މީކާއިލް ނަސީމް: ފައްޔާޒަށް ނުސީދާ ރައްދުތަކެއް ދެއްވި---ފޮޓޯ: މަޖިލިސް
09 މާޗް 2022 - 11:43
ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރަށް ހުރަސް އަޅަން ކުރާ މަސައްކަތްތަކަކީ ކޮބައިކަން ބުނެދޭން ޖެހޭ ކަމަށް ވިދާޅުވެ، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް ނަސީމް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް މިއަދު ރައްދު ދެއްވައިފި އެވެ.
މީކާއިލް މިހެން ވިދާޅުވީ، މަޖިލީހުގެ ތެރެއިން ސަރުކާރަށް ހުރަސް އެޅުމަށް ބައެއް މެމްބަރުން މަސައްކަތް ކުރައްވާ ކަމަށް އެމްޑީޕީގެ ރޭގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ފައްޔާޒް ވިދާޅުވުމާ ގުޅިގެންނެވެ.
އެހެންވެ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި މީކާއިލް ވިދާޅުވީ، އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ގޮތުގައި ތިބެ ސަރުކާރުން ހުށަހަޅާ ކޮންމެ ބިލަކަށް އަދި އިސްލާހަކަށް ކެނޑިނޭޅި ތާއީދު ކުރަމުން އަންނަ ކަމަށާއި ބަޖެޓުތައް ފާސް ކުރަން ސަރުކާރަށް އެހީތެރިވެ، ދައުރުން ބޭރުން ވެސް ކުރަން ޖެހިއްޖެ ކޮންމެ ކަމެއް ސަރުކާރަށް ކޮށްދެމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން މި ތިބީ ސަރުކާރަށް މަދަދުވެރިވާން ޖެހޭ ކޮންމެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑުމެންގެ ދައުރު އެ މަގަށް އެ އަމާޒަށް ވަސިލްވުމަށް އަދާކުރަމުން،" އަންނަ މޭ މަހުގެ 14 އަށް ރޭ ފަސްކޮށްފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގައި ހިމެނޭ އިމްތިޔާޒު ފަހުމީ (އިންތި) އަށް ތާއީދު ކުރައްވާ މީކާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންނަށް އަމާޒު ކުރައްވައި، މަޖިލީހުގެ ތެރެއިން ސަރުކާރަށް ޖެއްސުން ކުރާ ކަމަށް ބައެއް ވަޒީރުން ތުހުމަތު ކުރައްވާ ކަމަށެވެ. އަދި ސަރުކާރު ހިންގަން މަޖިލީހުގެ ތެރެއިން އެހީތެރިނުވާ ކަމަށް އެ ބޭފުޅުން ވިދާޅުވާތީ މީކާއިލް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
ނަމަވެސް ރިޔާސީ ބަޔާނުގައި އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ވަޑައިގަންނަވާ ކޮންމެ ފަހަރަކު މަޖިލީހުން އެ މަނިކުފާނަށް ދޭ އެއްބާރުލުންގެ ވާހަކަ ފާހަގަ ކުރައްވައި އެ ކަމަށް ޝަކުރު އަދާކުރައްވާ ކަމަށް މީކާއިލް ވިދާޅުވި އެވެ.
"އެ އިލްޒާމު އަޅުވާ ކަމަށް ވާ ނަމަ އެ ވަޒީރުންނަށް ކެރިވަޑައިގަންނަވަން ޖެހޭނެ މި ރައްޔިތުންގެ މަޖިލީހުން އެ ކަން ކުރައްވަނީ ކޮން މެމްބަރުންނެއް ކަން އަދި ކުރައްވަނީ ކޮން މަސައްކަތެއް ކަން ސާފުކޮށް ބުނެދޭން. މި ތަނުން ފާސް ނުކުރީ ކޮން ބިލެއްތޯ، ބޭރުކޮށްލީ ކޮން އިސްލާހެއްތޯ، ބަޖެޓު ފާސް ކުރަން ހުރަސް އަޅަން ކުރީ ކޮން ކަމެއްތޯ ސާފުކޮށް ބުނެދޭން ޖެހޭ. ނުބުނެދެވޭނެ،" މީކާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ސަރުކާރު ގެންނަން އަދި ދަމަހައްޓަން ވެސް ތިބީ އެމްޑީޕީގެ އެ މެމްބަރުންނެވެ.
އޭގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދުގެ ވެރިކަމުގައި މިހާރުގެ ބައެއް އެމްޑީޕީ މެމްބަރުން އޭރުގެ ޑީއާރުޕީގައި ތިއްބަވައިގެން އެ މަނިކުފާނުގެ ސަރުކާރަށް ހުރަސް އަޅަން ކުރެއްވި މަސައްކަތް ހަނދާން ނުނެތޭނެ ކަމަށް މީކާއިލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީއްކޮ
10 March 2022
ކަލްޓްގެ މީހުން މަޖިލީހަށް ހޮވޮނީއްސުރެ ކަލްޓް ލީޑަރުގެ އިރުސާދުގެ ދަށުންދިޔައީ ސަރުކާރަށް އުނދަގޫކޮށް ޖެއްސުން ކުރަމުން
އަސްލު.
