ވަޒީފާ ގެއްލުނު އިބްރާހިމް ރަޝީދު: ހުކުމުގެ ބާކީ އޮތް 23 ދުވަހާ ހެދި އޭނާ އަށް ވަނީ ހިތްދަތިކަމެއް ކުރިމަތިވެފައި.
06 މާޗް 2022 - 15:06
މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގައި ޖަލަށް ލާން ކުރި ހުކުމް ފަސްކޮށް، ފަރުވާއަށް ބަދަލުކޮށް މިނިވަންވިތާ ހަތް އަހަރު ވެފައި ވަނިކޮށް، ވައްކަމުގެ މައްސަލައެއްގައި ކޮށްފައިވާ ހުކުމަކުން ތަންފީޒު ނުވެ އޮތް 23 ދުވަހާ ހެދި ވަޒީފާ ގެއްލިއްޖެ އެވެ.
ޅ. ނައިފަރު، މިސްކިތު މަސައްކަތުގެ މީހެއްގެ ވަޒީފާ ލިބުނުތާ މަހެއް ފަހުން އިބްރާހިމް ރަޝީދު ވަކިކުރީ ކައުންސިލުން ކުށުގެ ރެކޯޑު ސާފުކުރި އިރު އެ 23 ދުވަސް ތަންފީޒުކުރަން ޖެހޭ ކަމަށް އޮތުމުންނެވެ.
މާފުށީ ޖަލަށް 2013 ގައި އޭނާ ލީ ވައްކަމުގެ މައްސަލައެއްގަ އެވެ. އެއީ ދެ އަހަރަށް ޖަލަށް ލުމަށް ނައިފަރު މެޖިސްޓްރޭޓް ކޯޓުން ކޮށްފައި އޮތް ހުކުމެކެވެ. އެކަމަކު އޭގެ ފަހުން ޑައިމޯފިން ބޭނުންކުރުމުގެ މައްސަލައެއްގައި ޖަލަށް ލާން ހުކުމްކުރި ނަމަވެސް މަސްތުން ސަލާމަތްވާން ބޭނުންވެ ކުށަށް އިއުތިރާފްވުމުން އޮތީ މަސްތުވާތަކެތީގެ މައްސަލާގައި ކުރި ހުކުމް ފަސްކޮށް، ފަރުވާގެ ހުކުމެއް ކޮށްފަ އެވެ.
އިބްރާހިމް ރަޝީދު "މިހާރު" އަށް ބުނީ މަސްތުވާތަކެތީގެ ފަރުވާ ފުރިހަމަކުރުމަށް ފަހު 2015 ގައި އެއްވެސް ޝަރުތަކާ ނުލައި ދޫކޮށްލި ފަހުން މިހާތަނަށް އެއްވެސް މައްސަލައެއްގައި އޭނާއާ ސުވާލުކޮށްފައި ނުވާ ކަމަށެވެ. އިސްލާހުވާން އަޒުމް ކަނޑައަޅައިގެން ކުރި މަސައްކަތުން ޖަލުން ނުކުމެވި ފަރުވާ ފުރިހަމަކުރި ފަހުން ވެސް މިހާތަނަށް އުޅުނީ ވަޒީފާ އަދާކޮށްގެން ކިޔެވުމުގައި ކަމަށް ބުންޏެވެ.
އިބްރާހިމް ރަޝީދަށް މި ވަޒީފާ ހަމަޖެހުނީ ވަގުތީ މުވައްޒަފެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރި މުއްދަތު ހަމަވެފައި ވަނިކޮށް އެ މަގާމަށް ދާއިމީ މީހަކު ހޯދަން އިއުލާންކުރުމުން ކުރިމަތިލުމުންނެވެ. ކުށުގެ ރެކޯޑް ސާފުކުރަން ކައުންސިލުން ފޮނުވީ ޕްރޮބޭޝަންގެ މުއްދަތުގެ ތެރޭގަ އެވެ.
"އަޅުގަނޑު މި އަންނަނީ ސަރުކާރުގެ ހިލޭ ޑިގްރީއަށް ކިޔަވަމުން، އެ 23 ދުވަހާ ހެދި މި ފުރުސަތު ވެސް ބަންދުވެދާނެ،" އޭނާ ބުންޏެވެ.
