ދުނިޔެ / ޔުކްރެއިންގެ ހަމަނުޖެހުންތައް

ޔޫކްރޭންގައި އުދުހުން މަނާ ސަރަހައްދެއް ކަނޑަނޭޅީ ކީއްވެ؟

ނޭޓޯގެ ވައިގެ ލަޝްކަރުގައި ހިމެނޭ ފަރަންސޭސި ވިލާތުގެ ރަފާލް މަރުކާގެ ޖެޓެއް، އަސްކަރީ ތަމްރީންތަކެއްގައި ބައިވެރިވަނީ. --އޭއެފްޕީ

03 މާޗް 2022 - 09:32

9 comments

ރަޝިޔާގެ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި، މިހާތަނަށް އެންމެ ވަރުގަދަ އަދި އެންމެ ގިނަ ހަމަލާތަކެއް ދިނީ ވައިގެ މަގުންނެވެ. މާ ދުރުގައި ތިބެގެން ފޮނުވައިލާ ކްރޫޒް މިސައިލާއި ބެލެސްޓިކް މިސައިލް އަދި ރަޝިޔާގެ ޖެޓްތައް ޔޫކްރޭންގެ ވައިގެ ސަރަހައްދަށް ވަދެގެން ދެމުންދާ ރޮކެޓާއި މިސައިލް ހަމަލާތަކެވެ.

އެހެންކަމުން ރަޝިޔާގެ އުދުވާން ހުއްޓުވުމަށް ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އަށް ފެނިވަޑައިގެންނެވި އެންމެ ފަސޭހަ ގޮތަކީ، ޔޫކްރޭންގެ ވައިގެ ސަރަހައްދަކީ އުދުހުން މަނާ ސަރަހައްދެއް ކަމުގައި ކަނޑައެޅުމެވެ. އެ ކަމަށް އެދިވަޑައިގެން ރައީސް ޒެލެންސްކީ ވަނީ، މި ހަފުތާގެ ހޯމަ ދުވަހު ހުޅަނގުގެ ގައުމުތަކަށް އެކަން ހުށަހަޅުއްވައިފަ އެވެ.

ނަމަވެސް އުދުހުން މަނާ ސަރަހައްދުގެ އިމަކީ ކޮބައި ކަމެއް، އަދި އެ ސަރަހައްދަށް ރަޝިޔާގެ މަތިންދާބޯޓުތައް ވަނުން ހުއްޓުވުމުގެ ޒިންމާ އަދާކުރާނީ ކޮން ބައެއް ކޮން ގޮތަކަށް ކަމެއް ވެސް ރައީސް ޒެލެންސްކީ ވިދާޅެއް ނުވެ އެވެ.

ނޭޓޯގެ ވައިގެ ލަޝްކަރުގައި ހިމެނޭ ފަރަންސޭސި ވިލާތުގެ ރަފާލް މަރުކާގެ ޖެޓެއް، އަސްކަރީ ތަމްރީންތަކެއްގައި ބައިވެރިވަނީ. --އޭއެފްޕީ

އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާ އިން ފަށާފައިވާ ހަމަލާގެ ފުރަތަމަ ފަސް ދުވަހު (ފެބްރުއަރީ 24-28) ރަޝިޔާގެ ސިފައިން ވަނީ ޔޫކްރޭނަށް 56 ރޮކެޓް ހަމަލާ އާއި ކްރޫޒް މިސައިލްގެ 113 ހަމަލާ ދީފަ އެވެ. ރަޝިޔާގެ ވައިގެ ހަމަލާތައް އެކަނިމާއެކަނި ދިފާއު ކުރުމުގެ ގާބިލްކަން ޔޫކްރޭންގައި ނެތުމާއެކު، އެ ހަމަލާތައް ހުއްޓުވޭނެ އެންމެ މުޖައްރިބު ގޮތަކީ، މީގެ ކުރިން އިރާގާއި ބޮސްނިއާ އަދި ލީބިޔާގައި ވެސް އަމަލުކުރި ގޮތަށް، އުދުހުން މަނާ ސަރަހައްދެއް ޔޫކްރޭންގައި ވެސް ކަނޑައެޅުމެވެ.

އުދުހުން މަނާ ސަރަހައްދަކީ ކޮބާ؟

އުދުހުން މަނާ ސަރަހައްދުގެ ގޮތުގައި މާނަކުރަނީ، ގައުމެއްގެ ވައިގެ ސަރަހައްދު ނުވަތަ ވައިގެ ސަރަހައްދުން ވަކި ބައެއް އެއީ، ވަކި ބާވަތެއްގެ ވައިގެ އުޅަނދުތަކެއް އެ ސަރަހައްދުގައި ހަރަކާތްތެރިވުން މަނާކަމަށް ކަނޑައަޅާފައި އޮންނަ ސަރަހައްދެވެ. އެ ސަރަހައްދެއްގެ ބިންމަތީގައި ހުންނަ ބައެއް ތަންތަން – ޝާހީ ގަނޑުވަރުތައް ފަދަ - ހިމާޔަތްކުރުމުގެ ގޮތުން، ނުވަތަ މުހިންމު ހަފްލާތަކާއި ކުޅިވަރު ހަރަކާތްތައް ހިނގާ ވަގުތުތަކުގައި އެ ތަންތަނުގެ މަތިން ދަތުރުކުރުން މަނާކުރެ އެވެ.

އަސްކަރީ މާނަކުރުންތަކުގައި އުދުހުން މަނާ ސަރަހައްދު ކަނޑައަޅަނީ، ހަނގުރާމަވެރި ވަކި ޖަމާއަތެއް ނުވަތަ ވަކި ގައުމެއްގެ ހަމަލާތަކުން ބަޔަކު ރައްކާތެރިކުރުމުގެ ގޮތުންނެވެ. އެފަދަ ސަރަހައްދެއް ކަނޑައެޅުމާއެކު، އެ ސަރަހައްދަކަށް ވަންނަ އިދިކޮޅު ޖަމާއަތުގެ ނުވަތަ ހަނގުރާމަކުރާ ގައުމުގެ އަސްކަރީ ވައިގެ އުޅަނދުތަކަށް ހަމަލާދީ ވައްޓައިލަ އެވެ.

މި އުސޫލުން ޔޫކްރޭންގެ ވައިގެ ސަރަހައްދަކީ އުދުހުން މަނާ ސަރަހައްދެއް ކަމަށް ކަނޑައެޅުމުން، އެކަން ތަންފީޒުކުރުމުގެ ޒިންމާއާ ވެސް ކޮންމެވެސް ބަޔަކު ހަވާލުވާންޖެހެ އެވެ. ޔޫކްރޭންގެ ރައީސް ޒެލެންސްކީ އެދިވަޑައިގަތީ، ޔޫކްރޭންގެ ވައިގެ ސަރަހައްދަކީ އުދުހުން މަނާ ސަރަހައްދެއް ކަމަށް ނޭޓޯ އިން ކަނޑައަޅައިދިނުމަށެވެ.

ރަޝިޔާ ސިފައިންނާ ކުރިމަތިލުމަށް ޔޫކްރޭންގެ ޓޭންކެއް އެ ގައުމުގެ އިރުމަތީ ޑޮންބާސް ސަރަހައްދުގައި ހަރަކާތްތެރިވަނީ. --އޭއެފްޕީ

އެމެރިކާ އާއި ނޭޓޯވެސް ބުނީ ނޫނެކޭ

ޔޫކްރޭނުން އެދުނު ގޮތަށް އެ ގައުމުގެ ވައިގެ ސަރަހައްދަކީ އުދުހުން މަނާ ސަރަހައްދެއް ކަމަށް ނޭޓޯ އިން ކަނޑައަޅައިފި ނަމަ އޭގެ މާނައަކީ، ޔޫކްރޭންގެ ވައިގެ ސަރަހައްދަށް ވަންނަ ރަޝިޔާގެ އަސްކަރީ މަތިންދާބޯޓުތަކާއި ހެލިކޮޕްޓަރުތަކާއި މިސައިލްތަކާއި ރޮކެޓްތަކަށް ހަމަލާދީ ވައްޓައިލުމުގެ ޒިންމާ ނޭޓޯ އިން އުފުލުމެވެ. ނުވަތަ ރަޝިޔާގެ ވައިގެ ލަޝްކަރާ ދެކޮޅަށް ސީދާ ކުރިމަތިލުމަކަށް ނޭޓޯގެ ވައިގެ ލަޝްކަރު ނުކުތުމެވެ.

ނަމަވެސް އެކަން އެ ގޮތަށް ކުރާކަށް ނޭޓޯ ބޭނުމެއް ނޫނެވެ. ރަޝިޔާ އިން ޔޫކްރޭނަށް އަރައިގެންފި ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމަށް އިންޒާރުކުރި އެމެރިކާ އިން ވެސް ބުނީ، ޔޫކްރޭންގައި އުދުހުން މަނާ ސަރަހައްދެއް ތަންފީޒު ނުކުރެވޭނެ ކަމަށެވެ. އެފަދަ ސަރަހައްދެއް ގާއިމުކޮށް، އެކަން ތަންފީޒުކުރުން ވާނީ، އެމެރިކާ އާއި ރަޝިޔާގެ ސިފައިންގެ ސީދާ ކުރިމަތިލުމަކަށް ކަމަށް ވެސް އެމެރިކާ އިން ބުނެ އެވެ.

"ރަޝިޔާއާ ދެކޮޅަށް ހަނގުރާމައެއް ކުރަން އެމެރިކާ ސިފައިން ފޮނުވުމުގެ ނިޔަތެއް ނެތް ކަމަށް، ރައީސް ޖޯ ބައިޑެން ވަނީ ވަރަށް ސާފުކޮށް ވިދާޅުވެފައި. އެފަދަ ސަރަހައްދެއް ގާއިމުކޮށްފިއްޔާ އެކަން ތަންފީޒު ކުރުމަށް ސިފައިން ވެސް ފޮނުވަން ޖެހޭނެ. އެއީ ހަމަ ސީދާ ދެ ފަރާތުގެ ކުރިމަތިލުމެއްގެ ފެށުން. އެއީ އެމެރިކާ އާއި ރަޝިޔާއާ ދެމެދު ސީދާ ހަނގުރާމައެއް ފެށުން،" އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސްގެ ތަރުޖަމާނު ޖެން ޕިސާކީ ވިދާޅުވި އެވެ.

އދ. މަޖިލީހަށް ކަނޑައަޅާފައި ހުންނަ އެމެރިކާގެ ސަފީރު ލިންޑާ ތޯމަސް، އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. --އޭއެފްޕީ

"އެމެރިކާ ސިފައިން ނުރައްކަލެއްގެ ތެރެއަށް ވައްޓާލަން އަހަރެމެން ބޭނުމެއް ނޫން. އޭގެ މާނައަކީ ޔޫކްރޭނުން އެ ބުނާ އުދުހުން މަނާ ސަރަހައްދު ބަލަހައްޓަން އެމެރިކާގެ ވައިގެ ސިފައިން ނުފޮނުވާނަމޭ. އެހެން ނަމަވެސް ޔޫކްރޭން އަމިއްލަ އަށް ދިފާއުވުމުގައި އަހަރެމެން އެހީތެރިކަން ފޯރުކޮށްދޭނަން،" އދ. ގެ މަޖިލީހަށް ކަނޑައަޅާފައި ހުންނަ އެމެރިކާގެ ސަފީރު ލިންޑާ ތޯމަސް ވިދާޅުވި އެވެ.

ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޯލްޓެންބާގް ވެސް ވިދާޅުވިގޮތުގައި، ޔޫކްރޭނުން އެދިފައިވާ ގޮތަށް، އުދުހުން މަނާ ސަރަހައްދެއް ތަންފީޒު ކުރުމަށް ނޭޓޯގެ ސިފައިން ނުފޮނުވާނެ އެވެ. "ޔޫކްރޭން ހަނގުރާމައިގެ ތެރެއަށް ނޭޓޯގެ އެއްގަމު ސިފައިންގެ ލަޝްކަރެއް ވިޔަސް އަދި ވައިގެ ސިފައިންގެ ލަޝްކަރެއް ވިޔަސް ފޮނުވުމުގެ ނިޔަތެއް އަހަރެމެންގެ ނެތް."

ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޯލްޓެންބާގް

އިނގިރޭސި ވިލާތުން ވެސް ދިނީ ހަމަ މި ރައްދެވެ. އިނގިރޭސި ޑިފެންސް މިނިސްޓަރު ބެން ވެލެސް ވިދާޅުވީ، ޔޫކްރޭންގެ ވައިގެ ސަރަހައްދަކީ އުދުހުން މަނާ ސަރަހައްދެއް ކަމަށް ކަނޑައަޅައި އެކަން ތަންފީޒުކުރުމުގައި އިނގިރޭސި ވިލާތުން އެހީނުވާނެ ކަމަށެވެ.

