08 މާޗް 2022 - 14:14
ވިލާތުގެ ގައުމުތަކުން ބުނާހާ ގޮތަކަށް ކަންތައް ކުރުމަށް، ޕާކިސްތާނަކީ ހުޅަނގާއި ވިލާތުގެ ގައުމުތަކުގެ އަޅެއްތޯ، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ސުވާލު އުފައްދަވައިފި އެވެ.
ބޮޑުވަޒީރު އިމްރާން ޚާން މި މޭރުމުން ހުޅަނގުގެ ގައުމުތަކަށް ފާޑުވިދާޅުވީ، ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ކުށްވެރިކުރުމަށް ގޮވާލައި، އިސްލާމް އާބާދުގައި ހުންނަ 22 ގައުމެއްގެ އެމަބްސީތަކުން ޕާކިސްތާނު ސަރުކާރަށް ސިޓީއެއް ފޮނުވުމާ ގުޅިގެންނެވެ. މި މަހުގެ ފުރަތަމަ ދުވަހު އާންމުކުރި އެ ސިޓީގައި ޕާކިސްތާން ސަރުކާރަށް ގޮވާލާފައިވަނީ، ޔޫކްރޭން ހަނގުރާމައާ ދެކޮޅަށް އދ.ގެ އާންމު މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް ޕާކިސްތާނުން ތާއީދު ކުރުމަށެވެ.
"އަހަރެމެންނާ ދޭތެރޭ ކަލޭމެން ދެކެނީ ކޮން ގޮތަކަށް؟ ކަލޭމެން ބުނާ ކޮންމެ ކަމެއް އެ ގޮތަކަށް ކުރަން، އަހަރެމެން މިއީ ކަލޭމެންގެ އަޅުންތަ؟" ވިލާތުގެ ގައުމުތަކުގެ އެ ސިޓީ އަށް ރައްދު ދެއްވައި، އިމްރާން ޚާން ވިދާޅުވި އެވެ.
ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އާއި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން
ޔޫކްރޭން ހަނގުރާމައާ ދެކޮޅަށް އދ.ގެ އާންމު މަޖިލީހުގައި ބަހުސްކުރި ގަރާރު ފާސްކުރީ އދ.ގެ މެންބަރު 193 ގައުމުގެ ތެރެއިން 141 ގައުމެއްގެ ވޯޓުންނެވެ. ސާކް ސަރަހައްދުން، ޔޫކްރޭން ހަނގުރާމަ ކުށްވެރިކޮށް އެ ގަރާރާ އެއްކޮޅަށް ވޯޓު ދިނީ، އާންމު މަޖިލީހުގެ މި ދައުރުގެ ރިއާސަތު ބަލަހައްޓަމުން އަންނަ ދިވެހިރާއްޖެ އާއި ނޭޕާލް އަދި އަފްގާނިސްތާނާއި ބޫޓާނެވެ.
ސާކްގެ އެހެން ގައުމުތަކުގެ ތެރެއިން، ޕާކިސްތާނާއި ޕާކިސްތާނުގެ އެންމެ ވާދަވެރި އިންޑިއާ ވެސް މި ގަރާރު ފާސްކުރުމަށް ނެގި ވޯޓުގައި ވަކިކޮޅަކަށް ވޯޓެއް ނުދެ އެވެ. އަދި ސްރީ ލަންކާ އާއި ބަންގްލާދޭޝް ވެސް ވަކިކޮޅަކަށް ވޯޓެއް ނުދެ އެވެ.
"ވިލާތުގެ އިއްތިހާދުގެ އެމްބެސެޑަރުން ގާތު އަޅުގަނޑު ހަމަ އަހާލަން ބޭނުން؛ ޕާކިސްތާނަށް ތި ފޮނުވި ފަދަ ސިޓީއެއް އިންޑިއާ އަށް ވެސް ފޮނުވިންތޯ؟" އިމްރާން ޚާން ސުވާލު ކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަފްގާނިސްތާނު ހަނގުރާމައިގައި ނޭޓޯ އާއި ގުޅިފައިވާ ލަޝްކަރަށް ތާއީދުކުރުމުން ޕާކިސްތާނަށް ލިބުނީ ކޮޅުކެއްސެވެ. އެ ހަނގުރާމައިގައި ޕާކިސްތާނުން ދިން އެހީތެރިކަމާއި އެއްބާރުލުމުގެ އަގު ވަޒަންކުރުމުގެ ބަދަލުގައި، ޕާކިސްތާނަށް ކުރިމަތިވީ އިތުރު ފާޑުކިޔުންތައް ކަމަށް ވެސް އިމްރާން ޚާން ވިދާޅުވި އެވެ.
ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމައިގައި ޔޫކްރޭންގެ ވެރިރަށް ކިޔޭވްގެ އިމާރާތެއް ހަލާކުވެފައިވާ އިރު، އެތަނުން އަލިފާން ނިއްވުމަށް މަސައްކަތް ކުރަނީ. --އޭއެފްޕީ
ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފަށާފައި ވަނިކޮށް، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވަނީ، ރަޝިޔާގެ ވެރިރަށް މޮސްކޯގައި، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއާ ބައްދަލު ކުރައްވައިފަ އެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވި ގޮތުގައި އެ ގައުމުގެ އޮންނާނީ ބައިނަލްއަގުވާމީ މުޖްތަމައުގެ ހުރިހާ ގައުމުތަކާ އެކުގައި ވެސް ރަހްމަތްތެރި ގައުމެއްގެ ގޮތުގަ އެވެ.
"އަހަރެމެންނަކީ ރަޝިޔާއާ ރަހްމަތްތެރި ގައުމެއް. އަދި އަހަރެމެންނަކީ އެމެރިކާއާ ވެސް ރަހްމަތްތެރި ގައުމެއް. އަހަރެމެންނަކީ ޗައިނާ އާއި ޔޫރަޕާ ވެސް ރަހްމަތްތެރި ގައުމެއް. އަހަރެމެންގެ މީގެ ތެރެއިން ވަކި ފަރާތަކަށް ނުޖެހޭނަން،" އިމްރާން ޚާން ވިދާޅުވި އެވެ.
އެހެން ނަމަވެސް ޔޫކްރޭންގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރާ ބަޔަކާ އެކުގައި ޕާކިސްތާން ވެސް މަސައްކަތް ކުރާނެ ކަމަށް އިމްރާން ޚާން ވިދާޅުވި އެވެ.
ޕާކިސްތާނުން ރަޝިޔާ ކުށްވެރިކުރުމަށް ގޮވާލައި އާންމު ކުރި ސިޓީގައި ސޮއިކޮށްފައިވާ 22 ގައުމަކީ، އޮސްޓްރިއާ، ބެލްޖިއަމް، ބަލްގޭރިއާ، ޗެކް ރިޕަބްލިކް، ޑެންމާކް، ފްރާންސް، ޖަރުމަން، ގްރީސް، ހަންގެރީ، އިޓަލީ، ޕޯޗުގަލް، ޕޮލޭންޑް، ރޮމޭނިއާ، ސްޕެއިން، ސްވިޑްން، ނެދަލޭންޑް، އޮސްޓްރޭލިޔާ، ކެނެޑާ، ޖަޕާން، ނޯވޭ، ސްވިޒަލޭންޑް އަދި އިނގިރޭސި ވިލާތެވެ.
ޕާކިސްތާނުން ބުނީ ޑިޕްލޮމެޓިކް މިޝަންތަކުން ގައުމުތަކަށް ފޮނުވާ ސިޓީ އާއި އެފަދަ ލިޔުންތައް އާންމުކުރުމަކީ، ޑިޕލްމެޓިކް ދާއިރާގައި ކަންކުރާ އުސޫލެއް ނޫން ކަމަށާއި، އެކަން ކުރި ގައުމުތަކަށް ވެސް އެކަން ރަނގަޅަށް އެނގޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދީނާ ނަދީމް
09 March 2022
ހުޅަނގުން ޖަހާ ބެރަށް ނެށުމަކީ މުސްލިމު ވެރިންގެ ގޮތެއް ނޫންކަން ރައީސް ޢިމްރާނު ސާބިތު ކޮށްދެއްވައިފި.
120687
08 March 2022
މިހާރު ނޫހުން އަޅެ ޕޮލް އެއް ނަގާ ބަލަ މުޅި ރާއްޖެއަށް ހުޅުވާލައިގެން ތަންކޮޅެއް ސެކުއަރ ޕްލެޓްފޯމެއްގައި. އަހާ ބަލަ މިހާރު އެ ހިނގަމުންދާ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ރާއްޖެއިން ނެގި ސްޓޭންޑަށް ތާޢީދު ކުރަނީ ކިތައް ދިވެހިންތޯ ބަލަން. މިއީ ޑިމޮކްރަސީ ފޮލޯކުރާ ގައުމެއް ކަމުގައި ވަންޏާ އަދި ޤާނޫނު އަސާސީގައި ބުނާ ޚިޔާލު ފައުޅު ކުރުމުގެ މިނިވަންކަމަށް ސަރުކާރުން އިހުތިރާމް ކުރާ ނަމަ މި ފަދަ ވޯޓެއް ނެގުމުގެ ޤާނޫނީ ހުރަހެއް އޮތް ކަމަކަށް ނުފެނޭ.
120687
09 March 2022
ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ކިޔުމުގެ ހައްގު މި ގައުމުގެ ގާނޫނު އަސާސީ ރައްޔިތުންނަށް ކަށަވަރުކޮށްދޭ. މިއީ ނޯތު ކޮރެޔާ ނުވަތަ ސައޫދީ އެއް ނޫން. ނުވަތަ ޚާރިޖީ ކަންކަމުގެ ބަސް ބުނުމުގެ ހައްގު ހަމައެކަނި ނުވަތަ ބޮޑު ދައުރެއް ފެޑަރަލް ސަރުކާރުތަކަށް އޮންނަ މިސާލަކަށް އެމެރިކާ ރަޝިޔާ އަދި ޔޫރަޕުގެ ގިނަ ގައުމުތައް ފަދަ ގައުމެއް ނޫން. ރާއްޖެ މިއީ ވެރިކަމުގެ ބާރު ރައްޔިތުން ކިބައިން ފެށޭ ޖުމްހޫރީ ރިޔާސީ ވެރިކަމެއް. އެހެންވީމާ ޚިޔާލު ފާޅު ކުރެވޭނެ.
ހާމިދު ޝާހިދު
08 March 2022
ރާއްޖެ މިއޮތީ ހަމަ ރަނގަޅަށްވެސް އިންޑިއާގެ އަދި ހުޅަނގު ގައުމުތަކުގެ އަޅަކަށް ވެފައި. އެމީހުން ބުނާހާގޮތެއް ނުހަދާ، ވަކިކޮޅަކަށް ނުޖެހިތިބީމާ ނިމުނީނުންތޯ! އެކަމަކު ދީވާޏްޖީ އެކޮޅުގައި ރިޔާސަތު ބަލަހައްޓަން ލިބުނީމާ ނައިސްވާންވެގެން ރާއްޖޭން އަދި އަޑަށް ބާރުލާފައި ކުއްވެރިކުރަން ގޮވާލައިފި. މީރު އެންމެ ގިނަ ފަތުރުވެރިން އަންނަނީ ރަޝިއާ މަގުން ނޫންތޯ! އިންޑީއާ އައުޓް! އެމެރިކާ އައުޓް!
މަޖީދު
08 March 2022
ސާބަސް އިމްރާން .މީގަ ރަގަޅު ގޮތަކީ ވަކި ކޮޅަކަށް ނުޖެހުން.
ށަވިޔަނި
08 March 2022
އިމްރާނު ބުނި އެންމެ ހެޔޮބަސް.
ނޯޓިސިއާސް އެން ޑައިރެކްޓޯ
08 March 2022
ސާބަހޭ އިމްރާން.ތިހާވަރު އެއްޗެއް ބުނެލަން މުސްލިމް ގައުމެއްގެ ވެރިޔަކަށް މިއަދު ކެރުނީތީވެ އަދި އަހަރެންގެ އުއްމީދު ހުޅުކޮޅު ނުނިވޭ.މުސްލިމް ގައުމުތަކުގެ ހުރިހާވެރިން އެކައްޗެއް ކިޔައިގެން ނިކުމެ ހުޅަނގުން ޖަހާ ލަވަތަކަށް ނުނަށާނެކަން އަމަލުން ދައްކަން އެބެޖެހޭ.ހުރިހާ މުސްލިމުންގެ ބައްޕަކަމަށް ދައުވާކުރާ ސައުދީ ރަސްގެފާނު އެބަޖެހޭ އެމެރިކާގެ ޕަޕެޓަކަށް ނުވެ ހަރުދަނާކަން ދައްކަން.މުސްލިމުން ނިކަމެތިވުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން.ވ.ވ.ވެދުން
ދެރަކަމެއް
09 March 2022
ބަލަ ކޮންމެ ދޭތެރެއަކަށް ދީން ނުވައްދަބަލަ،
120687
08 March 2022
މިއީ އިމްރާންގެ ރަނގަޅު ވައްތަރު. ރާއްޖޭގައި ހުރީ އިމްރާންގެ ގޯސް ވައްތަރު.
120687
08 March 2022
ޕާކިސްތާނަށް މިކަމުގައި އައްސަރިބަހާއި ސާބަސް ދެން. މިއީ ދިވެހިރާއްޖެއިންވެސް ނަގަންވީ ސްޓޭންޑަކީ. ރާއްޖެއިން ނެގި ސްޓޭންޑާ މެދު ހިތާމަކުރަން.
ހަވާސާ އިދޫ
08 March 2022
ރާއްޖެ އަށް ރަނގަޅީ ވަކި ކޮޅަކަށް ނުޖެހުން، މިސަރުކާރަކީ އިންޑިޔާގެ ގޮންޑިކޮށްކޮއެއް އިންޑިޔާގައި އަހާފަ މޯދީ އޯކޭ ބުނީމާ ތިވޯޓުދިނީވެސް!
ކޮރަލް
08 March 2022
ސާކް ސަރަހައްދުން، ޔޫކްރޭން ހަނގުރާމަ ކުށްވެރިކޮށް އެ ގަރާރާ އެއްކޮޅަށް ވޯޓު ދިނީ، އާންމު މަޖިލީހުގެ މި ދައުރުގެ ރިއާސަތު ބަލަހައްޓަމުން އަންނަ ދިވެހިރާއްޖެ އާއި ނޭޕާލް އަދި އަފްގާނިސްތާނާއި ބޫޓާނެވެ. އެންމެ ގިނައިން ޓޫރިސްޓުން އަންނަނި ރަޝިޔާ އިންނެވެ. ރާއްޖެ އަށް ރަނގަޅީ ވަކި ކޮޅަކަށް ނުޖެހުމެވެ.