16 ފެބުރުއަރީ 2022 - 12:12
އިނގިރޭސި ރާނީ އެލިޒަބަތު ދޭއްގެ ދެ ވަނަ ދަރިކަލުން، ޑިއުކް އޮފް ޔޯކް ޕްރިންސް އެންޑްރޫގެ މައްޗަށް ކުރެވޭ، އަންހެނަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުތައް، ކޯޓުން ބޭރުގައި ހައްލުކޮށްފި އެވެ.
ޕްރިންސް އެންޑްރޫ ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ ވާޖީނިއާ ޖޮފްރޭ ނަމަކަށްކިޔާ އަންހެން މީހާ އާއި އެންޑްރޫއާ ދެމެދު ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރީ، އެންޑްރޫގެ ފަރާތުން ވަކި ވަރަކަށް ފައިސާ ދިނުމުން، ކޯޓުގައި މިހާރު އޮތް އެ މައްސަލަ އަންހެން މީހާގެ ފަރާތުން އަނބުރާ ނެގުމަށެވެ. ޕްރިންސް އެންޑްރޫގެ ފަރާތުން ކޯޓަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވާ ގޮތުން، ދެ ފަރާތުން މިހާރު އެއްބަސްވެފައި ވަނީ 30 ދުވަހުގެ ތެރޭގައި އެ މައްސަލަ އަނބުރާ ނެގުމަށެވެ.
މިހާރު އުމުރުން 39 އަހަރުގެ ވާޖީނިއާ ޖޮފްރޭ ބުނާ ގޮތުގައި ޕްރިންސް އެންޑްރޫ އޭނާ އަށް ތިން ފަހަރެއްގެ މަތިން ޖިންސީ ގޯނާކޮށްފައި ވަނީ އޭނާގެ އުމުރުން އެންމެ 17 އަހަރުގަ އެވެ. އެ ގޮތުން އޭނާއާ އެންޑްރޫއާ ފުރަތަމަ ބައްދަލުވީ 2001 ވަނަ އަހަރުގެ ކޮންމެވެސް ރެއެއްގައި ލަންޑަންގެ ނައިޓް ކްލަބެއްގައި ނެށުމެއްގެ ތެރެއިން ކަމަށް ވެސް އޭނާ ބުނެ އެވެ.
ވާޖީނިއާ ބުނާ ގޮތުގައި އެރޭގެ ނެށުން ނިންމުމަށް ފަހު، އެހެން ފިރިހެނަކާ އެކުގައި ގެއަށް ދިއުމުގެ މަގުމަތީގައި، ޕްރިންސް އެންޑްރޫ "ބުނާ ކަމެއް ކޮށްލަދިނުމަށް" އެންޑްރޫގެ އަރިހަށް ދިއުމަށް އެ ފިރިހެން މީހާ އެދުނެވެ. އަދި އެރޭ އެންޑްރޫގެ އަރިހަށް ގޮސް އެންޑްރޫއާ އެކުގައި ގުޅުން ހިންގުމުން، އޭގެ ބަދަލުގައި ޖެފްރީ އެޕްސްޓަންގެ ފަރާތުން 15،000 ޑޮލަރު ލިބުނު ކަމަށް ވެސް އޭނާ ބުނެ އެވެ.
އެމެރިކާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖެފްރީ އެޕްސްޓެއިން އަކީ، އެކި ގައުމުތަކުގެ މަޝްހޫރު މީހުންނަށާއި އިސް ވެރިންނާއި ޝާހީ އާއިލާތަކުގެ ފިރިހެނުންނާ އަދި ބައެއް މުއްސަނދިންނަށް، ޖިންސީ ބޭނުންތަކަށް އަންހެން ކުދިން ހޯދައިދޭ ކަމުގެ ތުހުމަތުކުރެވޭ މީހެކެވެ. އޭގެ އިތުރުން ގިނަ އަދަދެއްގެ އަންހެން ކުދިންނަށް ފައިސާ ދީގެން އެމީހުން ރޭޕްކުރުމުގެ ތުހުމަތު ވެސް ޖެފްރީގެ މައްޗަށް ކުރެވެ އެވެ.
ޕްރިންސް އެންޑްރޫގެ ފަރާތުން ކޯޓަށް ހުށަހެޅުއްވި ސިޓީގައި، ދެ ފަރާތުން މައްސަލަ ހައްލުކޮށްފައިވާ ކަމަށް ވިދާޅުވެފައި އޮތަސް، އަންހެން މީހާ ކުރާ ތުހުމަތުތަކުގެ މަސްއޫލިއްޔަތު އުފުއްލަވާ ކަމަށް، އެ ސިޓީގައި ވިދާޅުވެފައެއް ނެތެވެ. އަދި މި މައްސަލަ ފައިސާ ދީގެން ހައްލުކުރި ކަމުގައި ވިޔަސް، އެންޑްރޫގެ ފަރާތުން ވާޖީނިއާ އަށް ދިނީ ކިހާ ފައިސާއެއްކަން، އެއްވެސް ހާލެއްގައި އާންމުނުކުރުމަށް ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށް ވެސް، ސިޓީގައިވެ އެވެ.
