އެމްޓީސީސީގެ ބަސް ދުއްވާ އަންހެން ޑްރައިވަރު (މ) އެ ކުންފުނީގެ މުވައްޒަފުންތަކަކާއެކު-- ފޮޓޯ: އެމްޓީސީސީ
09 މާޗް 2022 - 14:37
އަންހެން ބަސް ޑްރައިވަރުން ތަމްރީން ކުރުމަށް އެމްޓީސީސީން ހާއްސަ ތަމްރީން ޕްރޮގްރާމެއް އިއްޔެ އިއުލާން ކޮށްފި އެވެ.
މި އަހަރުގެ އަންހެނުންގެ ދުވަހާ ގުޅުވައިގެން ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީން ވަނީ މި ތަމްރީން ޕްރޮގްރާމުގެ ދަށުން 20 ފުރުސަތު ހުޅުވާލައިފަ އެވެ. އެ ފުރުސަތުގެ ދަށުން، ކުށުގެ ރެކޯޑު ނެތް، އުމުރުން 18 އަހަރު ވެފައިވާ ކޮންމެ އަންހެނަކަށް ބައިވެރިވެވޭނެ އެވެ.
އެ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ އަންހެނުންގެ އަތުގައި A1,A0 ލައިސަންސް އޮންނަން ޖެހޭ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީގެ ސީއޯއޯ ޝާހިދު، ބަސް ޑްރައިވަރު ޕްރޮގްރާމް ފެށުމަށް ބޭއްވި ހަފްލާފައި ވާހަކަދައްކަވަނީ-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު
އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން ހަލީމް ވިދާޅުވީ، އެމްޓީސީސީގެ ސިޔާސަތަކީ ދެ ޖިންސުގެ ހަމަހަމަކަން ގާއިމުކުރުން ކަމަށެވެ. އަދި ވަކި ޖިންސަކަށް ނިސްބަތް ވީތީ ނުކުރެވޭނެ މަސައްކަތްތަކެއް ހުންނަ ކަމަށް ގަބޫލުކުރެވޭ ކުރެވުން ނައްތާލަން ވެސް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"މި ޕްރޮގްރާމަކީ މި ދާއިރާއިން އަންހެނުން ބާރުވެރިކުރުވަން ފެށޭ ވަރަށް މުހިންމު ޕްރޮގްރާމެއް. މި ޕްރޮގްރާމްގެ އެހީގައި އެތައް އަންހެނުންނެއް މި ދާއިރާއަށް ނެރެވޭނެ ކަމަށް އުއްމީދުކުރަން،" ޝާހިދު ވިދާޅުވި އެވެ.
އެ ޕްރޮގްރާމްގެ މުއްދަތުގައި އެމްޓީސީސީން ކޮންމެ ބައިވެރިއަކަށް ވެސް 5،000ރ. ގެ އެލަވެންސެއް ލިބޭނެ އެވެ. އަދި ކާމިޔާބު ކަމާއެކު ޕްރޮގްރާމް ނިންމާ ބައިވެރިންނަށް ވަޒީފާގެ ފުރުސަތު ވެސް އެ ކުންފުނިން ހުޅުވާލާނެ އެވެ.
އެމްޓީސީސީގައި މިހާރު ވެސް ބަސް ޑްރައިވަރެއްގެ ގޮތުގައި އަންހެނަކު މަސައްކަތް ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
10 March 2022
ބަސްދުއްވަން ބޭނުންވާ އަންހެނުންނަށް ފުރުސަތުދިނުމަކީ މައްސަލައެއްނޫން. އެކަމަކު ދެޖިންސު ހަމަހަމަ ކުރާށޭ ކިޔާކަށް ނުޖެހޭ. މިރާއްޖޭގައި އޮތްވަރަށް ދެޖިންސުގެ މެދުގައި ހަމަހަމަކަން އޮތް ގައުމެއް ދުނިޔޭގައި ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެ. އަންހެނަކަށްވީތީ ނުކުރެވެނީ ކޮންކަމެއް؟
ހުސެން
09 March 2022
މައްސަލައަކީ ޑުރައިވަރު އަންހެނަކަށް ނުވަތަ ފިރިހެނަކަށް ވުމެއްނޫން، ހަގީގީ މައްސަލައަކީ ރަނގަޅަށް ޓުރޭން ނުކޮށް އަދި ގަވައިދުތަކަށް އަހުލުވެރިނުކޮށް ބަސްދުއްވަން ހަވާލުކުރުން، އަދި ކޮންޓިނިއޮސްކޮށް އެއްޑުރައިވަރުން ތަކެއް މާގިނައިރު ބަސްދުއްވަންޖެހޭ ގޮތަށް ޝެޑިއުލްއޮތުން އަދި އެކަށީގެންވާ މުސާރައެއްނުދިނުން، މުސާރަ ރަނގަޅުނަމަ ވަޒީފާ ގެއްލިދާނެތީ ބަލާނެ، އިހުމާލުން އެކުސިޑެންޓުވީމާ ވަޒީފާގެއްލެންޖެހޭ، އެކުސިޑެންޓުގެ ޒިންމާ ކުންފުނިންނަގަންޖެހޭ
މޫނިމާ
09 March 2022
ގިނަ އަންހެނުންއަތަށް ބަސްދުއްވަންދޭންވީ...ފިރިހެނެއްގެ އަތުގައި އޭގެ އެއްޗެއް އަތުޖެހިއްޖެއްޔާ ހީވަނީ ތަނަކަށް ލަސްވެގެން އުޅޭހެން.