބަދަލުކޮށްފަ އެވެ. އެ ގޮތަށް ނިންމީ އާ ރަންވޭ މި ވަގުތަށް ބޭނުން ކުރެވެން ނެތުމުންނެވެ.
ކުރީގެ ސީ ޕްލެން ޓާމިނަލް ހުންނަނީ އާ ރަންވޭއާ ކައިރީގައި ކަމަށް ވާތީ، އެ ރަންވޭ އަށް ފްލައިޓްތައް ޖެއްސުމަކީ ބައިނަލްއަގްވާމީ މިންގަނޑުތަކާ ހިލާފު ކަމެކެވެ. އާ ރަންވޭ އަށް ފްލައިޓުތައް ޖެއްސެން ފެށޭނީ އާ ސީޕްލޭން ޓާމިނަލަށް ހުރިހާ ހިދުމަތެއް ބަދަލުކޮށް، ކުރީގެ އިމާރާތް ތަޅައިލުމަށް ފަހު އެވެ.
އާ ސީ ޕްލޭން ޓާމިނަލަށް ހިދުމަތްތައް ބަދަލުކުރަން އެމްއޭސީއެލުން ނިންމާފައި ވަނީ އަންނަ އޭޕްރިލް މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ.
އެމްއޭސީއެލްގެ ޕްލޭނަކީ މި އަހަރުގެ ފަހު ކޮޅު އާ ރަންވޭ ހުޅުވައިލުމެވެ. އޭރުން އާ ރަންވޭގައި ފްލައިޓުތައް ޖައްސަން ފެށުމުން މިހާރު ބޭނުންކުރާ ރަންވޭ، ޓެކްސީވޭއަކަށް ދާއިމަށް ބަދަލުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައުރަންވޭ
09 February 2022
ކޮމެންޓް ކުރެއްވި ގިނަބޭފުޅުން ކޮމެންޓް ކޮއްފަ ހުރީ ކަމުގެ ހަގީގަތްނޭގި ވަރަށް ބޮޑަށް ޒާތީވެތިބެ. ތިޔަ އެއަރޕޯޓްގެ ވެރިފަރާތަކީ ސަރުކާރު. ސަރުކާރުގެ ބާރުގައި ސިޔާސީ މީހުން އެތަނުގެ ހިންގުމަށް އަތްބާނާ ކަންކަންގޯސްކޮށް ތަނުގެ ކުރިއެރުން އެދަނީ ހުއްޓެމުން. ރަންވޭ ހުޅުވާނެ މިއަހަރު ސެޕްޓެމަބަރުމަހު. ދެންއޮތީ އައުޓާމިނަލް އެކަންތައް ހުއްޓުނީ ސައުދީ ބިންލާދިން ގްރޫޕުން ޗައިނާގެ ކުންފުންޏަށް ފައިސާ ނުދިނީމަ.ބޯޅައޮތީ ފިނޭންސް މިނިސްޓަރުގެ އަތުގަ!
އަވަސްއަވަސް
09 February 2022
ތަންކޮޅެއް އަތްމަތި އަވަސްކޮށްލާ.
އަޙްމަދު އަލީ
08 February 2022
ތިތަނުގަ ބޯޑުގައި ތިބީ ރާއްޖޭގެ ނަން މަޝްހޫރު ވިޔަފާރިވެރިން އެމީހުންގެ ވިޔަފާރި ހިމާޔަތްކުރާނެ އެމްއޭސީއެލް އިނދަޖައްސާފަވެސް
ރަށްއިތުމީހާ
08 February 2022
އެމްއޭސިލު ގަ އޮށްނަ ބޯޑްގަ އެބަތިބި 30 އަހަރު ވީ މީހުން ބޯޑްގަ ތިބޭތާ. ރިފޯމް ނުކޮށް އެމްއޭސިލު ރަގަޅު ނުވާނެ އެއްކަމެއް. އާ ޓާމިނަލު ވެސް ފިނިހަކަ ދުވެލީގަ މަސައްކަތް ދަނީ
ފަހުދު
08 February 2022
އިންޑިޔާ ބޯޓެއް ރޯނާވެގެން އައިސް ތި ރަންވޭއައް ޖައްސައިފި އެންނު މިހާރު. ދެން ކީއްކުރަން ކޯންޗެއް ބަލަނީ؟
އަލީ އުމަރު
08 February 2022
އާ ރަންވޭ ހުޅުވައިގެން އެމްއޭސީއެލް އަށް ވާ ފައިދާ އަށްވުރެ އެކުންފުނީގެ ވެރިންގެ ޖީބަށް ލެވޭ ޓިޕުސް މިކަން ނުކުރުމުން ރަގަޅީ ކަމަށްވަނީބާ. ނޫންނަމަ އެއަރ ޓެކުސީގެ އެންމެ ނަގާކިޔަންތިބި މީހުންގެ ނުފޫޒު ސަރުކާރަށް އޮންނަވަރު ބޮޑީބާ ކީއްވެތޯ އާ ރަންވޭ މިހާ ދުވަސްވީ އިރު ނުހުޅުވެންވީ. ތިޔައީ ބަލަން ލަސްވެއްޖެ ކަމެއް.
އިބްރާ1
08 February 2022
ތިޔައީ ރަންވޭ އެއްނޫން. އެއީ ޓެކްސީ ވޭއެއް.
ކައްފި
08 February 2022
3 އަހަރު ދުވަހު ބޯނަސް ލިބޭ ގޮތް ހަދައިދީބަލަ ތި ކޮމެޓީން.
ސަރީ
08 February 2022
އެމްއޭސިލު ބޯޑްމެންބަރުން ބޭނުން ނުވަނި އާ ރަންވޭ ހުޅުވަން މި ވެރިކަމުގަ
މޯޑް
08 February 2022
އެމްއޭސިލަށް އެމްޑީއަކު ލައިބަލަ