މި މައްސަލަ ހައްލުކުރުމަށް އެންޑްރޫގެ ފަރާތުން ދޭ ފައިސާ ހޭދަކުރާނީ، ޖިންސީ ގޯނާތަކާ ދެކޮޅަށް އާންމުން ހޭލުންތެރިކުރުމަށް، ހިލޭ ސާބަހަށް ވާޖީނިއާ ހިންގާ އަމިއްލަ ޖަމާއަތުގެ ހަރަދުތަކަށެވެ. މި މައްސަލަ ހައްލުކުރުމަށް އެންޑްރޫގެ ފަރާތުން ދެނީ ކިހާ ފައިސާއެއް ކަން އާންމު ނުކުރި ނަމަވެސް، ބައެއް މީޑިއާތަކުން ބުނާ ގޮތުގައި އެ ފައިސާގެ މިންވަރު އެތައް މިލިއަން ޕައުންޑަކަށް އަރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެމިނިސްޓް ކަތްދާދީ
16 February 2022
މިއީ ފެމިނިސްޓުންގެ ފެންވަރު. މިއީ މިވެރިންގެ ފަތިފުށުގެ ކުޑަ މިންވަރެއް. 17 އަހަރުގެ ރާ ބޮއެ ބޭނުން ކަމެއް ކޮށްފަ ތިރީސް އަހަރު ފަހުން މަށަށް އޮތީ ގޯނާ ކޮށްފައޭ މަމީ ވިކްޓަމެކޭ ކިޔައިގެން މިއީ މިވެރިން އާމްދަނީ ހޯދާ ގޮތް. ރާއްޖޭގަވެސް ކަން އޮތީ މިހެން.
ބޮރިންކ
16 February 2022
ކަލޯ އެވެރިން މިވެރިން އަހަރުމެން ޖެހެނީ އެއްތާކު. ކޮންމެހެން އަންހެނުންނަށް ބަވާކަށް ނުޖެހޭ.
ޒޔޓޤ
16 February 2022
17 އަހަރުގައި ނައިޓް ކުލަބެއްގައި.. ފިރިހެނުން ހޯދުމުގައި.. ތިޔައަންހެންމީހާގެ ހަސީލަތް ވަރައް ނުބައި.. މިހާރު ތިޔަ ހިންގާ ޖަމިއްޔާ އަކީ އަދި ކިހިނެއްވާ ކަމެއް ބާ؟؟؟؟
އުނި
16 February 2022
އެންމެ މުހިންމު ވާހަކަ އުނިކުރެވިފައި ތިއޮތީ. ޖިންސީ ގޯނާކުރީ އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކާ. މި ދައްކަނީ އެޕްސްޓައިންގެ ބޮޑު ޕީޑޮފީލިއާ ރިންގުގެ ވާހަކަ. 18 އަހަރުން ދަށުގެ ކުދިންގެ ހަށިވިއްކާ ވިޔަފާރި.
އެންޑީ
16 February 2022
އުމުރުން 18 އަހަރު ނުވާ ކުޑަ ކުއްޖަކު ނައިޓު ކުލަބަށް ގޮސް ފިރިހެނުން ހޯދުން އެއީ ކޮން ކަހަލަ ކަމެކޯލަ؟؟
އިބުރާ
17 February 2022
"ވާޖީނިއާ ބުނާ ގޮތުގައި އެރޭގެ ނެށުން ނިންމުމަށް ފަހު، އެހެން ފިރިހެނަކާ އެކުގައި ގެއަށް ދިއުމުގެ މަގުމަތީގައި، ޕްރިންސް އެންޑްރޫ "ބުނާ ކަމެއް ކޮށްލަދިނުމަށް" އެންޑްރޫގެ އަރިހަށް ދިއުމަށް އެ ފިރިހެން މީހާ އެދުނެވެ. އަދި އެރޭ އެންޑްރޫގެ އަރިހަށް ގޮސް އެންޑްރޫއާ އެކުގައި ގުޅުން ހިންގުމުން، އޭގެ ބަދަލުގައި ޖެފްރީ އެޕްސްޓަންގެ ފަރާތުން 15،000 ޑޮލަރު ލިބުނު ކަމަށް ވެސް އޭނާ ބުނެ އެވެ." މިޚަބަރަކުން ޖިންސީ ގޯނާގެ ވާހަކައެއް ނުފެނޭ.