ރިޕޯޓް / އަހުމަދު މަހުލޫފް، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު

މަހްލޫފްގެ މައްސަލައަށް މިވީ ކިހިނެއް؟

އަދީބާއި މަހްލޫފާ ދެމެދު ޓްވިޓާގައި ހިނގި މުއާމަލާތްތަކަކާއި އޭގެ ރިޕޯޓެއް ދައުލަތުން މަހްލޫފާ ދެކޮޅަށް ހުށަހެޅީ އަދީބުގެ ބަޔާނަށް އިތުރު ބާރެއް ދިނުމަށެވެ. އެހެން ނަމަވެސް އާހިރުގައި އެ ރިޕޯޓް ވީ އަދީބުގެ ހެކިބަސް ބަލައިނުގަތުމަށް ލިބުނު އިތުރު ބާރަކަށެވެ.

ޔޫތު މިނިސްޓަރު މަހްލޫފް: އޭނާގެ މައްޗަށް ކުރި ދައުވާ ކުރިއަށް ގެންދެވޭނެ ފަދަ ހެއްކެއް ނެތް ކަމަށް ނިންމައި، މައްސަލަ ވަނީ ބޭރުކޮށްލާފައި --- ފޮޓޯ/މިހާރު

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ކުރި ދައުވާއަކީ އެތައް ބައެއް ލޯ އަމާޒުވި މައްސަލަ އެކެވެ. ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގެ ވައުދު އޮތް މި ސަރުކާރުގެ ވަޒީރެއްގެ މައްޗަށް ފުރަތަމަ ފަހަރަށް އަދި ފަހުގެ ތާރީހެއްގައި މަގާމުގައި ހުންނެވި ވަޒީރެއްގެ މައްޗަށް ދައުވާކުރި މައްސަލަ އަށް ވާތީ އެވެ.

ރައްޔިތުންގެ މަޖިލިސް މެމްބަރަކަށް ހުންނަވައިގެން ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓު ދިނުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ރިޝްވަތު ނެގުމުގެ ތުހުމަތުގައި މަހްލޫފްގެ މައްޗަށް ކުރި އެ ދައުވާ ކުރިއަށް ގެންދެވޭ ފަދަ އެއްވެސް ހެއްކެއް ނެތް ކަމަށް ނިންމައި، ކްރިމިނަލް ކޯޓުން އިއްޔެ އެ މައްސަލަ ބޭރުކޮށްލީ އިބްތިދާއީ މަރުހަލާގަ އެވެ.

އިބްތިދާއީ މަރުހަލާގައި މަދަނީ މިންގަނޑުން ހެކި ވަޒަން ކުރަނީ ޝަރީއަތެއް ހިންގަންޖެހޭ ފަދަ މައްސަލައެއްތޯ ބެލުމަށެވެ. މިއީ މިފަދަ މައްސަލައެއް މި މަރުހަލާގައި ބޭރުކޮށްލި ފުރަތަމަ ފަހަރެވެ. މަހްލޫފް ދެ ފަހަރަށް ސަސްޕެންޑްކޮށް އަދި ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ހިންގި ތަހުގީގަށްފަހު ކުރި ދައުވާގައި ކޯޓުގެ ނިންމުމަކީ ހެކިތަކަށް "އެންމެ މަތީ މިންވަރަށް ރިއާޔަތްކޮށް، އެ މިންވަރަށް ހެކި ލިބޭނެ ކަމަށް ބެލި ނަމަވެސް" މަހްލޫފްގެ މައްޗަށް ކުށް ސާބިތުވާނެ ފުރުސަތެއް ނެތް ކަމަށެވެ.

އަދިވެސް މައްސަލައަކީ އަދީބު!

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާ ގުޅިފައިވާ ހުރިހާ މައްސަލައެއްގައި ދައުލަތް ބަރޯސާވަނީ އެ ޚިޔާނާތުގައި ބައިވެރިވެ، އެކަމުގެ ކުށް ސާބިތުވެފައިވާ އަދީބަށެވެ. އޭނާއާ އެކު ހެދި އިއުތިރާފް އެއްބަސްވުންތަކުގެ ދަށުން ކޯޓުގައި ދައުލަތުގެ މައި ހެއްކަކީ އޭނާ އެވެ.