ކައިވެންޏެއްކޮށް ދަރިއަކު ވެސް ލިބިފައިވާ އިބްރާހިމް ރަޝީދު، ކިޔަވަމުން އަންނަނީ އަރަބި ޓީޗިން އެވެ.
"ޖަލުން ފަރުވާއަށް ބަދަލުކޮށް، އެ ޕްރޮގްރާމް ނިންމައި އެއްވެސް ޝަރުތަކާ ނުލައި އަޅުގަނޑު މިނިވަންކުރީ. އޭގެ ފަހުން ހަތް އަހަރު ވި އިރު، އެ މުއްދަތު ތަންފީޒުކުރަން އަޅުގަނޑެއް ނުގެންދޭ. އެ 23 ދުވަސް އަޅުގަނޑު ޖަލުގައި އޮންނާކަށް އުނދަގުލެއް ނޫން. އެކަމަކު، އަޅުގަނޑު ވަޒީފާ ގެއްލިއްޖެ. ޑިގްރީ ހުއްޓިދާނެ ކަމުގެ ބިރު އޮތީމަ ދެރަވަނީ،" އޭނާ ބުންޏެވެ.
މާފުށީ ޖަލު: އެތަނުގައި އިބްރާހިމް ރަޝީދު އެންމެ ފަހުން ތަންފީޒުކުރީ ވައްކަމުގެ މައްސަލައެއްގައި އިއްވި ހުކުމެއް.-- ފޮޓޯ: މިހާރު ފައިލް ފޮޓޯ
ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިބްރާހިމް ރަޝީދު ތަންފީޒުކުރަން ޖެހޭ 23 ދުވަސް އެބައޮތް ކަމަށެވެ. މަސްތުވާތަކެތީގެ މައްސަލާގައި ކުރި ހުކުމް ބާތިލްކޮށްފައި ވިޔަސް ވައްކަމުގެ މައްސަލައިގެ ހުކުމުގެ ބާކީ މުއްދަތު ތަންފީޒުކުރަން ހަވާލުކޮށްދޭން ފުލުހުންނަށް ނޮވެމްބަރު، 21، 2015 ގައި ކަރެކްޝަނަލް ސާވިސް އިން އަންގާފައި އޮތް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އިބްރާހިމް ރަޝީދު ބުނި ގޮތުގައި އޭނާގެ ހުކުމުގެ ބާކީ 23 ދުވަސް އޮތަސް ދޫކޮށްލި ގޮތުން، ތަންފީޒުކުރަންޖެހޭ ކަމެއް ނޭނގެ އެވެ.
އިބްރާހިމް ރަޝީދު ބުނީ މައިންބަފައިން ވަކިވެ ދިމާވި ގޮތުން މަސްތުވާތަކެތީގެ ތެރެއަށް އުމުރުން ނުވަ އަހަރުގައި ވަދެވި ކުށުގެ މާހައުލުން އަރައިނުގަނެވި އުޅުން ދުވަސްތަކުގެ މަތިން މިހާރު ހަނދާން ވެސް ކުރަން ބޭނުން ނުވާ ކަމަށެވެ. ހަޔާތުން ގެއްލުނު އެ ދުވަސްތަކާ މެދު އޭނާ ދެރަވެ އެވެ. މަސްތުވާތަކެތި ބޭނުންކުރުމާއި ވިއްކުމާއި މާރާމަރީ އާއި ވައްކަންތަކަކީ އޭނާގެ ހިތްދަތި މާޒީ އެވެ.
މިކަންކަމާ ދުރުވެ، 2015 ގައި ޖަލުން މިނިވަންވީ ފަހުން އިބްރާހިމް ރަޝީދު އަންނަނީ ރަނގަޅު ދިރިއުޅުމަކަށް މަސައްކަތް ކުރަމުންނެވެ. ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި އޭނާ އިސްލާހުވެއްޖެ ކަން ބަހާއި އަމަލުން އަންނަނީ ދައްކަމުންނެވެ.
