ޚަބަރު / ޝީރީން މަރާލުން

ޝީރީންގެ މަރު: ލޯބިވެރިޔާ ނަޖާހު ސުޕްރީމް ކޯޓުން ވެސް ސަލާމަތެއް ނުވި

މަންޒަރު ފެނުނު ހެއްކެއް ނެތުމުން ސުޕްރީމް ކޯޓުން ބެލީ "ދަ ލާސްޓް ސީން" ތިއަރީއަށް

ޝީރީނާއި އޭނާގެ އޭރުގެ ލޯބިިވެރިޔާ ނަޖާހު: ޝީރީންގެ މަރުގެ މައްސަލާގައި ނަޖާހު ޖަލަށްލާން ކުރި ހުކުމް ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓާފައި

ކުނިތަކެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހު 12 އަހަރަށް ޖަލަށްލާން ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ވެސް މިއަދު ދަމަހައްޓައިފި އެވެ.

މީގެ 12 އަހަރު ކުރިން ޝީރީން މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ އޭނާއާ އެކު އޭރު ލޯބީގެ ގޮތުން ގުޅިގެން އެއް ގެއެއްގައި އުޅުނު ލ. ކަޅައިދޫ އޯޝަންވިލާ، ނަޖާހުގެ މައްޗަށެވެ. ޝީރީންގެ ހަށިގަނޑު ފެނުނީ އޭނާ ގެއްލިގެން ހޯދާތާ ތިން ދުވަސް ފަހުންނެވެ.

ދައުލަތުން ތުހުމަތުކުރާ ގޮތުން ކޮޓަރި ތެރޭގައި ޝީރީން ކޮންމެވެސް ގޮތަކަށް މަރާލުމަށް ފަހު އޭނާގެ ހަށިގަނޑު ލަގެޖް ފޮއްޓަކަށް ލައިގެން ޓެކްސީއެއްގައި ގެންގޮސް އެއްލައިލީ ނަޖާހު އެވެ.

ނަޖާހުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ހައި ކޯޓުން 2020 ވަނަ އަހަރު ނިންމީ ގަސްދުގައި މީހަކު މެރިކަން ސާބިތު ނުވިޔަސް، ގަސްދަކާ ނުލައި މީހަކު މެރުމުގެ ކުށް ނަޖާހުގެ މައްޗަށް ކުށް ސާބިތުވާތީ އޭނާ 12 އަހަރަށް ޖަލަށްލުމަށެވެ. އޭނާގެ މައްޗަށް ގަސްދު މަރު ސާބިތު ނުވީ ޝީރީން މެރުމަށް ކުރި އަމަލެއް އަދި ބޭނުންކުރި ހަތިޔާރެއް އެނގެން ނެތުމުންނެވެ.

ނަޖާހުގެ މައުސޫމް ކަމުގެ އެއްވެސް ގަރީނާއެއް ނެތް

ނަޖާހު ޖަލަށްލާން ހައި ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ހުކުމްކުރީ މަންޒަރު ފެނުނު ހެއްކަކު ނެތި ހަމައެކަނި ގުޅުވާލެވޭ ގަރީނާތަކަށް ބަލައިގެންނެވެ. އެއީ ރާއްޖޭގައި އެފަދަ ކުށެއް ހަމަައެކަނި ގުޅުވާލެވޭ ގަރީނާތަކަށް ބިނާކޮށް ކުށް ސާބިތުވި ފުރަތަމަ މައްސަލަ އެވެ. އެ މައްސަލަ އިސްތިއުނާފްކުރީ ނަޖާހު އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި މަޖިލީހުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ މަންޒަރު ފެނުނު މީހަކު ނެތުމަކީ ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް ތުހުމަތުވާ މީހާ ދޫކޮށްލަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި އެ މައްސަލާގައި ލިބިފައިވާ ހުރިހާ ގަރީނާތަކުން ނަތީޖާ ނެރެވެނީ ނަޖާހުއާ ދެކޮޅަށް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