އަދީބުގެ ހެކިބަހުން މިހާތަނަށް ކޯޓެއްގައި ނަތީޖާއެއް ނުނެރެވި، މައްސަލަތައްވީ ނާކާމިޔާބެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލައަކީ އޭގެ މިސާލެކެވެ. އެ ސިލްސިލާ އަށް އިތުރުވި ދެވަނަ ބޮޅުގައި ޝަރީއަތެއް ވެސް ހިންގަން ނުޖެހި، މަހްލޫފްގެ މައްސަލަ ކޯޓުން ބޭރުވި އެއް ސަބަބަކީ ވެސް އަދީބުގެ ހެކިބަހެވެ.

"އަދީބުގެ ހެކިބަސް އެންމެ ފުރިހަމައަށް ޝަރީއަތަށް ލިބޭނެ ކަމަށް ބެލި ނަމަވެސް މި ވާގިއާ ސާބިތު ކުރުމަށް ބޭނުން ކުރެވިދާނެ ބަލިކަށި ގަރީނާއެއް ވިޔަސް، އަދީބުގެ ހެކިބަހުން ލިބިދާނެ ކަމަކަށް މަދަނީ މިންގަނޑުން ބުރަވެވެން ނެތެވެ."

މަހްލޫފްގެ މައްސަލާގައި އަދީބު ތަހުގީގަށް ބަޔާން ދިނީ އޭނާގެ ދައުލަތާ އެކު ހެދި އެއްބަސްވުމުގެ ދަށުން ކަމަށްވާތީ ކޯޓުގެ ނިންމުމަކީ އޭނާއަކީ މިނިވަންކަމާ އެކު ހެކިބަހެއް ދެވޭނެ ބޭފުޅެއް ނޫން ކަމަށެވެ. ކޯޓުން އެ އިޝާރާތް ކުރަނީ އަދީބަށް ލުއިތަކެއް ދޭން ދައުލަތުން އެއްބަސްވެފައިވާތީ ވަކި ގޮތަކަށް ބަޔާން ދިނުމުގެ ފުރުސަތު އޮތުމުން އެކަމަށެވެ. އަދި އޭނާއަކީ މަހްލޫފަށް ރިޝްވަތު ދިން ކަމަށް ތުހުމަތުވާ އަދި އެ ކުށުގެ އަނެއް ބައިވެރިޔާ ކަމުގެ ތުހުމަތު އޮތުމުން އެގޮތަށް ބެލުމުގެ ފުރުސަތު އިތުރަށް ބޮޑުވެ އެވެ.

"އަދީބަކީ ލާބައެއް ލިބިދާނެ ކަމުގެ އުއްމީދެއް ނެތި އަދި ގެއްލުމެއް ލިބިދާނެ ކަމުގެ ބިރެއް ނެތި މިނިވަންކަމާއި މުސްތަގިއްލު ކަމާއެކު ހެކިބަސް ދެވިދާނެ މީހެއް ކަމަށް ބެލެވެން ނެތެވެ." ގާޒީ މުހައްމަދު މިސްބާހު ނިންމެވި ނިންމުމުގައިވެ އެވެ.

ކްރިމިނަލް ކޯޓް --- ފޮޓޯ/މިހާރު

މަހްލޫފް ޕީޕީއެމުން ވަކިވި ފަހުން އަދީބާއި މަހްލޫފާ ދެމެދު ޓްވިޓާގައި ހިނގި މުއާމަލާތްތަކަކާއި އޭގެ ރިޕޯޓެއް ދައުލަތުން މަހްލޫފާ ދެކޮޅަށް ހުށަހެޅީ އަދީބުގެ ބަޔާނަށް އިތުރު ބާރެއް ދިނުމަށެވެ. އެހެން ނަމަވެސް އާހިރުގައި އެ ރިޕޯޓް ވީ އަދީބުގެ ހެކިބަސް ބަލައިނުގަތުމަށް ލިބުނު އިތުރު ބާރަކަށެވެ. އެއީ އެ ބޭފުޅުންގެ ޓްވީޓްތަކުގައި ބަދަލުކުރި ބަހުގެ ހަމަލާތަކަށް ބަލާއިރު މަހްލޫފާއި އަދީބު ދެމެދުގައި ދެކޮޅުވެރިކަން އޮތުމުންނެވެ.

"މި ރިޕޯޓުގެ ސަބަބުން މި ދައުވާއަށް އަސަރެއް ކުރާނެ ކަމަށް ބެލެވޭ ނަމަ، މި ދައުވާއަށް ކުރާނެ އަސަރެއްގެ ގޮތުގައި ފެންނަން އޮތީ އަދީބުގެ ހެކިބަސް އިތުރަށް ބަލިކަށިވުމެވެ. އަދީބުގެ ބަހަށް ބުރަދަނެއް ނުދިނުމަށް ލިބޭ ހުއްޖަތަކަށް ވުމެވެ." އެ ނިންމުމުގައި ބުނެފައިވެ އެވެ.

"މެސެޖްތަކުން ބަލިކަށި ގަރީނާއެއްގެ މިންވަރު ވެސް ނުލިބޭ"

މަހްލޫފަށް 33،000 ޑޮލަރު ލިބުނު ކަމާ މެދު އޭނާ ވެސް ދެކޮޅެއް ނުހައްދަވަ އެވެ. އޭނާ ވިދާޅުވަނީ އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށެވެ. ކޯޓުގެ ނިންމުމަކީ ވެސް ވަނީ ފައިސާއެއް ލިބުނުކަން ސާބިތުވާން އެބައޮތް ކަމަށެވެ. އެހެން ނަމަވެސް އެއީ ރިޝްވަތުގެ ފައިސާއެއްކަން ސާބިތު ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ.

އެސްއޯއެފް މެދުވެރިކޮށް މަހްލޫފަށް ލިބުނީ ރިޝްވަތުގެ ފައިސާ ކަމަށް އަދީބުގެ ބަޔާނުގައި އޮތަސް، އެސްއޯއެފްގެ އޭރުގެ އެއް ވެރިޔާ މުހައްމަދު އައްލާމް ލަތީފް (މޮހޯ) ގެ ބަޔާނުގައި އޮތީ މަހްލޫފް ވިދާޅުވި ފަދައިން އެއީ ޑޮލަރު ވިއްކުމުގެ މުއާމަލާތެއް ކަމަށެވެ. އެހެންވުމުން އަދީބުގެ ބަސް ފިޔަވައި، އޭނާގެ ބަހަށް ބާރު ދޭނެ އިތުރު ހެއްކެއް ނެތް ކަމަށް ކޯޓުގެ ނިންމުމުގައިވެ އެވެ.

"އަދީބުގެ ހެކިބަސް އެންމެ ފުރިހަމައަށް ޝަރީއަތަށް ލިބޭނެ ކަމަށް ބެލި ނަމަވެސް މި ވާގިއާ ސާބިތު ކުރުމަށް ބޭނުން ކުރެވިދާނެ ބަލިކަށި ގަރީނާއެއް ވިޔަސް، އަދީބުގެ ހެކިބަހުން ލިބިދާނެ ކަމަކަށް މަދަނީ މިންގަނޑުން ބުރަވެވެން ނެތެވެ." ނިންމުމުގައިވެ އެވެ.

މަހްލޫފް އަދީބާއި ދެމެދު ކުރި މެސެޖްތަކެއް ތެރެއިން، އޭނާ ކަމަކަށް އެދިފައިވާ މެސެޖެއް އޮވެ އެވެ. އެއީ ކޮން ކަމެއް ކަން މެސެޖަކު ނެތެވެ. އޭގެ ދެ ތިން ދުވަސް ފަހުން، އަދީބަށް ޝުކުރު އަދާކުރުމަށްފަހު "ޑަން" މިހެން ލިޔެފައި އޮތް މެސެޖެއް އަދީބަށް ފޮނުވާފައި އޮތެވެ. ފައިސާގެ ވާހަކައެއް މެސެޖްގައި ނެތެވެ. އަދި މެސެޖް ފޮނުވާފައި އޮތީ ވެސް އެސްއީޒެޑް ބިލްގެ ވޯޓު ނިމުނު ފަހުންނެވެ. އަދީބުގެ ބަހުން އެނގެން އޮތީ ފައިސާ ދިނީ ވޯޓުގެ ކުރިން ކަމަށެވެ.