"ރަޝިޔާގެ ފައިޓަރު ޖެޓްތަކާ ހަނގުރާމަ ކުރުމަކީ މުޅި ޔޫރަޕްގައި ހަނގުރާމައެއް ފެށުން. ޔޫރަޕްގައި ހަނގުރާމައެއް ފަށަން އަހަރެން ބޭނުމެއް ނޫން. އެކަމަކު ޔޫކްރޭންގެ ރައްޔިތުންނަށް ހުރިހާ ގޮތަކުން އެހީތެރިކަން ފޯރުކޮށްދިނުމުގައި އަހަރެމެން ދެމިތިބޭނަން،" އިނގިރޭސި ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.

އުދުހުން މަނާ ސަރަހައްދެއް ކަނޑައަޅައިގެން ރަޝިޔާގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކާ ކުރިމަތިލުމަކަށް ދާން ހުޅަނގުގެ ގައުމުތައް ބޭނުންނުވާ އަނެއް ސަބަބަކީ، ނިއުކްލިއާ ހަނގުރާމައެއްގެ ބިރު އުފެދިފައި އޮތުމެވެ. އެ ބިރު އުފެދުނީ، ރަޝިޔާ އިން ފަށާފައިވާ ހަނގުރާމަ ޔޫކްރޭނުން ބޭރަށް ފުޅާވެދާނެ ކަމަށް ބަލައި، ނޭޓޯގެ ސިފައިން ޔޫކްރޭނާ ކައިރި ގައުމުތަކަށް ފޮނުވަން ފެށުމުން، ރަޝިޔާގެ ނިއުކްލިއާ ލަޝްކަރު ފުރިހަމަ ތައްޔާރީ ހާލަތަށް ގެނައުމަށް ރައީސް ލަޑިމިއާ ޕުޓިން އަމުރުކުރެއްވުމުންނެވެ.

މީގެ ކުރިން އުދުހުން މަނާކުރި ސަރަހައްދުތައް

މި ފަހުގެ ތާރީހުގައި އުދުހުން މަނާ ސަރަހައްދެއް އެންމެ ފުރަތަމަ ގާއިމުކުރީ، އިރާގުގެ އަޅުވެތިކަމުން ކުވައިތު މިނިވަންކުރުމަށް 1991 ވަނަ އަހަރު އެމެރިކާ އިން އިރާގާ ދެކޮޅަށް ކުރި ހަނގުރާމައިގެ ތެރޭގަ އެވެ. އެ ގޮތުން 1991 ވަނަ އަހަރު އިރާގުގެ އުތުރުގައި އަދި 1992 ވަނަ އަހަރުގެ އިރާގުގެ ދެކުނުގައި އުދުހުން މަނާ ސަރަހައްދެއް އިއުލާންކުރި އެވެ.

އުދުހުން މަނާ އެ ދެ ސަރަހައްދަށް އިރާގުގެ އަސްކަރީ އެއްވެސް މަތިންދާބޯޓެއް ހެލިކޮޕްޓަރެއް ވަނުން އެމެރިކާ އާއި ގުޅިފައިވާ ލަޝްކަރުން މަނާކުރި އެވެ. އެމެރިކާ އިން ކަނޑައެޅި މި ދެ ސަރަހައްދަށް އދ. ގެ ރުހުން ދީފައެއް ނުވެ އެވެ.

އޭގެ ފަހުން ސާބިއާގެ ކްރިސްޓިއަން ސަރުކާރުން އެ ގައުމުގެ ބޮސްނިއާ ސަރަހައްދުގެ މުސްލިމުންނާ ދެކޮޅަށް ފެށި ގަތުލުއާންމު ހުއްޓުވުމުގެ ގޮތުން 1992 ވަނަ އަހަރުގެ ތެރޭގައި ބޮސްނިއާގެ ވައިގެ ސަރަހައްދަކީ އުދުހުން މަނާ ސަރަހައްދެއް ކަމަށް ނޭޓޯ އިން ކަނޑައެޅި އެވެ. އަދި ހުއްދަ ނެތް އަސްކަރީ ވައިގެ އެއްވެސް އުޅަނދެއް އެ ސަރަހައްދަށް ވަނުން މަނާކޮށް، އދ. ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކުރި އެވެ.