"ޖަލުން ނުކުތީމަ ވަޒީފާއެއް ދޭނެ މީހަކު ނުވި. އެހެންވެ ދިޔައީ މަހަށް. އެ ފައިސާ އިން ފެށީ ކިޔަވަން،" އޭނާ ބުންޏެވެ.
އިބްރާހިމް ރަޝީދު ބުނި ގޮތުގައި ކުޑަކުއްޖެއްގެ ގޮތުގައި ހުރެ ކުރި ކުށްތަކުގެ އަދަބު ޖުވެނައިލް ކޯޓުން ލުއިކޮށްދިނީ އޭނާ އިސްލާހުވެ މުޖުތަމައަށް ނުކުތުމުގެ ފުރުސަތަކަށް ކަން ހަނދާނުގައި ހުރެ އެވެ. ފަރުވާ އިން ސަލާމަތްވާން ކުރި މަސައްކަތް ފުރަތަމަ ކާމިޔާބެއް ނުވި އެވެ. އެކަމަކު 2013 ގައި މާފުށީ ޖަލަށް ލުމާ އެކު އިސްލާހުވުން ނޫން ވިސްނުމެއް ނުގެންގުޅޭ ކަމަށް އިބްރާހިމް ރަޝީދު ބުންޏެވެ.
"އުނދަގޫވި އަރައިގަންނަން. ފުރަތަމަ ވިސްނެން ފެށީ އަހަރެން ދެން [މަސްތުވާތަކެތި] ބޭނުމެއް ނުކުރާނަމޭ، ވިއްކާނީއޭ. އެއީ ވެސް ރަނގަޅު ގޮތެއް ނޫންކަން ވިސްނެން ވެސް ދުވަސްތަކެއް ހޭދަވި،" އޭނާ ކިޔައިދިނެވެ.
އިސްލާހުވާން ޖަލުގައި މާބޮޑު ފުރުސަތުތަކެއް ނެތުމުން، އޭނާ ބުނި ގޮތުގައި، އިހްތިޔާރުކުރީ އަޅުކަމެވެ. ގަވާއިދުން ނަމާދު ކުރަން ނިޔަތް ގަނެ ފެށިއަސް ދޫކޮށްލެވޭ ފަހަރުތައް ވެސް ދިޔަ އެވެ. އެކަމަކު ފަހުން އޭނާއަށް ނަމާދެއް ވައްޓާނުލައި ޖަލުގެ ދުވަސްތައް އަމާންވި ކަމަށް ބުންޏެވެ.
ހިންމަފުށީގައި ހުންނަ ރިހެބަށް އިބްރާހިމް ރަޝީދު ބަދަލުކުރީ ދެ އަހަރުގެ ހުކުމުން ބާކީ 23 ދުވަސް އޮއްވަ އެވެ.
"މި ދެތިން ހަފުތާއާ ހެދި ހުރިހާ ކަމެއް ހުއްޓުން ބަލައެއް ނުގަނެވޭ. މީހަކާ އިނދެ ދަރިއެއް ލިބި ރަނގަޅު ވަޒީފާއެއް ލިބިގެން އުޅެ އުޅެ ހުއްޓައި، ދެރަވަނީ ކޯސް ވެެސް ދޫކޮށްލަން ޖެހިދާނެތީ،" އިބްރާހިމް ރަޝީދު ބުންޏެވެ.
އިބްރާހިމް ރަޝީދު ބުނި ގޮތުގައި ވަޒީފާ ގެއްލުމުން ކުރިމަތިވީ ހިތްދަތި ކަމުގައި، ސިޔާސީ ފަރާތްތަކާ ވެސް އޭނާ އެ ވާހަކަ ހިއްސާކޮށްފި އެވެ. ބޭނުންވަނީ އިންސާފުވެރި ގޮތެއް އެކަމަށް ހޯދުމަށެވެ.
"އަޅުގަނޑަކީ ސިޔާސީ މީހެއް ނޫންވީމަ، ނޫނީ އެއްވެސް ޕާޓީއެއްގައި ނޫޅޭ މީހަކަށް ވާތީ އަދި އެއްވެސް ގޮތެއް ނުފެނޭ. ކަމާބެހޭ އިދާރާތަކުގައި ވެސް ވާހަކަ ދައްކައިގެން ގޮތެއް ނުފެނުނީމަ ފޭސްބުކްގައި ލިއުނީ،" އޭނާ ބުންޏެވެ.