"ދައުވާލިބޭ މީހަކު ހުށަހަޅާ ދިފާއީ ހެއްކެއް ނަފީކުރަން މަސައްކަތް ކުރަން ޖެހޭނީ ފުރަތަމަ ތުހުމަތުކުރާ ކުށް ސާބިތުކުރަން ބޭނުން ހިފޭނެ އެކަށީގެންވާ ހެކި ހޯދުމަށްފަހު އެވެ. އެހެން ނަމަވެސް މި މައްސަލާގައި އެކަން އޮތީ އެގޮތަކަށް ނޫނެވެ."

ދައުލަތުން ބުނާގޮތުން "ރިޝްވަތު ދޭށޭ" ބުނެފައި، މީހަކު ރިޝްވަތެއް ނުހޯދާނެ އެވެ. އެކަން ކުރާނީ އެހެން ނަންނަމުގަ އެވެ. މަހްލޫފް ކަމަކަށް އެދި މެސެޖް ކުރުމާއި އަދި ފަހުން ޝުކުރު އަދާކުރި މެސެޖުން "ކޮންމެވެސް މިންވަރެއްގެ ޝައްކެއް އުފެދޭ" ކަމަށް ކޯޓުން އެއްބަސްވެ އެވެ. އެހެން ނަމަވެސް ފައިސާގެ މުއާމަލާތާ އެ މެސެޖާ އޮތް ގުޅުމެއް ނުދެއްކޭތީ ކޯޓުން ނިންމީ އަދީބުގެ ބަހަށް ބާރު ލިބޭ ފަދަ "ބަލިކަށި ގަރީނާއެއް ވެސް" އެ މެސެޖްތަކުން ނެތް ކަމަށެވެ.

މަދަނީ މިންގަނޑުން ބެލުމަށްފަހު ކޯޓުން މައްސަލަ ބޭރުކޮށްލާ ހާލަތުގައި އާ ހެކި ހޯދައިގެން އަލުން ދައުވާ ކުރުމުގެ ފުރުސަތު ދައުލަތަށް އޮވެ އެވެ. މި މައްސަލާގައި ދައުލަތުން ތިބީ ހައި ކޯޓުގައި އެ ނިންމުން އިސްތިއުނާފް ކުރުމުގެ ވިސްނުމެއްގަ އެވެ. އާންމުކޮށް އަމަލުކުރަނީ ވެސް އެގޮތަށެވެ.

"އަޅުގަނޑުމެންގެ ނިޔަތް އެބައޮތް އިސްތިއުނާފް ކުރަން." ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އެހެން ނަމަވެސް ރަސްމީކޮށް އަދި ގޮތެއް ނުނިންމަ އެވެ.

ތަހުގީގުގެ މިސްރާބު ގޯސްވުން

ތަހުގީގުގައި ނުބަލައި ދޫކޮށްލާފައި ހުރި މުހިންމު ކަންތައްތަކެއް ފާހަގަ ކުރުމާ އެކު، ކޯޓުގެ ނިންމުމުގައިވަނީ ހެކި ނެތުމުގެ އިތުރަށް މުޅި ތަހުގީގުގެ މިސްރާބު ވެސް ގޯސް ކަމަށެވެ. މަހްލޫފްގެ މައްޗަށް ހެކި ހޯދުމަށް ވުރެ ބޮޑަށް ތަހުގީގުގައި މަސައްކަތް ކޮށްފައި އޮތީ އޭނާގެ ދިފާއުގައި ހުށަހެޅި ހެކިތަކުގެ ސައްހަކަމާ މެދު ސުވާލު އުފެއްދުމަށް ކަމަށެވެ.

