މޯޖޭގެ އިސްބޭފުޅުން ފޯމް ހުށަހެޅުއްވުމަށް ފަހު އެމްއެމްއޭ ކުރިމަތީގައި މަޑުކޮށްލައްވައިގެން
10 މާޗް 2022 - 12:11
ދުބާއީގެ ކުންފުންޏެއް ކަމަށްވާ މޯޖޭ ގްލޯބަލް ހޯލްޑިން ލިމިޓެޑުން ރާއްޖޭގައި ޑިޖިޓަލް ބޭންކެއް ހުޅުވަން އެމްއެމްއޭ އަށް މިއަދު ފޯމު ހުށަހަޅައިފި އެވެ.
"ޑިޖިޓަލް ބޭންކް އޮފް މޯލްޑިވްސް" (ޑީބީއެމް)ގެ ނަމުގައި ހުޅުވަން ހުއްދަ އަށް އެދުނު މި ބޭންކަކީ މޯޖޭގެ ފިންޓެކް ޕްރޮޖެކްޓުގެ ދަށުން ހުޅުވަން ހަމަޖެހިފައިވާ ބޭންކެކެވެ. އެ ބޭންކުގައި ހުރިހާ ކަމެއް ކުރާނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށެވެ.
މޯޖޭއިން ނެރުނު ބަޔާނެއްގައި ބުނީ އެ ބޭންކަކީ މުޅިން އޮޓަމޭޓެޑް ބޭންކަކަށް ވާތީ ހިދުމަތް ހޯދުމުގައި ނަގާ ވަގުތު ބޮޑުތަކުން ކުޑަ ކުރެވޭނެ ކަމަށެވެ. ބޭނުން ތަނެއްގައި ތިބެގެން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ބޭންކުގައި އެކައުންޓް ހުޅުވޭއިރު ލޯނަށް އެދުމާއި ޕޭމަންޓް ހެދުމާއި އެއް އެކައުންޓުން ގިނަ ބަޔަކަށް އެއްފަހަރާ ފައިސާ ޓްރާންސްފާ ކުރުން ފަދަ ހިދުމަތްތައް ވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކޮށްލެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ޑީބީއެމް ރާއްޖޭގައި ފަށާއިރު އެ ބޭންކުގައި ގިނަ ސެކިއުރިޓީ ފީޗާތަކެއް ވެސް އެކުލެވޭނެ ކަމަށް މޯޖޭއިން ބުންޏެވެ. އޭގެ ތެރޭގައި ބަޔޯމެޓްރިކާއި އައުޓް އޮފް ބޭންޑް އޮތެންޓިކޭޝަނާއި ޑިވައިސް މެނޭޖްމަންޓާއި ކާޑް ޓެކްނައިޒޭޝަނާއި ޑޭޓާ އެންކްރިޕްޝަނާއި ޓޫ ފެކްޓާ އޮތެންޓިކޭޝަން އަދި އޯޓީޕީ މެދުވެރިކޮށް ކޮންފަމޭޝަން މެސެޖާއި ފްރޯޑް އެނގޭ ސިސްޓަމާއި އީ ސޮއި ފަދަ ސެކިއުރިޓީ ފީޗާތައް ހިމެނޭނެ އެވެ.
އެ ކުންފުނިން ބުނީ މި ބޭންކުގެ ހިދުމަތްތައް ޔޫއޭއީއާއި ބްރެޒިލާއި އިންޑިއާ އަދި އެމެރިކާ ފަދަ މޯޖޭގެ ކުންފުނިތައް ހުންނަ ގައުމުތަކަށް ފުޅާ ކުރާނެ ކަމަށެވެ. މީގެ ސަބަބުން އަލަށް ވިޔަފާރި ފަށަން ބޭނުންވާ މީހުންނަށް ގިނަ ފައިދާތަކެއް ވާނެ ކަމަށާއި ހިދުމަތް ދޭނީ ރަނގަޅު އަގުތަކެއްގައި ކަމަށް ވެސް މޯޖޭއިން ބުންޏެވެ.
