ކުޅިވަރު / ދިވެހި ޕްރިމިއާ ލީގް

ގްރާންޑޭ ބަލިކޮށް އީގަލްސް ތިންވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި މިރޭ އީގަލްސް އާއި ގްރާންޑޭގެ މެޗުގެ ތެރެއިން: އީގަލްސްއިން މެޗު ކާމިޔާބުކުރީ ފަހަތުން އަރައި ޖެހި ލަނޑު ތަކން --- ފޮޓޯ: އެފްއޭއެމް

09 މާޗް 2022 - 23:01

ފަހަތުން އަރައި ގްރާންޑޭ ސްޕޯޓްސް ކަލްބްގެ މައްޗަށް 4-2 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ކްލަބް އީގަލްސްއިން ދިވެހ ޕްރިމިއާ ލީގުގެ ތާވަލުގެ ތިންވަނަ މަގާމަށް ޖެހިލައިފި އެވެ.

މި މެޗުން މޮޅުވެ އީގަލްސް ވަނީ 10 ޕޮއިންޓް ހޯދައިފަ އެވެ. އެޔާއެކު އެޓީމު އޮތީ ދެވަނައިގައި އޮތް ވެލެންސިއާ އަށް ވުރެ ދެ ޕޮއިންޓް ފަހަތުގަ އެވެ. އަދި އެއްވަނައިގައި އޮތް މާޒިޔާ އަށް ވުރެ ފަސް ޕޮއިންޓް ފަހަތުގަ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ފުރަތަމަ ދެ ލަނޑު ޖަހީ ވެސް ގްރާންޑޭއިންނެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން އީގަލްސްއިން ނަތީޖާ ހަމަހަމަ ކުރި އެވެ.

މެޗުގެ 13 ވަނަ މިނެޓްގައި ގްރާންޑޭގެ ލަންކާގެ މިޑްފީލްޑާ ޗަމޯދު ދިލްޝަން އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އެ ޓީމުގެ އިސްމާއީލް މާފާޒު އިބްރާހިމް ތަނަވަސްކޮށް ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަން ގޮތަށް ދިލްޝަން ވަނީ ގޯލަށް އަމާޒުކޮށް ފޮނުވައިލައިފަ އެވެ. އީގަލްސްގެ ލުބުނާންގެ ކީޕަރު މުހައްމަދު ތޯހާގައިގައި ޖެހިފައި ކޯނަރަކަށް ބޭރުވީ އެވެ.

އީގަލްސްގެ އަހްމަދު ރިޒުވާން ރިޒޭ: އީގަލްސް ހަމަލާތަކުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ --- ފޮޓޯ: އެފްއޭއެމް

އީގަލްސްގެ ޓީމުން އެންމެ ފުރަތަމަ ފުރުސަތެއް ލިބުނީ އަހްމަދު ރިޒްވާން (ރިޒޭ) އަށެވެ. އީގަލްސްގެ ޖިއާކޮމާ ފެވޭރޯ ނެގި ކޯނަރު ގްރާންޑޭގެ ފަހަތުން ދިފާއު ކުރުމުން ކުރިއަށް ނުކުތް ބޯޅަ އޭރިއާ ތެރެއިން ލިބުނީ ރިޒޭ އަށެވެ. އޭނާ ފޮނުވައިލި ބޯޅަ ދިޔައީ ހުރަސް ދަނޑިއާ އިންޗިއެއްހާ މަތިންނެވެ.

އީގަލްސްގެ އަހްމަދު ނޫމާން (ހެލްމެޓް) އަށް ހުސް ފުރުސަތެއް ލިބުނެވެ. ރިޒޭ އޭރިއާގެ ތެރެއަށް ބޯޅަ ހިފައިގެން ވަދެ ގޯލް ކުރިމައްޗަށް ހުރަސްކޮށް ދިން ބޯޅަ ޖަހަން ހެލްމެޓް އުޅުނުނަމަވެސް އޭނާގެ ފައިގައި ބޯޅަ ލައްވައެއް ނުލި އެވެ.

ގްރާންޑޭގެ ފުރަތަމަ ލަނޑު މެޗުގެ 27 ވަނަ މިނެޓްގައި ޖެހީ ސްރީ ލަންކާގެ ފޯވާޑް މުހައްމަދު އާކިބް ފައިޒަލް އެވެ. އޭނާ އަށް ލިބުނު ބޯޅަ ހިފައިގެން އޭރިއާގެ ތެރެއަށް ވަނުމުން، އޭނާ އަށް ހުރަސް އަޅަން ކީޕަރު ތޯހާ ވެސް ކުރިއަށް ނުކުތެވެ. އެކަމަކު އާކިބް ވަނީ ކީޕަރަށް ފުރުސަތު ނުދީ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވައިލައިފަ އެވެ.