09 March 2022
އެމްޑީޕީސަރުލާރުގެ ކެބިނެޓް އިއުލާންކުރެއްވި ދުވަހު ތިޔަގުރޫޕުން ސޯލިހުގެ އިސްތިއުފާ އަށް ގޮވަންފަށައިފި، މަޖީލީހުންވެސް ސަރުކާރުގެ އަގުވައްޓާލަން ގިނަގުނަ މަސައްކަތް ކުރެއްވި، މީހަގީގަތް، އަމިއްލައަށް ހަދާންކޮށްލީމަ ހަދާންވާނެ މިހަގީގަތް، އެންމެ ފަހުން އިދިކޮޅުލީޑަރާ ގުޅިގެން މަސައްކަތް ކުރަން ބޭންކަމަށާ އެމްޑީޕީގެ ސަރުކާރުގެ ރައީސުލް ޖުމުހުރިއްޔާ އާ އެއްކޮށް ސިޔާސީމަސައްކަތް ނުކުރައްވާނެކަމަށް ޕާޓީގެ ރައީސް ވިދާޅުވެ މަސްކަތް ފެއްޓެވި....
ލަދުގަނޭ
09 March 2022
އަހަރެމެން ލަދުގަނޭ ތިކަހަލަ ހަރާންކޯރު މީހުން މަޖިލީހުގަ ތިބީމަ. އިސްތިއުފާދީފަ ކެނެރީގޭއިން ކޮންމެވެސް ވަޒީފާ ހޯދައިގެން ދޭ
ޝަފީރު
09 March 2022
މިސޮރަކަށް ހަމަ ރޭކާވެސް ނުލިދޯ؟ ސަރުކާރު ހިންގަން އިބޫ ވައުދުވިގޮތަށް ކޯލިޝަނަކުން އައްޔަންކުރި ވަޒީޜުންތަކެއް ބޮޑެތި އިލްޒާމު އަޅުވައިގެން އެވަޒީރުންގެ މައްސަލަތައް މެމްބަރުން ލައްވާ އެވަޒީރުން މަޤާމުން ދުރުކުރަށް ހުށަހަޅައިގެން ރައީސް އިބޫ ބޭޒާރުކޮށް ފަޟީޙަތް ކުރަމުން ވަޒީޜުންތައް ބޭރުކުރެވުނުކަމެއް. ގައިމު ރައީސް މަޖިލީހަކަށް ނުފޮނުވާ އެވަޒީރުންގެ އިތުބާރުގެ މައްސަލައެއް.
ނާޝިޒް
09 March 2022
"އޭގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދުގެ ވެރިކަމުގައި މިހާރުގެ ބައެއް އެމްޑީޕީ މެމްބަރުން އޭރުގެ ޑީއާރުޕީގައި ތިއްބަވައިގެން އެ މަނިކުފާނުގެ ސަރުކާރަށް ހުރަސް އަޅަން ކުރެއްވި މަސައްކަތް ހަނދާން ނުނެތޭނެ ކަމަށް މީކާއިލް ވިދާޅުވި އެވެ." ހެހެހެހެ. އެދުވަސްވަރު އާޒިމް ހުރީ ކޮން ޕާރޓީއެއްގަތޯ، އޭނާ އައްޑަނައަކަށް ހަދައިގެން ގައުމީ މަޖިލީސް ހިސޯރުކުރަން އުޅުނީ؟ މޮޅު އެއްޗެހި ކިޔުމުގެ ކުރިން ތިބާގެ ސިކުނޑިވެސް ބޭނުންކޮށްލާނަމަ؟
ކަތިީބު
09 March 2022
ތަޞައްރަފު ނުފުދޭހާލު މަޖުލީހުގެ ގޮނޑީގަ އިނުމަކީވެސް، އޭގެ ޒާތުގައި ސަރުކާރަށް ކުރެވޭ ޖެއްސުމެއް
އަލިބޭ
09 March 2022
އެމް ޑީ ޕީ އަށް ރައްޔިތުން ވަދެ މަސައްކަތް ކުރީ 30 އަހަރު ނިންމަން، އެކަން ކޮށްދިނީމަ ފުރަތަމާނުންވެސް ތޮޅެންފެށީ ދީނީ ކަންކަމާއި، މީކާއީލްމެން ލަދު ނުގަންނަކަން މަހިތަށްއަރާ!! އެހެން އެކަން ކުރާކަށް އެމްޑީޕީގެ އާންމު މެމްބަރުންނެއް ތަނެއް ނުދޭނެ.
ކަސަމާ
09 March 2022
މަމާސް ބޯއި
މީކޮންކަލޯއަށް
09 March 2022
މީކާއީލުއެވެ. އެޖެންޑާ19 އެކޭ ކިޔަމުން ދުވި ހަނދާންނެތުނީތޯ؟ ހަޖަމު ކުރަން ދަތިވިޔަސް މަޖިލިސް ރައީސް އަކީ ރައީސުލްޖުމްހޫރިއްޔާ އެއް ނޫން. މަޖިލިސް ރައީސް އަކީ މަޖިލިސް ރައީސް. ކޮބަ މަކަރުން ބަޤާވާތެއް ހިންގަން ހުވާލައިދޭން އަމުރު ކުރީމާ އަމިއްލަ ސޯޓު ބޭލުން ނޫން އެހެން ކަމެއް ވިތަ. ވެރިކަމާއި ހެދި ހެބުއްދިފިލާ ގޮސްސަ ތިބި ބައެއް. ކރފ އާއިލާ ހަމަ ޤައުމަށް ހެޔޮ ނޭދެނީއޭ. އިޓްސް އިން ދެއަރ ޑިއެންއޭ.
ދެއްވަދޫ އަޝްހަދު ސައީދު
09 March 2022
ތިބޭޅާ އަދި ޅައީ ސުކޫލުން 10 ނިންމިގޮތަށް މަޖުލީހަށް ފުންމާލީމަ ވާ ގޮތެއްހެން ހީވަނީ..