10 ފެބުރުއަރީ 2022 - 20:07
ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާއާ ގުޅުން ހުރި ހާއްސަ އެވޯޑްތަކެއް މި އަހަރުން ފެށިގެން ދޭން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ، މީގެ ތެރޭގައި ހިމެނެނީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ކަންކަން ފަހިކޮށް ދިނުމާ ގުޅޭ ހަތަރު އެވޯޑަކާއި ދިވެހި ފަންނާނުން ކުރިއެރުވުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަ ތިން އެވޯޑަކާއި ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމާ ގުޅޭ އެވޯޑެއް ކަމަށެވެ. އަދި ޓޫރިޒަމް ދާއިރާ އަށް މީހުން ބިނާކުރަން ބާރު އެޅުމަށް ދޭ އެވޯޑަކާއި އަންހެނުންނަށް ވަޒީފާ ފަހިކޮށްދޭން މަސައްކަތްކުރާ ފަރާތްތަކަށް ދޭ އެވޯޑެއްގެ އިތުރުން ދިވެހި އުފެއްދުންތައް ބޭނުންކުރާ ފަރާތްތަކަށް ކަނޑައަޅާފައިވާ އެވޯޑެއް ވެސް ހިމެނޭ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މި އެވޯޑް ދޭނީ އެ ހިދުމަތެއް ދޭ ފަރާތަކުން ކަމާ ގުޅޭ ލިޔުންތައް ހުށަހެޅުމުން، ފޯމުތައް އިވެލުއޭޓް ކުރުމަށް ފަހު އެވެ. މި އެވޯޑްތަކަށް ކުރިމަތިލުމަށް މި އަހަރުގެ ޖޫން މަހު ފުރުސަތު ހުޅުވައިލާނެ އެވެ. އެވޯޑްތަކަށް ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓް ހައުސް، ސަފާރީތަަކަށް ވެސް ކުރިމަތިލެވޭނެ އެވެ.
ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން މި އަހަރު ކުލަގަދަކޮށް ފާހަގަކުރުމަށް ޓޫރިޒަމް މިނިސްޓްރީން އަންނަނީ ގިނަ ކަންތައްތަކެއް ރާވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy