09 މާޗް 2022 - 10:31
ޔޫކްރޭނަށް އަރައި މިހާރު ކުރަމުންދާ ހަނގުރާމައިގައި، ރަޝިޔާ ސިފައިންނަށް އިތުރު ކުރިއެރުމެއް ނުލިބި ހުއްޓުން އަރާފައި ތިބި ކަމަށް، އެމެރިކާގެ ޖާސޫސީ އިދާރާގެ ވެރިޔާ އިއްޔެ ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ސަލާމަތީ ކަންކަމާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން، ޑިރެކްޓާ އޮފް ނޭޝަނަލް އިންޓެލިޖެންސް އެވްރިލް ހައިންސް ވިދާޅުވީ، ޔޫކްރޭނަށް އަރައިގަނެގެން ރަޝިޔާ ސަރުކާރުން ހާސިލްކުރަން ބޭނުންވާ އެއްވެސް އަމާޒެއް ހާސިލްނުވާނެ ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ޔޫކްރޭންގެ ސަލާމަތީ ބާރުތަކުންނާއި ހަތިޔާރު އެޅި ލަޝްކަރުތަކުން ދެމުންދާ ރައްދު ހަމަލާތަކެވެ.
އެހެންކަމުން ޔޫކްރޭންގައި މިހާރު ވެރިކަން ކުރައްވާ ރައީސް ވޮލޮޑިމީރް ޒެލެންސްކީ މަގާމުން ދުރުކޮށް، ރަޝިޔާގެ ގޮނޑިކޮއްކޮ ސަރުކާރެއް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިހާރު ޔޫކްރޭން ހަނގުރާމައިން ނުކުންނަ ނަތީޖާތައް ކޮންމެ ގޮތަކަށް ހުއްޓަސް، ކުރިއަށް އޮތް ދުވަސްތަކުގައި ރަޝިޔާގެ ހަމަލާތައް އިތުރަށް ވަރުގަދަ ކުރުމަށް، ރައީސް ލަޑިމިއާ ޕުޓިން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމަށްޓަކައި، ރަޝިޔާ ސަރުކާރުން ޔޫކްރޭންގެ ދިފާއީ ބާރު ވަޒަންކުރީ ރަނގަޅަކަށް ނޫނެވެ. އޭގެ ސަބަބުން ޔޫކްރޭންގެ ތެރޭގައި ރަޝިޔާ ސިފައިންނަށް ވަރަށް ގިނަ އަސްކަރީ ގޮންޖެހުންތައް ކުރިމަތިވަމުން ދާ ކަމަށާއި، ރަޝިޔާ ސިފައިން ރާވާފައިވާ ހަނގުރާމައިގެ ރޭވުން ވެސް ވަރަށް ބަލިކަށި ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން، ޔޫކްރޭނަށް އަރައި ތިބި ރަޝިޔާ ސިފައިންގެ ރޫހާއި އަޒުމް ވެސް ވަރަށް ދަށްވެފައިވާ އިރު، ޔޫކްރޭންގެ ތެރޭގައި ރަޝިޔާ ސިފައިންނަށް ކުރިމަތިވާ ލޮޖިސްޓިކް ދަތިތަކުގެ ސަބަބުން، ހަނގުރާމައިގެ މިސްރާބު އޮޅިފައިވާ ކަމަށް ވެސް، ޖާސޫސީ އިދާރާގެ ވެރިޔާ ވިދާޅުވި އެވެ.
ޑިރެކްޓާ އޮފް ނޭޝަނަލް އިންޓެލިޖެންސް އެވްރިލް ހައިންސް ވިދާޅުވި ގޮތުގައި މުޅި ޔޫކްރޭން ހިފުމަކީ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ބޭނުންވާ ގޮތް ކަމެއް މުޅިން ސާފެއް ނޫނެވެ. އެހެން ނަމަވެސް އެފަދަ ރޭވުމެއް އޮތް ނަމަ، މުޅި ޔޫކްރޭން ކޮންޓްރޯލް ކުރުމަކީ އަދި މާ އުނދަގޫ ކަމަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮމިޓީގައި ވާހަކަ ދައްކަވަމުން ސީއައިއޭގެ ޑިރެކްޓަ ވިލިއަން ޖޭ ބާންސް ވިދާޅުވީ ޔޫކްރޭންގެ ދާހިލީ ހާލަތާ މެދު ޕުޓިން އަށް ކުރެއްވުނީ ނުބައި އަންދާޒާއެއް ކަމަށެވެ. ރަޝިޔާ އިން 2014 ވަނަ އަހަރު ޔޫކްރޭންގެ ކްރައިމިއާ ހިފި ފަހުން، ޔޫކްރޭން ރައްޔިތުންގެ ހިތްތަކުގައި ގައުމީ ރޫހު އިތުރުވެފައިވާކަން ޕުޓިން އަށް ވަޒަން ނުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޕުޓިން ރާވާފައި އޮތީ ދެ ދުވަސް ތެރޭގައި، ޔޫކްރޭންގެ ވެރިރަށް ކިޔޭވް ހިފަން. އެކަމެއް އެ ގޮތަކަށް ނުވި. އަހަންނަށް ހީވާ ގޮތުން ޕުޓިން މިހާރު އެހުރީ ވަރަށް ބޮޑު ކޯފާވެވަޑައިގެން ނާއުންމީދުވެފައި. އާންމުންނަށް ލިބިދާނެ ގެއްލުމަކަށް ފަރުވާލެއް ނެތި، ހަނގުރާމައިގެ ހަމަލާތައް ވަރުގަދަކޮށް ޔޫކްރޭންގެ އަސްކަރިއްޔާ ފުނޑާލަން އޭނާ މަސައްކަތް ކުރުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެއް،" ވިލިއަމް ބާންސް ވިދާޅުވި އެވެ.
ރަޝިޔާގެ ލައްކައަކަށް ވުރެ ގިނަ ސިފައިންނާއި ބަރު ހަތިޔާރުތައް، އެތައް މަހެއް ކުރިން ފެށިގެން ޔޫކްރޭންގެ ސަރަހައްދީ ރޮނގު ކައިރި އަށް ޖަމާކުރަމުން އައިސް، ފެބްރުއަރީ 24 ވަނަ ދުވަހުގެ ފަތިހު ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށީ، އެއްގަމާއި ކަނޑުންނާއި ވައިގެ މަގުން އެއްފަހަރާ ތިން ދިމާލަކުން ދިން ހަމަލާތަކުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
09 March 2022
ބޭރު މީހުން ނެރެ އިންސާނީ އައްޑަނަ ހެދީމަ ރަޝިޔާއިން ބަލަނީ. އެހެން ނޫންނަމަ ކުޅިސަމާ ދައްކާލާނެ. ތި ތަހްޒީބު އެމެރިކާ އަކީ ބިމުގެ އަހުލުވެރިން އަންދާ މަރާފަ އެމީހުންގެ ގަބްރުސްތާނުމަތީ އުޅޭބައެއް. ކަނުވެފަތިބި ބަޔަކަށް ނުފެނުނަސް އަހަރުމެންނަށް ތި ރަހުޒީބޭކިޔާ މީހުންގެ ހަގީގަތް އެނގޭ. ފެނޭ.
ނޯޓިސިއާސް އެން ޑައިރެކްޓޯ
09 March 2022
ކަލޭމެން ތެދެއް ހަދާނެތަ!! ރަޝިޔާ ފުނޑާލަން ކަލޭމެން ނިންމައިގެން ތިބޭތާ ކިތަންމެ ދުވަހެއް.އިރާގަށް އަރަން ދެއްކި ބަހަނާ އަދި ދޮގުތައް އޭރުގެ ސީއައިއޭގެ ވެރިން އަދި އެހެނިހެން އިދާރާތަކުގެ ވެރިންގެ ގޮތުގަ ތިބި މީހުންގެ ދުލުން އެވަނީ ކިޔާދީފަ.ކޮލިން ޕަވެލް އެއީ އެމެރިކާގެ ރައްޔިތަކު ސެނެޓްގަ އިރާގާއި ބެހޭގޮތުން މިވީތަނަށް ހެދި އެންމެ ބޮޑު ދޮގު ހެދި ދޮގުވެރިޔާ.މިއަދު އޭނަ ދުނިޔޭގަ ވެސް ނެތް.ވ.ވެދުން #ރަޝިޔަންއިންވޭޝަން #ވިނިންދަބެޓުލް