17 މާޗް 2022 - 11:33
ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް، ދުނިޔޭގެ ކޯޓުން (އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް) ރަޝިޔާ އަށް އިއްޔެ އަމުރުކޮށްފި އެވެ.
ހުސްވި ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ފަތިހު، ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައިގެ މައްސަލަ ޔޫކްރޭންގެ ފަރާތުން ދުނިޔޭގެ ކޯޓަށް ހުށަހެޅީ މީގެ ދެ ހަފުތާ ކުރިންނެވެ. ޔޫކްރޭނުން އެ ކޯޓަށް ހުށަހެޅި ދައުވާގައި ބުނެފައި ވަނީ، ޔޫކްރޭނުން ގަތުލުއާންމު ހިންގާ ކަމަށް ތުހުމަތުކޮށް، އެކަން ބަހަނާއަކަށް ހަދައިގެން ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން ފެށި ހަނގުރާމައަކީ، ގަތުލުއާންމާ ބެހޭ 1948 ގެ މުއާހަދާއާ ހިލާފަށް ރަޝިޔާ އިން ކުރާ ކަމެކެވެ.
"ފެބްރުއަރީ 24 ގައި، ރަޝިޔަން ފެޑެރޭޝަނުން ފެށި އަސްކަރީ ޚާއްސަ ހަރަކާތްތައް، ވަގުތުން ހުއްޓައިލަންޖެހޭނެ،" ދުނިޔޭގެ ކޯޓުން މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނެރުނު އަމުރުގައިވެ އެވެ.
Ukraine gained a complete victory in its case against Russia at the International Court of Justice. The ICJ ordered to immediately stop the invasion. The order is binding under international law. Russia must comply immediately. Ignoring the order will isolate Russia even further
— Володимир Зеленський (@ZelenskyyUa) March 16, 2022
އެ އަމުރުގައި ދެ ވަނަ ކަމަކަށް ރަޝިޔާ އަށް އަންގާފައި އޮތީ، ޔޫކްރޭނަށް އަރައި ތިބި ރަޝިޔާ ސިފައިންނާއި ރަޝިޔާގެ އަމުރުވެރިކަމުގެ ދަށުގައިވާ ހަނގުރާމަވެރި އެއްވެސް ބަޔަކު ނުވަތަ މީހަކު ވިޔަސް، މި އަމުރު ނެރޭ ހިނދުން ފެށިގެން، ޔޫކްރޭންގެ ތެރޭގައި އަސްކަރީ އެއްވެސް ހަރަކާތެއް ހިންގައިގެން ނުވާނެ ކަމަށެވެ.
މި ދެ އަމުރު ވެސް ފާސްކުރީ މައްސަލަ ބެއްލެވި 15 ފަނޑިޔާރުންގެ ތެރެއިން 13 ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. މި ދެ އަމުރާ ދެކޮޅު ހެދީ، ކޯޓުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ރަޝިޔާގެ ފަނޑިޔާރު ޖެވޮރްޖިއާން އާއި ޗައިނާގެ ފަނޑިޔާރު ޝޫ އެވެ.
އެ ކޯޓުން ރަޝިޔާގެ މައްޗަށް އަމުރެއް ނެރުނަސް، އެ އަމުރަށް ރަޝިޔާ އަމަލުކުރާނެ ކަމަކަށް ނުބެލެވެ އެވެ. ދުނިޔޭގެ ކޯޓުން ނެރޭ އަމުރުތަކަށް ބޯނުލަނބާ ގައުމުތަކުގެ މައްސަލަތައް ހުށަހަޅާނީ އދ.ގެ ސަލާމަތީ މަޖިލީހަށެވެ. ރަޝިޔާއަކީ ސަލާމަތީ މަޖިލީހަށް ހުށަހަޅާ ކަންކަން ވީޓޯ ކުރުމުގެ ބާރު ލިބިގެންވާ، އެ މަޖިލީހުގެ ދާއިމީ މެމްބަރެކެވެ.
ދުނިޔޭގެ ކޯޓުގެ ނިންމުމާ ގުޅޭ ގޮތުން ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވީ އެއީ ޔޫކްރޭނަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށެވެ.
"ރަޝިޔާއާ ދެކޮޅަށް، ދުނިޔޭގެ ކޯޓަށް ހުށަހެޅި މައްސަލައިގައި ޔޫކްރޭނަށް ވަރަށް ފުރިހަމަ ކާމިޔާބެއް ލިބިއްޖެ. ދުނިޔޭގެ ކޯޓުން އަމުރުކޮށްފައިވަނީ އުދުވާނީ ހަމަލާތައް ވަގުތުން ހުއްޓައިލުމަށް. ބައިނަލްއަގުވާމީ ގާނޫނުތަކުން، ރަޝިޔާގެ މައްޗަށް އެ އަމުރު ހިނގާނެ. ރަޝިޔާ ވަގުތުން އެ އަމުރު ތަންފީޒުކުރަންޖެހޭނެ. އެ އަމުރަށް ރަޝިޔާ އިހުމާލުވެއްޖެ ނަމަ، ރަޝިޔާ ދާނީ މިހާރަށް ވުރެ ވެސް ބޮޑަށް އެކަހެރިވަމުން،" ޒެލެންސްކީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.
ޔޫކްރޭނުން ހުށަހެޅި ދައުވާގެ އަޑުއެހުންތައް ކޯޓުގައި ކުރިއަށް ދިޔަ އިރު، ރަޝިޔާ އިން ބުނަމުން ދިޔައީ، ޔޫކްރޭންގައި ރަޝިޔާ ސިފައިން ހިންގާ އަސްކަރީ ޚާއްސަ ހަރަކާތްތަކާ ގުޅޭ މައްސަލައެއް ބެލުމުގެ އިޚްތިސާސް އެ ކޯޓަށް ލިބިގެން ނުވާ ކަމަށެވެ. އަދި ޔޫކްރޭނުން ހުށަހެޅި ދައުވާގައި ހަވާލާ ދީފައިވާ މުއާހަދާ (ގަތުލުއާންމާ ބެހޭ 1948ގެ މުއާހަދާ) ގައި، ގަތުލުއާންމު ހުއްޓުވުމަށް ބާރުގެ ބޭނުންކުރުން މަނާކުރާ އެއްވެސް މާއްދާއެއް ނޯންނާނެ ކަމަށް ވެސް، ރަޝިޔާ އިން ހުށަހެޅި ހުލާސާ ބަޔާނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހިތްހެޔޮ
18 March 2022
މާތްﷲ ޔުކުރޭނަށް ނަޝްރު ދެއްވާފާންދޭ އާމީން
އަފްރާސިޔާބު
17 March 2022
ތީ ވަރަށް ހެއްވާ އަމުރެއް ތިނެރުނީ. އެމެރިކާއާ ޔޫރަޕުން މުސްލިމް ގައުމުތައް ތަޅާ ހަފުސްކުރަމުންދާއިރުވެސް ޗުޕްވެސް ބުނެ ނުލާތިބެފައި ރަޝިޔާއިން ކަމެއްކުރީމާ ހޭބުއްދި ފަލާދިޔައީދޯ؟ ރަޝިޔާއިން ތިޔަކަމެއް ހުއްޓާލައިގެން ނުވާނެ. އަހަރެން މިކުރީވެސް އަމުރެއް.
ރަދީފްއޮފިޝަލް
17 March 2022
ހަނގުރާމަ؟؟ ހަނގުރާމައެއް ބަޔަކު އެބަކުރޭތަ؟/ އަދި ކުރިއަަށް މިދަނީ މަމެންގެ ޕުޓިން ކުޑަ ބަޑިބޭސްކޮޅަކުން ކުޅެލާ ކުޅިވަރެއްގެ ކުޑަ މިންވަރެއް.އަސްލު ހަނގުރާމައެއްނަމަ ބެލްޖިއަމް ލިތުއޭނިޔާ ޖޯޖިޔާ އަދި ޔުކްރެއިން ހަނަފަސް ސަހަރާއަކަށް ބަދަލުވެގެންދާނެ.އެހެންވީމަ ވިސްނައިގެން ހުކުމް ލިޔެގެން ތިބޭތި.ވ.ވެދުން
ރަދީފްއޮފިޝަލް
17 March 2022
ކަލޭމެންގެ އެންގުމަށް އިޒްރޭލް އަދި އެމެރިކާ ތަބާވި ދުވަހަކުން އަހަރުމެން ވެސް ތަބާވާނަން.ފުރަތަމަ އެކަން ކުރުމަށް ނަަސޭހަތްތެރިވަން.ވ.ވެދުން