އެ އަށް ފަހު ލީބިޔާގައި އުފެދުނު ދާހިލީ ހަނގުރާމައިގައި އާންމުންނަށް ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ބަހަނާގައި، ލީބިޔާ ސަރުކާރާ ދެކޮޅަށް ނޭޓޯގެ ލަޝްކަރުން އެ ހަނގުރާމައިގެ ތެރެއަށް ވަދެ، ލީބިޔާގެ ވައިގެ ސަރަހައްދަކީ އުދުހުން މަނާ ސަރަހައްދެއް ކަމަށް ކަނޑައެޅި އެވެ. ސަލާމަތީ މަޖިލީހުގެ ރުހުމާއެކު 2011 ވަނަ އަހަރު ކަނޑައެޅި އެ ސަރަހައްދު އުވައިލީ އެ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.

9 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 78%
icon sad icon sad 11%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަފްރާސިޔާބު

03 March 2022

ބަލަ އެމެރިކާއަކީ މައްކާރުބަޔެއް. ދެވަނަ ބޮޑުހަނގުރާމައިގާވެސް ރަޝިޔާއިން ޖަރުމަނުސިފައިން ގިއްގަޅުވާލީ. އެކަމަކު އެތަނަށްފުންމާލައި އެމެރިކާއިން ކްރެޑިޓްނެގީ. މިހާރުވެސް އެމެރިކާގެބެލުމުގެ ދަށުގައި ޖަރުމަނުގެ އެތައް ޓްރިލިއަން ޑޮލަރުގެރަން އެބަހުރި. ދެން އެމެރިކާއަށްވުރެ ރަޝިޔާއާ ޗައިނާ ކުރިއަރާތީ ޔޫރަޕުމީހުން ލައްވައި އެދެގައުމާ ތޮޅުވުމުގެ ހުރިހާރޭވުމެއް ރާވައި ހިންގަނީ. އެމެރިކާއަށްއެނގޭ އެމީހުންނަށް ރަޝިޔާގެވައިގެސިފައިންނާ ވާދަނުކުރެވޭނެކަން

The name is already taken The name is available. Register?

ކުޗީ

03 March 2022

ޒެލެންސްކީ އާއި އެގައުމުގެ ސިފައިން އަދި ފަރުދުން އެމީހުންގެ ދަރިންނަށްޓަކާ އެވަނީ ބޮޑު ގުރުބާނީއެއް. އެމީހުން ފުނޑިގެން ދާނެ. ރަޝީޔާގެ ކިބައިން ސަލާމަތް ވެވޭނެ އޮތީ މިގޮތަ އެކަނި. ޕުޓިން އަކީ ފަށައިފި ކަމެއް ނުހުއްޓާނެ މީހެއް. ކުޑަދުވަސް ކޮޅެއްގެ ތެރޭގައި ރަޝީޔާ ވެސް އިގްތިސޯދީ ގޮތުން ފުނޑޭނެ. އާހިރުގައި ޔޫކްރޭން އީޔޫ އާއި ގުޅި އެމީހުންގެ ގައުމު އަލުން އާރާސްތް ކުރާނެ.

The name is already taken The name is available. Register?

ޙަބީބު.

03 March 2022

ކެލޭމެންގެ ނިޔަތަކީ ކޮމެޑީކުޅޭމީހެއް ރަނޑުހެލުވުން ރަޝިޔާއާ ކުޅެންދިމާނުކޮއް ނޭޓޯގެ ބޮޑުން އެމޮޔަ ގޮލަޔައް އެކަންބުނެދީގެން މައްސަލަ ހައްލުކުރުން ދެންވެސް ފައިދާބޮޑުވާނީ

The name is already taken The name is available. Register?

މާނަ

03 March 2022

އެމެރިކާ: އަހަރެމެންގެ ސިފައިން ހަލާކުގެ ތެރެއަށް ނުލާނަން. އަހަރެމެން ކަލޭމެންނަށް ހަތިޔާރު ދޭނަން. މާނަ: އަހަރެމެން ހަތިޔާރު މިދެނީ ކަލޭމެން ރަޝިޔާގެ ބާރުގަދަ ލަޝްކަރާ ހަނގުރާމަކޮށްގެން ކަލޭމެން ހަލާކުގެ ތެރެއަށް ވައްޓާލައިގެން ކަލޭމެންގެ ދުވަސް ދުއްވާލުމާއި، ކަލޭމެން ހަނގުރާމަކުރި ރަޝިޔާ މީހުންނަށް ވެވުނު ވަރަކުން ގެއްލުންދީ ބަލިކުރުން.

The name is already taken The name is available. Register?