"މަރިޔަމް ޝީރީން މަރުވީ މުހައްމަދު ނަޖާހުގެ އަމަލަކުން ކަމާ މެދު އަހުރެންގެ ހިތުގައި އެއްވެސް ޝައްކެއް ނެތް،" ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގެ ޚުލާސާ

- މަރުގެ މައްސަލަތަކާ ގުޅޭ ދަ ލާސްޓް ސީން ތިއަރީ ބޭނުންކުރި

- ގަރީނާތައް ހުރީ ނަޖާހުއާ ދެކޮޅަށް

- ނަޖާހުގެ މައުސޫމް ކަމުގެ ހެއްކެއް ނެތް

ޝީރީން މަރުވުމުގެ ކުރިން އެކިފަހަރު މަތިން ވެސް ޝީރީނަށް ނަޖާހު އަނިޔާކުރި ކަމަށް އޭނާގެ ރަހުމަތްތެރިންގެ ގާތުގައި ބުނެފައި ވާއިރު، އޭނާއަށް އަނިޔާ ކުރަނިކޮށް ފެނުނު ކަމަށް ބައެއް ހެކިން ބުނެފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އަދި ޝީރީން އެންމެ ފަހުން ނަޖާހުއާ އެކު ކޮޓަރިއަށް ވަން ފަހުން އޭނާ ދިރިހުއްޓާ އެތަނުން ބޭރަށް ގޮސްފައި ނުވާއިރު، އޭނާ ގެއްލުނު ފަހުން އެކި މީހުން ގާތު އެކި ގޮތަށް ވާހަކަ ދައްކައި އަދި އެ މަރު ފޮރުވަން ނަޖާހު އުޅުމަކީ ވެސް އޭނާއާ ދެކޮޅަށް ހުރި ހަރުދަނާ ގަރީނާތަކެއް ކަމަށް ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.

މީގެ އިތުރުން ޝީރީންގެ ހަށިގަނޑު ފެނުނު ގެ ކައިރިއަށް ލަގެޖް ފޮށްޓެއް ހިފައިގެން ޓެކްސީއެއްގައި ދިޔަ ކަމަށް ޓެކްސީ ޑްރައިވަރު ހެކިބަސް ދީފައިވެ އެވެ. އެ ފޮށި ޓެކްސީގައި ގެންދިޔަ ފަހުން ޓެކްސީގެ ޑިކީން ނުބައި ވަހެއް ވެސް ދުވި ކަމަށް ޑްރައިވަރު ބުނެފައިވާއިރު ޝީރީންގެ ހަށިގަނޑު ފެނުނުއިރު އޮތީ ފޮއްޓަކަށް ލާފައި އޮންނަ ގޮތަށް ކުރު ގަޅުވާފަ އެވެ. ހުކުމުގައި އެކަން ވެސް ފަނޑިޔާރު ފާހަގަކުރި އެވެ.

"މިއިން އެއްވެސް ވާގިއާއަކުން މުހައްމަދު ނަޖާހުގެ މައުސޫމް ކަމަށް އިޝާރާތެއް ނުކުރޭ. މައްސަލާގައި ހިމެނޭ އެއްވެސް ވާގިއާއަކުން އޭނާގެ މައުސޫމްކަން ދޭހައެއް ނުވޭ،" ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.

މަރުގެ މައްސަލަތަކުގައި އާ ނަޒަރިއްޔާއެއް: ދަ ލާސްޓް ސީން ތިއަރީ

ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައި މަރުގެ މައްސަލަތަކާ ގުޅޭ ގާނޫނީ އާ ނަޒަރިއްޔާއަކަށް ވެސް ފަނޑިޔާރު ސުއޫދު ރިއާޔަތް ކުރެއްވި އެވެ. އެއީ "ދަ ލާސްޓް ސީން ތިއަރީ" އެވެ. އެއީ މަރުވި މީހާއާ އެކު އެންމެ ފަހުން އުޅުނު މީހާ އެކަމަށް ޖަވާބުދާރީވާން ޖެހޭ އުސޫލެވެ. މިއީ މަންޒަރު ފެނުނު ހެކިން ނުތިބޭ މަރުގެ މައްސަލަތަކުގައި ބޭނުންކުރާ އުސޫލެކެވެ.

"މުއްތަހަމު ފިޔަވައި އެހެން މީހަކު އޭނާ މަރާލަން ފުރުސަތު ލިބޭނެ ކަމަށް ބުއްދިއަށް ގަބޫލު ނުކުރެވޭ ވަގުތުގެ ތެރޭގައި މަރުވި މީހާއާ އެކު ހުރި މުއްތަހަމަކީ އެ ކުށްކުރި މީހާ ކަމަށް ބެލުން." އެ ނަޒަރިއްޔާގެ ތަފްސީލެއް ފަނޑިޔާރު ސުއޫދު ދެއްވި އެވެ.

ނަޖާހުގެ މައްސަލާގައި މިއަދު ހުކުމް އިއްވަނީ --

ފަނޑިޔާރު ސުއޫދު ވިދާޅުވި ގޮތުގައި އެ ނަޒަރިއްޔާއަކީ ގާނޫނީ ގޮތުން ގަބޫލުކުރާ ކުރުމެއް ކަމަށްވާތީ އެއާ ދެކޮޅަށް ހެކި ދެއްކުމަކީ ތުހުމަތު ކުރެވޭ މީހާގެ ޒިންމާއެކެވެ.

ފަނޑިޔާރު ސުއޫދު ވިދާޅުވީ އެންމެ ފަހުން ޝީރީން ދިރިހުއްޓާ ފެނުނީ ނަޖާހުއާ އެކު ކަމަށް ވާއިރު، އެ ދެ މީހުން އުޅުނު ކޮޓަރިއަށް އެހެން މީހަކު ވަންކަމުގެ ހެއްކެއް ނެތުމުން ޝީރީންގެ އެ ކޮޓަރި ތެރޭގައި މަރުވި ގޮތަކާ މެދު ނަޖާހު ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ. އެކަމަކު އޭގެ ބަދަލުގައި ނަޖާހު އެކި ގޮތަށް ވާހަކަ ދެއްކުމުގެ އިތުރުން ކޯޓުގައި ދޮގު ހެދީ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

"މަރިޔަމް ޝީރީން މަރުވީ މުހައްމަދު ނަޖާހުގެ އަމަލަކުން ކަމަށް ނުވާ ނަމަ، މަރިޔަމް ޝީރީންގެ މަރު އެވަރުން ފޮރުވަން މަސައްކަތްކޮށް، އެ މަރު ފޮރުވުމަށް ރޯމަރު ދޮގުތަކެއް ހަދައި، އޮޅުވާލައި، ހަށިގަނޑު ފޮށްޓަކަށް ލައިގެން ގޮސް އެއްލާލަންޖެހޭ އެއްވެސް ސަބަބެއް ނެތް." ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.

ޝީރީން މަރުވި ގޮތް ހޯދުނު ނަމަ ގަސްދު މަރު ސާބިތުވީސް

ޝީރީންގެ ހަށިގަނޑު ފެނުނުއިރު ކުނިވެފައި އޮތުމުން ޑޮކްޓަރުން ލަފާ ދިނީ ޕޯސްޓްމޯޓަމް ހެދުމަށެވެ. އެކަން ކުރުމެއް ނެތި އޭނާގެ ހަށިގަނޑު ވަނީ ވަޅުލާފައިވާތީ ޝީރީން މަރާލި ގޮތެއް ހޯދިފައެއް ނެތެވެ. އެވެ. ދަށު ކޯޓާއި ހައި ކޯޓުން އެ މައްސަލަ ފާހަގަކުރި އެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައި ނުސީދާކޮށް އެކަމަށް އިޝާރާތްކުރި އެވެ.

ފަނޑިޔާރު ސުއޫދު ވިދާޅުވި ގޮތުގައި މިސާލަކަށް ޝީރީން މަރުވި ތޫނު އެއްޗަކުން ދިން ހަމަލާއެއްގެ ސަބަބުން ކަމަށް ހޯދުނު ނަމަ ޝީރީން ގަސްދުގައި މެރިކަން ނަޖާހުގެ މައްޗަށް ސާބިތުވީހެވެ. ޑޮކްޓަރުންގެ ބަހުން އެނގެނީ އެއީ ގުދުރަތީ މަރެއް ނޫން ކަމެވެ. އެކަމަކު މަރުވުމަށް މެދުވެރިވި ސީދާ ސަބަބު (ކޯޒް އޮފް ޑެތު) އެއް ހޯދިފައެއް ނެތެވެ.

"ވަޅިއެއް ނުވަތަ ހަތިޔާރެއް ފެނުނު ނަމަ ނުވަތަ މަރިޔަމް ޝީރީންގެ ގަޔަށް ވަޅިއެއް ނުވަތަ ހަތިޔާރަކުން ހަމަލާދީފައިވާ ކަން ސާބިތުވާ ނަމަ ނަޖާހުގެ މައްޗަށް ގަސްދު މަރު ސާބިތުވާ ކަމަށް އަހުރެން ނިންމީސް،" ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.

ޝީރީން މަރުގެ އުސްއަލިތައް

- ޑިސެމްބަރު، 2009 - ޝީރީން ގެއްލިގެން ހޯދަން ފެށުން

- ޖެނުއަރީ، 2010 - ޝީރީންގެ ހަށިގަނޑު ފެނުން

- ޖޫން، 2010 - ނަޖާހުގެ މައްޗަށް ދައުވާކުރި

- މެއި، 2011 - ޑްރަގް މައްސަލައެއްގައި އޭނާ ޖަލަށްލާން ހުކުމްކުރި

- މެއި، 2015 - މަރުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި

- ޖޫން، 2015 - ހައި ކޯޓުގައި މައްސަލަ އިސްތިއުނާފްކުރި

- އޮގަސްޓް، 2020 - ހައި ކޯޓުން ނަޖާހު 12 އަހަރަށް ޖަލަށްލާން ހުކުމްކުރި

ދައުވާގެ ސިފަ ބަދަލުކުރުމުގައި ގޯހެއް ނެތް

ނަޖާހުގެ ފަރާތުން ފާހަގަކުރި އެއް މައްސަލައަކީ ހައި ކޯޓުން ދައުވާގެ ސިފަ ބަދަލު ކުރުމަށް ފަހު އެހެން ކުށެއްގެ އަދަބު އޭނާގެ މައްޗަށް ކަނޑައެޅުމެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ އަސްލު ދައުވާ ސާބިތު ނުވިޔަސް، އެ ކުށުން ފުރިހަމަވާ އެހެން ކުށެއް ސާބިތުވާ ނަމަ އެކަމަށް އަދަބު ކަނޑައެޅުމުގެ ފުރުސަތު އޮންނާތީ ހައި ކޯޓުގެ ނިންމުން ގޯސް ކަމަށް ބެލެވެން ނެތް ކަމަށެވެ. އަދި އެ ބާރު ބޭނުން ކުރުމުގައި ގާނޫނު އަސާސީން ލިބިދޭ ހައްގުތަކަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަށް ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.

ފަނޑިޔާރު ސުއޫދު ވިދާޅުވި ގޮތުގައި އަސްލު ކުށް ސާބިތު ނުވިޔަސް، އެކުށުން ފުރިހަމަވާ އެހެން ކުށެއް ސާބިތުކޮށް އަދަބު ދިނުމުގެ ބާރު ގާނޫނުން ފަނޑިޔާރުންނަށް ލިބިދެނީ ޖިނާއީ އަދުލުގެ ނިޒާމު ފުރިހަމަ ކުރުމަށެވެ. އެ ބާރު ފަނޑިޔާރުން ބޭނުން ނުކުރުމުން ކުށްވެރިން ދޫވެ، މުޖްތަމައުގެ ހައްގުތައް ގެއްލިގެންދާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

ފަނޑިޔާރު ސުއޫދުގެ އިތުރުން އެ މައްސަަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

7 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 8%
icon angry icon angry 0%
icon wow icon wow 17%
icon inlove icon inlove 8%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

Okay 123

18 March 2022

ޢިންސާފު މި ލިބުނީ 13 އަހަރަށް ފަހު..އަދި އަވސްދޯ?

The name is already taken The name is available. Register?

ޢަރުތަ

17 March 2022

ޝީރީން މަރުވި ސީދާ ސަބަބު (ކޯޒް އޮފް ޑެތު) ހޯދަން ޕޯސްޓްމޯޓަމް ހަދަން ޑޮކްޓަރ ބުނުމުންވެސް އެކަން ނުކޮށް ވަޅުލީ ކީއްވެގެންބާ! ޒިންމާވަނީ ކާކުބާ!

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

17 March 2022

ދެން އޮތީ ހާކިމާގެ ޒިންމާ.އޭނައަށް މިކަމުގަ އޭނަގެ ޒިންމާ އަދާކުރަން ކެރޭނެ ބާ؟؟ ނަމަވެސް ސައްތައިން ސައްތަ ގައުމެއް ދެއްތޯ؟ ވ.ވެދުން

The name is already taken The name is available. Register?

ޒައިކް

18 March 2022

ގަސްތުމަރު (ޤަތުލް އަމްދު) ސާބިތު ނުވާތީ މަރަށް މަރު ހިފާކަށް ހުކުމެއް ނުޖުރޭ.. ޖަލަށް ހުކުމް ކުރީ.. މިހާރު ޖަލުގަ ހުންނަތާ ވެސް ހުކުމުގެ މުއްދަތު ހަމަވާހާ ދުވަސް ވެއްޖެ.. ދެން ފެންނާނި މީނާ މަގު މަތީގަ އުޅެނިކޮށް ހުކުމް ތަންފީޒުކޮށް ނިމިގެން… ދެން ކިޔެއްތަ ހާކިމާ ކުރަންވީ ނީގަ؟؟

The name is already taken The name is available. Register?

ޖައިސާމް

18 March 2022

ރަދީފަށް ރަނގަޅު އެއްގޮތްވެސް އޮވޭތަ؟ ކޮންމެ ލިޔުމަކަށް މިކަހަލަ ކޮމެންޓެއް ކޮށްލުން ނޫން ކަމެއް ނެތް. ހާކިމާގެ ޒިންމާ އެއޮތީ އަދާ ކުރެވިފަ. ވަﷲ އައުލަމް.

The name is already taken The name is available. Register?

މުނިފޫހި ފިލުވުން

17 March 2022

މިކަލޭގެ އަދިވެސް ދުނިޔޭގަ އެބަހުރިތަ؟! ތީ ހާދަހާވާ އަދުލުވެރި ޝަރީއަތެކޭ ދޯ! ފޫހިފިލުވަން ގެންގުޅޭ ކޭހެއްތަތީ؟ ހުކުމަކާ އަރާހަމަނުވެގެން ކުނި ރޯޅިއެއްހެން މުޅިތާ އެނބުރެނީ؟!

The name is already taken The name is available. Register?

އިބުރާ

17 March 2022

ރީނދޫ ޕާޓީ މީހަކަށް ވާތީ ސްޕްރީމް ކޯޓުން ޖާގަ ލިބިލެއްވި ބޭފުޅެކޭ މީހުން ކިޔައި އުޅުނަސް، މިފަހުން ސްޕްރީމް ކޯޓުގެ ނިންމުންތަކުގައި އޮށްޓަރު ހުންނަކަން އެބަ ފާހަގަވޭ. ތަންދޮރު ފިލައިފައިވާކަން އެބަ އެނގޭ، ގޮތް ނިންމުމުގައި ގިނަ ގުނަ ކަންކަމަށް ރިޔާއަތްކޮށް ބަލައިހަދާ. ތިޔަ ގޮތުގައި ރަގަޅަށް ކުރިޔަށް ގޮސް ސްޕްރީމް ކޯޓުން ގެއްލިފައިވާ އިތުބާރު އަލުން ހޯއްދެވުން އެދެން. ހުރިހާ ބޭފުޅުންނަށް ވެސް ހެޔޮ ވިސްނުމުގައި ދަމަހައްޓަވައި ކާމިޔާބީއަށް އެދެން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454