މިކަމުގައި މިހާތަނަށް އިބްރާހިމް ރަޝީދަށް ގޮތެއް ނުފެނެ އެވެ. ޖަލަށް ގެންގޮސްފި ނަމަ ލޯނަށް ޝަރުތު ހަމަނުވެ، އޭނާގެ ކިޔެވުން ހުއްޓޭނެ އެވެ.
"ކިޔެވުމުގެ އެ ފުރުސަތެއް ވެސް އަޅުގަނޑަކަށް ނުލިބޭނެ އަލުން،" އޭނާ ބުންޏެވެ.
ފޭސްބުކްގައި ލިއުމުން، އިބްރާހިމް ރަޝީދުގެ މައްސަލައަށް މިހާރު އޮތީ ކަރެކްޝަނަލް ސާވިސްގެ މާބޮޑު ސަމާލުކަމެއް ލިބިފަ އެވެ. އޭނާއާ މެދު އެތަނުން އަމަލުކުރާނެ ގޮތެއް އަދި ސާފެއް ނޫނެވެ.
އެކަމަކު ކަރެކްޝަންސުން ބުނީ އެގޮތަށް ދިމާވެފައި ތިބި މީހުންނަށް ހައްލެއް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙާލުގެ ދުލުން 2022
08 March 2022
ﷲ އަށް ޙަމްދު ކުރަން މީނަގެ މަށްޗަށް ހަރުކަށި ފިކުރު ނުގެނެސް މީނާ މިނިވަން ކޮށްދެއްވާ!
މަހު ބޯ
07 March 2022
ދެރަ މީހާއަށް ދެރަގޮތް. ... ޓެރަރިސްޓުއްނަށްވެ ޖަލައްލީ މީހުނަށް މޮޅުގޮތް...
އޮރެންޖްބެރީ
07 March 2022
މިއީ ރާޢްޖޭގައި ކަންތައް ހުންނަ ގޮތް. މިއީ ޑިމޮކްރެޓިކް: އިންސާނުން އަމިއްލައަށް ހަދާ ގާނޫންތައް އެއީ އެންމެ މުހިއްމު އެއްޗެހި ކަމަށް ބަލައިގެން އެގޮތަށް ގަދަކަމުން ތަންފީޒުކުރީމަ ވާގޮތް. މިހާރު އިމިގްރޭޝަންގެ ވެބްސައިޓުން ޕާސްޕޯޓަށް އެޕްލައިކުރާއިރު، އޮންލައިން ފޯމް ފުރާއިރު، އުފަން ތާރީހް ޖަހާލުމާއެކު "އިލެކްޓްރޯނިކް ޕާސްޕޯޓް" އޮޕްޝަން ގެއްލޭ އޮޓޮމެޓިކުން. ސުވާލަކީ އުމުރުން ވަަކި ވަރަކަށް ދިއުމުން މިހައްގު ގެއްލެންެ ޖެހޭތަ؟
ނޯޓިސިއާސް އެން ޑައިރެކްޓޯ
07 March 2022
އެކްސްކިއުޒް މީ.އަލީ އަޝްފާގާއި ހާދަ ވައްތަރޭ.ހެހެހެހެހެހެހެ
ނޯޓިސިއާސް އެން ޑައިރެކްޓޯ
07 March 2022
"އަޅުގަނޑަކީ ސިޔާސީ މީހެއް ނޫންވީމަ، ނޫނީ އެއްވެސް ޕާޓީއެއްގައި ނޫޅޭ މީހަކަށް ވާތީ އަދި އެއްވެސް ގޮތެއް ނުފެނޭ. ކަމާބެހޭ އިދާރާތަކުގައި ވެސް ވާހަކަ ދައްކައިގެން ގޮތެއް ނުފެނުނީމަ ފޭސްބުކްގައި ލިއުނީ،" މިއީ ރާއްޖޭގަ އެއްބަޔަކު ސައިޑްލައިންވެ އިންސާފުން މަހްރޫމްވާންޖެހޭ މައިގަނޑު ސަބަބު.ސިޔާސީ މީހެއްގެ އަސާގަ އެލިނުގަނެ ހުންނަ މީހާއަށް އިންސާފުގެ ދޮރު ބަންދު.ދެރަކަމެއް.ވ.ވ.ވެދުން
އިސްމާލި
07 March 2022
ނިކަމެއްޗެއް ވީމަ 23 ދުވަސްގަނޑާއިގެން ގޮސް އޭނާގެ ދިރިއުޅުން ހަލާކުވާވަރު ކުރާނެ. ގައުމު ދަވާލި މީހާ އެ ހުރީ ނިދާ މެޝިން ގުޅައިގެން ލަގްޒަރީ އެޕާޓްމަންޓުގައި،
އަދަބު
07 March 2022
ކުށެއް ކުރީމާ ލިބެންޖެހޭ ހައްގަކީ އަދަބު. ލިބެންޖެހޭ ހައްގު ނުލިބި ނުލިބެންޖެހޭހައި ހައްގުތައް ގިނަވެގެންގޮސް މިހުރިހާ ކަމެއް ލައިގަނެގެން މިއުޅެނީ.