އަފްރާސިޔާބު

03 March 2022

100% ރަނގަޅު. އެމެރިކާ ބޭނުންވަނީ ޔޫރަޕުމީހުން ލައްވައި ރަޝިޔާއާ ތޮޅުވައި ދެބައިމީހުން ހަލާކުރަން. ބައިޓަން އެބުނީނުން. މަގޭސިފައިން ރަޝިޔާއާ ނުތޮޅޭނެޔޭ. އެމީހުން ތިބޭނެޔޭ "ނަޖުދު ކަރައިގެ" މާތް މީހުންގެ ސިފާގައި މިހަނގުރާމަޔަށް ހިތްވަރުދޭން. ދެން ދެ ބައި ލަޝްކަރު ހަނގުރާމަ ގަރަމް ކޮށްގެން ތިއްބާ މަތިން އަންނަ ލަޝްކަރެއް ފެނުނީމާ ދުއްވައިގެންފައި ބުނާނެޔޭ ހޯހޯއޭ އެހެރަ އަންނަނީ ނިއުލިއަރ ހަތިޔާރުގެ ލަޝްކަރެކޭ މަވާ ބިރުގަނެޔޭ ކިޔާ ފިލާނީ.

The name is already taken The name is available. Register?

ގަރުބަޗޯފު

03 March 2022

1600 ޖެޓާއިއެކު ދުނިޔޭގެ އެންމެ ބޮޑު އެންމެ ބާރުގަދަ އެއް އެއާފޯސް ރަޝިއާގައި އޮތްއިރުވެސް އެއާފޯސް ބޭނުންނުކޮށް ރަޝިއާއިން ޔޫރަޕުގެ 2 ވަނައަށް އެންމެ ބޮޑު ގައުމު 4 ދުވަސްތެރޭ ހިފައިފި، މިއިން އެނގެނީ ތިފަދަ ކަންކަމަށްވެސް ރޭވުންތަކެއް ރާވާފަހުރިކަން.

The name is already taken The name is available. Register?

ލެއްގިކޮމިޝަނަރް

03 March 2022

ކަލަޭ ތިހުރީމޮޔަވެފަތަ. ކެންޑިނޭޅި ވައިގެމަގުންނާ އެއްގަމާއި ކަނޑުން ހަމަލާދޭއިރުވެސް ޔުކުރޭން ރަސިޔާގެ ބާރުގެދަށަށް ނުގެންދެވިގެން އުޅޭތަން ފެންނަނީ. 48 ތެރޭމުޅި އުކުރޭން ބާރުގެ ދަށަށް ގެންނާނަމޭކިޔާފަ ހަނގުރާމަފެށީ. ވީކަމެއް ހަރާމުން ހަރާން. މުޅި ރަސިޔާގެ އިގްތިސާދުފުޑި އިންފްލޭޝަން އިންތިހާއަށް އަރާފި. ގައުމުހެ ރައްޔިތން ސަރުކާރާ ދެކޮޅުވެ ޕުޓިންގެ ވެރިކަން ނިމުމުގެ ކޮޅުމަތި ފެންނަމުންދަނީ

The name is already taken The name is available. Register?

އަފްރާސިޔާބު

03 March 2022

ލެއްގި ކޮމިޝަނަރަކީ ހަނގުރާމަޔަކީ ކިހާވަރެއްގެ ކަމެއްކަމާއި އަދި ޔުކުރައިން މިހަނގުރާމަޔަށް ތައްޔާރުވެފައިވަނީ ކިހާވަރަކަށްކަން ނޭނގޭތި ތިލިއުނީ. އެމެރިކާއާގެ އެންޓިޓޭންކަށް ހަމަލާދޭ އަދި މަތިންދާ ބޯޓަށް ޙަމަލާ އެތައްހާސް މިސައިލެއް ޔުކްރޭނަށް ފޯރުކޮށްދީ އިސްރާއީލުގެ ސިފައިންގެ ކޮމާންޑަރުން ޔުކްރޭނަށް ގޮސް އެތާ ސިފައިން ތަމްރީނުކޮށް އަދި މަގުތަކާއި ގޯޅިތަކުގައި ހަނގުރާމަ ހިންގާނޭ ގޮތް ދަސްދެމުން ދިޔައީ. ޕުޓިން އަށް އެކަމަށް ކެތްނުރެވިގެން ފެށީ.

The name is already taken The name is available. Register?

ޗތ54

03 March 2022

ނޭޓޯ އެމެރިކާ ފޮނުއަރުވަނީ،،،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454