މީގެ އިތުރުން ސްވިސް ބޭންކާ އެކު ހެދޭ ޖޭވީއަކާ އެކު ޔޫރޯ އަދި ޑޮލަރު ލިބޭ ގޮތް ވެސް ހަދައިދޭނެ ކަމަށް މޯޖޭގެ ބަޔާނުގައި ބުންޏެވެ. އޭގެ ސަބަބުން ރާއްޖޭގައި މި ވަގުތު އޮޕަރޭޓް ކުރާ ބޭންކުތަކަށާއި ވިޔަފާރިތަކަށް ޑޮލަރު ހޯދުމުގައި ފަސޭހަވާނެ އެވެ.
މޯޖޭގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ރައުލް ސިލްވާ ވިދާޅުވީ ރާއްޖެއަކީ ކުރިއަރަމުން އަންނަ މާކެޓެއް ކަމަށް ވާތީ، ޓެކްނޮލޮޖީ ކުރިއެރިވަރަކަށް ކުރިމަގުގައި އިގްތިސާދަށް އޭގެ ފައިދާވާނެ ކަމަށެވެ. އަދި މޯޖޭއަކީ ޓެކްނޮލޮޖީ އާއި ފިންޓެކްގެ ދާއިރާގައި ކުރިއަރާފައިވާ ކުންފުންޏަކަށްވާއިރު ބޭންކިން އަދި ފައިނޭންސް އިންޑަސްޓްރީ އަށް އަންނަ ބަދަލުތައް ވަރަށް ރަނގަޅަށް އެނގޭ ކަމަށް އެ ބަޔާނުގައި އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ޑިޖިޓަލް ބޭންކެއް އުފައްދަން އެސްޓީއޯއިން ވެސް އެމްއެމްއޭ އަށް ފޯމު ހުށަހެޅި އެވެ. ނަމަވެސް އެ ބޭންކަށް ލައިސަންސް ނުދޭން އެމްއެމްއޭއިން ވަނީ ނިންމައިފަ އެވެ. އެ ބޭންކަށް އެސްޓީއޯއިން ދިން ނަމަކީ "އިވޯލްވް" އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި، އެމްއެމްއޭގެ ބޯޑުން އެސްޓީއޯ އަށް ލައިސަންސް ނުދޭން މިދިޔަ ޖެނުއަރީ މަހު ނިންމީ ޓެކްނިކަލް އިވެލުއޭޝަނުން ފެއިލްވުމުން، ބޭންކިން ގާނޫނުގެ ދަށުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަހްމާން
11 March 2022
ވިދާ އަދި މާސްޓަރ ކާޑުން ނަގާފީތައް އެކުންފުނިތަމުން ދަނީ ދުވަހުން ދުވަހަށް ބޮޑުކުރަމުން، އެހެންކަމުން "އެނޫންގޮތެއް" ހޯދުމަކީ މިހާރު ދުނިޔެއަށް އަންނަމުންދާ އިގުތިސާދީ ސިޔާސީ ބަދަލުތަކަށް ބަލާއިރު ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް،
ޙުސެންް
11 March 2022
ރާއްޖެ އައް ޔޫނިއަން ޕޭ ކާޑުތައް ތައާރަފް ކުރަން ޖެހޭ.. އެމެރިކާ ގެ ކާޑުތައް ދޫކޮއްލާފަ ޗައިނާގެ ކާޑްތައް ބޭނުން ކުރަންވެއްޖެ...
