އިޓަލީގެ ވެޑިން ފޮޓޯޝޫޓެއްގައި ކަޕުލްއެއް: ކައިވެނީގެ ހުރިހާ ހަރަދެއް އެ ގައުމުން ކޮށްދޭން ވަނީ ނިންމައިފައި.-- ފޮޓޯ: އެޑޯބް ސްޓޮކް
11 މާޗް 2022 - 07:05
މި އަހަރު އިޓަލީ އަށް ކައިވެނިކުރަން ދާ މީހުންނަށް ކައިވެނީގެ ހުރިހާ ހަރަދެއް ހަމަޖައްސައިދޭ ކެމްޕެއިނެއް އެ ގައުމުން ފަށައިފި އެވެ.
އެއީ ކޮވިޑަށް ފަހު އިޓަލީގެ ޓޫރިޒަމް ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ދަށުން ފެށި ކެމްޕެއިނެކެވެ. އެ ފުރުސަތު ވަނީ އިޓަލީ އާއި އެހެން ގައުމުތަކުގެ މީހުންނަށް ވެސް ހުޅުވާލައިފަ އެވެ.
އިޓަލީގެ ވެރިރަށް ރޯމްގެ ސަރަހައްދެއް ކަމަށްވާ ލަޒިއޯ އިން އިސްވެ، އިންތިޒާމުކުރާ އެ ކެމްޕެއިންގައި އެ ސަރަހައްދަށް ކައިވެނިކުރަން ދާ ކޮންމެ ކަޕުލްއަކު، ކައިވެނީގެ ހަރަދުތައް ހަމަޖައްސަން، އަނބުރާ ލިބޭ ގޮތަށް 2،200 ޑޮލަރު ދޭން ޖެހެ އެވެ. ހަރަދުތައް އެއަށް ވުރެ އިތުރު ވިޔަސް، އަނބުރާ ލިބޭނީ ހަމަ އެވަރެވެ. އިތުރަށް ދާ ހަރަދު ހަމަޖައްސަން ޖެހޭނީ އަމިއްލަ އަށެވެ.
އިޓަލީގައި ކައިވެނި ޕާޓީތައް ބާއްވާ މީހުންގެ މެދުގައި މަގުބޫލު ޓައުނެއް ކަމަށްވާ ސިވިޓާ.-- ފޮޓޯ: އެޑޯބް ސްޓޮކް
އިޓަލީގެ ކޮވިޑް ރިކަވަރީ ފަންޑުން މުޅި އެ ކެމްޕެއިނަށް ކަނޑައަޅާފައިވާ 11 މިލިއަން ޑޮލަރުގެ ބަޖެޓެކެވެ. އެ އަދަދު ހަމަވަންދެން މީހުންނަށް ފުރުސަތު ދޭނެ އެވެ.
އެ ފުރުސަތު ލިބިއްޖެ ނަމަ، ކައިވެނި ޕާޓީ އާއި ހަނީމޫނުގެ ހަރަދުތައް ވެސް އޭގެން ހަމަޖައްސައިދޭ ޕެކޭޖެއް ލިބޭނެ އެވެ. އެ ޕެކޭޖުގައި ވެޑިން އައުޓްފިޓް، އަނގޮޓި، މާ، ހެއާ އެންޑް މޭކަޕް، ފޮޓޯ، ވެނިއު އަދި ކޭޓަރިން ކަހަލަ ހުރިހާ ކަމެއް ވެސް ހިމެނެ އެވެ. ކޭޓަރިންނާއި ހަނީމޫނަށް އެ ބަޖެޓުން ހޭދަކުރެވޭނީ ގިނަވެގެން 770 ޑޮލަރެވެ.
ލަޒިއޯގެ ސިޓީއެއް ކަމަށްވާ ވިޓަބޯގެ އިމާރާތެއް.-- ފޮޓޯ: އެޑޯބް ސްޓޮކް
ކައިވެނީގެ ހަފުލާ އިންތިޒާމުކުރުމުގެ ހުރިހާ ކަމެއް ވެސް ހަވާލުކުރެވޭނީ ލަޒިއޯގައި އެ މަސައްކަތް ކޮށްދޭ ފަރާތްތަކަށް އެކަންޏެވެ.
1. Ieri a Dubai abbiamo presentato la nostra strategia per il rilancio di alcuni settori fondamentali per l'economia del Lazio: #turismo, #innovazione tecnologica e la filiera del wedding. pic.twitter.com/mcRvZ93MMG
— Regione Lazio (@RegioneLazio) March 8, 2022
ހުރިހާ ޕޭމަންޓެއް ދައްކަން ޖެހެނީ "ފޭސް ޓު ފޭސް" ކޮށެވެ. އޮންލައިކޮށް އެއްވެސް ޕޭމަންޓެއް ބަލައެއް ނުގަންނާނެ އެވެ. ކައިވެންޏަށް ކުރާ ހަރަދު ކަށަވަރުކޮށްދިނުމުގެ ގޮތުން، ފައިސާ އަނބުރާ ހޯދަން ދާއިރު، އެއީ ކައިވެންޏަށް ކުރި ހަރަދުކަން އަންގައިދޭ ޓެކްސް އޮފިޝަލް އިންވޮއިސެއް ވެސް ހުށަހަޅަން ޖެހެ އެވެ. ދެއްކި ފައިސާ އަނބުރާ ލިބޭނީ އޭރުންނެވެ.
އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy