އެމްއައިބީގެ އެކްޓިން ސީއީއޯ އަހުމަދު ރިޒާ އޭދަފުށީގައި ބެހެެއްޓި އޭޓީއެމް ބައްލަވާލައްވަނީ-- ފޮޓޯ: އެމްއައިބީ
07 މާޗް 2022 - 11:26
ބ. އޭދަފުށީގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އޭޓީއެމެއް އިއްޔެ ހުޅުވައިފި އެވެ.
އެ އޭޓީއެމް ހުޅުއްވައިދެއްވީ އެމްއައިބީގެ އެކްޓިން ސީއީއޯ އަހުމަދު ރިޒާ އެވެ. އެ އޭޓީއެމާ އެކު އެމްއައިބީގެ ހިދުމަތް މުޅި ބ. އަތޮޅަށް ފުޅާކުރެވޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
އެމްއައިބީގެ އެ އޭޓީއެމުން 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި ނެގުމުގެ ހިދުމަތް ލިބޭނެ އެވެ. އަދި އެމްއައިބީގެ "އެޕްލައި ނައު" ޕޯޓަލް މެދުވެރިކޮށް އެކައުންޓް ހުޅުވުން ނޫން އެހެން ހުރިހާ ހިދުމަތަކަށް އެދެވޭނެ އެވެ.
ބ. އަތޮޅުގެ ރައްޔިތުންގެ ތެރެއިން އެމްއައިބީގެ އެކައުންޓް ހުޅުވަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ. އެ ބޭންކުގެ ޓީމެއް މިވަގުތު އެ އަތޮޅުގައި ހަރަކާތްތެރިވާއިރު ކުރިއަށް އޮތްތަނުގައި ވެސް އެކައުންޓް ހުޅުވުމުގެ ހިދުމަތް ފޯރުކޮށްދޭން ޓީމުތަކެއް އެ އަތޮޅަށް ދާނެ ކަމަށް އެމްއައިބީން ބުންޏެވެ.
އޭދަފުށީގައި އޭޓީއެމް ބަހައްޓާފައި ވަނީ އެއީ އެ އަތޮޅުގެ ވެރިކަން ކުރާ ރަށަށް ވާތީ އެވެ.
އެމްއައިބީން ދާދި ފަހުން ވަނީ އެޕްލައިކުރުމާ އެކު ވަގުތުން ލިބޭ ވިސާ ކާޑެއް ވެސް ތައާރަފުކޮށްފަ އެވެ. އެ ކާޑަކީ ރާއްޖޭގެ ހުރިހާ ޕީއޯއެސް މެޝިނަކުން ވެސް ބޭނުންކުރެވޭ ކާޑެކެވެ.
އެމްއައިބީން ވަނީ މާލެ އާއި ހުޅުމާލޭގެ އިތުރުން ސ. ހިތަދުއާއި ފުވައްމުލަކާއި ގދ. ތިނަދު އާއި ހދ.ކުޅުދުއްފުށީގައި ވެސް އެ ބޭންކުގެ ބްރާންޗުތަކާއި ކަލެކްޝަން ސެންޓަރު ހުޅުވައިފަ އެވެ. އަދި ރާއްޖޭގެ ހަ އަތޮޅެއްގައި މިހާތަނަށް 17 އޭޓީއެމް އެ ބޭންކުން ވަނީ ހުޅުވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު00
07 March 2022
ލ.ގަން، ފޮނަދޫ ސަރަހައްދުގައި އެމްއައިބީގެ ގޮތްޕެއް ހުޅުވާނެ ދުވަހަކަށް އިންތިޒާރުގައި.