ޒަކް
11 March 2022
އެސްޓީއޯއަށް ނުދިނީ ދަޢުލަތުގެ ތަނަކަށްވީމަ ބަޔަކަށް ލިބެންޖެހޭ ކަޓު ނަގަން އުމދަގޫވާނެތޫ، ބޭރު މީހުން އަންނާނީ ބޮޑު ކަޓު ދީފަތާ ދެއްތޯ؟؟ ތިޔަ އެމް އެމް އޭ އަކީ ނާތަހުޒީބު 21 ވަނަ ޤަރުނާ ބީރައްޓެހި އއންޒަމާނު ކަރައިގެ ކަޓު ހިޔާލު ގެންގުޅޭ ބައެއް.. ޓިޖިޓަލް ބޭންކިންގ އޭ ބުނީމަ ވާނުވާގަ ތިބޭނީވެސް
އުދުހޭ
10 March 2022
ވެންޓިލޭޓަރު ގަންނަން ފައިސާ ދިނީމާ ވެންޓިލޭޓަރު ނުފޮނުވާ ފައިސާކޮޅު ކާލީ ޑުބާއީ މީހެއްދޯ؟ އަނެއްކާ މިއަންނަނީ ބޭންކެއް ހަމަ އެގައުމުން. މިފަހަރު ރައްޔިތުންގެ ޖީބުން ކަހާލައިގެން ފިލަންތޯޗެ
އަފްރާސިޔާބު
10 March 2022
އެސްޓީއޯ އިން ޑިޖިޓަލް ބޭންކެއް ހުޅުވަން އުޅެން ފެށީމާ އެމެރިކާ ބަޔަކު ގެނެސް މިގައުމުގެ ތެރެއަށް ތި ފައްތާލަނީ. އެމެރިކާ އިނގިރޭސިން، އޮސްޓްރޭލިޔާ، ކެނޑާ، އިސްރާއީލު ވަދެއްޖެ ގައުމެއް ވިއްޔާ އެތަނެއްގެ އިކޮނޮމިކް ހުރިހާ ވަސީލަތެއް ދިރުވާލާނެ. އިންޑިއާ ބަޔަކާ ގުޅިގެން ހިންގާ ޖަރީމާއަކަށް ތިކަން ވާނީ.
ހޭލަބަލަ
10 March 2022
ކޮން ޑިޖިޓަލެއްކުރާކަށް. ރެސިސްޓް ދަ ގްރޭޓް ރީސެޓް.
ރަނޭ
10 March 2022
އަހަރެމެންގެ ބޭންކް އޮއްވާ ތިކަމެއްނުވާނެ
ދާދީ
10 March 2022
އެސްޓީއޯއަށް ލައިސަންސް ނުދީ ބޭންކިންގގެ އެއްވެސް ތަޖުރިބާއެއް ނެތް ބޭރު ކުންފުންޔަކަށް ލައިސަންސް ދިނުމުގެ މާނައެއްނެތް. މިގޮތަށް ބޭރު ކުންފުންޔަކަށް ލައިސަންސް ދެންޔާ މިހާރުވެސް ބޭރު ގައުމެއްގައި އެކަހަލަ ބޭންކެއް ހިންގާ ބަޔަކަށް ދިނުން މާ ރަނގަޅު.
ހިތާމާއިގަ
10 March 2022
މޮޅެތިބަސްތަކެއްލާގެން ހަބަރު ލިޔުނަސް ތީހަމަ އެއްޓެކްނޮލޮޖީއެއް. ވަކިޑުބާއި ކިޔަސް އަޑީގައި ތިބޭނީ ކޮންމެވެސް އެހެންގައުމެއްގެ ބަޔެއް. މޮޅުކުރަން ދިވެހިންނަށް ނުދީ ބޭރުބަޔަކަށްދިނީ. ދިވެހި ޑިވެލޮޕަރުން ދުނިޔޭގަ އެމީހުންގެ ފެންވަރު ފެނި ކާމިޔާަބު ހޯދަމުންދާއިރު ދިވެހި ސަރުކާރުން އެމީހުން އެއްލާލަނީ ގޮނޑަށް. ކޮރަޕްޝަން ބޮޑުވީމަވާނީ މިހެން
އަފްރާސިޔާބު
10 March 2022
މުޅިންވެސް މިބާވަތުގެ ފްރޯޑު ކަންކަން ކުރުން ނޫންކަމެއް އެބަކުރޭތަ؟ ތިޔަ އުނދަގުލުން މިގައުމަކަށް ދެނެއް ސަލާމަތެއް ނުވެވޭނެ. މިހާރުވެސް އޮސްޓްރޭލިޔާ ތަންތަނުން އައިސް ވަކިހިއްޕާ އެލަނީ.
ޕޮލިސީ
10 March 2022
ހުއްދަދޭންތިބި މީހުން ބައިއަޅާފަ ހުއްދަދިނީމަ ވާނެ. ދިވެއްސަކު ދޭބަލަ ހުއްދަދޭތޯ. މިގައުމުގައި ލައިސަންސެއް އޮވެގެނޯ ކިޔަވައިދެވެނީ. ކިޔަވައިދޭ ތަނެއް ރަޖިސްޓްރީ ކުރަން ގޮއްސިއްޔާ ފޯމް ޕެންޑިންގަޔޯ އަދި ޕޮލިސީހަދާތީ.