އަލިކޮބެ
07 March 2022
ބަލަ ކަރެކްސަނުން އެބުނަނީ ފުލުހުން ކިބައިން އެދިފައޭވާނީ އިބްރާހިމް ގެންނަން ޖަލައް. ފިޔަވަޅު އަޅަންވީ ޕޮލިހުގެ އެކަމާ ހަވާލުވެތިބި ވެރިންނައް. އިބްރާހިމް ދެރަނުވޭ ތިކަން ތި އޮބުނީ. ގެއްލޭނީ ވަޒީފާ. ތިކަން ރައީސް އިބޫ ނިންމާނީ ޕޮލިހުން ކޮޅައް ކާމިޔާބު ވާގޮތައް. ތިކަމާ މާ ބޮޑައް ނުވިސްނާ ސުކުރު ކޮއްލައިގެން ނިންމާލާ ކަލޯ
އިޙްސާސް
07 March 2022
ކޮއްކޯ 2015 ގައި ފުލުހުންނަށް މީނާ ގެނެސްދޭން ކަރެކްޝަންސް އިން އެދުނީ. މިއީ މިހާރު 2022 ވީއިރު ފުލުހުން އެކަންޏެއްނޫން ކަރެކްޝަންސް އިންވެސް ތިއޮތީ އިހުމާލުވެފަ.
ޢަރުތަ
06 March 2022
ކިޔަވާ ނިމެންދެކަށް ތަންފީޒު ނުކޮށް އޮތް 23 ދުވަސް ފަސްކުރެވިދާނެނު.
މަހަލްދީބް ވާ
06 March 2022
"އޭނަ ތަންފީޒް ކުރަމުންދިޔަ ހުކުމް އޮއްވަ ޑްރަގް ކޯޓުން ފަރުވާއަށް ހުކުމް ކުރީމަ އެ ހުކުމް [ތަންފީޒު ކުރަމުންދިޔަ ހުކުމް] މެދުކެނޑޭނެ އެ ހިސާބުން. އެހެން މައްސަލައެއްގައި ފަރުވާއަށް ހުކުމް ކުރީ.އެ ހިސާބުން ހުކުމް ތަންފީޒު ނުކޮށް އޮތީ ފަރުވާއަށް ދެވިފައި. ދެން ފަރުވާ ނިމުމުން ކަރެކްޝަންސްއިން ޕޮލިހުގައި އެދުނިން އޭނަ ނަގައިދޭން. މިހިސާބަށް އައިއިރު އޭނަ ނުނެގި ހުރީ،." މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.“ 7އަހަރުން ނުވި ކަމެއް ދެން ކުރާނެކަމެއް ނެތް.
ލޮލްްް
07 March 2022
އަސްލުވެސް. މިހާރު އެއީ މުވާލާތް ކެނޑިފައިވާ ކަމެއް. ދެން ބުއްދިވެރިވާނީ އެކަމާ ނޫޅުނިއްޔާ.