"ދައުވާލިބޭ މީހަކު ހުށަހަޅާ ދިފާއީ ހެއްކެއް ނަފީކުރަން މަސައްކަތް ކުރަން ޖެހޭނީ ފުރަތަމަ ތުހުމަތުކުރާ ކުށް ސާބިތުކުރަން ބޭނުން ހިފޭނެ އެކަށީގެންވާ ހެކި ހޯދުމަށްފަހު އެވެ. އެހެން ނަމަވެސް މި މައްސަލާގައި އެކަން އޮތީ އެގޮތަކަށް ނޫނެވެ." އެ ނިންމުމުގައިވެ އެވެ.

ތަހުގީގާ ކޯޓުން ފާހަގަކުރި އެއް މައްސަލައަކީ މަހްލޫފަށް ރިޝްވަތު ދިނީ އެސްއޯއެފް މެދުވެރިކޮށް ކަމަށް ތަހުގީގުން ނިންމުމުގައި އަދީބު ބުނި ބުނުމަކަށް އެކަނި ބަލާފައި އޮތުމެވެ. އަދި އެސްއޯއެފް މެދުވެރިކޮށް ފައިސާ ދިނީ ކޮން ތަނެއްގައި އަދި ކިހިނެތް ކަމެއް ހޯދިފައެއް ނެތެވެ. އަދި މަހްލޫފަށް ފައިސާ ދިނީ މަޖިލީހުގެ ވޯޓުތަކަށް ނުފޫޒު ފޯރުވަން މެމްބަރުންނަށް އާންމުކޮށް ފައިސާ ބެހި ރޭޓުން ކަމަށް އަދީބު ބުނާ ބުނުން ވެސް އިތުރަށް ކަށަވަރުވާނެ ގޮތެއް ނެތް ކަމަށް ކޯޓުގެ ނިންމުމުގައިވެ އެވެ.

ހަމައެހެންމެ، ތަހުގީގުގައި ނިންމާފައިވަނީ މަހްލޫފަށް ރިޝްވަތުގެ ފައިސާ ދިނީ އެސްއީޒެޑް ބިލްގެ ވޯޓު ނެގުމުގެ ކުރިން ކަމަށެވެ. އެކަމަކު ދައުލަތުން ހުށަހެޅި މެސެޖްތަކަކީ އެ ވޯޓުގެ ފަހުން ކޮށްފައިވާ މެސެޖްތަކަކަށް ވާއިރު، އެ ފުށުއެރުން އައި ގޮތެއް ތަހުގީގުން ބަލާފައި ނެތުމަކީ އަނެއް މައްސަލަ އެވެ.

ކްރިމިނަލް ކޯޓުގެ ނިންމުން މިގޮތަށް އަޔަސް، ހައި ކޯޓަށް މައްސަލަ އިސްތިއުނާފް ކުރުމުގެ ފުރުސަތު ބޮޑެވެ. ހައި ކޯޓުން އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައިފި ނަމަ، އަނެއްކާވެސް މައްސަލަ އަންނާނީ ކްރިމިނަލް ކޯޓަށެވެ.

17 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 14%
icon angry icon angry 14%
icon wow icon wow 14%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮންކޮން

03 March 2022

ކުރިން ވެސް ރާވާފަ އޮތް ގޮތަށް ތިނިމުނީ

The name is already taken The name is available. Register?

އެހެން

04 March 2022

ފުރަތަމަ ދުވަހުވެސް އެނގޭ އެކަހަލަ ގޮތަކަށްކަން ދާނީ. ޖަވާބު ބޭނުންނުވާ ސުވާލު މި ނޫހުންވެސް ކުރަނީ.

The name is already taken The name is available. Register?

މޯޑް

03 March 2022

މަހުލޫފް ޖެހޭނި ވަކިކުރަށް. ތި ވެސް މާ ބުރޯ ހެދިގެން އުޅެން އުޅޭ ބޭފުޅެއް. ނިއުރޭޑިޔަންޓަށް ލޮޓިއެއް ދީފަ މީނަ ހިތުން މި އުޅެނި. އަބަދަކު މަގާމާ އިއްޒަތުގަ ނޫޅެވޭނެ ކަން ދަށްނާތި އެހެންމީހުންގެ އިހުސާސްތަށް ނާހާ

The name is already taken The name is available. Register?

ޑ‫ްރާމާ ކިންގު

02 March 2022

‫މިސްބާހުއަކީ ކޮން ޓީމެއްގަ މަސައްކަތްކުރި ވަކީލެއް? ޝަމީމްއަކީ ކާކުގެ ވަކީލެއް? މިދެން ކޮންޑްރާމާއެއް?

The name is already taken The name is available. Register?

ކުޗީ

02 March 2022

މމޕރސ ގެ މައްސަލަ ބެލޭނީ އާހިރަތް ދުވަހުން ކަމަށް މިހާރު ދިވެހިން ގަބޫލު ކޮއްފި. މ.ޑ.ޕ ގެ ހީލަތްތެރި ސަރުކާރުން އިންސާފް ހޯދާދޭނަމޭ ކިޔާ ވައުދުވެ ވެރިކަމަށް އައިސް އެންމެ ފުރަތަމަވެސް ކުރި ކަމަކީ ގިޓަކުޅޭ އަދީބާއި ، ޒިޔަތު އަދި މޮހޯ ގްރޫޕް ސަލާމަތް ކޮއްދިނީ. މިކަމުގެ މޭސްތިރިއަކީ ޕޖ ޝަމީމް. ޝަމީމް އަކީ އަދީމް އަދި މޮހޯ ގްރޫޕް ކުރީގެ ވަކީލް. މިއީ ވަރާށް ދުރާލާ ރާވައިގެން މިމީހުން ކުރިކަމެއް. މމޕރސ އިންސާފް ލިބޭނީ އާހިރަތް ދުވަހުން.

The name is already taken The name is available. Register?

ދިއްދޫމީހާ

02 March 2022

ގާތިލްއަކާ އެކު ދައުލަތުން އިއުތިރާފް އެއްބަސްވުމެއް ހަދާގެން، މަރުގެ މައްސަލައެ ސައްކެއްނެތް މިންވަރަކަށް ސާބިތުވާނެތޯ؟؟؟ މިކަހަލަ ކަންތަކުން ސާބިތުވަނީ ދިވެހި ދައުލަތުގެ ތަހްޤީގް ކުރުމުގެ ފެންވަރު ދައްކަން، މިހާރުގެ ދުނިޔޭގަ ހެކިއެއީ އުފައްދާ އެއްޗެއް، އެއީ ވަށާޖެހޭ ކަންތައްތަކަށް ބަލާގެން، މަހުލޫފް މެމްބަރަކަށް ހުރެގެން ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަނެތް ބަޔަކު އަތުން އެވިޔަފާރި ކުރުންވެސް އެއީ ގޯހެއް(ނަމުގަ ވިޔަފާރި ކުރީ)..

The name is already taken The name is available. Register?

ކަންޒު ކަހަނބު

02 March 2022

ހެޔޮ ވެރިކަމަށް އެވީ. ކިތަންމެ ވައްކަމެއް ކުރިޔަސް ހެޔޮ ވެރިކަމެއްވީ.

The name is already taken The name is available. Register?

ބޯނެތް ކަހަނބު

02 March 2022

ހެޔޮވެރިކަމަކީ ކޯޓަކުން ވައްކަން ކުރިކަން ސާބިތުނުވިޔަސް މީހުންނަށް އަދަބު ދިނުން؟

The name is already taken The name is available. Register?

ބޯބުރި ކަހަނބު

02 March 2022

ހެޔޮ ވެރިކަމެއްގަ އަދުލު އިންސާފު އޮންނާނެ

The name is already taken The name is available. Register?

ބޯނެއް ވެލާ

02 March 2022

ހެޔޮވެރިކަމަކީ ވެންޓިލޭޓަރު ގެ 32 މިލިޔަން ޕަކަޅާކޮއްލީމަވެސް އެކަމުގެ ޒިންމާ ނަގާނެ މީހަކު ނެތުން.

The name is already taken The name is available. Register?

ޝުކުރިއްޔާ

02 March 2022

ދައުލަތުން ހުއްދަނަގައިގެންނެރޭ ނޫހެއްގައި ސުރުޚީ އަޅައި ސުވާލުކުރެވޭނީ ތިހާކަންހާ ވަރަށެވެ. ޙަޤީޤަތްހޯދައި ލިޔަންވެއްޖެނަމަ، އެނޫހެއްގައި ރަސްގެލާނެއެވެ. ޤަބޫލުކުރަމެވެ. މުޅިދުނިޔޭގައިއޮތީ ދަޅަދެއްކުމާއި އެދަޅައަށް ހައްލުވައި ސިޔާސީމީހުން ނާޖާއިޒުފައިދާ ނެގުމެވެ. މަހުލޫފަކީ ސިޔާސީމީހެކެވެ. މުޅިރާއްޖެ އެއްކޮށްއޮތީ ސިޔާސީވެފައެވެ. ނުވާއުޅެނީ ދެތިންކެނައެވެ.. ތިހުންނަނީ އެންމެންއެއްވެ، ކޮފީމޭޒުތައްމަތިންނިމި ސިއްކަޖެހިގެންހިނގާ ކަންތައްތަކެވެ.

The name is already taken The name is available. Register?

ހައްގުބަސް

02 March 2022

އެމްއެމްޕީއާރްސީގެ މައްސަލަ އެއީ ނުހިނގާ ކަމެއްގެ ގޮތުގަ ބަލައި އެފައިލް ކްލޯޒްކުރުން އެއީ އެންމެ ރަނގަޅުގޮތް.ދެން ބަލަންވީ މީގެ ފަހުން މިފަދަ ވައްކަމެއް ނުކުރެވޭގޮތަށް ސިސްޓަމަށް ގެންނަން ޖެހޭ ބަދަލުތައް ބަލައި އެކަންކަން ކުރުން.ޔާމީންގެ މައްސަލަތައް ވެސް އަނުބަރާ ނަގާފަ އަދީބް ވެސް މިނިވަންކުރަންވީ.ގެއްލުނު ބިލިއަން ރުފިޔާއިން އެންމެ ރުފިޔާއެއްވެސް ދައުލަތަށް ނުހޯދޭނެކަން ޔަގީން.

The name is already taken The name is available. Register?

ޒީރޯ

02 March 2022

މަހުލޫފް ކޮރަޕްޝަން ފައިސާ ނެގިއެވެ. އެހެންނަމަވެސް ޤާނޫނުން ފިޔަވަޅު އެޅުމަށް ހެކި ނެތީއެވެ. ވަގަކަށް ހާސް ދުވަސް ވެރިޔަކަށް އެއް ދުވަހެވެ. މިފަހަރު މަހުލޫފަށް ހާސް ދުވަހުގެ ތެރެއިން ދުވަހެއް ލައްވާލީއެވެ. ނަމަވެސް ދަންނާށެވެ. ކުށް ސާބިޠުނުވިޔަސް ރައްޔިތުންގެ މެދުގައި މަހުލޫފުގެ އިތުބާރު ވަނީ ގެއްލިފައެވެ. މިފަދަ މީހަކު މިނިސްޓްރުގެ މަޤާމުގައި އެމް.ޑީ.ޕީން ބަހައްޓާތީ އެމް.ޑީ.ޕީގެ އިތުބާރުވެސް ރައްޔިތުންގެ މަދުގައި ގެއްލުނީއެވެ. ވައްސަލާމް

The name is already taken The name is available. Register?

އުދުހޭ

02 March 2022

އެމްޑީޕީގެ ވެރިކަމުގައި އަދުލުއިންސާފު މިއޮތީ ފެއިލްވެފަ. ވެރިކަމަށް އަނަންއުޅުނުއިރު އަންނި ބޭނުންވީ ޖޭއެސްސީ ރިފޯމްކޮށް ސިޔާސީ މީހުން ނުތިބޭގޮތަށް ހެދުން. ވެރިކަމަށް އައިސް ޖޭއެސްސީގައި އަންނިއަށް އިނދެވޭގޮތް ވުމުން ހިޔާލު ބަދަލުވެ މިހާރު ކޮންމެހެންވެސް އެތާ އިންނަން ބޭނުންވޭ. މިއީ ހެޔޮވެރިކަމެއްނޫން. މީ ގިލަންވެރިކަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454