އޭގެ ތިން މިނެޓް ފަހުން ގްރާންޑޭގެ ދެވަނަ ލަނޑު ޖެހި އެވެ. އެ ލަނޑު ޖެހީ މަފާޒު އެވެ. އޭރިއާގެ އަރިމަތިން ދިލްޝަން އަރައި ފޮނުވައިލި ބޯޅަ އީގަލްސްގެ ކުޅުންތެރިން ދިފާއު ކުރުމުން ރީބައުންސްވި ބޯޅަ މަފާޒު ވަނީ ގޯލްގެ ތެރެއަށް ވައްދައިލައިފަ އެވެ.

ގްރާންޑޭ އާއި އީގަލްސް މިރޭ ކުޅުނު މެޗުގެ ތެރެއިން: އީގަލްސް ވަނީ މެޗުން މޮޅުވެ ތިންވަނަ އަށް ޖެހިލާފަ --- ފޮޓޯ: އެފްއޭއެމް

އީގަލްސްގެ ފުރަތަމަ ލަނޑު ރިޒޭ ދިން ފުރުސަތަކުން ޖެހީ އަހްމަދު ހަސަން (އަންމަޑޭ) އެވެ. އީގަލްސްއިން އުފެއްދި ބިލްޑްއަޕްގައި ރިޒޭ އޭރިއާ ތެރެއަށް ވެދެ ބޯޅަ ދިނީ އޭރިއާގެ ކަނާ ދިމާލުން ހުސްކޮށް ހުރި އަންމަޑޭ އަށެވެ. އޭނާ ވަނީ ތިރިތިރިން ގޯލްގެ ތެރެއަށް ބޯޅަ ފޮނުވައިލައިފަ އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފަހު މިނެޓްގައި އީގަލްސް އަށް ނަތީޖާ ހަމަހަމަކޮށްދިނީ އަބްދުﷲ ސަމީހް މޫސާ އެވެ. އީގަލްސްގެ ކުޅުންތެރިން ދިން ބޯޅަ އޭރިއާގެ މެދުތެރޭގައި ހުރެފައި އޭނާ ވަނީ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވައިލައިފަ އެވެ. ގްރާންޑޭގެ ކީޕަރު އިސްމާއީލް ޝިހާމް ވެއްޓީގެންފައި ބޯޅަ ސަލާމަތް ކުރަން މަސައްކަތް ކުރި ނަމަވެސް ގޯލްގެ ތެރެއަށް ބޯޅަ ވަނީ އޭނާގެ ދެއަތް ދޭތެރެއިންނެވެ.

ދެވަނަ ހާފު ފެށިގޮތަށް އީގަލްސްއިން ވަނީ ލީޑް ނަގައިފަ އެވެ. އީގަލްސްގެ ކުޅުންތެރިން އުފެއްދި ހަމަލާގައި އޭރިއާގެ ތެރޭ ހުހަށް ހުރެ ހުމައިދު ހުސައިން ވަނީ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވައިލައިފަ އެވެ.

ދެވަނަ ހާފުގައި ގްރާންޑޭ އަށް ލިބުނު އެންމެ ރަނގަލު ފުުުރުސަތު ލިބުނީ ދިލްޝަން އަށެވެ. އާކިބް ތަނަވަސްކޮށްދިން ބޯޅައިން އޭރިއާގެ އަރިމަތިން އަރައި ދިލްޝަން ފޮނުވައިލި ބޯޅަ އީގަލްސްގެ ކީޕަރު ތޯހާ ދިފާއު ކުރި އެވެ. އީގަލްސް ލީޑް ނެގި ފަހުން އެޓީމުގެ ހިޝާމް ސަލީމް އަށް ރަނގަޅު ދެފުރުސަތެއް ލިބުނެވެ.

ގްރާންޑޭ އޭރިއާގެ އަރިމަތިން އޭރިއާގެ ބޭރުގައި ހުރެފައި އޭނާ މަސައްކަތް ކުރީ ގޯލްގެ ތެރެއަށް ބޯޅަ އޮޅައިލުމަށެވެ. އއެކަމަކު އޭނާ ފޮނުވައިލި ބޯޅަ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ. އޭގެ ފަހުން ހުމައިދު އޭރިއާގެ ތެރެއަށް ނަގައިދިން ބޯޅަ ހިޝާމް ވަނީ ބޮލުން ޖަހައިފަ އެވެ. ބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓްގައި އީގަލްސްގެ ހަތަރުވަނަ ލަނޑު އަބްދުﷲ ޒިޔާން ލަނޑު ޖެހީ އިމްރާން ނަޝީދު ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. އޭރިއާގެ ތެރެއަށް އިމްރާން ހުސްކޮށްއަރައި ފޮނުވައިލި ބޯޅަ ލިބުނީ ގޯލްގެ ދަނޑި ކައިރިގައި ހުރި ޒިޔާން އަށެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ޒިޔާން ވަނީ ގޯލްގެ ތެރެއަށް ބޯޅަ ވައްދައިލައިފަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454